ތިމޮތީއަށް ފުރަތަމަ ސިޓީ. 5. އުމުރުން ދުވަސްވީ އެއްވެސް ފިރިހެނަކާއި ހަރުކަށި ގޮތެއްގައި މުޚާތަބު ނުކުރާށެވެ. އޭގެ ބަދަލުގައި އެމީހަކަށް އިޙުތިރާމުކޮށް އިލްތިމާސް ކުރާށެވެ. އެއީ ތިބާގެ ބައްޕަ އާއި މުޚާތަބުކުރާ ފަދައިންނެވެ. އުމުރުން ހަގު ފިރިހެންކުދިންނާއި މުޚާތަބު ކުރާހިނދު އަޙުވަންތަ ކަމާއެކު މުޚާތަބު ކުރާށެވެ. ދުވަސްވީ އަންހެނުންނާއިމެދު ތިބާގެ މަންމަ އާއި މެދު އަމަލުކުރާ ފަދައިން ކަންތައް ކުރާށެވެ. އަދި ޅަ ޒުވާން އަންހެން ކުއްޖެއްނަމަ ހިތުގެ އެދުންވެރިކަމެއް ނެތި ތިބާގެ އުޚުތަކާއިމެދު އަމަލުތައް ބަހައްޓާ އުސޫލުން ކަންތައް ކުރާށެވެ. އެކަނިވެރިކަން ހިއްސާކުރާ ހުވަފަތް އަންހެނުންނާއިމެދު މަސީޙީ ޖަމާޢަތުން އިޙުތިރާމްކޮށް އަޅާލައި އިނާޔަތް ދޭންވާނެއެވެ. އެހެނަސް މިފަދަ އަންހެނުންގެ ދަރިންނާއި މާމަ ދަރިން ތިބި ކަމުގައިވާނަމަ އެކުދިންގެ ފުރަތަމަ ޒިންމާއަކަށް ވާންޖެހޭނީ ދީނީ މަސްއޫލިއްޔަތު އުފުލުމުގެ އިތުރުން އާއިލާ ބަލަހައްޓައި އެމީހުންނަށް ދޭންޖެހޭ އަގު އަދާކުރުމެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްރަސްކަލާނގެ އެންމެ އެދެވޮޑިގެންވާ ގޮތްމެއެވެ. އެހީތެރިވާނޭ ފަރާތެއް ނެތް އެކަނިވެރި ހުވަފަތް އަންހެނުން އެކަނބަލުންގެ ހުރިހާ އުންމީދުތަކެއް މާތްރަސްކަލާނގެއަށް ރައްދުކޮށް ރޭގަނޑާއި ދުވާލު އެކަލާނގެ މަދަދަށް އެދި ދަންނަވައެވެ. ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ. މަސީޙީ ޖަމާޢަތަށް މިގޮތުގެމަތިން އިރުޝާދު ދޭށެވެ. އޭރުން ބަދުނާމުތަކުން އެކަނބަލުން އެއްކިބާވާނެއެވެ. ހަމަ މިފަދައިން ގާތްތިމާގެ މީހުންނަށް އަޅާލުން ނުބަހައްޓާ ފަރާތްތަކާއި އަމިއްލަ އާއިލާއާއި މެދު އަޅާލުމަށް އިންކާރުކުރާ ފަރާތްތައްވަނީ އީމާންތެރިކަމުން އެއްކިބާވެ ކަލާނގެވަންތަކަން ގަބޫލު ނުކުރާ ފަރާތްތަކަށް ވުރެންވެސް ނުބައިވެގެންވީ ޙާލަތެއްގައެވެ. މިފަދައިން ހުވަފަތް އަންހެނުންގެ ތެރެއިން ހިމަނަން ޖެހޭނީ އެމީހެއްގެ އުމުރުން ފަސްދޮޅަސް އަހަރަށް ވުރެން ދުވަސްވީ އަދި ކައިވެނީގައި ވަފާތެރިކަމާއެކުގައި ދެމިތިބި އަންހެނުންނެވެ. ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙުތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ. ޅަ ޒުވާން ހުވަފަތް އަންހެން ކުދިން މިފަދައިން ހިމެނިގެން ނުވާނެއެވެ. ސަބަބަކީ އީސާ އަލްމަސީޙު އާއި މެދު އެކުދިންގެ ހިތުގައިވާ އީމާންތެރި ގުޅުމުގެ މައްޗަށް އެކުދިންގެ ޖިސްމާނީ އެދުންވެރިކަމުގެ ބާރު ފޯރާ އަދި އެހެން ކައިވެންޏަކަށް އެދެވޭ ކަމެވެ. މިހެން ވެއްޖެނަމަ އެކުދިންނަށް ކުރިން ވެވުނު ވަޢުދު އުވާލެވި ކުށްވެރިވެވުނުކަން ހިތައް ވަދެއެވެ. މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ. އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ. އަދި އަހަރެން ބިރުވެތިވާ ކަމަކަށްވަނީ މިފަދަ އަންހެން ކުދިންގެ ތެރެއިން ބައެއް ކުދިން ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދިގެން ގޮސްފައިވާތީއެވެ. އަދި މަސީޙީންގެ އަންހެނަކަށް ގާތްތިމާގެ ކަމުގެ ގޮތުން ހުވަފަތް އަންހެނަކު ލިބިފައިވާނަމަ، މަސީޙީ ޖަމާޢަތުން ޒިންމާ އުފުލުމުގެ ބަދަލުގައި އެފަދަ މީހަކާއި މެދު ތިމާ ފުރިހަމައަށް ޒިންމާ ވާށެވެ. އޭރުން އަޅާލާނޭ އެއްވެސް ފަރާތެއް ނެތް މިފަދަ އެކަނިވެރި އަންހެނުންނަށް މަސީޙީ ޖަމާޢަތުން އެހީތެރި ވެވޭނެއެވެ. މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކު ފުރިހަމަ ގޮތުގައި އޭނާގެ މަސައްކަތް އަދާކުރާނަމަ އޭނާއަށް އެކަށީގެންވާ ހެޔޮ ބަދަލާއި ޝަރަފު ލިބިދޭން ވާނެއެވެ. ޚާއްސަ ގޮތެއްގައި ގަދައަޅާ މަސައްކަތްކުރާ މީހުންގެ ތެރެއިން ޚިތާބުކުރާ މީހުންނާއި އުނގަންނައިދޭ ފަރާތްތަކަށެވެ. މިފަދައިން ބާވައިލެއްވިގެންވެއެވެ. ”އެއްވެސް ޙާލަތެއްގައި ގެރިއެއްގެ މަސައްކަތުން ގޮވާންތަކުގައި ވީ ތޮށި ނޮޅަމުން އަދި ކައިހަދަމުންދާ ހިނދެއްގައި އެ ގެރީގެ އަނގަ ބަންދު ނުކުރާށެވެ.“ އަދިވެސް ބަޔާންވެގެން ވެއެވެ. ”ހެޔޮ ގޮތުގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންގެ މަސައްކަތުގެ އުޖޫރަ ޙައްޤު ވެގެން ވެއެވެ.“ މިފަދަ ބޮޑުންގެ މީހަކާއި ދެކޮޅަށް ދަޢުވާ އުފުލުނު ކަމުގައިވިޔަސް ދެމީހެއްގެ ނުވަތަ ތިން މީހެއްގެ ހެކިބަސް ލިބިގެން މެނުވީ އެފަދަ ބޮޑުންގެ މީހަކާއިމެދު ތުހުމަތު ކުރެވިގެން ނުވާނެއެވެ. މިފަދަ ބޮޑުންގެ މީހަކު އޭނާގެ ފާފަވެރި ކަމަށް އެއްބަސްނުވެ ފާފަ ކުރުމުގައި ދެމިހުރެއްޖެނަމަ އީސާއީ ޖަމާޢަތުގެ ކުރިމަތީގައި އޭނާއަށް ނަސޭހަތްތެރިވާށެވެ. މިފަދައިން ކަންތައް ކުރުމުން އޭނާގެ އިތުރުން އެހެނިހެން މީސްތަކުންވެސް މާތްރަސްކަލާނގެ އާއިމެދު ބިރުވެތިވެ އުރެދުންތަކުން ދުރުހެލިވާނެއެވެ. މުހިންމު ގޮތެއްގައި އަހަރެން މިކަންތައްތަކަށް މި އަމުރު ކުރަނީ މާތްރަސްކަލާނގެ ޙަޒުރަތުގައާއި މާތްސާހިބާ އީސާ އަލްމަސީޙު އަދި މަތިވެރި ވެގެންވާ މަލާއިކަތުން ހެކިކުރައްވާ މި އިރުޝާދުތަކަށް ރަނގަޅަށް ބަލައި ކުރިއަށް ދިއުމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުމެކޮށެވެ. މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކަށް ހަމަނުޖެހިގެން އަވަސްވެގަނެގެން ނޫޅޭށެވެ. އަދި އެހެން މީހުންގެ ފާފައިގެ ތެރެއަށް ތިބާ ނުވެއްޓި ސާފު ތާހިރުގޮތުގައި ހުންނާށެވެ. ހަމައެކަނި ހުސްފެން ނުބޯށެވެ. އެއާއެކު އެކަށީގެންވާ ފަދައިން މޭބިސްކަދުރުގެ ދިޔަފޮދެއް ބޭނުން ކުރާށެވެ. އެއީ ތިބާގެ ބަނޑަށް އުނދަގޫވެ، ބަލި ވެދާނޭތީއެވެ. ހަނދާން ކުރާށެވެ. ބައެއް މީހުން ފާފަވެރި ދިރިއުޅުމެއް ވޭތުކުރާތަން ފެނެއެވެ. އަދި އެފަދަ މީހުންނާއިމެދު ޖަޒާ ދެއްވާނެކަން އެންމެން ދަނެއެވެ. އެހެނަސް އަނެއްބަޔަކު އުޅެނީ އެމީހުންގެ ފާފަވެރި ދިރިއުޅުން އެންމެފަހު ވަގުތާއި ޖެހެންދެން ފަރުދާ ކޮށްގެންނެވެ. މިގޮތުން ބަޔަކު ކުރާ ރަނގަޅު އަމަލުތައް އެންމެންވެސް ދަނެއެވެ. އަދި އަމަލުތަކުގެ ރަނގަޅުކަން އެނގިގެންދަނީ އެންމެ ފަހުންނެވެ.