އެފޭސުސްގެ މަސީޙީންނަށް ސިޓީ. 3. އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ. ތިޔަބައިމީހުންނަށް އެހީތެރިވެދިނުމަށްޓަކައި އަހަރެންގެ މައްޗަށް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެން ޚިޔާރު ކުރެއްވި ގޮތުގެ ވާހަކަ ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުންވެސް އަޑުއަހާފައެވެ. ޙަޤީޤަތުގައި އަހަރެންގެ މި ސިޓީގައި ތިޔަބައިމީހުންނަށް ބުނެދީފައިވާނީ މާތްރަސްކަލާނގެ އެކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭއްވެވުމާއިމެދު އަހަރެންނަށް ދައްކުވައި ދެއްވި ގޮތުގެ ވަރަށް މަދު މިންވަރެކެވެ. ތިޔަބައިމީހުން މި ސިޓީ ކިޔަމުންދާހިނދު ތިޔަބައިމީހުންނަށް އެނގިގެންދާނީ އަލްމަސީޙާ ބެހޭ އޮޅުންނުފިލާ ސިއްރު އަހަރެންނަށް ދޭހަވެފައިވާ މިންވަރެވެ. މާޒީގައި ވީ ޖީލުތަކަށް މިސިއްރު މާތްރަސްކަލާނގެ ހާމަ ނުކުރައްވައެވެ. ނަމަވެސް މިއަދު އެކަލާނގެ މާތްރޫޙުފުޅު މެދުވެރި ކުރައްވާ އެކަލާނގެ މަންދޫބުންނާއި ނަބީންނަށް މި ސިއްރު ހާމަކޮށްދެއްވިއެވެ. އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ. ވުމާއެކު، މާތްރަސްކަލާނގެ ގަދަބާރުފުޅާއެކު މި ހެޔޮޚަބަރުފުޅުގެ ޚާދިމެއްގެ ގޮތުގައި ވުމުގެ ޚާއްސަ ހަދިޔާ އެކަލާނގެ އަހަރެންނަށް ދެއްވިއެވެ. މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކުގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ. އަދި މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވީ ރޭއްވެވުން ފުރިހަމަ ވެފައި ވަނީ ކޮންގޮތަކަށްތޯ މީސްތަކުންނަށް ދައްކައި ދިނުމަށެވެ. މާތްރަސްކަލާނގެއީ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ފަރާތެވެ. މާޒީވެ ދިޔަ ޒަމާންތަކުގައި އެކަލާނގެ ވަންހަނާ ކުރެއްވި ސިއްރު ވަނީ ހިފަހައްޓަވާފައެވެ. މި އުސޫލުގެ މަތިން މި ޒަމާނުގައި މަސީޙީ ޖަމާޢަތުގެ މެދުވެރި ކުރެއްވުމާއި، އުޑުތަކުގައިވާ ރޫޙާނީ އިސްވެރިންނާއި ބާރުވެރިންނަށް ވަނީ އެކަލާނގެ ތަފާތު ޙިކުމަތްތެރިކަން އެނގިފައެވެ. މި ހުރިހާ ކަމެއް މާތްރަސްކަލާނގެ ކުރެއްވީ އެކަލާނގެ ނިމުމެއް ނުވާ މަގުސަދަށްޓަކައެވެ. އަދި މިހުރިހާ ކަންތައްތަކެއް އެކަލާނގެ ޙާސިލުކުރެއްވީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައެވެ. އަލްމަސީޙު އަހަރެމެންނަށް ހިތްވަރާ އިތުބާރު ދެއްވައެވެ. އެހެންވީމާ، އީމާންތެރިކަމާއެކުގައި އަހަރެމެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވެވޭނެއެވެ. ތިޔަބައިމީހުން ހިތްވަރު ދެރަނުކުރުމަށް އާދޭސްކޮށްފައި އަހަރެން އެދޭ ސަބަބަކީ އަހަރެން ވޭން ތަޙައްމަލު ކުރަމުން މިގެންދަނީ ތިޔަބައިމީހުންގެ މަންފާއަށް ކަމުގައިވާތީއެވެ. މާތްރަސްކަލާނގެ ޙިކުމަތްވަންތަކަމާ އަދި އެކަލާނގެ ރޭއްވެވުމުގެ ކުޅަދުންވަންތަކަމާ މެދު އަހަރެން ވިސްނާހިނދު އަހަރެން ކަކޫމައްޗަށް ތިރިވެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއަށް ދުޢާ ދަންނަވަމެވެ. މި ދުނިޔޭގައްޔާއި އަދި އުޑުގައި ވީ އެންމެހައި ފަރާތްތަކަށް ދިރުންލިބިގެންވަނީ އެކަލާނގެ ކިބަފުޅުންނެވެ. އެކަލާނގެ ނޫރުފުޅުގެ މުއްސަނދިކަމުން ތިޔަބައިމީހުންގެ ހިތްތައް އެކަލާނގެ ރޫޙުފުޅުގެ ބާރުން ވަރުގަދަ ކޮށްދެއްވުމަށް އެދި އަހަރެން ދުޢާ ދަންނަވަމެވެ. އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުން ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު ވުމަށެވެ. އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ކިބައިގައި ލޯބި މޫލައި އަށަގެންފައި ވުމެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި އެންމެހައި ފަރާތްތަކަށް އެ ލޯތްބަކީ ކިހާ ފުޅާ ކިހާ ދިގު ކިހާ އުސް އަދި ކިހާ ފުން އެއްޗެއްކަން އެނގޭނެ ފަދަ ބާރުފުޅެއް ދެއްވުމަށްވެސް އެދި ދަންނަވަމެވެ. އަހަރެންގެ އެދުމަކީ އަލްމަސީޙުގެ ލޯބި ތިޔަބައިމީހުން ތަޖުރިބާ ކުރުމެވެ. އެއީ އެ އަޖައިބެއް ފަދަ ލޯބި މިންކުރުމަކީ ނުވެސް ވާވަރުގެ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުން މާތްރަސްކަލާނގެ އެކަލާނގެ ފިތުރަތާއި އެއްގޮތްވާ ގޮތުގެ މަތިން ފުރާފުރިހަމަ ކޮށްދެއްވާނެއެވެ. މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށްވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ. މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙު އާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން.