މަންދޫބުންގެ މަސައްކަތް. 23. ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.“ ޕައުލް މިހެން ބުނި އަޑު ހަމަ އިވުމާއި އެކު އުއްތަމަ އިމާމު އަނާނިޔާހު ޕައުލްއާއި ކައިރީގައި ވީ މީހުންނަށް އޭނާގެ އަނގަމަތީގައި ޖެހުމަށް އެންގިއެވެ. ޕައުލް އަނާނިޔާހު އަށް ބުންޏެވެ. ”ހުދު ދަވާދުލެވިފައިވާ ފާރެއް ފަދައިން ކަލޭ ވެސް ބޭރުފުށުން ވަރަށް ރީތިވެފަ ރަނގަޅު. އެކަމަކު މާތްރަސްކަލާނގެ ކަލެއަށް ވެސް އަޒާބު ދެއްވާނެ. އެއީ ކަލޭ ތިޔަ ގޮނޑީގައި އިށީނދެގެން ތީނީ އަހަރެންނާއި މެދު ޤާނޫނާއި ގަވާއިދުގެ މަތިން ޝަރީއަތް ކުރަން އެކަމަކު އެހެންމީހުންނަށް ތިޔަ އަންގަނީ ޤާނޫނާއި ގަވާއިދާއި ޚިލާފުވެ އަހަރެންގެ ގައިގައި ޖަހަން. ވީއިރު ކަލޭ ތިޔައީ ކޮންކަހަލަ ގާޒީއެއް ތަ؟“ ޕައުލް އާއި ގާތުގައި ހުރި މީހަކު ބުންޏެވެ. ”ތިޔަ ފަދަ ގަދަރެއް ނެތް ގޮތުގައި މާތްރަސްކަލާނގެ ޢައްޔަން ކުރައްވާފައިވާ އުއްތަމަ އިމާމާ ކަލޭ ތިޔަ ވާހަކަ ދައްކަނީ ކީއްވެ؟“ ”އަޅުގަނޑުގެ ލޮބުވެތި އަޚުންނޭ، އަޅުގަނޑަށް މަޢާފު ކުރޭ. އެއީ އުއްތަމަ އިމާމު ކަމެއް އަޅުގަނޑެއް ނުދެނަހުރިން. އެއީ މާތްރަސްކަލާނގެ އަންގަވަނީ އެބައެއްގެ ވެރިއަކާ ބެހޭ ގޮތުން އެއްޗިހި ކިޔާ ނުބައި ވާހަކަތައް ދައްކައިގެން ނުވާނެ ކަމުގަ.“ ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއިފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.“ ޕައުލް މިހެން ބުނުމާއި އެކު ސާދުސީންނާއި ފަރީސީނުގެ މެދުގައި ޒުވާބު އުފެދި މަޖިލީސް ދެބައި ވިއެވެ. މިހެން ކަންވީ ސަބަބަކީ ސާދުސީންނަކީ މީސްތަކުން މަރުވުމަށް ފަހު އަލުން ދިރޭނެކަން ގަބޫލު ކުރާ ބައެއް ނޫނެވެ. އަދި އެމީހުން މަލާއިކަތުން ވާ ކަމުގައި ވެސް ގަބޫލެއް ނުކުރެއެވެ. ރޫޙު ވެސް އެއީ ވާ އެއްޗެއް ކަމަކަށް ސާދުސީން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ފަރީސީން މިހުރިހާ ކަމެއް ވެސް ގަބޫލު ކުރެއެވެ. އެމީހުންގެ މެދުގައި ކުރެވެމުން ދިޔަ ޒުވާބު އިރެއް އިރަކަށް ގަދަވިއެވެ. އަދި ބައެއް ދީނުގެ ދަންނަބޭކަލުން ކަމުގައި ވީ ފަރީސީނުގެ ބަޔަކު ފުންމައިގެން ތެދުވެ ޕައުލް ގެ ދިފާއުގައި ވާހަކަދައްކާ ބަހުސްކޮށް ބުންޏެވެ. ”މިމީހާގެ އެއްވެސް ކުށެއް އަހަރެމެންނަކަށް ނުފެނޭ. ފަހަރެއްގައި ހަމަ މަލާއިކަތަކު ނުވަތަ ރޫޙެއް އޭނާއާއި ވާހަކަ ދެއްކީ ކަމުގައި ވެސް ވެދާނެ.“ އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ. މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.“ އަނެއްދުވަހު ހެނދުނު ބަނީއިސްރާއީލުގެ ފިރިހެނުންތަކެއް އެއްވެ ހުވާކުރީ އެމީހުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާނެކަމުގައެވެ. މިމީހުންގެ އަދަދު ސާޅީހަށް ވުރެ ވެސް ގިނަ ކަމުގައި ވިއެވެ. ދެން މިމީހުން ބޮޑު އިމާމާއި ބޮޑުންގެ ގާތަށް ގޮސް އެމީހުންގެ މި ނިންމުމުގެ ވާހަކަ އެމީހުންނަށް އަންގައިދިނެވެ. އެމީހުން ބުންޏެވެ. ”އަހަރެމެން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަށް ހުވާކޮށްފީން. އެހެން ކަމުން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވަންވީ ކަމަކީ އަލުން ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމަށް ސިފައިންގެ ކޮމާންޑަރުގެ ކިބައިން އެދިދެއްވަންވީ. ތިޔަބޭފުޅުން ޕައުލް ގެ ޝަރީޢަތް އިތުރަށް ބެއްލެވުމަށް އެދޭ ވާހަކަ ސިފައިންގެ ކޮމާންޑަރަށް ދަންނަވާދެއްވާ. ސިފައިން އެމީހުން ގެންދާ މަގުމަތީގައި އަޅުގަނޑުމެން އޭނާ މަރާލާނަން.“ ނަމަވެސް ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް މިޚަބަރު ލިބުމުން އޭނާ ސިފައިންގެ ކޮއްޓަށް ގޮސް ޕައުލްއަށް މިޚަބަރު ދިނެވެ. ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.“ ދެން މި އޮފިސަރު ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖާ ކޮމާންޑަރުގެ އަރިހަށް ގެންގޮސްފައި ދެންނެވިއެވެ. ”ކުށްވެރިޔާ ޕައުލް އެދެނީ މީނާ ތިޔަބޭފުޅާގެ އަރިހަށް ގެންގޮސް ދިނުމަށް. ޕައުލް ބުނަނީ މީނާ ތިޔަބޭފުޅާއަށް ދެއްވަން ބޭނުން ޚާއްސަ ޚަބަރެއް ވާކަމުގަ.“ ކޮމާންޑަރު އޭނާގެ އަތުގައި ހިފައިގެން ދުރަށް ގެންގޮސް ސުވާލު ކުރެއްވިއެވެ. ”ކަލޭ ބުނަން ބޭނުން ވާހަކަޔަކީ ކޮބާ؟“ އޭނާ ޖަވާބު ދިނެވެ. ”ބަނީއިސްރާއީލު މީހުން ރާވަނީ މާދަމާ ޕައުލް އެމީހުންގެ ދީނީކޯޓަށް ގެންދިއުމަށް ތިޔަބޭފުޅާގެ އަރިހުން ހުއްދައަށް އެދުމަށް. އެމީހުންގެ ބޭނުމަކީ އެމީހުން ޕައުލްއާއި އިތުރު ސުވާލުތައް ކޮށް އޭނާގެ ޝަރީއަތް ރަނގަޅަށް ބެލުމަށް އެދޭ ކަމަށް ތިޔަބޭފުޅާ ހީފުޅު ކުރުން. ނަމަވެސް ތިޔަބޭފުޅާ ޕައުލް އެމީހުންގެ ދީނީކޯޓަށް ފޮނުވުމަށް އެއްބަސްވެ ވަޑައިނުގަންނަވާތި. ސާޅީހަށް ވުރެ ގިނަ ފިރިހެނުން ޕައުލް ގެންދެވޭނެ މަގުގައި އޭނާ މަރާލުމަށް ފިލާ އެބަ ތިބި. އެއީ މި ސާޅީސް ފިރިހެނުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަމަށް ހުވާކޮށްފި. އެމީހުން ތިބީ ތިޔަބޭފުޅާ އެމީހުން އެދޭ ފަދައިން ޕައުލް މާދަމާ އެމީހުންގެ ދީނީކޯޓަށް ފޮނުވާނެ ކަމަށް ހީކޮށް ހުރިހާކަމެއް ތައްޔާރު ކޮށްގެން.“ ”އެއްވެސް މީހަކަށް ކަލޭ އަހަރެން ގާތު ތިޔަވާހަކަތައް ދެއްކިކަން ނާންގާތި.“ މިހެން ބުނެ އިންޒާރުދިނުމަށް ފަހު ސިފައިންގެ ކޮމާންޑަރު އޭނާ ދިއުމަށް ހުއްދަދިންނެވެ. ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ. ޕައުލް ދަތުރު ކުރުމަށް ބޭނުންވާނެ އަސްތަކުގެ އިންތިޒާމު ވެސް ކުރޭ. އަދި އޭނާ ސަލާމަތްކަންމަތީ ގަވަރުނަރު ފެލިކުސްގެ އަރިހަށް ގެންދެވޭތޯ ކުރެވެން އޮތް ހާ މަސައްކަތެއް ކުރޭ.“ ދެން ސިފައިންގެ ކޮމާންޑަރު ގަވަރުނަރަށް މި ސިޓީފުޅު ލިޔުއްވިއެވެ. ”ސިފައިންގެ ކޮމާންޑަރު ކުލާއުދިއުސް ލިސިޔާހުގެ ފަރާތުން، އިއްޒަތްތެރި ގަވަރުނަރު ފެލިކުސްގެ އަރިހަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. އަޅުގަނޑު މިސިޓީ އާއި އެކު މިފޮނުވާ މީހާ ބަނީއިސްރާއީލު މީހުން ހައްޔަރުކޮށް އޭނާ މަރާލަން ގަސްތު ކުރިއެވެ. އެހެން ކަމުން އަޅުގަނޑު އަޅުގަނޑުގެ ސިފައިން ގޮވައިގެން ގޮސް އޭނާ ސަލާމަތް ކުރީމެވެ. އެއީ އަޅުގަނޑަށް އޭނާއަކީ ރޯމުގެ ރައްޔިތެއްކަން އެނގުމުންނެވެ. އަޅުގަނޑު އެމީހުން އޭނާ އެ ކުށްވެރިކުރަނީ ކޮން ކަމަކު ތޯ ރަނގަޅަށް ބަލާ އޮޅުންފިލުވުމަށްޓަކައި އެމީހުންގެ ދީނީކޯޓުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރީމެވެ. އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ. ނަމަވެސް އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.“ ދެން އެރޭ އަންގާފައި އޮތް ގޮތުގެ މަތިން ސިފައިން ޕައުލް އަންތިޕަތުރިސް އާއި ހަމައަށް ގެންދިޔައެވެ. އަދި އަނެއްދުވަހުގެ ހެނދުނު ފައިމަގުގެ ސިފައިން އެނބުރި ސިފައިންގެ ކޮއްޓަށް ދިޔައެވެ. ދެން އެހިސާބުން އަހުގެ ސިފައިން ޕައުލް ގޮވައިގެން ކައިސަރިޔާއަށް ދަތުރު ކުރިއެވެ. އެމީހުން ކައިސަރިޔާއަށް ގޮސް ސިފައިންގެ ކޮމާންޑަރު ދެއްވި ސިޓީއާއި ޕައުލް ގަވަރުނަރު ފެލިކުސްގެ އަރިހަށް ރައްދު ކުރިއެވެ. ގަވަރުނަރު ފެލިކުސް އެ ސިޓީ ވިދާޅުވުމަށް ފަހު ޕައުލް އަކީ ކޮން ރަށެއްގެ މީހެއްތޯ އަހާ ސުވާލު ކުރެއްވިއެވެ. އޭނާއަށް ޕައުލް އަކީ ވަރަށް ދުރު ރަށެއްކަމުގައިވާ ސިލީސިޔާގެ މީހެއްކަން އެނގުމުން ވިދާޅުވިއެވެ. ”ކަލެއާ ދޭތެރޭ ދަޢުވާކުރާ މީހުން އެމީހުންގެ ދަޢުވާ އަހަރެންނަށް ހުށައެޅިހާ އަވަހަކަށް އަހަރެން އެ ކަންތައް ބަލާނަން.“ މިހެން ވިދާޅުވުމަށް ފަހު އޭނާ އަމުރުކުރެއްވީ ޕައުލް ހެރޮދުގެ ގަނޑުވަރުގެ ޖަލުގައި ބަންދު ކުރުމަށެވެ.