ގަލާތިޔާގެ މަސީޙީންނަށް ސިޓީ. 3. އޭ މޮޔަ ހޭނުޖެހޭ ގަލާތިޔާގެ މީހުންނެވެ! ކަލޭމެން ތިޔަވަނީ ކާކުގެ ކޮންފަދަ އަވައެއްގަ ޖެހިފައި ހެއްޔެވެ؟ ކުރިން ކަލޭމެންނަށް އީސާގެފާނު ސަލީބުގައި އަވަހާރަވެދިޔަ ސަބަބު ފުރިހަމައަށް ސާބިތުވެ އެނގުނެވެ. އަހަރެން ކަލޭމެން ކުރެން ހަމައެކަނި އެންމެ ސުވާލެއް ކޮށްލަން ބޭނުމެވެ. އެއީ ކަލޭމެންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުނީ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކުރުމުން ނުވަތަ ކަލޭމެންނަށް ދަސްކޮށްދެވުނު ބަސްތައް އަހައި ގަބޫލު ކުރުމުން ހެއްޔެވެ؟ ޝައްކެއް ނެތި ހަމަ ޔަޤީނުން ވެސް ކަލޭމެންނަށް އެމާތްރޫޙުފުޅު ދެއްވީ އީސާގެފާނު ދެއްވި ދިންނެވުމާ ބެހޭ ހެޔޮޚަބަރުފުޅު ކަލޭމެން އަހައި ގަބޫލު ކުރުމުންނެވެ. އަޅެފަހެ ކަލޭމެން މޮޔަވީހެއްޔެވެ؟ މާތްރޫޙުފުޅުގެ ބާރުގައި ކަންކުރަން ފަށާފައި މިހާރު ކަލޭމެން ތިޔައުޅެނީ އަމިއްލަ ބާރުން ހުރިހާކަމެއް ފުރިހަމަޔަށް ކުރެވޭނެ ކަމަށް ހެއްޔެވެ؟ ތިޔައީ ވަރަށް ބޮޑު މޮޔަކަމެކެވެ. މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރުމުގެ ސަބަބުން ކަލޭމެންނަށް އެތައް އަނިޔާއަކާއި އުނދަގުލެއް ލިބިއްޖެއެވެ. އެ ލިބުނު ހުރިހާ އަނިޔާ އަކާއި އުނދަގުލެއް އެއްވެސް މާނައެއް ނެތް ބޭކާރު ކަމަކަށް ހަދަންވީ ހެއްޔެވެ؟ މާތްރަސްކަލާނގެ ކަލޭމެންނަށް މާތްރޫޙުފުޅު ދެއްވާ ކަލޭމެންގެ މެދުގައި މުޢުޖިޒާތްތައް ދައްކަވަނީ ކަލޭމެން މޫސާގެފާނު އެންގެވި ގަވާއިދުތަކަށް ކިޔަމަންވާތީ ހެއްޔެވެ؟ ނުވަތަ އެއީ ކަލޭމެންނަށް އަލްމަސީޙުއާ ބެހޭގޮތުން ބުނެދެވުނު ޚަބަރުތައް އަހައި އެކަން ގަބޫލުކުރުމުގެ ސަބަބުންހެއްޔެވެ؟ އިބްރާހީމްގެފާނާއި މެދު ވެސް ކަންތައްވީ ހަމަ މިފަދައިން ކަމުގައި ލިޔެވިގެންވެއެވެ. ”އިބްރާހީމްގެފާނު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. ދެން މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙުންގެ ތެރޭގައި ހިމެނުއްވިއެވެ.“ އެހެން ކަމުން ކަލޭމެންނަށް ވެސް އެނގެންޖެހޭނެއެވެ. އިބްރާހީމްގެފާނުގެ އަސްލު ދަރިންނަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ މީހުންނެވެ. އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެންވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ހަޒްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.“ މީގެ މާނައަކީ އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވުމުން ދެއްވި ފަދަ ރަޙުމަތެއް އަލްމަސީޙުއަށް އީމާންވި ކޮންމެ މީހަކަށް ވެސް ހަމަ ލިބޭނެ ކަމެވެ. ނަމަވެސް ރަނގަޅު މީހަކަށްވެ، އަދި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހޯދުމަށްޓަކައި އަމުރުފުޅުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ކަންތައްކުރާ މީހަކަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެއީ ލިޔެވިގެންވަނީ މިފަދައިންނެވެ. ”ލިޔެވިގެންވަންޏާ ވާހައި ގަވާއިދަކަށް ކިޔަމަންނުވެވޭ ކޮންމެ މީހަކަށް މާތްރަސްކަލާނގެ ވަނީ ލަޢުނަތް ލައްވާފައެވެ.“ މިހެންކަމުން އެނގި ހާމަވަނީ އެއްވެސް މީހަކަށް އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ކުރިފުޅުމަތީ ރަނގަޅު މީހަކަށް ނުވެވޭނެކަމެވެ. އެއީ ލިޔެވިގެން ވެއެވެ. ”ދިރިތިބޭނީ ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާން ވުމުގެ ސަބަބުން އެކަލާނގެ ރުއްސެވުން ލިބޭ މީހުންނެވެ.“ ނަމަވެސް އަމުރުފުޅުތަކާއި ގަވާއިދު ބިނާވެފައި ވަނީ އިތުބާރާއި އީމާނުގެ މައްޗަކަށް ނޫނެވެ. އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން ރުއްސެވުން ލިބި ދިރިހުންނާނެ މީހަކަށް އެކަން ލިބޭނީ އެ އަމުރުފުޅުތަކާއި ގަވާއިދުތަކުގައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ކިޔަމަން ވެގެންނެވެ. އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.“ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ. މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން މިބުނި އެއްޗެއްގެ މާނަ ދެނެގަތުމަށް މިފަދަ އާދައިގެ މިސާލަކާ މެދު ވިސްނާ ބަލާށެވެ. މިސާލަކަށް ދެމީހެއްގެ ދެމެދުގައި އެއްބަސްވުމުގެ ގޮތުން ލިޔެވިފައިވާ ޢަހުދުނާމާއެއް އެހެން އެކަކަށްވެސް އެއަށް ބަދަލު ގެނެސް ބާތިލު ކޮށް ހެދިދާނެ ހެއްޔެވެ؟ މާތްރަސްކަލާނގެ އެވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”ދަރިކޮޅުގެ މީހާ“ އަށެވެ. ”ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ. އަހަރެން މިބުނާ އެއްޗަކީ މޫސާގެފާނު ވަޑައިގެންނެވުމުގެ ހަތަރުސަތޭކަ ތިރީސް އަހަރު ކުރިން އިބްރާހީމްގެފާނާއި މާތްރަސްކަލާނގެ އާދެމެދު ކުރެއްވި ޢަހުދުނާމާއެއް، މޫސާގެފާނު ގެންނެވި އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން ބަދަލުކޮށް އުވައެއް ނުލެވޭނެއޭ، މިހެންނެވެ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވުމަށް ވަޢުދުފުޅު ކުރެއްވި މަތިވެރި ރަޙުމަތްފުޅު، އަމުރުފުޅުތަކާއި ގަވާއިދުތައް މެދުވެރިކޮށް އަހަރެމެންނަށް ލިބޭނެ ނަމަ، ދެން ކޮންމެހެން އެވަޢުދުފުޅު ކުރެއްވުމުގެ ބޭނުމެއް ނުވޭ ނޫންތޯއެވެ؟ ނަމަވެސް މާތްރަސްކަލާނގެ އެރަޙުމަތްފުޅު އިބްރާހީމްގެފާނަށް ދެއްވީ އެކަލާނގެ އެކުރެއްވި ވަޢުދުފުޅުންނެވެ. ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ. މެދުވެރިއަކު ބޭނުންވަނީ ދެމީހެއްގެ ދެމެދުގައި އެއްބަސް ވުމެއް ވެވޭ ނަމައެވެ. ނަމަވެސް އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު ކުރެއްވީ ސީދާ މާތްރަސްކަލާނގެއެވެ. މީގެ މާނައަކީ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކާއި ގަވާއިދުތައް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅާއި ފުށުއަރައޭ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް ދިރުންލިބޭނޭ ގަވާއިދެއް ވާނަމަ އެ ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބުނީހެވެ. ނަމަވެސް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެންވަނީ ހުރިހާ އެންމެންވެސް ވަނީ ފާފައިގެ ބާރުގެ ދަށުވެފައި ކަމުގައެވެ. އެހެން ކަމުން މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ރަޙުމަތްފުޅު ލިބޭނީ ހަމައެކަނި އީސާ އަލްމަސީޙުއަށް އީމާންވާ މީހުންނަށް ކަމަށެވެ. އީސާގެފާނު މެދުވެރިކުރައްވައި މާތްރަސްކަލާނގެ ރުއްސެވުން ލިބޭނެ މަގު ހާމަވުމުގެ ކުރިން އަހަރެމެން ތިބީ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި ހައްޔަރުވެ މިނިވަންކަމެއް ނެތިއެވެ. އެހެންގޮތަކަށް ބުނާނަމަ އެ އަމުރުފުޅުތަކަކީ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވަންދެން އަހަރެމެންގެ ބަލަދުވެރިއެއްގެ ގޮތުގައި ވީ ފަރާތެވެ. އެއީ އީސާގެފާނަށް އީމާންވުމުގެ ސަބަބުން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބި މިނިވަން ވާނެގޮތް ފަހި ކުރެއްވުމަށެވެ. ނަމަވެސް މިހާރު އީސާގެފާނަށް އީމާންވުމުން އަހަރެމެން އެއަމުރުފުޅުތަކުގެ ބަލަދުވެރިކަމުގެ ދަށުގައި ތިބުމުގެ ބޭނުމެއް ނެތެވެ. އީސާގެފާނަށް އީމާންވުމުގެ ސަބަބުން މިހާރު ކަލޭމެން އެންމެންނަކީ ވެސް މާތްރަސްކަލާނގެ ދަރިންނެވެ. ކަލޭމެން ތައުބާގެ ހިނެވުމުން ހިނައިގަތް ހިނދު، ގައިގައި ލީ ހެދުމެއް ފަދައިން، ކަލޭމެންގެ ގައިގައި ވެސް އީސާގެފާނު ހެދުމެއް ފަދައިން ލެވިގެން ދިޔައެވެ. ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ. ވީމާ ކަލޭމެންނަކީ އީސާގެފާނުގެ ބަޔަކަށް ވާނަމަ ކަލޭމެން ތިޔައީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ކަލޭމެންނަކީ އެކަލޭގެފާނުގެ ތަރިކައިގެ މިލްކުވެރިންނެވެ. ވީމާ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅަކީ ކަލޭމެންނަށް ވެސް ކުރެއްވި ވަޢުދުފުޅެކެވެ.