އެފޭސުސްގެ މަސީޙީންނަށް ފޮނުވުނު ސިޓީ. 1. މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި އެންމެތަކުންނަށެވެ. އެ އެންމެތަކުންނީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަންމަތީވާ ފަރާތްތައްވެސް މެއެވެ. މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބު އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާނެތެވެ. އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެންވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ. ދުނިޔެ އުފެއްދެވުމުގެ ކުރިން މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައިވުމަށެވެ. އެއީ އަހަރެމެން ބަދުނާމުތަކުން އެއްކިބާކުރުވާ މާތް ކުރެއްވުމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންނެވުމުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރި ކުރައްވާ އަހަރެމެން ވަނީ އެކަލާނގެ ދަރިންގެގޮތުގައި ޚިޔާރު ކުރައްވާފައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އަދި އުފާފުޅުވެވޮޑިގަންނަވާ ގޮތުގެ މަތިންނެވެ. އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ. އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ. އެއީ އެކަލާނގެ އަހަރެމެންގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާ މިންވަރު ދެއްކެވުމަށެވެ. އެކަލާނގެ ޙިކުމަތްވަންތަކަމާއި ދެނެވޮޑިގަތުމުގެ މަތިވެރިކަމާއެ! މާތްރަސްކަލާނގެ އެކަލާނގެ މަގުސަދުގެ ސިއްރު އަހަރެމެންނަށް ދައްކުވައި ދެއްވައިފިއެވެ. މިއީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތްވެސް މެއެވެ. އަދި މި ކަންތައްތައް އެކަލާނގެ ރާއްވަވާފައި ވަނީ އަލްމަސީޙު މެދުވެރި ކުރައްވައެވެ. އެކަލާނގެ ލަނޑުދަނޑި އަކީ އެދެވޭ ވަގުތު ޖެހުމުން އެކަލާނގެ ނިންމަވާފައިވާ ގޮތަށް އަމަލު ކުރެއްވުމެވެ. އަދި އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް އެންމެ ފަރާތެއްގެ ބާރުގެ ދަށަށް ގެނުވުމެވެ. އެއީ އަލްމަސީޙު އެވެ. އަލްމަސީޙު އާއި އަހަރެމެން ގުޅިފައިވަމުން އަހަރެމެންނަށް މާތްކަލާނގެ ވަނީ ތަރިކައެއް ދެއްވާފައެވެ. އެކަލާނގެ ވަނީ މާކުރީގައިވެސް އަހަރެމެން އިޚްތިޔާރު ކުރައްވާފައެވެ. އެކަލާނގެ ހުރިހާ ކަމެއް ކުރައްވަނީ އެކަލާނގެ ރޭއްވެވުންފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުގެ މަތިން އަހަރެމެން، ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނީ އެންމެ ފުރަތަމަ އަލްމަސީޙާއި މެދުގައި އުންމީދު ކުރި މީހުންނެވެ. އަދި އަހަރެމެން ޚިޔާރު ކުރެވިގެންވީ މާތްރަސްކަލާނގެ މަތިވެރި ކަމާމެދު ޙަމްދު ތަޢުރީފު ކުރުމުގައި ވުމަށެވެ. މިހިނދު ތިޔަބައިމީހުންނަށް މާތްކަލާނގެ ތިޔަބައިމީހުން ވެސް ދިންނަވާކަމުގެ ހެޔޮޚަބަރުފުޅު ވަނީ އިވިފައެވެ. ތިޔަބައިމީހުން އީސާގެފާނަށް އީމާންވުމުން ތިޔަބައިމީހުންނަށް ކުރީއްސުރެން ވަޢުދު ކުރައްވާފައިވާ ފަދައިން މާތްކަލާނގެ އަމިއްލަބަޔަކަށް ވެއްޖެކަން އަންގައިދިނުމަށް މާތްރޫޙުފުޅުން ވަނީ ތިޔަބައިމީހުގެ ގައިގައި ފާހަގަ ޖައްސަވާފައެވެ. މި މާތްރޫޙުފުޅަކީ އެކަލާނގެ އަގުދައްކަވައި ބައްލަވައިގެންފައިވާ އެކަލާނގެ ދަރިންނަށް ދެއްވަން ވަޢުދުވެ ވޮޑިގެންނެވި ތަކެތި ދެއްވާނެކަމުގެ ބަޔާނާއެވެ. އެއީ އެކަލާނގެއަށް މަތިވެރި ކަމާމެދު ހަމްދު ތާރީފު ލިބިވޮޑިގަންނަވާނެ ފަދައިން ވުމަށެވެ. ތިޔަބައިމީހުން މާތްސާހިބު އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި އެންމެތަކުންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ. އަދި މާތްސާހިބު އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ. ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މާތްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ. އަދި އަހަރެމެން ފަދައިން އެކަލާނގެ ކިބަފުޅަށް އީމާންވާ ފަރާތްތަކަށް އެކަލާނގެ ދެއްވާ މަތިވެރި ބާރު ތިޔަބައިމީހުން އުނގެނިގަތުމަށް ވެސް އަހަރެން ދުޢާ ދަންނަވަމެވެ. މިބާރު އަހަރެމެންގެ ތެރޭގައި މަސައްކަތް ކުރަމުންދަނީ އެކަލާނގެ އިލާހުވަންތަކަމުގެ ކުޅަދުންވަންތަ ކަމާއި އެއްފަދައިންނެވެ. އެއީ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރުއްވި ހިނދު އެކަލާނގެ ބޭނުން ކުރެއްވި ކުޅަދުންވަންތަ ކަމެވެ. އަދި އެކަލޭގެފާނު އުޑަށް އުފުއްލެވުނު ހިނދު އެކަލާނގެ ކަނާތްޕުޅު ފަރާތުގައި އާރާއިބާރުވެރި ގޮތުގައި އިންނެވި ފަދައިންނެވެ. އެހެނީ އެންމެހާ ވެރިންގެ މައްޗަށާއި، ބާރާއި ނުފޫޒުވެރި އެންމެތަކުންގެ މައްޗަށާއި އަދި ރަސްރަސްކަލުންގެ މައްޗަށް އަލްމަސީޙު ވެރިކަން ހިންގަވާނީ މި ޒަމާނުގައި އެކަންޏެއްމެ ނޫނެވެ. ނަމަވެސް އަންނާން އޮތް ޒަމާނުގައިވެސް މިފަދައިން ވެރިކަން ހިންގަވާނެއެވެ. އަދި އަލްމަސީޙުގެ ބާރުގެދަށަށް އެންމެހާ ތަކެތި މާތްރަސްކަލާނގެ ލެއްވިއެވެ. ހަމައެހެންމެ މަސީޙީ ޖަމާޢަތަށް ފައިދާ ކުރުވަނިވި އެންމެކަންތައް ހާ ކުރުމުގެ ބާރުތައްވެސް އެކަލާނގެ ވަނީ އެކަލޭގެފާނަށް ދެއްވާފައެވެ. އަދި މަސީޙީ ޖަމާޢަތަކީ އަލްމަސީޙުގެ ހަށިކޮޅެވެ. އަދި މަސީޙީ ޖަމާޢަތް ފުރާފުރިހަމަ ކޮށްދެއްވާނީ އަލްމަސީޙެވެ. އެކަލޭގެފާނީ އެންމެހާ ތަނެއްގައި ވީ އެންމެހާ ތަކެއްޗެއް އެކަލޭގެފާނުގެ ޒާތުފުޅުގައި ފުރާފުރިހަމަ ކޮށްދެއްވާ ފަރާތެވެ.