ފިލިއްޕީގެ މަސީޙީންނަށް ސިޓީ. 2. ތިޔަބައިމީހުން އަލްމަސީޙާ އާއި އެކުގައިވުމުން ތިޔަބައިމީހުންނަށް ހިތްވަރު ލިބުނެވެ. އެކަލޭގެފާނުގެ ލޯބިން ތިޔަބައިމީހުންގެ ހިތް އުފާ ކޮށްދެއްވިއެވެ. އަދި މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުން އެއްބައިވަންތަ ކުރުވިއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ހަމްދަރުދީވެ އޯގާތެރި ވެވުނެވެ. އަހަރެންގެ އުފާތައް ފުރިހަމަކޮށް ދިނުމަށްޓަކައި ތިޔަބައިމީހުން އެއް ވިސްނުމެއްގައި މަތިވެރި ލޯތްބެއް ހިއްސާކޮށް ރޫޙީގޮތުން އެއް މަގުސަދެއްގައި އެއްބައިވަންތަކަމާއެކު ދެމިތިބޭށެވެ. ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ. އަމިއްލަ ނަފްސުގެ ޝައުޤުވެރިކަމަށް ވުރެން އަނެކާގެ ޙާލަތާމެދު ޝައުޤުވެރިވާށެވެ. ތިޔަބައިމީހުންގެ މިޒާޖު ވާންޖެހޭނީ އީސާ އަލްމަސީޙު އާއި އެއްފަދައިންނެވެ. އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ އާއި އެއްފަދައިންވި ކަމުގައިވިޔަސް ކަލާނގެވަންތަ ކަމުގެ ޙައްޤު ބޭނުން ނުކުރައްވައި ދޫކޮށްލެއްވިއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ކައުވަންތަ ކަމުގެ ފައިދާ ނަންގަވަން ނޫޅުއްވާ ދޫކޮށްލެއްވީއެވެ. އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ އަޅެއްގެ ނިކަމެތި މަގާމެވެ. އުފަންވެ ވަޑައިގެންނެވީ އިންސާނެއްގެ ގޮތުގައެވެ. އަދި އަހަރެމެން ފަދަ އިންސާނަކު ފަދައިން ނިކަމެތިވެ ވަޑައިގެންނެވިއެވެ. އަދި ކިޔަމަންތެރިކަމުގެ މަގުގައި ހިންގަވާ ވަޑައިގެންނެވި ހިނދު ސަލީބުގައި އަވަހާރަކުރެވުނެވެ. މި ކިޔަމަންތެރިވެ ވަޑައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވިއެވެ. އަދި ސުވަރުގޭގެ އެންމެ މަތިވެރި މަޤާމަށް އެކަލޭގެފާނު އުފުއްލަވާ އެއްވެސް ފަރާތަކަށް ރައްދު ނުކުރެވޭފަދަ ލަގަބެއް ދެއްވާ މަތިވެރި ކުރެއްވިއެވެ. އެހެންވީމާ، މިދުނިޔެ އާއި ސުވަރުގޭގެ އިތުރުން އަދި މަރުވެ ދިޔަ އެންމެތަކުން އީސާގެފާނުގެ ނަންފުޅަށް ސަޖިދަ ކޮށް އަޅުކަން ކުރާނެއެވެ. އަދި އެންމެތަކުން އަލްމަސީޙު އީސާގެފާނަކީ މާތްސާހިބާ ކަމުގައި އެއްބަސްވުމުގެ އިތުރުން ބައްޕާފުޅު، މާތްރަސްކަލާނގެ މަތިވެރިކަމާމެދު ޙަމްދާއި ސަނާ ކިޔާނެއެވެ. މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ. ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެދުން ތިޔަބައިމީހުންނަށް ދެއްވުމާއެކުގައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ މަގުސަދާއި އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އަމަލުކުރުމަށެވެ. ކުރާ ކޮންމެ ކަމެއް ކުރުމުގައި ޝަކުވާއާއި ދެބަސްވުންތަކުން އެކަހެރިވެ ތިބެ ކުރާށެވެ. އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ. ޙަޔާތުގެ ބަސްފުޅުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނާއިމެދު އަހަރެންނަށް ފަޚުރުވެރި ވެވޭނެއެވެ. އަދި މިކަމަށްޓަކައި އަހަރެން ކުރި މި ބުރަ މަސައްކަތް ބޭކާރު ނުވާ ކަމުގައި އަހަރެން ދެކޭނަމެވެ. ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ހިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ. ހަމަ އެފަދައިން ތިޔަބައިމީހުންވެސް އަހަންނާއެކު އުފާކުރާށެވެ. މާތްސާހިބާ އީސާގެފާނު ރުހިވަޑައިގެންފި ނަމަ އަހަރެން އަވަސް ގޮތެއްގައި ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވުމަށް އުންމީދު ކުރަމެވެ. އޭރުން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ފަހު އެނބުރި އަހަރެންގެ ކައިރިއަށް އައުމުން ތިޔަބައިމީހުންގެ ހާލުއަހުވާލު އެނގި އަހަރެންގެ ތަބީޢަތަށް އުފާވެރިކަން ގެނެސްދޭނެއެވެ. ތިޔަބައިމީހުންނާއިމެދު އަހަރެންނެކޭ އެއްފަދައިން އެއްވިސްނުމެއްގައިވާ ފަރާތެއް އޭނާ ފިޔަވައި އަހަރެންގެ ނުވެއެވެ. އެހެން ފަރާތްތަކުން އަލްމަސީޙު އީސާގެފާނާއިމެދު ވިސްނުމުގެ ބަދަލުގައި އެމީހުން މުހިންމު ކަމެއް ދޭނީ އެބައިމީހުންގެ ޙަޔާތާއިމެދުގައެވެ. އެހެނަސް ތިމޮތީއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ތިޔަބައިމީހުން ދަންނާނެއެވެ. އޭނާ އަހަރެންނާއިއެކުގައި ހެޔޮޚަބަރުފުޅު ފެތުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިއެއް ފަދައިންނެވެ. މިހިނދު އަހަރެންގެ ޙާލަތާމެދުގައި ވާނުވާއެއް ބެލުމަށް ފަހު ވީ އެންމެ އަވަސް ގޮތަކުން ތިޔަބައިމީހުންގެ ކައިރިއަށް އޭނާ ފޮނުވުމުގެ އުންމީދުގައި އަހަރެން ވަމެވެ. އަދި މާތްސާހިބާއަށް އަހަރެން ކުރާ އިތުބާރުން އަހަރެން ވެސް ދުރުނޫން މުސްތަގުބަލެއްގައި ތިޔަބައިމީހުންގެ ކައިރިއަށް ދާނަމެވެ. މިވަގުތު އަހަންނަށް ހީވަނީ ތިޔަބައިމީހުންގެ ކައިރިއަށް އެފަފުރޮދިތު އަނބުރާ ފޮނުވަންވީ ހެންނެވެ. އޭނާއަކީ ޙަޤީޤީ އަޚެކެވެ. މަސައްކަތުގެ ބައިވެރިއެކެވެ. އަދި ހަނގުރާމަވެރި އެކުވެރިއެކެވެ. އެއީ އަހަންނަށް ބޭނުންވި ހިނދު ޚަބަރު ހިފައިގެންނާއި އެހީތެރިވުމަށް ތިޔަބައިމީހުން ފޮނުވި މުރާސިލުވެސް މެއެވެ. އޭނާގެ ބަލި ޚަބަރު ތިޔަބައިމީހުންނަށް ލިބިފައި ވުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. އަދި އޭނާގެ ހިތުގައި ތިޔަބައިމީހުން ދުށުމުގެ ޝައުޤުވެރިކަން ވާތީއެވެ. ހަމަކަށަވަރުން އޭނާ މަރުވުމެކޭ އެއްފަދައިން ބަލިވިއެވެ. އެހެންނަމަވެސް މާތްކަލާނގެ އޭނާގެ މައްޗަށް ރަހުމު ކުރެއްވިއެވެ. އަދި އަހަރެންގެ މައްޗަށްވެސް ވެހެވެ. އެއީ އެއް ހިތާމައެއްގެ ފަހަތުން އަނެއް ހިތާމަ އަހަންނާ މަތި ނުކުރެއްވުމަށެވެ. އޭނާ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުންވެއެވެ. އޭރުން އޭނާ ފެނި ތިޔަބައިމީހުން އުފާވާނޭތީއެވެ. އޭރުން އަހަރެންވެސް ތިޔަބައިމީހުންނާމެދު އެހާ ފިކުރުބޮޑުވާން ނުޖެހޭނެތީވެސްމެއެވެ. މާތްސާހިބާއަށްޓަކައި އޭނާއަށް މަރުޙަބާ ކިޔާށެވެ. އޭނާފަދަ މީހުންނަށް މާތްކޮށް ހިތާށެވެ. ސަބަބަކީ އޭނާ މަރުވުމެކޭ އެއްފަދައިން ބަލިވެ ދިޔައީ އަލްމަސީޙަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައެވެ. ފުރާނަ އަތްމައްޗަށް ލައިގެންވީ ޙާލުގައި އޭނާގެ ޚިދުމަތް އަހަންނަށްޓަކައި ދިނީ ތިޔަބައިމީހުންގެ ފަރާތުން އަހަންނަށް ޚިދުމަތް ކުރުމުގައެވެ.