ތިމޮތީއަށް ފުރަތަމަ ސިޓީ. 3. މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. މީހަކު އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑު މީހެއްގެ ގޮތުގައި ވުމަށް ބޭނުންވާނަމަ އެ އެދުމަކީ ވަރަށް އިޚުލާސްތެރި އެދުމެކެވެ. މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙުތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާ އަކީ މަސްތުވުމާއި އަނިޔާވެރިކަމާއި މަޖުބޫރުން ކަންތައްތައް ކުރުވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އޭނާއަކީ ހިތްހެޔޮ އަރާރުމަށް ލޯބިނުކުރާ އަދި ފައިސާ އާއި މުދަލަށް ދަހިވެތި ވެގެންނުވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ އާއިލާ ފުރިހަމަ ގޮތުގައި ކިޔަމަނުގައި ބެލެހެއްޓުމާއި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭފަދަ މީހެއް ކަމުގައި ވާންޖެހޭނެއެވެ. މިފަދައިން ތިމާގެ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނުނެގޭ މީހަކަށް މާތްރަސްކަލާނގެ ދަރުބާރުގައި މަސްއޫލިއްޔަތު އަދާ ކުރެވޭނީ ކިހިނެއްހެއްޔެވެ؟ އަދި މިފަދައިން ހަމަޖެއްސޭ ބޮޑުންގެ މީހަކީ އަލަށް އީމާންވީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އެއީ އެފަދަ މަޤާމެއް ލިބުމުގެ އަވަސްކަން ހިތަށްވަދެ ފަޚުރުވެރިވެވި ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދި ދާނެތީއެވެ. މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙުތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ. ހަމަ މިފަދައިން އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިން ވެސް ވާންޖެހޭނީ އަނެކުންގެ އިޙުތިރާމް ލިބިގެންވާ ތެދުވެރި ބައެއް ކަމުގައެވެ. މަސްތުވެގެންވާ ޙާލަތަށް ނަފްސު ދިޔަ ނުދީ ފައިސާގެ ދަހިވެތިކަމުން އެއްކިބާ ވެގެންވާ ބައެއް ކަމުގައެވެ. މިހާރު ތިޔަބައިމީހުންގެ މައްޗަށް ފާޅުވެފައިވާ އީމާންކަމުގެ ސިއްރުތަކުގައި ޒަމީރުގެ ސާފުކަމާއެކު ވަރުގަދައަށް ހިފަހައްޓަ ތިބޭށެވެ. އަދި އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ މީހުންގެ ގޮތުގައި ހަމަޖެއްސޭ މިފަދަ އެހީތެރިން ހަމަޖެއްސުމުގެ ކުރިން މާތްރަސްކަލާނގެ ދަރުބާރުގައި އެބައިމީހުންގެ މިޒާޖާއި އެކަށޭނަކަން ދެނެގަތުމަށްޓަކައި އިމްތިޙާނެއް ކުރެވެންވާނެއެވެ. މިފަދަ އެހީތެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެވޭނީ މި އިމްތިޙާނުން އެދެވޭ ނަތިޖާއެއް ފުރިހަމަ ކޮށްގެންނެވެ. މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙުތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަންމަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ. ހަމައެހެންމެ، އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިންގެ ގޮތުގައިވާނަމަ އެބައިމީހުންގެ އަނބިންނަށް ތެދުވެރިވެހުރެ، ދަރިންނާއި އެކުގައި ދިރިއުޅެމުންގެންދާ މީހުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވެންވާނެއެވެ. މިފަދަ ރަނގަޅުގޮތުގައި މަސައްކަތްކުރާ އެހީތެރިންނަށް އެހެންމީހުންގެ އިޙުތިރާމް ލިބޭނެއެވެ. އަދި އަލްމަސީޙުގެ މައްޗަށް އޮންނަ އީމާންތެރިކަމުގެ ވާހަކަ ކެރިގެން މީސްތަކުންގެ ގާތުގައި ބުނެދެވޭނެއެވެ. މިވަގުތު އަހަރެން މި ފަތްފުށްތައް ތިބާއަށް މިލިޔަނީ ވަރަށް އަވަސް މުއްދަތެއްގައި ތިބާ އާއި އެކުގައި ހޭދަ ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ. އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބުވެސް މެއެވެ. އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.