ޕަތަރަސްގެ ފުރަތަމަ ސިޓީ. 5. އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މިހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ. ހުއިހައްޕާ މީހަކު ކަންބަޅިތަކާއިމެދު ޒިންމާވާނެ ފަދައިން މީސްތަކުންނާއިމެދު ޒިންމާ ވާށެވެ. އެބައިމީހުންނާއިމެދުގައި ޒިންމާވާން ޖެހެނީ ތިޔަބައިމީހުންގެ އަޅާލުން އެބައިމީހުންގެ މައްޗަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާތީއެވެ. މިފަދައިން އަމަލުކުރަންވީ ހަމައެކަނި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ބަލައިގެން ނޫނެވެ. ތިޔަބައިމީހުން އުފާވެރި ކަމާއެކު ޚިދުމަތް ކުރުމަށް އެދިގެންވާތީއެވެ. ފަހަރެއްގައިވެސް މުއްސަނދި ކަމަށް ދެކިގެން ނޫނެވެ. ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ. ތިޔަބައިމީހުން ޒިންމާ އުފުލަމުންދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ. އެއަށް ފަހު އަލްމަސީޙު، ހުއިހެއްޕުމުގެ އެންމެމަތީ ވެރިޔާ އެނބުރި ވަޑައިގަތުމުން، އޭގެ ރީތިކަމަށް ފަނޑުކަމެއް ނާންނަ ފަދަ ނޫރުން އެކުލެވިގެންވާ މަތިވެރި ތާޖު، ތިޔަބައިމީހުންނަށް ލިބިދިނޭއެވެ. އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެންވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެންވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި އެންމެތަކުންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“ އެހެންވީމާ، މާތްރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ދަށުގައި ތިޔަބައިމީހުން ހިތްތިރިވާށެވެ. އޭރުން އެންމެ އެދެވޭ ވަގުތު އައުމުން އެކަލާނގެ ތިޔަބައިމީހުން އުފުއްލަވަތެވެ. ތިޔަބައިމީހުންގެ އެންމެހާ ފިކުރުތައް އެކަލާނގެއަށް ހުށަހަޅާށެވެ. ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި މެދު އަޅާލުން ބަހައްޓަވާކަމެވެ. ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުންދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ. ޝައިތާނާއާއި ދެކޮޅަށް ހަރުދަނާ ގޮތުގައި ގާއިމުވެ ވަރުގަދަ އީމާންތެރިކަމެއްގައި ތިބޭށެވެ. މަސީޙީ ޖަމާޢަތުގެ ތިޔަ އަޚުންނާއި އުޚުތުން ހަނދާންކުރާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މަސީޙީން ތިޔަބައިމީހުންނެކޭ އެއްފަދައިން ވޭން ތަޙައްމަލު ކުރަމުން ދެއެވެ. ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރުދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ. އެންމެހައި ބާރުފުޅެއް އަބަދަށްޓަކައި މިލްކުވެ ވޮޑިގެންވަނީ އެކަލާނގެއަށެވެ. އާމީން. އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރުދީ ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ. ތިޔަބައިމީހުން ފަދައިން މާތްކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރޯމުގެ ޖަމާޢަތުގެ ހެޔޮ އެދުމާއި ތަހުނިޔާތައް ތިޔަބައިމީހުންނަށް ފޮނުވައެވެ. އަދި އަހަރެންގެ ދަރިއެއްފަދައިން ދެކޭ މަރުކުސްގެ ފަރާތުން ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. މަސީޙީންގެ ގޮތުގައި ދެމިތިބި އެކަކު އަނެކަކަށް ލޯތްބާއިއެކު މަރުޙާބާ ކިޔާށެވެ. ތިޔަބައިމީހުންގެ ތެރެއިން އަލްމަސީޙު އާއި އެކުގައިވާ އެންމެތަކުންނަށް ސުލްޙަވެރިކަން ދެއްވާށިއެވެ.