މަންދޫބުންގެ މަސައްކަތް. 27. ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ. އަހަރެމެން އިޓަލީއަށް ދިއުމަށް ދަތުރު ފެށީ އަދުރަމީތުންގެ އޮޑިއެއްގައެވެ. މި އޮޑި ވަނީ މި ދަތުރުގައި އާސިޔާގެ ތަފާތު ބަނދަރުތަކަށް ދިއުމަށް ވެސް ހަމަޖެހިފައެވެ. އޭރު މެސެޑޯނިޔާގެ ރަށެއް ކަމަށް ވާ ތިސަލޯނިކާގެ އަރިސްތާރުކު އޭ ކިޔުނު މީހަކު ވެސް މި ދަތުރުގައި އެއޮޑިން އަހަރެމެންނާއި އެކު ދިޔައެވެ. އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ. އަހަރެމެން ޞައިދޫނުން ފުރައިގެން ދަތުރު ކުރަމުން ދިޔައީ ސައިޕުރަސްގެ ވައިދަށުން ލާފައެވެ. އެއީ ވައިޖެހެމުން އައީ ކުރިމަތިން ކަމަށް ވީމައެވެ. އަހަރެމެން ކަނޑު ހުރަސްކޮށް ގޮސް ސިލީސިޔާ އާއި ޕަންފީލިޔާގެ ކައިރިން ދަތުރުކޮށް ގޮސް ލެފީ ލީޒިޔާގެ ރަށެއްކަމުގަވީ މީރާ އަށެވެ. ޖޫލިޔުސްއަށް އެ ރަށުގައި އިޓަލީއަށް ފުރާ އިސްކަންދަރިއްޔާގެ އޮޑިއެއް ވާކަން އެނގުމުން އޭނާ އަހަރެމެން އެއޮޑިއަށް ލިޔެވެ. އޮޑި އެތައް ދުވަހެއް ވަންދެން މަޑު ދުވެއްޔެއްގައި ދުއްވާފައި ދިޔައެވެ. އެންމެ ފަހުން ވަރަށް އުނދަގުލުން އަހަރެމެން ކެނީދުސް އޭ ކިޔުނު ރަށާއި ކައިރިވިއެވެ. ނަމަވެސް ކުރިމަތިން އިދިކޮޅަށް ޖެހެމުންދިޔަ ގަދަ ވައިގެ ސަބަބުން ދެން އިތުރަކަށް އަހަރެމެންނަކަށް ކުރިއަކަށް ނުދެވުނެވެ. ދެން އަހަރެމެން ކުރޭތުގެ ވައިދަށުން ސަލްމޯނެއޭ ކިޔުނު މުލީގެ ކައިރިން ލާފައި ދަތުރުކޮށް ދިޔައީމެވެ. އޮޑި ދަތުރު ކުރަމުން ދިޔައީ ފަޅާއި ކައިރިން ލައިގެންނެވެ. ނަމަވެސް އެވަރުން ވެސް ކަނޑު ގަދަވެފައި ދަތުރު ކުރުމަށް ވަރަށް އުނދަގޫވިއެވެ. އެންމެ ފަހުން ދެން ލަސޭއާގެ ތަނެއް ކަމުގައި ވާ ހިތްފަސޭހަ ފަޅޭ ކިޔުނު ފަޅަށް އޮޑި ލެފިއެވެ. އެ ރަށުގެ ބަނދަރުގައި އަހަރެމެން ވަރަށް ގިނަ ދުވަހު ތިބީމެވެ. އެންމެ ފަހުން އެ ރަށުން ފުރަންވި އިރު ޚަރީފު މޫސުން ފެށި ދަތުރު ކުރަން ނުރައްކާ ވަރަށް މޫސުން ވަނީ ގޯސް ވެފައެވެ. އެހެން ކަމުން ޕައުލް އޮޑީގެ އޮފިސަރުންނާ ވާހަކަ ދައްކާ ލަފާދީ ބުންޏެވެ. ”އިއްޒަތްތެރި އޮފިސަރުންނޭ. އަޅުގަނޑަށް ފެންނަ ގޮތުގައި މި ހިސާބުން ދެން ދަތުރައިގެން ކުރިއަށް ދިއުން ރަނގަޅެއް ނޫން. އެއީ އޭރުން އޮޑިއާއި، އޮޑީގައިވާ މުދަލާއި އަދި އަޅުގަނޑުމެން އެންމެންގެ ފުރާނައަށް ވެސް ގެއްލުން ލިބި ދާނެ.“ ނަމަވެސް މި އޮޑީގައި ކުށްވެރިންނާ ހަވާލުވެ ހުންނެވި އޮފިސަރު ޖޫލިއުސް ޕައުލް ބުނި މިބަހާއި އެއްބަސްނުވެ، އެއޮޑީގެ ކެޕްޓަނާއި އަދި އެއޮޑީގެ ވެރިމީހާ ބުނި ބަސް ގަބޫލުކުރިއެވެ. ހިތްފަސޭހަ ފަޅަކީ ފިނިމޫސުން ހޭދަކުރުން ރަނގަޅު ބަނދަރެއް ނޫން ކަމުން އޮޑީގެ ހުރިހާ ފަޅުވެރިން ހެން ވެސް އެއްބަސްވީ އެތަނުން ފުރުމަށެވެ. އެމީހުން ނިންމީ ކުރޭތުގެ ފަޅާއި ކައިރިން ދަތުރުކޮށް ގޮސް އެ ކަރައިގެ ރަށެއް ކަމުގައިވާ ފޭނިކުސްގެ ބަނދަރަށް ދިއުމަށެވެ. އެއީ އެ ބަނދަރަކީ ދެކުނު ހުޅަނގަށް އަދި އުތުރު ހުޅަނގަށް ވާގޮތަށް އޮންނަ ބަނދަރަކަށް ވާތީއެވެ. ދެން ދެކުނުން މަޑު ވަޔެއް ޖެހެން ފެށިއެވެ. އޮޑީގެ ފަޅުވެރިން ހީކުރީ އެމީހުންގެ ނިންމުމާއި އެއްގޮތަށް އެމީހުންނަށް ދަތުރުކޮށްފައި ދެވޭނެ ކަމުގައެވެ. އެހެން ކަމުން އެމީހުން ނަގިލި ނަގާ ފުރައިގެން ކަރަގޮނޑާއި ކައިރިން ލާފައި ދަތުރުކޮށް ދިޔައެވެ. ނަމަވެސް މޫސުން ބަދަލުވިއެވެ. ދެން ކުއްލިއަކަށް ވަރަށް ގަދަ ތޫފާނުގެ ވައި ފަދަ ވަޔެއް ޖެހެން ފެށިއެވެ. (މި ވަޔަށް ކިޔަނީ ހޮނިންމަ ވަޔެވެ.) މި ވައިގެ އޮއޭގައި ޖެހި އޮޑި ދަށްވެގެން މާކަނޑުގެ މެދަށް ގެންދިޔައެވެ. އޮޑި މި ވައިގައި ޖެހި އެ ވަޔާއި އިދިކޮޅަށް އެއްގޮތަކަށް ވެސް އަނބުރާ ހޭރިޔާ ކުރެވޭ ވަރެއް ނުވިއެވެ. އެންމެ ފަހުން ހޭރިޔާ ނުކޮށް އޮޑި ވަޔާއި އެކު ބެހިގެން ދިއުމަށް ދޫކޮށްލިއެވެ. ދެން އަހަރެމެން ކައުދާއޭ ކިޔާ ކުޑަ ރަށެއްގެ ނިވައި ދަށުން ދަތުރުކޮށް ދިޔައީމެވެ. އޮޑީގެ ފަހަތުގައި ކަފު ޖަހާފައި އޮތް ބޮއްކުރާ އޮޑިއަށް އެރުވުނީ ވެސް ވަރަށް އުނދަގުލުންނެވެ. ދެން އޮޑީގެ ބަނޑުވަތް ވަރުގަދަ ކުރުމަށް އަހަރެމެން މާރުން އޮޑި ވަށައިގެން ބަނދެލީމެވެ. އެފްރިކާ ކަރަގޮނޑުގައިވާ ޝަވާތާޢުއޭ ކިޔުނު ބޮޑެތި ފިނޮޅުތަކުގެ މައްޗަށް އޮޑި އުރިދާނެތީ އޮޑީގެ ފަޅުވެރިން ތިބީ ވަރަށް ބިރުންނެވެ. އެހެން ކަމުން އޮޑި ވައިކޮޅު ކުރުމަށްޓަކައި ފެން އަޅާނޭ ހެން ވާޖަހާފައި ސަތަރިއެއް ދޫކުރިއެވެ. މި ވަރުގަދަ ތޫފާނުގެ ކޮޅިގަނޑަށް ބަދަލެއް ނައިސް ކުރިއަށް ދިޔައެވެ. އެންމެފަހުން އަނެއް ދުވަހު އެމީހުން އޮޑީގައި ހުރި މުދަލުން ބައެއްމުދާ ކަނޑަށް އުކާލިއެވެ. އަދި އަނެއް ދުވަހު އެމީހުންގެ އަމިއްލަ އަތުން އޮޑީގެ ބައެއް އާލާތް ވެސް އުކާލިއެވެ. ދެން އިރެއް ތަރިއެއް ނުފެނި އެތައްރޭ އެތައް ދުވާލެއްވެ، ޖެހިފައިވާ ތޫފާނުގެ ކޮޅިގަނޑަށް އެއްވެސް ބަދަލެއް ނައުމުން އަހަރެމެން ސަލާމަތްވާނެ ކަމުގެ ހުރިހާ އުންމީދެއް އަހަރެމެންނަށް ގެއްލުނެވެ. ދެން އޮޑީގައި އެއްވެސް މީހަކު ކާއެއްޗެއް ނުކާތާ އެތައް ދުވަހެއް ފާއިތުވެ ދިޔަ ފަހުން ޕައުލް އެމީހުންނާއި މުޚާޠަބު ކޮށް މިފަދައިން ބުންޏެވެ. ”ކަލޭމެން އަހަރެން ދިން ލަފާ ގަބޫލުކޮށް ހިތްފަސޭހަ އައްސޭރިން ނުފުރިނަމަ، މިއަދު މިހުރިހާ އަނިޔާ އާއި ގެއްލުން ނުލިބި ސަލާމަތް ވީސް. ދެން މިހާރު ތިޔަ ގޮތަށް ހިތްވަރު އެލުވާ ނުލާ. އޮޑި ހަލާކުވެގެން ދާނެ. ނަމަވެސް އަހަރެމެން އެކަކުގެ ވެސް ފުރާނައަކަށް ގެއްލުމެއް ނުވާނެ. އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި. އެ މަލާއިކާތާ ވިދާޅުވިއެވެ. ’ޕައުލް އޭ ބިރުނުގަންނާށޭ. ހަމަކަށަވަރުން ވެސް ކަލޭ ރޯމުގެ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ކަލޭގެ މައްސަލަ ހުށައެޅުމަށް އެ ރަށަށް ދާނެއޭ. އަދި ކަލެއަށްޓަކައި މިދަތުރުގައިވާ އެންމެންގެ ފުރާނަ ސަލާމަތް ކުރައްވާނެ ކަމުގައި ވެސް މާތްރަސްކަލާނގެ ވަޢުދުފުޅު ކުރައްވަ އޭ.‘“ ދެން ޕައުލް ބުންޏެވެ. ”އެހެންވީމާ ބިރުނުގަންނާށޭ. އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކުރަން. މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން އެކަލާނގެ ކަންތައް ކުރައްވާނެ. އެކަމަކު މި އޮޑި ގޮސް ރަށަކަށް އުރޭނެ.“ ސާދަ ރޭ ސާދަ ދުވާ ވަންދެން އަހަރެމެންގެ އޮޑި އެގޮތަށް މެދުތެރޭ ކަނޑުގެ ތެރޭގައި ބެހެމުން ދިޔައެވެ. ސާދަވަނަ ރޭގެ މެންދަމު އޮޑީގެ ފަޅުވެރިންނަށް އެއްގަމާއި ކައިރިއަށް އޮޑި ދާ ކަމުގައި ލަފާކުރެވުނެވެ. ދެން ފުންމިން ބެލުމުން އެނގުނީ ފުންމިނުގައި ވަނީ ވިހި ބަމައިގެ ފުންމިންކަމެވެ. ދެން އޭގެ އިރުކޮޅެއް ފަހުން ބެލި ބެލުމުން އެނގުނީ މިހާރު ހުރީ ފަނަރަ ބަމައިގެ ފުންމިންކަމެވެ. މި ބާރުމިނުގައި ދާ ކަމުގައި ވަނީ ނަމަ ފަރުތަކުގެ މައްޗަށް އޮޑި އުރިދާނެކަމުގެ ބިރު ބޮޑުވެ އެމީހުން ކޮޅުފަސްކޮޅަށް ހަތަރު ނަގިލި އެއްލިއެވެ. އަދި އިރުގެ އަލިކަން ވުމަށް އެދި ދުޢާ ކުރިއެވެ. ދެން ފަޅުވެރިން އުޅުނީ އޮޑި ދޫކޮށް ދިއުމަށެވެ. އެމީހުން ދިރުނބާކޮޅަށް ނަގިލި އެއްލުމަށް އުޅޭ ކަމަށް ހަދާފަ ބޮއްކުރާ ކަނޑަށް އެއްލިއެވެ. ނަމަވެސް ޕައުލް އޮފިސަރަށާއި ސިފައިންނަށް ބުންޏެވެ. ”ފަޅުވެރިން އޮޑި ދޫކޮށް ގޮއްސި ކަމަށް ވަންޏާ ކަލޭމެން އެންމެން ވެސް މަރުވާނެ.“ ދެން ސިފައިން މާރުތައް ކަނޑާލާ ބޮއްކުރާ ކަނޑަށް ދޫކޮށްލިއެވެ. އިރުއަރަން ގާތްވެފައި ވަނިކޮށް ޕައުލް އެންމެންނަށް އާދޭސްކޮށް ބުންޏެވެ. ”ކަލޭމެން ކާއެއްޗެއް ނުކައި ވާނުވާނެ ގޮތެއް ބަލަން ތިހެން ތިބޭ ތާ މި ވީ ސާދަ ދުވަސް. އާދޭސް ކޮށްފާ ބުނަން. ކަލޭމެންގެ އަމިއްލަ ސަލާމަތަށްޓަކައި ކައި. ކަލޭމެން އެކަކަށް ވެސް ގެއްލުމެއް ވެ އަނިޔާއެއް ނުވާނެ.“ ދެން ޕައުލް އެންމެންގެ ކުރިމަތީގައި ބޯރޮއްޓެއް ނަގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެއިން އެތިކޮޅެއް ކާލިއެވެ. ދެން އެންމެންނަށް ވެސް ހިތްވަރު ލިބި އެމީހުން ވެސް ކާން ފަށައިފިއެވެ. މުޅިއެކު އޮޑީގައި ދުއިސައްތަ ހަތްދިހަ ހަ މީހުން ތިއްބެވެ. ކައި ނިމުމުން ފަޅުވެރިން އޮޑި އިތުރަށް ލުއި ކުރުމަށްޓަކައި އޮޑީގައި ވީ މުދަލުގެ ތެރެއިން ގޮދަން ބަސްތާތައް ކަނޑަށް އުކާލިއެވެ. އިރުއެރުމުން އެމީހުންނަށް ރަށެއް ފެނުނެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އެމީހުންނަކަށް ނޭނގުނެވެ. ނަމަވެސް އެމީހުންނަށް ތިލަފަޅެއްގެ އަތިރިމަތި ފެނުނެވެ. ދެން އެމީހުން ގަސްތު ކުރީ އޮޑި އެ ފަޅުގެ ގޮނޑުދޮށަށް ބީއްސާލުމަށެވެ. އެހެން ކަމުން އެމީހުން ހުރިހާ ނަގިލިތަކުގެ ވާތައް ކަނޑާލާ ކަނޑަށް ދޫކޮށްލިއެވެ. އަދި ހުންގާނު ތިރިކޮށް ތުންމަތި ރިޔާ ނަގާ އޮޑި އެ ރަށުގެ ގޮނޑުދޮށާއި ދިމާއަށް ދުއްވާލިއެވެ. ނަމަވެސް އޮޑި ގޮސް އުރުނީ ކުރިމަތީގައި އޮތް ފަރެއްގެ މައްޗަށެވެ. އަދި އޮޑީގެ ދިރުނބާކޮޅު އެތާނގައި ތާށިވެ، އޮޑީގެ ކޮޅުފަސްކޮޅު ޖަހަމުން ދިޔަ ބާރު ރާޅުތަކުގެ ސަބަބުން އޮޑީގެ ކޮޅުފަސް ކޮޅުން ފޫ ގޮސް، އޮޑި ފަޅަ ފަޅައިގެންދާން ފެށިއެވެ. ސިފައިން ގަސްތު ކުރީ ހުރިހާ ކުށްވެރިން މެރުމަށެވެ. އެއީ އެމީހުން ފަތާފައި އެއްގަމަށް ގޮސް ފިލާފާނެ ކަމުގެ ބިރަށެވެ. ނަމަވެސް އޮފިސަރު ޖޫލިޔުސް ޕައުލްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވިއެވެ. އެހެން ކަމުން އޭނާ ސިފައިން ކުށްވެރިންތައް މެރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެންގީ ފަތަން އެނގޭ މީހުން ކުރިން ފުންމަލައިގެން އެއްގަމާ ދިމާލަށް ފެތުމަށެވެ. ދެން އެހެން މީހުން ފިލާގަނޑުތަކާ އަދި އޮޑީގެ ބައިބައިގައި ހިފައިގެން އެއްގަމަށް ދިއުމަށެވެ. އެއޮޑީގައި ވީ އެންމެން ސަލާމަތުން އެއްގަމަށް ދިޔައީ މި ފަދައިންނެވެ.