ތިމޮތީއަށް ފޮނުވުނު ދެވަނަ ސިޓީ. 1. މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ ޕައުލު ފޮނުވާ ސިޓީއެކެވެ. މާތްރަސްކަލާނގެ އަހަރެން ހޮއްވެވީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ލިބިދެވޭނެ ޙަޔާތުގެ ވަޢުދު ބަސްފުޅު އަންގައި ދިނުމަށްޓަކައެވެ. ތިމޮތީއެވެ. ތިބާއާއިމެދު އަހަރެންގެ ލޮބުވެތި ދަރިއެއް ފަދައިން ދެކެމެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަމެވެ. ތިމޮތީއެވެ. ތިބާއަށްޓަކައި އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެކަލާނގެއީ އަހަރެމެންގެ ކާބަފައިން ފަދައިން އަހަރެންގެ ޒަމީރުގެ ސާފުކަމާއެކު އަހަރެން ޚިދުމަތްކުރާ އަހަރެންގެ ކަލާނގެއެވެ. ރޭގަނޑާއި ދުވާލު އަހަރެންގެ ދުޢާތަކުގައި ތިބާގެ މަތިން އަބަދާއިއަބަދު ހަނދުމަ ކުރެވެއެވެ. އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރުވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ. ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ. އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ. އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ. އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާވެސް ތައްޔާރުވެ ހުންނާށެވެ. އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައިވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތް ފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ. އަހަރެމެންނަށް ދިންނެވުން ލިއްބައިދެއްވާ އީސާ އަލްމަސީޙު ވަޑައިގެންނެވީ އެކަލާނގެ ނިޢުމަތްފުޅު ދައްކުވައި ދެއްވުމަށެވެ. އަދި އަލްމަސީޙު ވަނީ މަރުގެ މައްޗަށް ފަތަޙަ ހޯއްދަވާ އަހަރެމެންނަށް ހެޔޮޚަބަރުފުޅު ދެއްވައި އަބަދަށްޓަކާ ދިރިހުންނެވިކަން ދައްކުވާފައިވާ ފަރާތެވެ. ހަމައެހެންމެ އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ވާޢިޡެއްގެ ގޮތުގައި މާތްރަސްކަލާނގެ އަހަރެން ހަމަޖެއްސެވީ އެ ހެޔޮޚަބަރުފުޅު މީސްތަކުންނަށް އުނގަންނައި ދިނުމަށްޓަކައެވެ. އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ. އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ. ސަމާލުކަން ދޭންވީ އަހަރެމެންގެ ކިބައިގައިވާ އެކަލާނގެ މާތްރޫޙުފުޅުގެ އެހީގައި ތިބާ އާއި ޙަވާލު ކުރެވުނު ކަންތައްތައް ފުރިހަމައަށް ރައްކާތެރިކޮށް ބެލެހެއްޓުމެވެ. ތިބާއަށް އެނގޭނޭ ފަދައިން މިތަނަށް އާސިޔާ ސަރަހައްދުން އައި މަސީޙީ ޖަމާޢަތުގެ އެންމެން އަހަރެންނާ ދެކޮޅުވެ އަހަރެންނާ އެކަހެރިވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނޭ ފިގޭލު އާއި ހެރުމޮޖޭނު ވެސް ހެދީ އެހެންނެވެ. މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރުދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ. އަދި މިއެއްވެސް ނޫނެވެ. އޭނާ ރޯމަށް އައިސް އަހަންނާ ބައްދަލުވުމަށްޓަކައި އަހަރެން ހުރިތަނެއް ވެސް ހޯދިއެވެ. އަލްމަސީޙު އަނބުރާ ވަޑައިގެންނެވުމުން މާތްރަސްކަލާނގެ އޭނާއަށް ރަޙުމަތް ލައްވާނެތެވެ. އަދި އޭނާ އެފޭސުސްގައި އަހަންނަށް އެހީތެރިވީ ވަރު ތިބާއަށް އެނގޭނެއެވެ.