ތިމޮތީއަށް ދެވަނަ ސިޓީ. 2. އެހެންވީމާ މަގޭ ދަރިފުޅާއެވެ. އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ބާރު ލިބިގަންނާށެވެ. އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ. މުސީބާތްތައް ކުރިމަތި ވިޔަސް އަހަރެންނެކޭ އެއްފަދައިން އީސާ އަލްމަސީޙުގެ ރަނގަޅު އަސްކަރީއެއްގެ ގޮތުގައި ވޭނާ ކުރިމަތިލާށެވެ. އެފަދަ އަސްކަރީންނަކީ ދުވަހުން ދުވަހަށް ދިމާވާ ޙާދިސާތަކަށް ނުބަލާ މަސްއޫލިއްޔަތާއި ޒިންމާ އުފުލާ މީހުންނެވެ. އަދި ލަޝްކަރުގެ ކޮމާންޑަރުން ހިތްރުހޭ ފަދަ ބަޔަކަށް ވުމަށްވެސް އެމީހުން ގަދައަޅައެވެ. ކުޅިވަރު މުބާރާތެއްގައި ގަވާއިދުތަކަށް ބޯ ނުލަނބާ އެއްވެސް ކުޅުންތެރިއަކަށް ކާމިޔާބެއް ނުލިބޭނެއެވެ. ގަދައަޅާ މަސައްކަތްކުރާ ދަނޑުވެރިން އެބައިމީހުންގެ ދަނޑުތަކުން ލިބޭ ގޮވާމުގެ އުފާ ފުރަތަމަ ކުރާނެ ބަޔަކީ ހަމަ އެ ދަނޑުވެރިންނެވެ. އަހަރެން މި ބުނެދޭ އެއްޗަކާއިމެދު ވިސްނާނަމަ މި ހުރިހާ ތަކެއްޗެއް ތިބާއަށް އެނގުމުގައި މާތްރަސްކަލާނގެ އެހީތެރިވެ ދެއްވާނެއެވެ. ހަނދާން ނައްތާނުލަށެވެ. އީސާ އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން އުފަންވެ ވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން ދިރިވަޑައިގެންނެވިއެވެ. އަހަރެން އަންގައިދޭ ހެޔޮޚަބަރުފުޅަކީ މިއީއެވެ. އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ. މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ. މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. އަހަރެމެން އީސާ އަލްމަސީޙު އާއިއެކު ނިޔާވިނަމަ، އެކަލޭގެފާނާއިއެކުގައި އަހަރެމެން ދިރި އުޅޭނެއެވެ. އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ، އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރުވައެވެ. އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ، އެކަލޭގެފާނުވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ. އަހަރެމެން އެކަލޭގެފާނާއިމެދު ވަފާތެރި ނުވިކަމުގައި ވިޔަސް، އެކަލޭގެފާނު ވަފާތެރިވެ ވަޑައިގަންނަވާނެއެވެ. އެހެނީ ބޭވަފާތެރިވުމަކީ އެކަލޭގެފާނަށް ކުރެއްވޭނެ ކަމެއް ނޫނެވެ. މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ. މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބޭނެ ފަދައިން ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ލަދުވެތިކަމެއް ނެތި މާތްރަސްކަލާނގެ ތެދު ބަސްފުޅު ފުރިހަމައަށް އަންގައިދޭށެވެ. ތާކުންތާކުނުޖެހޭ ވާހަކަތަކުން ދުރުހެލިވާށެވެ. އެފަދަ ވާހަކަތައް މީސްތަކުން މާތްކަލާނގެއާ ދުރުހެލި އިތުރު ކުރުވައެވެ. ހަމަ ކަށަވަރުން އެފަދަ ވާހަކަތަކަކީ ކެންސަރު ފަދައިން ފެތުރިގެންދާފަދަ ކަމެކެވެ. ހިމެނޭހު އާއި ފިލެތުސް މިކަމުގެ މިސާލެއްގެ ގޮތުގައި ވެއެވެ. އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ. އެހެނަސް މާތްރަސްކަލާނގެ ބިންގާ ވަނީ ވަރުގަދައަށް ގާއިމުވެފައެވެ. މިބަސްފުޅުތައް ވަނީ އޭގައި ލިޔެވި ބިންވަޅު ނެގިފައެވެ. ”މާތް ސާހިބާ އެކަލޭގެފާނުގެ އަހުލުވެރިން ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި އަޅުކަންކުރާ މީސްތަކުން އެންމެހާ ނުބައި ކަންތަކުން ދުރުވެގެންވާށެވެ.“ މުއްސަނދި ބޮޑެތި ގެތަކުގައި، ގެވެހި ކަންވާރުގެ ގޮތުގައި ގެންގުޅެނީ ހަމައެކަނި ރަނާރިހީގެ ކަންވާރުތައް އެކަންޏެއް ނޫނެވެ. ބައެއްފަހަރު ލަކުޑިން ނުވަތަ ކުލޭއިން ހަދާފައިވާ ކަންވާރުތައް ގެންގުޅެއެވެ. މީގެތެރެއިން ބައެއްތަކެތި ޚާއްސަކުރެވި އަދި އަނެއްބައި ތަކެތި ޚާއްސަ ކުރެވިގެން ނުވެއެވެ. ތިބާގެ އަމިއްލަ ނަފްސު ނުބައިވެގެންވީ އަމަލުތަކުން ދުރުކޮށް ސާފުތާހިރު ކޮށްގެންފިނަމަ ތިބާ ވާނީ މިފަދަ އަގުހުރި ކަންވާރަކަށެވެ. ތިބާގެ ޙަޔާތްވާނީ މުޤައްދަސް ވެގެންނެވެ. އަދި މާތްސާހިބާ މަގުސަދަށްޓަކައި ކުރެވޭ ހެޔޮއަމަލުތައް ކުރުމަށް އެނަފްސު ވާނީ ތައްޔާރުވެފައި ވެސް މެއެވެ. ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ޞާލިޙު، ވަފާތެރި އީމާނަކާއި ލޯބިވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ. އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ. މާތްސާހިބާގެ ޚާދިމުންނަކީ މައްސަލަތައް އުފައްދާ ބައެއް ނޫނެވެ. އެމީހުންނަކީ މީސްތަކުންނަށް އޯގާތެރި އަދި ކެތްތެރިކަމާއެކު އުނގަންނައި ދެވޭ ފަދަ ބަޔަކަށް ވާންޖެހޭނެއެވެ. ދެކޮޅުވެރިން އިސްލާޙު ކުރުމަށް މަޑުމައިތިރި ކަމާއެކު އުނގަންނައިދޭށެވެ. މާތްރަސްކަލާނގެ އެފަދަ މީހުންނަށް ތެދު ޙަޤީޤަތް ފެންނާނެ ފަދައިން ވުމަށް އެމީހުންނަށް ތައުބާވުމުގެ ފުރުސަތު ދެއްވާފާނެ ކަމުގެ އުންމީދުގައެވެ. އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ.