ފިލިއްޕީގެ މަސީޙީންނަށް ސިޓީ. 3. އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އާއިއެކުގައި ވާތީ އުފާކުރާށެވެ. ތަކުރާރުކޮށް އެއްވާހަކައެއް ލިޔެ ތިޔަބައިމީހުންނަށް ފޮނުވުމުގައި އަހަރެން ފޫއްސެއްނުވަމެވެ. އަދި އަހަރެން މިހެން ބުނަނީ ތިޔަބައިމީހުންގެ އީމާންތެރިކަން ރައްކާތެރި ކުރުމަށެވެ. އަދި ނުބައި އަމަލުތަކުން ފުރިފައިވާ ކުއްތާތަކެއް ފަދަ މީސްތަކުންނާމެދު ސަމާލުވާށެވެ. އެމީހުން މީސްތަކުންގެ ޖިސްމު ކޮށައި ކުދިކުރަމުންދެއެވެ. އަދި ތިޔަބައިމީހުން ދިންނެވުމަށްޓަކައި ޚިތާނު ކުރެވެން ޖެހޭނެ ކަމުގައި ބުނެއެވެ. އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ. އެކަކަށް ވެސް އަމިއްލަ ބާރުން ކަންތައް ކުރެވޭނެ ކަމަށް އިތުބާރު އޮންނަ ނަމަ އަހަރެންނަށް އެހެން މީހުންނަށް ވުރެން ބޮޑަށް އަމިއްލަ ނަފުސާއިމެދު އިތުބާރު ކުރުމުގެ ކުޅާދާނަކަން ލިބިގެން ވާކަމަށް އަހަރެން ދެކެމެވެ. އަހަރެންގެ އުމުރުން އަށްޑުވަހުގައި ޚިތާނުގެ ލެއްވިއެވެ. އަދި އަހަރެންނަކީ އިސްރާއީލު ބާގައިގެ ބިންޔާމީން ދަރިކޮޅުގެ މީހަކީމެވެ. އަހަރެންނަކީ ހަތަރުމަތިފުށް ބަނީއިސްރާއީލުންގެ ތެރެއިންވި ޢިބްރާނީ މީހެއްމެއެވެ. ދީންވެރިކަމާއެކު، މޫސާގެފާނުގެ ތައުރާތުގައި ވާގޮތަށް އަމަލުތައް ބެހެއްޓި ފަރީސީއެއްވެސްމެއެވެ. އަދި އަހަރެން ލޭ ހޫނުވެފައި ހުރެ ކަނީސާގެ އަހުލުވެރިންނަށް ވަރުގަދަ އަނިޔާތައް ކުރިމަތި ކުރީމެވެ. ގާނޫނާއި ގަވާއިދު ދެއްކި މަގުން މާތްކަލާނގެ ރުހުން ހޯދުމަށް ކުރެވެން އޮތްހާ ކަމެއް ކުރީމެވެ. އޭރު އެތަކެއްޗަކީ އަހަރެންނަށް މުހިންމު ތަކެތި ކަމުގައި ވިއެވެ. ނަމަވެސް މިއަދު އަލްމަސީޙާއި މެދުގައި ވީ ގުޅުމުން އެތަކެއްޗަކީ ބޭކާރު ތަކެތި ކަމުގައި ދައްކުވައި ދެއްވައިފިއެވެ. އެ ހުރިހާ އެއްޗަކީވެސް އަހަރެންގެ މާތްސާހިބު އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙު އާއި އެކުގައިވުން ލިބިގަތުމަށެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި ވުމަށްޓަކައެވެ. އަހަރެންގެ އަމަލުތަކުގެ ރަނގަޅުކަމާމެދު މިންކުރުމަށް އެ ގާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމަކަށް ނުދެކެމެވެ. އަހަރެން ޞާލިޙުވަންތަ ވެފައިވަނީ އީސާގެފާނާ މެދު އޮންނަ އީމާންތެރިކަމަކުންނެވެ. މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން ރަނގަޅު ބަޔަކަށް ހައްދަވާ މަގު ވަނީ އެއީމާން ތެރިކަމުގެ ތެރޭންނެވެ. އަހަރެންގެ މަގުސަދަކީ އަލްމަސީޙާއިމެދު މިގޮތުން އެނގި ގުޅުމެވެ. އަދި އަލްމަސީޙު އަވަހާރަވެ ވަޑައިގަންނަވާ އަލުން ދިރި ވަޑައިގެންނެވި މަތިވެރި ބާރުފުޅު ތަޖުރިބާ ކުރުމެވެ. އަހަރެން ހިތްއެދެނީ އެކަލޭގެފާނު އުފުއްލެވި ވޭނާއި އަވަހާރަވެ ދިޔަ ފަދައިން އެގޮތަށް އަމަލު ކުރުމެވެ. އެއީ އަހަރެން މަރުވުމަށް ފަހު ކޮންމެވެސް ގޮތަކުން ފަހުން ދިރިގެން ސުވަރުގެ ދެވޭނެ ގޮތް ވުމަށްޓަކައެވެ. މިހާތަނަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ހާ ފުރިހަމަކަމެއް ހާސިލު ވެއްޖެ ކަމަކަށް އަހަރެން ނުދެކެމެވެ. ނަމަވެސް އަލްމަސީޙު އާއި އެކުގައިވެ، އެގޮތުގައި އެ ލަނޑުދަނޑިއާއި ހަމަޔަށް ދެމިގަތުމަށް މިކުރާ މަސައްކަތާއިގެން ކުރިއަށް ދިޔުމުގައި ދެމިހުރީމެވެ. އަލްމަސީޙު އީސާގެފާނު އަހަރެން ޚިޔާރު ކުރެއްވީ އެ ސަބަބަށްޓަކައެވެ. އަޚުންނާއި އުޚުތުންނޭވެ! އަހަރެންދެކޭ ގޮތުގައި އަހަރެންގެ ލަނޑުދަނޑިއާއި ހަމައަކަށް އަދި ނުދެވެއެވެ. އެހެނަސް އަހަރެން އަބަދުވެސް ކުރާ އެއްކަމެއް ވެއެވެ. އެއީ މާޒީ ހަނދާން ނައްތާލުމަށް ފަހު މުސްތަގުބަލާ ދިމާއަށް ދެމިގަންނަން ކުރިމަތިލުމެވެ. އަހަރެން ދެމިގަންނަން ގަދައަޅާނީ ލަނޑުދަނޑި އާއި ދިމާއަށެވެ. އޭރުން އަލްމަސީޙު މެދުވެރި ކުރައްވާ މާތްކަލާނގެ ގޮވައިލައްވާ ދާއިމީ ޙަޔާތުގެ އިނާމު ޙާސިލު ކުރުމަށެވެ. އަހަރެމެންގެ ތެރެއިން ރޫޙާނީ ގޮތުން ތަސައްރަފު ފުދިފައިވާ ކޮންމެ މީހަކުމެ މިގޮތަށް ވިސްނާށެވެ. އަދި މީގެ ތެރޭގައި ތިޔަބައިމީހުންނަށް އެއްބަސްވުމަށް ދަތިވާ ކަންތަކެއް ހުރި ނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އެކަންތައްތައް ސާފުކޮށް އަންގަވައި ދެއްވާނެތެވެ. އެހެނަސް އަހަރެމެންގެ މެދުގައިވާ ތެދުވެރި މަގުގައި، ކުރިއަށް ދިއުމުގައި ދެމި ތިބޭށެވެ. އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަކީ ތިޔަބައިމީހުންނަށް ނަމޫނާއެއް ކަމުގައި ބަލައި އެގޮތުގައި އުޅެމުންދާށެވެ. އަދި އަހަރެމެން މިސާލެއް ކަމުގައި ބަލައިގެން އުޅޭ މީހުންގެ ގާތުން އުނގެނޭށެވެ. އަހަރެން ތިޔަބައިމީހުންގެ ގާތު ކުރީގައިވެސް މިހެން ބުނީމެވެ. އަނެއްފަހަރު މިހެން މިބުނަނީ ލޮލުން ކަރުނަ އޮހޭ ހާލުގައެވެ. އަލްމަސީޙު ސަލީބަށް އެރުވުނުކަން ދޮގުކޮށް އެކަމާ އަދާވާތްތެރިވެ އުޅޭ ބައި ވަރަށް ގިނައެވެ. އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ. އެހެނަސް އަހަރެމެންގެ ޙަޤީޤީ ވަޒަނަކީ ސުވަރުގެއެވެ. އަދި ޝައުޤުވެރި ކަމާއެކު އަހަރެމެން އިންތިޒާރު ކުރަނީ އަހަރެމެން ދިންނަވާ ފަރާތް މާތްސާހިބު އީސާ އަލްމަސީޙު ސުވަރުގެއިން ވަޑައިގަންނަވާނެ ވަގުތަކަށެވެ. އަދި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކޮންޓޯލް ކުރައްވަމުން ގެންދަވާ ބާރުފުޅުން އެކަލޭގެފާނު އަހަރެމެންގެ މި ބަލިކަށި ހަށިތައް އެކަލޭގެފާނުގެ އުޖާލާ ހަށިކޮޅެކޭ އެއްފަދައިން ހައްދަވައި ދެއްވާނެއެވެ.