އެފޭސުސްގެ މަސީޙީންނަށް ސިޓީ. 4. މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ. އަބަދުވެސް ހިތްތިރިކަމާ، މަޑުމައިތިރިކަމާ އަދި ކެތްތެރިކަމުގައި، އަނެކުންނަށް ރުހެވިގެންވާ ބައެއްގެ ގޮތުގައިވެ، އެކަކު އަނެކަކާ މެދު ލޮބުވެތިކަމާއެކުގައި ވާށެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން އެންމެ އެދެވޭގޮތުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އެއްބައިވަންތަކަން ބިނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ސުލްޙަވެރި ގޮތުގައި ތިބެ މިކަންތައް ކުރާށެވެ. ތިޔަ އެންމެތަކުންނީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. މާތްރަސްކަލާނގެ ރޫޙުފުޅަކީ ހަމައެކަނި އެންމެ ރޫޙު ފުޅެކެވެ. މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންގެ ގޮތުގައި ތިޔަބައިމީހުން ޚިޔާރު ކުރެއްވި ހިނދު ތިޔަބައިމީހުންނަށް ލިބިދިނީ ހަމައެކަނި އެންމެ އުންމީދެކެވެ. އަހަރެމެންނަށްޓަކައި ވަނީ އެންމެ ސާހިބެކެވެ. ހަމައެކަނި އެއް އީމާންތެރިކަމެކެވެ. އަދި ތައުބާގެ އެންމެ ހިނެވުމެއްވެސް މެއެވެ. އެންމެހާ ޚަލްޤުތަކުންގެ ވަނީ އެންމެ ކަލާނގެއެކެވެ. އަދި ބައްޕާފުޅެވެ. އެކަލާނގެ ބާރުފުޅު އަހަރެމެން އެންމެތަކުންގެ މައްޗަށް ހިންގަވަނީ އެންމެތަކުން މެދުވެރި ކުރައްވައެވެ. އަހަރެމެންގެ އެންމެތަކުންގެ މެދުގައި އެކަލާނގެ ވޮޑިގެންވެއެވެ. ނަމަވެސް އަލްމަސީޙުގެ ދީލަތިކަމާއެކުގައި އެކަލާނގެ ނިޢުމަތްތައް އަހަރެމެންނަށްޓަކައި ބައިބައި ކުރައްވާ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ބައެއް ދެއްވިއެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާ ފަދައިންނެވެ. ”އެކަލޭގެފާނު އެންމެ އުސް ތަނުގެ މައްޗަށް އެރުއްވި ހިނދު، އެތަކެއް ގައިދީންނެއް ސަފުތަކުގައި ހިންގާފައިގެން ދިޔައޭ. އަދި މީސްތަކުންނަށް އެކަލޭގެފާނު ގިނަގުނަ ނިޢުމަތްތައް ދެއްވިއޭ.“ ”އެކަލޭގެފާނު މައްޗަށް އެރުއްވި ހިނދު“ މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މި ޢިބާރާތް މާނަ ކޮށްދެނީ އަލްމަސީޙު މި ދުނިޔޭގެ އެންމެ ފުނަށް ވެސް ފީނެއްވިއެވެ. އަދި މި ޢިބާރާތުގެ މާނަ މިފަދައިންވެސް ބުނެދެއްވައެވެ. މި ދުނިޔޭގެ އެންމެ ފުންމިނަށް ފީނެއްވި ކަލޭގެފާނާއި އަދި އެންމެ އުހަށް އެރުއްވި ކަލޭގެފާނު ތަފާތެއް ނެތްކަމެވެ. އެހެނީ، މުޅި މި ކާއިނާތު ފުރާފުރިހަމަ ކޮށްދެއްވާނީ އެކަލޭގެފާނެވެ. އަހަރެމެންގެ ތެރެއިން މަންދޫބުންގެ ގޮތުގައާއި، ނަބީންގެ ގޮތުގައާއި، ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅުކުރާ މީހުންގެ ގޮތުގައާއި، ދީނީ އިރުޝާދުވެރިންނާއި އަދި އެދުރުންގެ ގޮތުގައި އަލްމަސީޙު ބައެއް ފަރާތްތައް ޚިޔާރު ކުރެއްވިއެވެ. އެހެންވީމާ، މުޤައްދަސް ކުރެވިގެން މިވާ ފަރާތްތަކުން ދަސްކޮށްދޭންވީ މާތްރަސްކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރުމަށެވެ. އަދި އެކަލޭގެފާނުގެ ހަށިގަނޑު ކަމުގައިވާ މަސީޙީ ޖަމާޢަތް ވަރުގަދައަށް ހެދި ބޮޑުވާނޭ ގޮތުންނެވެ. އަހަރެމެން އެންމެން އީމާންތެރިކަމުގެ ތެރޭގައި އެއްބައިވަންތަވެ، މާތްރަސްކަލާނގެ ދަރިކަލުންނާއި މެދު އަހަރެމެންނަށް ދޭހަވުމަށް ދާންދެން މިކަންތައްތައް ކުރިއަށް ދާނެއެވެ. އޭރުން އަހަރެމެން ތަސައްރަފު ފުދިގެންވާނީ އަލްމަސީޙު އާއި އެއްފަދައިންނެވެ. އޭރުން އަހަރެމެން އެކަލޭގެފާނު ފަދައިން ފުރިހަމަ ވެގެންވާނެ ވެސް މެއެވެ. އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ. އޭގެބަދަލުގައި ތެދުބަހުން ވާހަކަ ދައްކައި އެކަކު އަނެކަކާ މެދު ލޮބުވެތި ގޮތުގައިވާނެއެވެ. އޭރުން އަހަރެމެން ހެދި ބޮޑެތިވަމުންދާނީ އަލްމަސީޙު އާއި އެއްފަދައިންނެވެ. އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެއީ އެކަލޭގެފާނުގެ ބޮލާއި ހަށިގަނޑު ފަދައިންނެވެ. މި ހަށިގަނޑު އެކަލޭގެފާނު ގުޅުވައި ހިފެހެއްޓެވީ ފުރިހަމަ ގޮތުގައެވެ. އެއިން ކޮންމެ ގުނަވަނެއް އެ ގުނަވަނަކަށް ޚާއްސަ ކުރެވިފައިވާ މަސައްކަތެއް ކުރުމުން އެހެނިހެން ގުނަވަންތައް ހެދި ބޮޑެތިވުމަށް އެހީތެރި ވެދެއެވެ. އެހެންވީމާ، މުޅިހަށިގަނޑު ދުޅަހެޔޮ ކަމާއެކު ހެދިބޮޑުވެގެން ދަނީ ފުރިހަމަ ލޯތްބާއި އެކުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެބައިމީހުންގެ ވިސްނުން ވަނީ މުޅިން އަނދިރިވެފައެވެ. އެހެނީ އެބައިމީހުންގެ ގޮތްދޫނުކުރުމާއި ޖާހިލުކަމުގެ ސަބަބުން މާތްރަސްކަލާނގެ އެބައިމީހުންނަށް ދެއްވާ ޙަޔާތު އެބައިމީހުންނަށް ވަނީ ގެއްލެނި ވެގެންނެވެ. ހަމައެހެންމެ ހެޔޮ ގޮތަކީ ކޮބައިކަން އެބައިމީހުންގެ އިޙުސާސްތަކުގައި ނުވޭމެއެވެ. އަދި އެބައިމީހުން ވަނީ އިންތިހާއަށް ދަހިވެތިވެގެންނެވެ. ހަމައެހެންމެ، އެބައިމީހުންގެ ވަގުތުތައް ހޭދަކުރަނީ އެބައިމީހުންގެ ޖިސްމުތަކުން އެންމެހާ މުޑުދާރު އަމަލުތައް ކުރުމުގައެވެ. ހަމަ ޔަޤީނުންވެސް އަލްމަސީޙާއިމެދު ތިޔަބައިމީހުންނަށް އުނގެނިގެންވީ އެފަދަ ކަންތައްތަކެއް ނޫނެވެ. އެކަލޭގެފާނީ ޙައްޤު ތެދުމެއެވެ. އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުން އަޑުއަހާ އުނގެނިގަތީމުއެވެ. ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ. އަދި ތިޔަބައިމީހުންނަށް އުނގަންނައިދީފައި ވާނީ ތިޔަބައިމީހުންގެ ހިތްތައް އާ ހިތްތަކެއްގެ ގޮތުގައި ވުމަށެވެ. އޭރުން ތިޔަބައިމީހުންނީ އާ ބައެއްގެ ގޮތުގައި ލައްވަވައެވެ. އެ އާ އިންސާނާ ވެގެންވަނީ މާތްރަސްކަލާނގެ އާއި އެއްފަދައިންނެވެ. އެހެންވީމާ، އެކަލާނގެ ފަދައިން ތިޔަބައިމީހުންގެ އަމަލުތަކުގައި ސާލިޙުވަންތަކަމާއި އަދި މާތްކަން ހުންނާންވާނެއެވެ. އަހަރެމެން އެންމެތަކުންނީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ. ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ. ވީމާ، ރުޅިވެރިކަމުގައިވެ ޝައިތާނާއަށް އެއްގޮތަކަށްވެސް ފުރުސަތު ނުދޭށެވެ. ތިޔަބައިމީހުންގެ ތެރޭގައި ވައްކަންކުރާ ބަޔަކުވާނަމަ، ވައްކަންކުރުން ހުއްޓައިލާށެވެ. އޭގެބަދަލުގައި ތެދުވެރި ގޮތުގައި މަސައްކަތް ކުރާށެވެ. އޭރުން ބޭނުމެއް ޖެހިފައިވާ ފަރާތްތަކާ މެދު ދީލަތި ވެވޭނެއެވެ. ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ހިތްދަތިކަން ލިބުނަ ނުދޭށެވެ. އެ ރޫޙުފުޅަކީ ތިޔަބައިމީހުން ޤިޔާމަތް ދުވަހުން ފާފަތަކުން މިނިވަން ކޮށް ދެއްވާނެކަމުގެ ޔަގީންކަން ލިއްބައިދޭ ފާހަގައެވެ. ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ. އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.