ގަލާތިޔާގެ މަސީޙީންނަށް ސިޓީ. 6. މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެންވެސް ވަރަށް ބަލައިގެން އުޅޭށެވެ. އެކަކު އަނެކަކަށް ޖެހޭ އުނދަގޫތަކާ ބުރަތަކުގައި އެކަކު އަނެކަކަށް އެހީވާށެވެ. އޭރުން ކަލޭމެންނަށް އަލްމަސީޙުގެ އަމުރުފުޅުތަކަށް އެކިޔަމަން ވެވުނީއެވެ. މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. އެމީހާގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ. އެއީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އަމަލުތަކުގެ މައްޗަށް ޒިންމާ ވާން ޖެހޭނެތީއެވެ. މާތްރަސްކަލާނގެ ބަސްފުޅު ދަސްކޮށްދެވޭ ކޮންމެ ބަޔަކުވެސް އެބަޔަކަށް ކިޔަވާދޭ މީހާގެ ކަންތައްތައް ބަލަހައްޓައި އެހީވާން ޖެހޭނެއެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެއެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީންވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ. ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ. އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެއެވެ. އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ. މަގޭ އަމިއްލަ އަތުން ކަލޭމެންނަށް ސިޓީ ލިޔާއިރު އަހަރެން ލިޔެފައި ހުންނަ ލިޔުމުގެ އަކުރުތައް ބޮޑުކަން ކަލޭމެންނަށް ފާހަގަވާނެއެވެ. ކަލޭމެންނަށް ޚިތާނު ކުރުމަށް މަޖުބޫރުކުރަމުން އެދާ މީހުން އެކަން އެކުރަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި މާ ރަނގަޅުބަޔަކަށް ވުމަށެވެ. އެމީހުން އެކަންތައް ކުރަނީ އަލްމަސީޙު ދެއްކެވި ގޮތަށް ކަންތައް އުގަންނައި ދިނުމުން އެމީހުންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވެ ގަތުމަށެވެ. އަދި ޚިތާނު ކުރެވިފައިވާ މީހުންނަކީ ވެސް ކޮންމެހެން އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއް ވެސް ނޫނެވެ. އެމީހުންގެ ބޭނުމަކީ ކަލޭމެން ލައްވާ އެފަދައިން ކަންތައް ކުރުވުނު ކަމުގެ ވާހަކަ ދައްކައި ބޮޑުކެނޑުމެވެ. އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބު އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ. ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ. މިފަދައިން އުޅޭ އެންމެންނަށް މާތްރަސްކަލާނގެ ދެއްވާ ފުރާނައިގެ ހިތްހަމަޖެހުމާއި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހުއްޓެވެ. އެފަދަ މީހުންނަކީ އަލަށް މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ކަމުގައި ލެއްވި މީހުންނެވެ. އެހެންކަމުން މީގެ ފަހުން އެކަކުވެސް މިބާވަތުގެ ކަންތަކާ މެދު އަހަންނަށް އުނދަގޫކޮށްގެން ނުވާނެއެވެ. އެއީ މިހާރު ވެސް އަހަރެންގެ ގައިގައި އަހަރެންނަކީ އީސާގެފާނުގެ މީހެއްކަން އެނގޭނެ އެތައް އެތައް ލަކުނުތަކެއް އެބަ ހުއްޓެވެ. މަގޭ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ މާތްސާހިބު އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ކަލޭމެންނާއި އެކު ލަހައްޓަވާށިއެވެ. އާމީން.