ތިމޮތީއަށް ފުރަތަމަ ސިޓީ. 4. މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ. މިފަދަ އެދުރުންނަކީ މުނާފިޤު ދޮގުވެރިންނެވެ. އެމީހުން ދީންވެރިންގެ ގޮތުގައި ހެދިގެން އުޅުނު ކަމުގައިވިޔަސް އެމީހުންގެ ޒަމީރުގެ އިޙުސާސްތައް ވަނީ ނެތި ފަނާ ވެފައެވެ. އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ. އެހެންވީމާ، އެފަދަ ކާނާ މާތްރަސްކަލާނގެ އުފެއްދެވީ ހެޔޮ ގޮތުގައެވެ. އަދި އެތަކެއްޗާމެދު އަހަރެމެން ޝުކުރުވެރި ހިތަކުން ބަލައިގަނެފިނަމަ އެތަކެއްޗަކީ ކެއުމަށް ކަމުދާ ތަކެތި ކަމުގައި ވެއެވެ. އެހެނީ އެކަލާނގެ ވަޙީބަސްފުޅުންނާއި އަދި ތިޔަބައިމީހުން ދުޢާތަކުން މިތަކެއްޗަކީ ޙަލާލު މުޤައްދަސް ތަކެތި ކަމުގައި ހިމެނިފައިވެއެވެ. ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ. ދެބަސްވުމާއި އަދި ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަތަކުން ދުރުހެލި ވާށެވެ. ތިބާގެ ނަފްސުގެ ހަކަތަ އާއި ވަގުތު ރޫޙާނީ ތަމްރީނުތަކުން ފުރިހަމަ ކުރާށެވެ. ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ. މިއީތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވޭނެ ފަދަ ތެދު ޙަޤީޤަތެކެވެ. އަހަރެމެން ވޭނާއެކު ގަދައަޅައި މަސައްކަތް ކުރަމުންދަނީ މިކަމަށްޓަކައެވެ. އަހަރެމެންގެ އުންމީދުތައް ވަނީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށެވެ. އެއީ އެންމެހައި އިންސާނުން ދިންނަވާ ފަރާތެވެ. ވަކީން ޚާއްސަކޮށް އެފަރާތާ މެދު އީމާންވާ ބަޔަކަށެވެ. އެންމެހައި މީސްތަކުންނަށް މިކަންތައް ކުރުމަށް އުނގަންނައިދީ އަމުރުކުރާށެވެ. އެއްވެސް ޙާލަތެއްގައި ތިބާގެ އުމުރުގެ ހަގުކަމާއެކު، މީސްތަކުން ތިބާގެ ހައިސިއްޔަތާމެދު ފަރުވާކުޑަކުރުމުގެ ފުރުސަތު ނުދޭށެވެ. ތިބާގެ އުނގަންނައި ދިނުމާއި ލޯތްބާއި އީމާންތެރިކަމާ ސާދާ ދިރި އުޅުމުން އީމާންވީ ފަރާތްތަކަށް ނަމުނާއެއް ކަމުގައި ވާށެވެ. ތިބާ ކައިރިއަށް އަހަރެންނަށް ދެވެންދެން، މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްކޮޅު އެންމެންގެ މެދުގައި ކިޔައި، އީމާންވި މީސްތަކުންނަށް ނަސޭހަތްދީ އުނގަންނައި ދިނުމުގައި ދެމިހުންނާށެވެ. މަސީޙީ ޖަމާޢަތުގެ ބޮޑުން ތިބާއަށް ރަޙުމަތް ލެއްވުމަށް އެދި މާތްރަސްކަލާނގެއަށް ހުށަހެޅި ގޮތުގެ މަތިން ހަނދާން ބަހައްޓައި އެ ބޮޑުން ނިމުތުގައިދެއްވި ޚަބަރުތަކުން ތިބާއަށް ލިބިފައިވާ ރޫޙީ ހަދިޔާ ބޭނުން ކޮށްގެން ކުރިއަށް ދާށެވެ. ތިބާ މިކަންތައްތަކުގެ މައްޗަށް ފުރިހަމަ ސަމާލުކަން ދީ މިކަމުގައި ހޭދަ ކުރާށެވެ. ތިބާއަށް ލިބިފައިވާ ކުރިއެރުން އެބައިމީހުން ދެނެގަންނާނެއެވެ. ތިބާގެ ދިރިއުޅުމުގެ އިތުރުން ތިބާގެ ޢަޤީދާއާއި މެދުގައި ވިސްނާށެވެ. ހުރަސްތައް މިކަމުގައި ދިމާވެދިޔަ ނަމަވެސް ނުހުއްޓި ކުރިއަށްދާށެވެ. އޭރުން ތިބާ އާއި އެކު ތިބާގެ ބަސްތައް ގަބޫލުކުރި މީހުން ވެސް މާތްރަސްކަލާނގެ ސަލާމަތް ކުރައްވާނެއެވެ.