ޕަތަރަސްގެ ފުރަތަމަ ސިޓީ. 2. އެންމެހައި ނުބައި ނިޔަތްތަކާއި، ދޮގު ހެދުމާއި، މުނާފިޤުވުމާއި، އަދި ޙަސަދަވެރިވުމުންނާއި ނެތިމޮށުންތަކުން އެއްކިބާވެ ތިބޭށެވެ! އަލަށް އުފަންވި ތުއްތު ކުއްޖަކު މައިމީހާގެ ކިރަށް އެދިގެންވާފަދައިން ތިޔަބައިމީހުން މާތްރަސްކަލާނގެ ރޫޙާނީ ޚާލިސް ކިރަށް އެދިގެންވާށެވެ. އެއީ ތިޔަބައިމީހުންނަށް ލިބިގެންވާ ދިންނެވުމުގައި ފުރިހަމައަށް ހެދިބޮޑެތި ވުމަށެވެ. ސަބަބަކީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ ރަހަ ތިޔަބައިމީހުންނަށް ބެލެވިފައި ވީތީއެވެ. މާތްސާހިބު އީސާ އަލްމަސީޙުގެ އަރިހަށް އަންނާށެވެ. އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ ގެކޮޅުގައި ވީ ދިރިހުރި ބިންގަލެއް ފަދައިންނެވެ. މީސްތަކުން އެކަލޭގެފާނާއިމެދު އިންކާރު ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރައްވައި މަތިވެރި ކުރެއްވިއެވެ. އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ. މުޤައްދަސް ފަތްފުށްތައް އަންގަވައިދެއްވަނީ މިފަދައިންނެވެ. ”ތިމަންކަލާނގެ ޖެރޫސަލަމުގައި ހިލައެއް ގާއިމު ކުރައްވަމެވެ. އެއީ ޚިޔާރު ކުރެވޭ ބިންގަލުގެ މުހިންމު ހިލައެވެ. އަދި އެކަލޭގެފާނާއިމެދު އީމާންތެރިވެއްޖެ އެއްވެސް ފަރާތެއް ލަދުވެތިވެގެން ނުވެއެވެ.“ އާއެކެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް އަގުމަތިވެރި ބޭކަލެކެވެ. އެއީ އެކަލޭގެފާނަށް ތިޔަބައިމީހުން އީމާންވާތީއެވެ. ނަމަވެސް ބަޔަކު އެކަލޭގެފާނު ގަބޫލު ނުކުރިއެވެ. އަދި މުޤައްދަސް ފަތްފުށްތައް މިފަދައިންވެސް އަންގައިދެއެވެ. ”ރާނާމީހުން އެއްފަރާތްކުރި ހިލައެއް، މިއަދު ބިންގަލުގެ އެންމެ މުހިންމު ހިލަ ކަމުގައި ވެއްޖެއެވެ.“ އަދި ”އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ. ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ. ”މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.“ މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝު ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އިންޒާރު ކުރަމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ. އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ. ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ އެދިވޮޑިގެންވަނީ މި މާއްދީ ދުނިޔޭގައިވާ އެންމެހައި ޤާނޫނީ ބާރުތަކަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. ޚާއްސަކޮށް އެކި ސަރަހައްދުތަކުގައި ވެރިކަންހިންގާ ރަސްރަސްކަލުންނަށެވެ. އަދި އެކިމަޤާމުތަކަށް ޢައްޔަނުކުރައްވާފައިވީ ވެރިންނަށްވެސް މެއެވެ. ސަބަބަކީ އެކަލާނގެ މިފަދަ ވެރިން ޢައްޔަނުކުރެއްވީ ނުބައި އަމަލުތަކުގެ ފަރާތްތަކަށް ސާޒާ ދީ އަދި ހެޔޮ އަމަލުތަކުގެ ފަރާތްތަކަށް ތަޢުރީފު ކުރުމަށެވެ. ތިޔަބައިމީހުން ވޭތުކުރަމުންގެންދާ ރީތި ދިރިއުޅުމުން ތިޔަބައިމީހުންނާއި މެދު ޙަޤީޤަތެއް ނެތް ތުހުމަތުތައް ކުރަމުންދާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވެއެވެ. ތިޔަބައިމީހުންނީ އަޅުންގެ ގޮތުގައިވާ ބައެއްނޫނެވެ. ތިޔަބައިމީހުން ވަނީ މިނިވަން ކުރެވިގެންނެވެ. ނަމަވެސް ތިޔަބައިމީހުންގެ މިނިވަންކަމަކީ ފާޙިޝް އަމަލުތަކަށް އަރައިގަތުންކަމުގައި ބަލައިގެންނުވާނެއެވެ. މާތްރަސްކަލާނގެ ޚާދިމެއްގެ ގޮތުގައި ޙަޔާތުވޭތުކުރާށެވެ. އެންމެހައި މީސްތަކުންނަށް އިޙުތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ އެންމެތަކުންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ ތެރެއިން އަޅު ނޯކަރުންގެ ގޮތުގައި ވީ ފަރާތްތަކުން ސާހިބު މީހާއަށް ފުރިހަމައަށް ގަދަރާއި އިޙުތިރާމް ކުރާށެވެ. އަދި ސާހިބުންގެ އަމުރަށް ކިޔަމަންވާށެވެ. އެއީ ސާހިބުންގެ ފަރާތުން ތިޔަބައިމީހުންނަށް އޯގާތެރިކަމާއި ހަރުކަށިކަން ކުރިމަތި ކުރިޔަސް މެއެވެ. އެހެންވީމާ، ސާހިބުން އިންސާފެއްނެތި ތިޔަބައިމީހުންނަށް ވޭންތައް ކުރިމަތިކުރަމުންދާ ހިނދު ތިޔަބައިމީހުން އެކަލާނގެ މަތިން ހަނދުމަކޮށް ކެތްތެރިވަމުން ދާނަމަ އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތްލައްވާނެއެވެ. ހަމަ ޔަޤީނުންވެސް ތިޔަބައިމީހުންގެ ނުބައި އަމަލުތަކުން ވޭނާ ކުރިމަތިލާ ހިނދު މަޑުމައިތިރި ވިޔަކަސް އެއްވެސް ދަރުމައެއް ނުލިބޭނެއެވެ. ނަމަވެސް ތިޔަބައިމީހުން ހެޔޮ އަމަލުތަކުގައި ވީ ހިނދު ލިބިދޭ ވޭންތަކަށް ކެތްތެރިވުމުން ތިޔަބައިމީހުންނާމެދު މާތްރަސްކަލާނގެ އުފާވެވޮޑިގަންނަވައެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުން ޚިޔާރު ކުރެއްވީ މިފަދައިން އަމަލު ކުރުމަށެވެ. އަލްމަސީޙު ތިޔަބައިމީހުންނަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް ވޭން އުފުއްލަވައި މިސާލު ދައްކުވައި ދެއްވިއެވެ. އެހެންވީމާ، އެކަލޭގެފާނުގެ ފިޔަވަޅުފުޅު މަތިން ތިޔަބައިމީހުން ހިނގާށެވެ. އެކަލޭގެފާނީ ފާފައިން ހުސްދުރުވެ ވަޑައިގެން ހުންނެވި ފަރާތެކެވެ. އަދި އެއްވެސް ފަރާތަކަށް އިތުރުފުޅެއް ނަހައްދަވައެވެ. އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ. އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ! އެއް ޒަމާނެއްގައި މަގުގެއްލިގެންވީ ކަންބަޅިތަކެއް ފަދައިން ތިޔަބައިމީހުން ދަތުރު ކުރަމުން ގެންދިޔައެވެ. ނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ ހުއިހައްޕައިދިން ފަރާތަށް އެނބުރި ރުޖޫޢަވެގެންނެވެ. އެއީ ތިޔަބައިމީހުންގެ ފުރާނައިގެ ބަލަދުވެރިޔާ އެވެ.