މަންދޫބުންގެ މަސައްކަތް. 25. ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. އޭނާ އެ ރަށަށް ވަޑައިގަތުމާއި އެކު ބޮޑު އިމާމާއި ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި ބެހޭ ޝަރީއަތް އޭނާއަށް ހުށައަޅާ އެދުނީ ޕައުލް ޖެރޫސަލަމަށް ގެނައުމަށް ހުއްދަ ދެއްވުމަށެވެ. އެއީ އެމީހުން ތިބީ ޕައުލް ޖެރޫސަލަމަށް ގެނެވޭ މަގުމަތީ އޭނާ މަރާލުމަށް ރާވައިގެންނެވެ. މީގެ ޖަވާބުގައި ގަވަރުނަރު ފެސްތުސް އެމީހުންނަށް ބުންޏެވެ. ”ޕައުލް ވަނީ ކައިސަރިޔާގެ ޖަލުގަ. އަދި އަހަރެން ވެސް ވަރަށް އަވަހަށް އެނބުރި މި ދަނީ ކައިސަރިޔާއަށް. ވީމާ ކަލޭމެންގެ ތެރެއިން ބައެއް ވެރިން އަހަރެންނާއި އެކު ކައިސަރިޔާއަށް އައިސް އެ ރަށުގައި ޕައުލް އާއި މެދު ދަޢުވާކޮށް އޭނާ ކުށެއް ކޮށްފައި ވޭތޯ ބަލާ.“ ގަވަރުނަރު ފެސްތުސް ޖެރޫސަލަމުގައި ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަހު ހުންނެވުމަށް ފަހު އެނބުރި ކައިސަރިޔާއަށް ވަޑައިގެންނެވިއެވެ. އަދި އަނެއް ދުވަހު ފެސްތުސް ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ޕައުލް ގެނައުމަށް އެންގިއެވެ. ޕައުލް އެތަނަށް ގެނެވުމާއި އެކު ޖެރޫސަލަމުން އެ ރަށަށް އައި ބަނީއިސްރާއީލުގެ ވެރިން އޭނާގެ ވަށައިގެން ތިބެ ވަރަށް ގިނަ ތަފާތު ބޮޑެތި ކުށްތަކުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރަންފެށިއެވެ. ނަމަވެސް އޭގެން އެއްވެސް ތުހުމަތެއްގެ ހެއްކެއް އެމީހުންނަކަށް ދެއްކޭކަށް ނެތެވެ. ޕައުލް މިހުރިހާ ތުހުމަތުތަކަކާ އިންކާރު ކޮށް އޭނާގެ އަމިއްލަ ދިފާއުގައި މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”އަޅުގަނޑު ބަނީއިސްރާއީލު މީހުންގެ ގަވާއިދުތަކާއި ދެކޮޅުވެ އަދި ބައިތުލް މަޤްދިސްގައި ކުރުން އެކަށީގެން ނުވާކަމެއް އަޅުގަނޑު ނުކުރަން. ނުވަތަ ރޯމުގެ ސަރުކާރާއި ދެކޮޅަށް ވިޔަސް އެއްވެސް ކަހަލަ ޚިލާފު ދެކޮޅުވެރިކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ.“ ފެސްތުސް ވެސް ބަނީއިސްރާއީލު މީހުންގެ ރުހުން ހޯދުމުގެ ގޮތުން ޕައުލްއަށް ވިދާޅުވިއެވެ. ”އަހަރެންގެ ކުރިމަތީގައި މި ކަންތައްތަކުގެ ޝަރީއަތް ބެލުމަށް ޖެރޫސަލަމަށް ދިއުމަށް ކަލޭ ގަބޫލު ހޭ؟“ މީގެ ޖަވާބުގައި ޕައުލް ދެންނެވިއެވެ. ”އަޅުގަނޑު މިހިރީ ރޯމުގެ ރަސްގެފާނުގެ ދަށުން ހިނގާ ކޯޓެއްގަ. އަދި މިއީ އަޅުގަނޑުގެ ޝަރީއަތް ބެލެން ޖެހޭނެ ކޯޓު ވެސްމެ. ބަނީއިސްރާއީލު މީހުންނާއި ދެކޮޅަށް އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާ ކަން މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ. އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.“ ދެން ފެސްތުސް އޭނާގެ މަޝްވަރާ ދާރުންނާއި ވާހަކަ ދެއްކެވުމަށް ފަހު ވިދާޅުވިއެވެ. ”ކަލޭ ތިޔަ އެދެނީ ރޯމުގެ ރަސްގެފާނަށް ތިޔަ މައްސަލަ ހުށައެޅުމަށް. ވީމާ ކަލޭގެ މައްސަލަ ދެން ހުށައެޅޭނީ ހަމަ ރޯމުގެ ރަސްގެފާނަށް.“ މީގެ ދުވަސްކޮޅެއް ފަހުން އަގިރިފާ ރަސްގެފާނާއި އެ ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ބެރެނީޒު ގަވަރުނަރު ފެސްތުސްގެ އަރިހަށް ތަހުނިޔާގެ ރަސްމީ ޒިޔާރަތްފުޅެއް ކުރެއްވިއެވެ. އެބޭފުޅުން އެ ރަށުގައި ދެތިން ދުވަހު މަޑު ކުރެއްވިއެވެ. އޭގެ ތެރެއިން އެއްދުވަހަކު ގަވަރުނަރު ފެސްތުސް ޕައުލްގެ މައްސަލަ އާއި ބެހޭ ގޮތުން އަގިރިފާ ރަސްގެފާނާއި ވާހަކަދެއްކެވިއެވެ. ގަވަރުނަރު ފެސްތުސް ރަސްގެފާނަށް ދެންނެވިއެވެ. ”މި ރަށުގެ ޖަލުގައި ގަވަރުނަރު ފެލިކުސް ހައްޔަރު ކުރެއްވި މީހަކު އެބަވޭ. ދެން އަޅުގަނޑު ޖެރޫސަލަމަށް ކުރި ދަތުރުގައި އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ބޮޑު އިމާމުންނާއި އަދި އެމީހުންގެ ބޮޑުން އޭނާ ކުށްވެރިކޮށް މައްސަލަ ހުށައަޅާ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމަށް އަޅުގަނޑުގެ ކިބައިން އެދުނު. ނަމަވެސް އަޅުގަނޑު އެމީހުންނަށް ބުނީން. ’ކުށްވެރިކުރެވޭ މީހަކާ މެދު ކަމުގެ ދެކޮޅު ނުބަލާ ހައްޔަރު ކުރުމަކީ ރޯމުގެ ސަރުކާރުގެ ގަވާއިދުތަކާއި ޚިލާފުކަމެކޭ. ފުރަތަމަ ޖެހޭނީ އެ ކުށްވެރިކުރެވޭ މީހަކާ އެމީހަކު ކުށްވެރިކުރާ މީހުންނާއި އެއްތަންކޮށް އެ ކުށްވެރިކުރެވޭ މީހަކު އެމީހާގެ އަމިއްލަ ދިފާއުގައި ބުނަންއޮތީ ކީކޭ ތޯ އަހާ އޮޅުންފިލުވުމޭ.‘ ދެން އެމީހުން އެ މައްސަލަ ބެލުމަށް މި ރަށަށް އައުމުން އަޅުގަނޑު ހަމަ އަނެއް ދުވަހު ޕައުލް އެމީހުންގެ ކުރިމައްޗަށް ހާޒިރު ކުރީން. ނަމަވެސް އޭނާއާއި މެދު ހުށައެޅުނު މައްސަލަތަކަކީ އަދި ތުހުމަތު ކުރެވުނު ކަންތައްތަކަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ހީކޮށްގެން ހުރި ފަދަ މައްސަލަތަކެއް ނޫން. އެ މައްސަލަތަކަކީ އެމީހުންގެ އަމިއްލަ ދީނާއި ބެހޭ މައްސަލަތަކެއް. އަދި މަރުވެފައިވާ މީހެއް ކަމުގައިވާ ކޮންމެ ވެސް އީސާއެކޭ ކިޔުނު މީހެއްގެ ވާހަކަ. ޕައުލް ގަދައަޅާ ދެ ގޮތެއް ނުވެ ބުނަމުން ގެންދިޔައީ އެ އީސާ މަރެއްނުވާ ކަމުގަ. އޭނާ ދިރިހުރިކަމުގަ. އަޅުގަނޑަށް މި މައްސަލަ އިތުރަށް ބަލާ ހޯދާނެ ގޮތެއް ނޭނގުމުން އަޅުގަނޑު ޕައުލް އަށް އެދުނީ އެ މައްސަލަ އިތުރަށް ބެލުމަށް އޭނާ ޖެރޫސަލަމަށް ދިއުމަށް. ނަމަވެސް ޕައުލް އެދުނީ އޭނާގެ މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު އަމުރުކުރީ އޭނާ ކައިސަރުގެ އަރިހަށް ފޮނުވެން ދެން މި ރަށުގެ ޖަލުގައި ބެހެއްޓުމަށް.“ ދެން އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސް އަށް ވިދާޅުވިއެވެ. ”ތިޔަ މީހަކު ތިޔަ ދައްކާ ވާހަކައެއް އަހަން އަހަރެން ވެސް ބޭނުން.“ ދެން ގަވަރުނަރު ފެސްތުސް ރަސްގެފާނަށް ވިދާޅުވިއެވެ. ”މާދަމާ ތިޔަބޭފުޅާއަށް އޭނާ ދައްކާ ވާހަކަތައް އިވޭނޭ ގޮތް އަޅުގަނޑު އިންތިޒާމު ކުރާނަން.“ އަނެއްދުވަހު އަގިރިފާ ރަސްގެފާނާއި ބެރެނީޒު ވަރަށް އިއްޒަތުގެ ގޮތްތައް ދައްކާ ދަރުބާރުގެއަށް ވަޑައިގެންނެވިއެވެ. އެބޭފުޅުންނާއި އެކު މަތީ ސިފައިންގެ އޮފިސަރުންނާއި އަދި އެ ރަށުގެ ހުރިހާ މަތީ މީހުން ވެސް އެތަނަށް ވަޑައިގެންނެވިއެވެ. ދެން ގަވަރުނަރު ފެސްތުސް ޕައުލް އެތަނަށް ހާޒިރު ކުރުމަށް އެންގެވިއެވެ. ދެން ގަވަރުނަރު ފެސްތުސް މި ފަދައިން ވިދާޅުވިއެވެ. ”އަގިރިފާ ރަސްގެފާނާއި އަދި މިތާނގައި ވާ އެންމެ ހާ އިއްޒަތްތެރިންނޭ، މީނާއަށް ބައްލަވާ. މި ރަށުގައިވާ ބަނީއިސްރާއީލު މީހުންނާ އަދި ޖެރޫސަލަމުގެ ބަނީއިސްރާއީލު އެންމެން ވެސް މިމީހާ ކުށްވެރިކޮށް އަޅުގަނޑަށް ވަނީ ހުށައަޅާފަ. އެމީހުން ގަދައަޅާ ބުނަނީ މީނާ އަށް ދިރިހުރުން ޙައްޤެއް ނޫން ކަމުގަ. އެމީހުން އަޅުގަނޑުގެ ކިބައިން އެދެނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމަށް. އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް. ނަމަވެސް މީނާގެ ކުށާއި ބެހޭ ގޮތުން ހުށައެޅުމަށް ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް ލިޔާނެ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ. އެހެން ކަމުން މިއަދު އޭނާ ތިޔަ އެންމެ ހާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަދި ޚާއްސަ ކޮށް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް މި ހާޒިރު ކުރީ ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލު ކުރައްވާ ހޯއްދަވާ އޮޅުންފިލުއްވާ އަޅުގަނޑު ރޯމުގެ ރަސްގެފާނަށް ލިޔާނެ ބަސްފުޅެއް އަޅުގަނޑަށް އޮޅުން ފިލާނެ ކަމުގެ އުންމީދުގަ. އެއީ ރޯމުގެ ރަސްގެފާނުގެ އަރިހަށް ކުށްވެރިއަކު އެމީހެއްގެ ކުށަކީ ކޮބައިކަން ރަނގަޅަށް ސާފުކޮށް ބަޔާންކޮށް ލިޔެފައި ނޫނީ ފޮނުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ތާކުންތާކު ޖެހޭކަމެއް ނޫން.“