ފިލިއްޕީގެ މަސީޙީންނަށް ފޮނުވުނު ސިޓީ. 1. މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މާތްރަސްކަލާނގެ އާއި އެކުގައިވެ އަލްމަސީޙު އީސާގެފާނަށް އީމާންވެގެންވީ ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށް ލިޔަމެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާނެތެވެ. ތިޔަބައިމީހުންގެ މަތިން ހަނދުމަވާ ކޮންމެ ފަހަރަކު އަހަރެންގެ ކަލާނގެއަށް ޝުކުރުވެރި ވަމެވެ. އަބަދާ އަބަދު އަހަރެންގެ ދުޢާތަކުގައި ތިޔަބައިމީހުން އެންމެން ޝާމިލު ކުރަނީ އުފާވެރި ކަމާއެކުގައެވެ. ސަބަބަކީ ހެޔޮޚަބަރުފުޅު އެންމެ ފުރަތަމަ ފަހަރަށް ތިޔަބައިމީހުންނަށް ލިބިދިން ވަގުތެކޭ އެއްފަދައިން މިއަދާއި ހަމައަށް މި ޚަބަރު ފެތުރުމުގައި އަހަރެންނާއި އެކުގައި ތިޔަބައިމީހުން ދެމިތިބިކަމެވެ. އަހަރެން ޔަޤީން ކުރާ ގޮތުގައި މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި ހެޔޮ ކަންތަކެއް ފައްޓުވައި ދެއްވައިފިއެވެ. އަދި އީސާ އަލްމަސީޙުގެ އެނބުރި ވަޑައިގަތުމާއި ހަމައަށް އެކަލާނގެ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ. ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަގީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ހިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ. އީސާއަލްމަސީޙުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ. ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ. ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ. އަހަރެންގެ އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! މިތަނުގައި ހިނގި ހުރިހާ ކަމެއްގެ ތެރޭގައި ހެޔޮޚަބަރުފުޅު ފެތުރުމަށް އަހަންނަށް ލިބުނީ ކުރިއެރުންކަން ތިޔަބައިމީހުންނަށް އަންގާލަން ބޭނުމެވެ. އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ. އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ. ބައެއްމީހުން ޙަސަދަވެރިކަމާއެކު ވާދަކުރުމުގެ ނިޔަތުގައި ވަޢުޡު ބުނާ ހިނދު އަނެއްބަޔަކު އަލްމަސީޙު އާއިމެދުގައިވާ ރަނގަޅު މަގުސަދާއި އެކުގައި ވަޢުޡު އިއްވައެވެ. މިގޮތަށް މިބައިމީހުން ވަޢުޡު އިއްވަނީ އަހަރެންނާއި މެދުގައިވާ ފުން ލޯބީގެ ސަބަބުންނެވެ. އަދި މާތްސާހިބާ އަހަރެން މިތަނުގައި ވުމަށް އެދިލެއްވީ ހެޔޮޚަބަރުފުޅު ދިފާޢު ކުރެއްވުމަށް ކަން މިފަދަ މީހުން ދަނެއެވެ. އެހެނަސް އަލްމަސީޙާއި މެދުގައި މަގުސަދެއް ނެތި ދެކޭ ފަރާތްތަކުން އަމިއްލަ އެދުމާއި އިޚުލާސްތެރިކަމެއް ނެތި ވަޢުޡު ބުނަމުން އެ ގެންދަނީ މިގޮތަށް އަހަރެން ޗޭނުޖެހި ހައްޔަރުވެފައި ވާތީވެ އަހަރެން ހިތްދަތި ކުރުވުމަށެވެ. އެކަމަކުވެސް ހެވެވެ. މި މީހުންގެ މަގުސަދު ރަނގަޅު ވިޔަސް އަދި ކިލަނބު ވިޔަސް ޙަޤީޤަތުގައި ވަޢުޡު ބުނަމުން އެ ގެންދަނީ އަލްމަސީޙާއި މެދުގައެވެ. އެކަމާމެދު އަހަރެން އުފާ ކުރަމެވެ. އަދި މި އުފާވެރިކަމުގައި ދެމިހުންނާނަމެވެ. ސަބަބަކީ އަހަންނާއިމެދު ތިޔަބައިމީހުން ދުޢާ ކުރާނެކަން އެނގޭތީއެވެ. އަދި އީސާ އަލްމަސީޙުގެ މާތްރޫޙުފުޅު އަހަރެންނަށް އެހީތެރިވެދެއްވާ ސަލާމަތް ކޮށްދެއްވާނެއެވެ. ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުއްމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައިވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ. އަހަރެން ދިރިހުރިނަމަ އަލްމަސީޙުގެ ޚިދުމަތުގައި ވާނަމެވެ. އަދި އަހަރެން މަރުވެދިޔަނަމަ އެއަށް ވުރެން މާރަނގަޅެވެ. އޭރުން އަބަދަށް އަލްމަސީޙާއި އެކުގައި ވާނެއެވެ. އަހަރެން ޚިޔާރު ކުރަންވީ ކޮންކަމެއް ކަން އަހަރެންނަށް އެނގިގެންނުވެއެވެ. އެކަމަކު އަހަރެން ދިރިހުރިނަމަ މާތްސާހިބާއަށްޓަކައި އެދެވޭ މަސައްކަތް ކުރެވޭނެއެވެ. އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙު އާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ. އެހެނަސް ތިޔަބައިމީހުންނަށްޓަކައި އަހަރެން ދިރިހުރުން އެއީ އެންމެ އެދެވޭ ގޮތް ކަމުގައިވެސް އަހަރެން ދެކެމެވެ. މިކަން އެނގޭތީ އަހަރެން ދިރިހުރުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ. އެއީ ތިޔަބައިމީހުން އީމާންކަމުގެ އުފަލުގެ ތެރޭގައި ހެދި ބޮޑުވުމަށް އެހީތެރިވުމަށެވެ. އެހެންވީމާ، އަހަރެން އެނބުރި ތިޔަބައިމީހުންގެ ކައިރިއަށް ދާހިނދު އަހަރެންގެ ސަބަބުން ތިޔަބައިމީހުންނަށް އީސާ އަލްމަސީޙާއި މެދު މާބޮޑަށް ފަޚުރުވެރި ވެވޭނެއެވެ. މިހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުންދާ ކަން އަހަރެންނަށް އެނގޭނެއެވެ. ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެއެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަންވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ. ހަމައެކަނި ތިޔަބައިމީހުންނަށް ލިބިގެންވީ އަލްމަސީޙަށްޓަކައި އީމާންވެ، ޚިދުމަތް ކުރުމުގެ ޝަރަފު އެކަންޏެއް ނޫނެވެ. އެކަލޭގެފާނަށްޓަކައި ވޭން އުފުލުމުގެ ޝަރަފުވެސް މެއެވެ. މިހިނދު އަހަރެން މިކުރާ ހަނގުރާމައިގައި ތިޔަބައިމީހުން ވެސް ބައިވެރިވެވޭނެއެވެ. އެ ހަނގުރާމައަކީ މާޒީގައި ތިޔަބައިމީހުންނަށް ފެނިދެނިވި، އަޑުއެހި، އަދި މިއަދާއި ހަމައަށްވެސް އަހަރެން ކުރަމުންމިދާ ހަނގުރާމައެވެ.