ގަލާތިޔާގެ މަސީޙީންނަށް ފޮނުވުނު ސިޓީ. 1. މިއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕައުލްގެ ފަރާތުން ފޮނުވޭ ސިޓީއެކެވެ. އަހަރެން މި ކަމަށް ހޮވާފައި ވަނީ އިންސާނަކު ނޫނެވެ. އަހަރެން ހޮއްވަވާ ކަނޑައެޅުއްވީ ޚުދު އީސާ އަލްމަސީޙު އާއި އެކަލޭގެފާނު އަވަހާރަވުމަށް ފަހު، އަލުން ދިރުއްވި ބައްޕާފުޅު، މަތިވެރި މާތްރަސްކަލާނގެއެވެ. މިސިޓީ މިފޮނުވަނީ އަހަރެން ޕައުލްގެ ފަރާތުންނާއި އަދި އަހަރެންނާއި އެކުގައިވާ އީސާގެފާނަށް އީމާންވެތިބި އެންމެންގެ ފަރާތުންނެވެ. ގަލާތިޔާގެ އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ޖަމާޢަތަށް ވެދުން ސަލާމް ފޮނުވާ ލިޔަމެވެ. އަހަރެމެންގެ ބައްޕާފުޅު މަތިވެރި މާތްރަސްކަލާނގެއާއި މާތްސާހިބު އީސާ އަލްމަސީޙު ކަލޭމެންނަށް ނިޢުމަތް ދެއްވައި ހިތްހަމަ ޖެހުން ދެއްވާށިއެވެ. އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ. ހަމަކަށަވަރުންވެސް މަތިވެރިކަމާއި ކީރިތިކަން އަބަދުގެ އަބަދަށްމެ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށެވެ. އާމީން. މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅާއި ލޯބިފުޅުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރިކުރައްވާ އެކަލާނގެ ކަލޭމެން ދިންނެވިއެވެ. ނަމަވެސް އެދިންނެވުން ދެއްވި ފަރާތް ތިޔަހާއަވަހަށް ހަނދާންނެތި އެދިންނެވުމާއި ދެކޮޅުވެ ކަލޭމެން އެހެން މަގަކަށް އެނބުރުނީތީ އަހަރެން ހަމަ ހައިރާންވެއްޖައީމެވެ. ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ. ކަލޭމެންނަށް އަހަރެމެން އަންގައިދިން އީސާގެފާނުގެ ހެޔޮޚަބަރުފުޅު ފިޔަވާ އެހެން މަގެއް ދައްކަން އަހަރެމެން ނުވަތަ މަލާއިކަތަކު ނަމަވެސް އުޅެފި ނަމަ އެބަޔަކަށް މާތްރަސްކަލާނގެ ކޯފާލައްވާ ފާހުށި. އަހަރެން މިބަސް ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން ގަބޫލުކުރި ޚަބަރުފުޅު ފިޔަވާ އެހެން އެއްވެސް މަގެއް ކަލޭމެންނަށް ދައްކަން އުޅެފި މީހަކަށް މާތްރަސްކަލާނގެ އެކަމުގެ ސަޒާ ނަރަކައިގައި ދެއްވާފާ ހުއްޓެވެ. އަހަރެންގެ އެދުމަކީ މީހުން އަހަރެންނަށް ރުހި ގަބޫލުވުމެއް ނޫނެވެ. އަހަރެން ބޭނުމީ މާތްރަސްކަލާނގެ ރުއްސެވުމެވެ. އަހަރެން މިއުޅެނީ މީހުންގެ ތާއީދު ހޯދަން ހެން ކަލޭމެންނަށް ހީވޭހެއްޔެވެ؟ ނޫނެކެވެ. މީހުންގެ ތާއީދު ހޯދަން އެދޭނަމަ ހަމަ ގައިމުވެސް އަހަރެން އީސާ އަލްމަސީޙުގެ ޚާދިމަކަށް ނުވީމުހެވެ. އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން ކަލޭމެންނަށް އަންގައިދިން ހެޔޮޚަބަރުފުޅަކީ އިންސާނަކު އަމިއްލައަށް ހަދައިގެން ދިން ޚަބަރެއް ނޫނެވެ. ފުރިހަމަ ޔަޤީން ކަމާއި އެކު އަހަރެން މިބުނަނީ ދެތުކަން ކަލޭމެންނަށް ކަށަވަރު ކޮށްދެމެވެ. އެޚަބަރަކީ އެއްވެސް އިންސާނަކު އަހަރެންނަށް ދިން ޚަބަރެއްވެސް ނޫނެވެ. އަދި އެއަކީ އަހަރެން އެހެން އިންސާނެއްގެ ކިބައިން ދަސްކޮށްގެން އައިސް ކަލޭމެންނަށް ކިޔާދިން ވާހަކަތަކެއްވެސް ނޫންމެއެވެ. އެއުފާވެރި ދިންނެވުމުގެ ޚަބަރު އަހަރެންނަށް ދައްކަވާ އަންގަވައިދެއްވީ ޚުދު އީސާ އަލްމަސީޙު އެވެ. އަހަރެން ކުރީގައި އުޅުނު ގޮތުގެ ވާހަކަތައް ކަލޭމެން ވާނީ އަހާފައެވެ. އަހަރެން ބަނީއިސްރާއީލު މީހުންގެ ދީނުގައި ހަރުދަނާވެ ހުރި ވަރާއި ބެހޭގޮތުންނާއި، އަދި އަހަރެން އީސާގެފާނަށް އީމާންވެގެންވީ އެންމެން ނައްތާލުމަށް، ކުރި ނުބައި އަނިޔާވެރި ކަންތައްތަކުގެ ވާހަކަވެސް ކަލޭމެން ވާނީ އަހާފައެވެ. އަހަރެންގެ އުމުރުގެ މީހުންގެ ތެރެއިން ދީނުގެ ކަންތަކުގައި އަހަރެން ހުރީ މާކުރީގައެވެ. އަދި ކާބަފައިންގެ ފަރާތުން އައިސްފައިވާ ދީނުގެ ގަވާއިދުތަކަށް އެހެންމީހުންނަށް ވުރެވެސް އަހަރެން ކަމޭހިތާ ފަރުވާވެ އުޅުނީމެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެން އުފަންވުމުގެ ކުރީއްސުރެ ރާއްވަވައިފައިވާ ރޭއްވެވުމާއި އެއްގޮތުގެ މަތިން އެކަލާނގެ ކިބަފުޅަށް ޚިދުމަތްކުރުމަށް އަހަރެން ހޮއްވެވިއެވެ. އެއީ އެކަލާނގެ ނިޢުމަތްފުޅުގެ ސަބަބުންނެވެ. އަދި އެކަލާނގެ ދަރިކަލުންއީސާ އަލްމަސީޙު އަހަރެންނަށް ދައްކަވައި ހާމަކުރެއްވުމަށް ވެސް އިރާދަ ކުރެއްވިއެވެ. އެއީ އީސާގެފާނާ ބެހޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް އަހަރެން މެދުވެރިކޮށް އަންގައިދިނުމަށްޓަކައެވެ. އަހަރެން މިކަމާމެދު ވާހަކަދައްކާ ލަފައެއް އަހާކަށް އެއްވެސް މީހެއްގެ ގާތަކަށް ނުދަމެވެ. އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ. އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ. ދެން އިތުރުން އަހަރެން ބައްދަލުކުރި މަންދޫބަކީ އަޅުގަނޑުމެންގެ މާތްސާހިބު އީސާގެފާނުގެ ކޮއްކޯފުޅު ޔާމިޒުއެވެ. އަހަރެން މިލިޔާ ހުރިހާ ވާހަކަތަކަކީ ތެދުކަން މާތްރަސްކަލާނގެ ކުރިފުޅުމަތީ އަހަރެން ޔަޤީން ކޮށްދެމެވެ. ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ. އޭރު އަދި ޖުދެއާ ކަރައިގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން އަހަރެންނެއް ނުދަނެއެވެ. އެމީހުންނަށް އިވިފައި ވަނީ ހަމައެކަނި މީހުން ތުންތުން މަތިން ބުނެފައިވާ މިފަދަ ބަސްތަކެވެ. ”ކުރީގައި އަހަރެމެން މަރާ ނައްތާލުމަށް މަސައްކަތް ކުރި މީހާ މިހާރު އީމާންވެ އޭނާ އޭރު ދެކޮޅުހެދި ދިންނެވުމުގެ ޚަބަރު މީސްތަކުންނަށް އަންގާދެމުން އެބަދޭ.“ ދެން އީސާގެފާނަށް އީމާންވެތިބި ޖަމާޢަތުގެ މީހުން އަހަރެންގެ ސަބަބުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ސަނާކިޔަމުން ދިޔައެވެ.