އެފޭސުސްގެ މަސީޙީންނަށް ސިޓީ. 5. ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ. އަލްމަސީޙު އަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ. ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށްވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ. ނުބައި ބަސްތަކުންނާއި ލަދުޙަޔާތްކުޑަ ވާހަކަތަކުންނާއި މޮޔަ ބަސްތަކަކީ ތިޔަބައިމީހުންނާ ގުޅޭ ކަހަލަ ކަންތަކެއް ނޫނެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙު އާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ. މީސްތަކުންގެ މޮޔަ ވާހަކަތަކުގެ މަކަރުގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެކަލާނގެއަށް އުރެދިގެންވީ ފަރާތްތަކުން ކުރަމުން ގެންދާ މިފަދަ އަމަލުތަކަށް އެކަލާނގެ ޢުޤޫބާތް ހުށަހެޅިގެންވެއެވެ. އެހެންވީމާ، އެފަދަ ފަރާތްތަކުން ކުރަމުންގެންދާ ނުބައި އަމަލުތަކުގައި ތިޔަބައިމީހުން ބައިވެރިނުވާށެވެ. މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ. އެހެނީ، މިފަދަ އަލިކަމެއް އުފެއްދޭނީ ތިޔަބައިމީހުންގެ ކިބައިގައި ހެޔޮކަމާއި، ސާލިޙުވަންތަކަމުގެ އިތުރުން ތެދުވެރިކަންވެސް އެވެ. ވުމާއެކު، މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ. އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ. ގޯސް މީހުން ވަންހަނާގައި ކުރަމުން ގެންދާ އަމަލުތަކުގެ ވާހަކަތަކަކީ ދެއްކުން ލަދުވެތި ވާހަކަތަކެކެވެ. ނަމަވެސް ވަންހަނާ ވެގެންވާ އެންމެހާ ކަންތައްތައް އަލިކަމުގެ ތެރޭގައި ހާމަކަމާއެކު ފެނިދެއެވެ. އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.“ އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ. މި ނުބައިވެގެންވީ ޒަމާނުގައި ހެޔޮ ކަންތައް ކުރުމަށް ލިބިދޭ ކޮންމެ ފުރުސަތެއް ބޭނުންކުރާށެވެ. އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ. ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ. އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ. އެންމެހާ ކަންތައްތަކުގައި މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގަނެ އަބަދުވެސް މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅަށް ޝުކުރު ދަންނަވާށެވެ. މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ. އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ. އަނބިންގެ މައްޗަށް ފިރިންގެ ބާރު ހިނގަނީ މަސީޙީ ޖަމާޢަތާއި މެދުގައި އަލްމަސީ ބާރުފުޅު ހިނގާ ފަދައިންނެވެ. އެހެނީ އެކަލޭގެފާނުގެ ހަށިކޮޅުކަމަށްވާ އެ ޖަމާޢަތަށް ދިންނެވުން ދެއްވަނީ އެކަލޭގެފާނެވެ. އެހެންވީމާ، ކޮންމެ އަނތްބަކުމެ އެކަނބަލުންގެ ފިރިންނަށް އެންމެހާ ޙާލަތުތަކުގައި ކިޔަމަންތެރިކަން އަދާ ކުރާށެވެ. މަސީޙީ ޖަމާޢަތް އަލްމަސީޙަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިންނެވެ. ފިރިންނޭވެ. ތިޔަބައިމީހުންގެ އަނބިންނާއިމެދު ތިޔަބައިމީހުން ލޮބުވެތި ކަމާއެކު ގުޅުން ބަހައްޓާށެވެ. އެހެނީ މަސީޙީ ޖަމާޢަތާމެދު އަލްމަސީހު ވެސް ލޯބިވެ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަނބިކަލެއް ފަދައިންނެވެ. އެކަލޭގެފާނުގެ ނަފްސުކޮޅު ދޫކޮށްލެއްވީވެސް އެޖަމާޢަތަށް އޮތް ލޯތްބަށްޓަކައެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ. އެކަލޭގެފާނު މިކަންތައް މިގޮތަށް ކުރެއްވީ މަސީޙީ ޖަމާޢަތް އެއްވެސް ލަފެއް ރުލެއް ލައްގަނޑެއް ނެތި ފާފަތަކުން ހުސްދުރުވެ މުޤައްދަސް ވެގެންވާ އަލަތުކައިވެނީގެ އަރޫޝާއެއް ކަމުގައިވެ ވަޑައިގަތުމަށެވެ. ހަމަ މިފަދައިން ފިރިން އެބައިމީހުންގެ އަމިއްލަ ނަފުސާއިމެދުގައި ލޯބިވާ ފަދައިން އެބައިމީހުންގެ އަނބިންނާއިމެދުގައި ވެސް ލޯބިވާށެވެ. އަނބި ދެކެ ލޯބިވާ ފިރިމީހާ ޙަޤީޤަތުގައި އޭނާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ލޯބިވާނެއެވެ. އެއްވެސް އިންސާނަކު އޭނާގެ ނަފުސާމެދު ނަފްރަތެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ނަފުސާމެދު ކުލުނާއި އަޅާލުން ބަހައްޓައެވެ. ހަމައެފަދައިން އަލްމަސީޙު ވެސް މަސީޙީ ޖަމާޢަތާމެދުގައި އެ އުސޫލުން އަމަލު ކުރައްވައެވެ. ވީމާ، އަހަރެމެން އެންމެތަކުންނީ އެކަލޭގެފާނުގެ ހަށިކޮޅުގައިވާ އެކިއެކި ބައިތަކެވެ. މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާން ކުރައްވާފައިވެއެވެ. ”ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާ ކައިވެނިކުރާން ޖެހެއޭ. އަދި އެ ދެމަފަރިން އެއް ހަށިގަނޑެއް ފަދައިން ވާންޖެހޭނެއޭ.“ މިބަސްފުޅުތަކުގައި ވަންހަނާވެގެންވީ ވަރަށް ބޮޑު ސިއްރެއް އުނގަންނައި ދެއްވާފައިވެއެވެ. މި ބަސްފުޅުތައް އުނގަންނައި ދެއްވަނީ އަލްމަސީޙު އާއި މަސީޙީ ޖަމާޢަތާއި ދެމެދުގައިވާ ގުޅުމުގެ މައްޗަށްކަން އަހަރެންނަށް ދޭހަވެއެވެ. އެހެންވީމާ، ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ އޭނާގެ އަމިއްލަ ނަފުސާމެދު ލޯބިވާ ފަދައިން ލޯބިވާން ޖެހޭނެއެވެ. އަދި ކޮންމެ އަނތްބަކު އޭނާގެ ފިރިމީހާއަށް ޤަދަރު ކުރާން ޖެހޭނެވެސް މެއެވެ.