ގަލާތިޔާގެ މަސީޙީންނަށް ސިޓީ. 2. ސާދަ އަހަރަށް ފަހު އަނެއްކާވެސް އަހަރެން އެނބުރި ބަރުނައްބާސްއާއި އެކު ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭރު އަހަރެންނާއި އެކު ތީތުސް ވެސް ގެންދިޔައީމެވެ. އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ހިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ. އަދި އަހަރެންނާއި އެކުގައިވާ ތީތުސް އަކީ ގުރީކު މީހެއް ކަމަށް ވީނަމަވެސް އޭނާ ޚިތާނު ކުރުމަށް އެމީހުން ގަދައަޅާ މަޖުބޫރެއް ނުކުރެއެވެ. އަދި ކީތް ހެއްޔެވެ؟ އެތާ އަހަރެމެންގެ ތެރޭގައި ތިބި ވަކި ބަޔަކު އެކަމާއި ގަދައަޅާ ވާހަކަ ނުދެއްކިނަމަ އެވާހަކަ ނުވެސް ދެއްކުނީހެވެ. އެމީހުންނަކީ އީސާގެފާނަށް އީމާންވެގެން ތިބި ކަމަށް ހެދިގެން އަހަރެމެންނަށް ފާރަލުމަށް އުޅުނު ބަޔެކެވެ. އެމީހުންގެ ބޭނުމަކީ އީސާ އަލްމަސީޙުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ މިނިވަންކަން އަހަރެމެން އަތުން އަތުލައި އަހަރެމެން ދީނުގެ ގަވާއިދުތަކުގެ އަޅުންނަށް ހެދުމެވެ. އަހަރެމެން އެންމެ ހިނދުކޮޅަކަށްވެސް އެމީހުން އެބުނާ އެއްޗަކާ އެއްބަހެއް ނުވަމެވެ. އެއީ އަހަރެން ބޭނުން ވަނީ ތެދު ހެޔޮޚަބަރުފުޅު އޭގެ ފުރިހަމަގޮތުގައި ކަލޭމެންނަށް ލިބިފައިވުމަށް ކަމަށް ވާތީއެވެ. އީސާގެފާނުގެ ޖަމާޢަތުގެ މުހިންމު ބޮޑުންގެ ތެރެއިން އެކަކުވެސް އަހަރެން އަންގާދެމުން ދިޔަ ދިންނެވުމުގެ އުފާވެރި ޚަބަރަށް ގޮތްކިޔައި އެޔަށް އިތުރު ކުރަންވީ އެއްވެސް ނުކުތާއެއް ނުބުނެވެ. އަދި އެމީހުންނަކީ މުހިންމު ބޮޑުންނަށް ވިޔަސް އެއަކީ އަހަރެންނަކަށް މާ މުހިންމު ކަމެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެންވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ވެގެންވާތީއެވެ. އެހެންނަމަވެސް މިބޮޑުން ވެސް އެއްބަސްވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް މާތްރަސްކަލާނގެ ހޮއްވަވާފައި ވަނީ އަހަރެން ކަމުގައެވެ. އެއީ ޕަތަރަސް ވެސް ބަނީއިސްރާއީލު މީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރު ދިނުމަށް އެކަލާނގެ ހޮއްވެވި ފަދައިންނެވެ. ބަނީއިސްރާއީލު މީހުން ނޫން މީހުންގެ މައްޗަށް މަންދޫބެއް ކަމުގައި އަހަރެން ލެއްވީ މާތްރަސްކަލާނގެ މަތިވެރި ބާރުފުޅުންނެވެ. އެއީ ބަނީއިސްރާއީލު މައްޗަށް މަންދޫބެއްގެ ގޮތުގައި އެކަލާނގެ ޕަތަރަސް ލެއްވި ފަދައިންނެވެ. އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ. އެމީހުން އެދުނީ އެމީހުން ފަޤީރުންނަށް އެހީވާ ފަދައިން އަހަރެމެން ވެސް ފަޤީރުންނަށް އެހީވުމަށެވެ. އެކަންތައް އެފަދައިން ކުރުމަށް އަހަރެންވެސް ހުރީ އެދިގެންނެވެ. ނަމަވެސް ޕަތަރަސް އަންތީޔޮކުއަށް އައުމުން އަހަރެން ފާޅުގައި އޭނާއާއި ދެކޮޅުވީމެވެ. އެއީ އޭނާ ކަންތައް ކުރީ މުޅީން ގޯސްކޮށް ކަމުގައި ވީތީއެވެ. ޔާމިޒު ފޮނުވައިގެން އެރަށަށް އައި މީހުން އައުމުގެ ކުރިން ޕަތަރަސް ބަނީއިސްރާއީލު މީހުން ނޫން މީހުންނާއިއެކު އެއްސުފުރާމަތީ ކައި އުޅުނެވެ. ނަމަވެސް ހަމަ މިމީހުން އައުމާއިކު އޭނާ އެފަދައިން ކަންކުރުން ހުއްޓާލިއެވެ. އެއީ މިޤަވާއިދު ބޮޑު ޚިތާނު ކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދުށް މީހުންދެކެ ޕަތަރަސް ބިރުގަނެ އެމީހުން ބުނެފާނެ އެއްޗަކާއިމެދު ޖެހިލުން ވީތީއެވެ. ދެން އީސާގެފާނަށް އީމާންވާ ބަނީއިސްރާއީލުގެ އެހެން މީހުންވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރަން ފެށިއެވެ. އަދި ބަރުނައްބާސް ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރިއެވެ. ދެން އެބައިމީހުން އެހެން ކަންތައް ކުރަން ފެށުމުން އެންމެންގެ ކުރިމަތީގައި އަހަރެން ޕަތަރަސްއާއި ދިމާލަށް މިފަދައިން ބުނީމެވެ. ”ކަލޭ ތިއީ ބަނީއިސްރާއީލު މީހެއް ނަމަވެސް ބަނީއިސްރާއީލު ދީނުގެ ގަވާއިދުތަކަށް ކަންތައްކުރާކަށް ކަލެއަކަށް ނުޖެހޭ، ކަލޭ ތިޔަވަނީ އެޤަވާއިދުތަކުން މިންޖުވެފަ. ވީއިރު މިމީހުންނީ ބަނީއިސްރާއީލު ބަޔަކަށް ނުވާހިނދުމެ ކަލޭ ދޫކޮށްލާފައިވާ ގަވާއިދުތަކަށް އެމީހުންލައްވާ ކަންތައް ކުރުވަން ތިޔައުޅެނީ ކީއްވެ؟ އަހަރެންނާއި ކަލެއާ މިއީ ބަނީއިސްރާއީލު މީހުން. އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެތިބި މީހުންނަށް އެނގޭ، އަހަރެމެންނަށް ދިންނެވުން ލިބިފައިމިވަނީ އަހަރެމެން އަމުރުފުޅުތަކާއި ގަވާއިދާ އެއްގޮތަށް ކަންތައް ކުރާތީއެއް ނޫންކަން. އަހަރެމެން ދިންނެވިފައި މިވަނީ އީސާގެފާނު ގަބޫލުކޮށް އީމާންވުމުގެ ސަބަބުން. އެހެނީ އެއްވެސް މީހަކަށް އެމީހަކު ކުރާކަންތައް ތަކެއްގެ ސަބަބަކުން މާތްރަސްކަލާނގެ ރުއްސެވުމެއް ނުހޯދޭނެ. އަހަރެމެން އީސާގެފާނަށް އީމާންވެ މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައްކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނެކޭ އެއްފަދައިން އަހަރެމެންނަކީ ވެސް ހަމަ ފާފަވެރިންކަން އެނގޭ. މީގެ މާނައަކީ އީސާގެފާނު އަހަރެމެންނަށް ދެއްކެވީ ފާފައިގެ މަގެކޭތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން އަމިއްލައަށް ނައްތާލި ގަވާއިދުތައް އަހަރެން އަލުން އާކޮށް އެއަށް ކިޔަމަން ވާން ފަށައިފިނަމަ އޭގެ މާނައަކީ އަހަރެން މިއީ ކުށްވެރިއެކޭ. އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތިންނަމަ އަހަރެން މިވަނީ މަރުވެފައި. އަހަރެން އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތީގައި މަރުވެ މިހިރީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގެ މަތީގައި ދިރިހުރުމަށްޓަކައި. އަހަރެން މިވަނީ އީސާގެފާނާއެކު ސަލީބުގައި މަރާލެވިފައި. މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ރޫޙާނީ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް. މާތްރަސްކަލާނގެ ދެއްވި މަތިވެރި ނިޢުމަތްފުޅަކާ އަހަރެން ދެކޮޅެއް ނަހަދާނަން. އެގޮތަކީ މީހަކު ދީނީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ސަބަބުން އެމީހަކީ ރަނގަޅު މީހަކަށްވެ ދިންނެވުން ލިބޭނެ ކަމަށްވަންޏާ ދެން އީސާގެފާނު އަވަހާރަވެ ވަޑައިގަތުމަކީ އެއްވެސް މާނައެއްނެތް ކަމެއް.“