ޕަތަރަސްގެ ފުރަތަމަ ސިޓީ. 3. ހަމަ މިގޮތުގެ މަތިން ފިރިންނަށް އަނބިންވެސް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ. ފިރިން ހެޔޮޚަބަރުފުޅު އަޑުއަހަން ދެކޮޅުވެރިވިޔަސް ތިޔަބައިމީހުން ކުރާ ތަޤުވާވެރި ހެޔޮ އަމަލުތައް ފެނި އެމީހުންނަށް އެބަސްފުޅުތައް ގަބޫލުކުރެވޭނެއެވެ. އެއީ އެވާހަކަ ދުލުން ނުބުނި ކަމުގައި ވިޔަސްމެއެވެ. ބޭރުފުށަށް ފެންނަ ރީތިކަމާއިމެދު ފަރުވާތެރި ނުވާށެވެ. އެފަދަ ކަންތައްތައް ބިނާ ވެފައިވާނީ ޒަމާނީ ގޮތަށް ބޯހެދުމާއި، އަގުބޮޑެތި ގަހަނާ ތަކާއި، ނޫނީ ރިވެތި ވެގެންވާ ފޭރާންތަކުގެ މައްޗަށެވެ. ތިޔަބައިމީހުން ދެނެގަންނަންވީ ފުރިހަމަ ރީތިކަމެއް ގެނެސްދެނީ އެކަމެއްގެ ތެރެއިން ފަނޑުވެގެން ނުދާފަދަ ގޮތެއްގައި މަޑުމައިތިރި މިޒާޖުގެ ތެރެއިން ކަމެވެ. އެއީ މާތްރަސްކަލާނގެ ޙަޟުރަތުގައި އަގުބޮޑު ކަމެކެވެ. މާޒީގައި މާތްވެގެންވީ އަންހެނުންގެ ރީތިކަން ފުރިހަމަ ކުރެވިގެންވީ އެގޮތުގެ މަތިންނެވެ. އެކަނބަލުން މާތްރަސްކަލާނގެ އާއިމެދު އިތުބާރުކޮށް އެކަނބަލުންގެ ފިރިންނަށް ބޯލެނބިއެވެ. މިސާލަކަށް ބުނާނަމަ، ސާރާ އެކަނބުލޭގެ ފިރިކަލުން އިބްރާހީމްގެފާނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. އަދި އެކަނބުލޭގެ އިބްރާހީމްގެފާނަށް ސާހިބެއްގެ ގޮތުގައި މުޚާތަބުކުރެއްވިއެވެ. އެފަދައިން ތިޔަ ކަނބަލުންނަކީ އެކަމަނާގެ އަންހެން ދަރިންކަމުގައި ދެކޭށެވެ. ވީމާ ފިރިންނާއިމެދު ބިރުވެތިނުވެ ހެޔޮ ގޮތުގައި ޚިދުމަތްކުރާށެވެ. ހަމަ މިގޮތުގެ މަތިން ފިރިންވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށްވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ. ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ. ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ. މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”ތިޔަބައިމީހުން ބާއްޖަވެރި ޙަޔާތަކާއި އުފާވެރި ދުވަސްތަކަކަށް އެދޭނަމަ ނުބައި ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. އަދި ދޮގު ބުނުންތަކުން ތިޔަބައިމީހުންގެ ދޫ ދުރުހެލިކުރާށެވެ. ނުބައި އަމަލުތަކުން އެއްކިބާވެ ހެޔޮ އަމަލުތައް ކުރާށެވެ. އަނެކުންނާއި އެކުގައި ޞުލުޙަވެރި ގޮތުގައި ދިރިއުޅުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ޞާލިޙު އަމަލުތަކުގައި ވީ ފަރާތްތައް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވެއެވެ. އަދި އެފަދަ މީހުންގެ ދުޢާ އެކަލާނގެ އައްސަވާވޮޑިގެންވެއެވެ. ނަމަވެސް ނުބައިނުލަފާ އަމަލުތަކުގައި ވީ ފަރާތްތަކާއިމެދު މާތްކަލާނގެ ދެކޮޅުވެރިވެ ވޮޑިގަންނަވައެވެ.“ ތިޔަބައިމީހުން ޝައުގުވެރިކަމާއެކު ރަނގަޅު އަމަލުތައް ކުރާހިނދު، ތިޔަބައިމީހުންނާމެދު އަނިޔާވެރިވާން އެދޭނީ ކާކުހެއްޔެވެ؟ ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑުވެސް ނުވާށެވެ. އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު އާއިމެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައިވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ. އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުންދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ. ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ. އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟުރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ. މިޙާލަތުގައި ކަސްތަޅު އެޅުވިފައިވީ ރޫޙުތަކަށް ވެސް އެކަލޭގެފާނު ވަނީ ވަޢުޡު އިއްވަވައި ދެއްވާފައެވެ. މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ. އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ. އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟުރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެންވަނީ އެކަލޭގެފާނަށެވެ.