ޕަތަރަސް ލިޔެފޮނުވި ފުރަތަމަ ސިޓީ. 1. މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ އަހަރެން ޕަތަރަސްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ އަހަރެން މިލިޔަނީ މާތްރަސްކަލާނގެ ހޮއްވެވި ފަރާތްތަކުގެ ތެރެއިން ޕޮންޓަސް، ގަލާތިޔާ، ކައްޕަދޯސިޔާ، އާސިޔާ ސަރަހައްދުގެ އިތުރުން ބިޒީނިޔާގައި ވަގުތީގޮތުން ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ. އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ! އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެންވަނީ މާތްސާހިބު އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ. އެހެންވީމާ، މާތްރަސްކަލާނގެ، އެކަލާނގެ ދަރިންނަށްޓަކައި މަތިވެރިވެގެންވާ ތަރިކައެއްވަނީ ފަހަށް ރައްކާތެރި ކުރައްވާފައެވެ. އެތަރިކަ ތިޔަބައި މީހުންނަށްޓަކައި ތާހިރުކުރެވި އުނިކަމެއް އަދި ވީރާނާވުމެއް ނެތި ސުވަރުގޭގައި ވަނީ ރައްކާތެރި ކުރެވިފައިވެއެވެ. އަދި ތިޔަބައިމީހުންނަށް ދިންނެވުމުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ. އެހެންވީމާ، އެދުވަހުން ތިޔަބައިމީހުން އުފާފާގަތި ކަމުގައިވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އިރުކޮޅަކު ހިތްދަތި ކަމާއި އަދި ވޭނާ މުސީބާތްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސްމެއެވެ. ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިހާނުތަކުންނެވެ. އެހެނީ ރަންވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލަން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު މާ ބޮޑެވެފައި މާ މުހިންމު ކަމަކަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ. ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނާއިމެދު ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ. އެގޮތުން ތިޔަބައިމީހުންގެ އީމާންތެރިކަމުން ލިބޭނެ އިނާމަކީ ތިޔަބައިމީހުންގެ ފުރާނައަށް ދިންނެވުން ހާސިލުވުމެވެ. ތިޔަބައިމީހުންނަށްޓަކައި ތައްޔާރު ކުރެވިފައިވާ ނިޢުމަތުގެ ދިންނެވުމާމެދު ޣައިބުގެ ގޮތުން ނަބީބޭކަލުން ވާހަކަ ދެއްކެވިއިރު އެބޭކަލުން ވެސް ވަނީ އެ ދިންނެވުމާމެދު އިތުރަށް ދެނެގަތުމަށް ބޭނުންފުޅުވެފައެވެ. އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ. ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުންވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ. އެހެންވީމާ، ސާފުސީދާގޮތުގައި ވިސްނާ، އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުމަށް އާދަ ކުރާށެވެ. އީސާ އަލްމަސީޙުގެ އެނބުރިވަޑައިގަތުމުން ލިބިދޭނެ މަތިވެރި ނިޢުމަތްފުޅަށް އުންމީދު ކުރާށެވެ. މާތްރަސްކަލާނގެއަށް ކިޔަމަންތެރިވާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ދަރިން ކަމުގައި ވުމެވެ. މާޒީގައި ތިޔަބައިމީހުންނަށް ކުރެވިދިޔަ ނުބައި އަމަލުތައް ކުރުމަށް އެނބުރި ނުދާށެވެ. އެކަންތައްތަކަކީ ތިޔަބައިމީހުންނަށް އެނގިގެންނުވާ ޙާލުގައި ކުރެވުނު ކަންތައްތަކެވެ. އަބަދުވެސް މާތްކަލާނގެ މުޤައްދަސް މީހުން އުޅޭފަދަ ދިރިއުޅުމެއް އުޅެމުން ގެންދާށެވެ. އެހެނީ ތިޔަބައިމީހުން ހޮއްވެވީ މާތްކަލާނގެއެވެ. މާތްކަލާނގެއީ ޤުއްދޫސްވަންތަ ކަލާނގެއެވެ. މުޤައްދަސް ފަތްފުށްތަކުގައި މާތްކަލާނގެ ވަޙީ ކުރައްވާފައި އޮތީ މިހެންނެވެ. ”ތިމަންކަލާނގެއަކީ ކީރިތިވަންތަ ކަލާނގެ. އެހެންކަމުން ތިޔަބައިމީހުންވެސް ތިބެންވާނީ ކީރިތި ގޮތުގައި.“ އަދި ހަނދާންކުރާށެވެ. ތިޔަބައިމީހުން ދުޢާ ދަންނަވާ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ފައިސަލާ ކުރައްވާހިނދު ވަކިމީހަކަށް ވަކިގޮތެއް ނުހައްދަވައެވެ. އެކަލާނގެ ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން ކުރި ޢަމަލެއްގެ މައްޗަށެވެ. އެހެންވީމާ ތިޔަބައިމީހުން ބިދޭސީންގެ ގޮތުގައި މިބިންމަތީގައި ވާހިނދު އެކަލާނގެއަށް ޤަދަރުކޮށް ބިރުވެތިކަންމަތީ ވޭތިކުރާށެވެ. ތިޔަބައިމީހުންގެ ކާބަފައިންގެ ތަރިކައިން ތިޔަބައިމީހުންނަށް ދަސްވެފައިވީ އަގެއްނެތް ހުސް ދިރިއުޅުމުގެ ކައްފާރާއެއްގެ ގޮތުން މާތްރަސްކަލާނގެ ބަދަލު ދެއްވައި ތިޔަބައިމީހުން ސަލާމަތް ކުރައްވާފައި ވަނީ ރަނާއި ރިއްސަކުން ނޫނެވެ. އެ ތަކެއްޗަކީ ނެތިފަނާވެދާ ތަކެއްޗެވެ. އެކަލާނގެ ބަދަލު ދެއްވީ ފާފަވެރިކަމެއް ނެތް ސާފު، އެކަލާނގެ ކަންބަޅީގެ ލޭފޮދު ކަމުގައި ވީ އަލްމަސީޙުގެ މަތިވެރި ލޭ ފޮދުންނެވެ. ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ. އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ. މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެންވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ. އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ. މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”އިންސާނުންވަނީ ވިނަތަކެއްފަދައިންނެވެ. އެބައިމީހުންގެ ރީތިކަން ފަނޑުވެގެންދަނީ މާމެލާމެލީގެ ރީތިކަން ފަނޑުވެދާ ފަދަ އަވަސްކަމާއެކުގައެވެ. ވިނަ މިލައިމޯޅިވެދެއެވެ. އަދި މާމެލާމެލި ވެރި ދެއެވެ. އެހެނަސް މާތްރަސްކަލާނގެ ބަސްފުޅު ނިމުމެއްނެތި ދާއިމަށް ދެމިގެންވެއެވެ.“ އަދި ތިޔަބައިމީހުންނަށް އަންގައިދެވިފައިވާ ހެޔޮޚަބަރުފުޅަކީ މިއީއެވެ.