މަންދޫބުންގެ މަސައްކަތް. 11. އީސާގެފާނުގެ މަންދޫބުންނަށާ އަދި ޖުދެއާކަރައިގެ އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންނަށް ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކު ވެސް އީސާގެފާނަށް އީމާންވެއްޖެ ކަމުގެ ޚަބަރު ލިބުނެވެ. ނަމަވެސް ޕަތަރަސް އެނބުރި ޖެރޫސަލަމަށް އައުމުން އީސާގެފާނަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުންގެ ތެރެއިން ޚިތާނު ކުރުން އެއީ ފަރުލެއް ކަމުގައި ދެކޭ މީހުންގެ ތެރެއިން ބަޔަކު ޕަތަރަސް ފާޑުކިޔާ ބުންޏެވެ. ”ކަލޭ ތިޔަ އައީ ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ގޭގައި ހުރެފަ. އަދި އެމީހުންނާއި އެކު އެއްސުފުރާ މަތީ ކައިވެސްފަ.“ ދެން ޕަތަރަސް ވީ ހުރިހާ ކަމެއް އެމީހުންނަށް ސާފުކޮށް ކިޔާދީ ބަޔާންކޮށްދިނެވެ. އޭނާ ބުންޏެވެ. ”އެއްދުވަހަކު އަހަރެން ޖައްފާގައި ދުޢާ ކުރުމަށް އިންދާ އަހަންނަށް ހުވަފެނެއް ފަދަ ގޮތަކަށް އަހަރެން މި ކަންތައް ދުށިން. އަހަންނަށް ފެނުނީ އުޑުން ބޮޑު ސަތަރިއެއް ފަދަ އެއްޗެއް އޭގެ ހަތަރު ކަނުގައި ހިފިފައިވާ ފަދައިން ތިރިވަނިކޮށް. އެ ސަތަރިގަނޑު އަހަރެންނާއި ވަރަށް ކައިރިއަށް އައި. އަހަރެން އެ ސަތަރިގަނޑުގެ ތެރެއަށް ބަލާލިއިރު އަހަރެންނަށް ފެނުނީ ބަނީއިސްރާއީލު މީހުންނަށް ކެއުމަށް ހަރާން ވެފައިވާ ތަފާތު ޖަނަވާރުތައް. އޭގެ ތެރޭގައި ވަލު ޖަނަވާރާއި، ބޮނޑުގެ ބާވަތްތަކާ، އަދި ދޫނި ސޫފާސޫފީގެ ބާވަތްތައް ވެސް ވި. ދެން އަހަންނަށް އިވުނުނީ މި ފަދައިން ބުނެވުނު އަޑު. ’ޕަތަރަސްއޭ. ތެދުވާށޭ. ތިޔަތަކެތި ކަތިލައިގެން ކާށޭ.‘ ނަމަވެސް އަހަރެން ބުނީން. ’ނޫނެކޭ މާތްސާހިބާއޭ. އަޅުގަނޑު ދުވަހަކު ވެސް ނުތާހިރު ހަރާން ކާއެއްޗިއްސެއް ނުކަމޭ.‘ ދެން އަނެއްކާ މި ފަދައިން ބުނެވުނު އަޑު އަހަރެން އެހީން. ’މާތްރަސްކަލާނގެ މި ތަކެތި މި ހަލާލް އެއްޗެތި ކަމުގައި ލައްވައިފިއޭ. ވީއިރު މި ތަކެއްޗަށް ހަރާން އެއްޗިއްސޭ ނުބުނާށޭ.‘ ތިންފަހަރު މަތިން މި ފަދައިން ކަންތައް ވި. ދެން ކުއްލިއަކަށް އެ ސަތަރިގަނޑު އުޑަށް ގެންދެވުނު. ހަމަ އެވަގުތު ކައިސަރިޔާ އިން އަހަރެން ބަލާ އައި ތިން މީހުން އެގޭގެ ކުރިމައްޗަށް އައި. މާތްރޫޙުފުޅު އަހަރެންނަށް އެންގެވީ ބިރު ނުގަނެ އެމީހުންނާއި އެކު ދިއުމަށް. ދެން އަހަރެންނާއިއެކު މިތާ މިތިބަ އީސާގެފާނަށް އީމާންވެގެންވާ މި ހަ މީހުންނާއި އެކު ކައިސަރިޔާއަށް ގޮސް ކޮރުނޭލިޔުސްގެ ގެއަށް އަހަރެމެން ދިޔައީން. ކޮރުނޭލިޔުސް އަހަރެމެން ކާރީ ބުންޏޭ. މާތްރަސްކަލާނގެ އެގެއަށް މަލާއިކަތަކު ފޮނުއްވާ އޭނާއަށް އެންގެވީ ޖައްފާއަށް ބަޔަކު ފޮނުވާ ޝަމްއޫނު ޕަތަރަސް އެ ރަށަށް ގެނައުމަށް ކަމުގަ. އެއީ އަހަރެން ބުނާނެ ބަސްތަކުގެ އަޑު އެހުމުން އޭނާ އާއި އޭނާގެ ގޭގެ އެންމެން ދިންނެވޭނެތީ ކަމުގައި އެމަލާއިކަތާ ވިދާޅުވި. ދެން އަހަރެން އީސާގެފާނާއި ބެހޭ ގޮތުން އެމީހުންނާއި ވާހަކަދައްކަން ހަމަފެށުމާއި އެކު އަހަރެމެންގެ މައްޗަށް މާތްރޫޙުފުޅު ކުރިން ހަމަ ވެރިވި ފަދައިން އެމީހުން އެންމެންގެ މައްޗަށް ވެސް މާތްރޫޙުފުޅު ވެރިވި. އެވަގުތު މާތްސާހިބާ މިހެން ވިދާޅުވި ބަސްފުޅުގެ މަތިން އަހަރެން ހަނދާން ވި. އެކަލޭގެފާނު ވިދާޅުވި. ’ޔަޙުޔާގެފާނު ތައުބާގެ ހިނެވުމަށް ހިނެވީ ފެނުންނޭ. ނަމަވެސް ކަލޭމެން ތައުބާގެ ހިނެވުމަށް ހިނެވޭނީ މާތްރޫޙުފުޅުންނޭ.‘ އަހަރެމެން ވެސް މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލު ކުރުމުން މާތްރަސްކަލާނގެ ހަމަ އަހަރެމެންނަށް ވެސް ދެއްވި ހަދިޔާ އެމީހުންނަށް ވެސް ދެއްވި. ވީއިރު އެކަމާއި ދެކޮޅަށް އަހަރެން ބުނާނީ ކީކޭ؟“ ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.“ އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ. ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ. މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނަށް މި ކަމުގައި އެހީތެރިވެ ދެއްވިއެވެ. އަދި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް މާތްސާހިބާއަށް އީމާންވިއެވެ. ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް މިޚަބަރު ލިބުމުން އެމީހުން ބަރުނައްބާސް އަންތީޔޮކުއަށް ފޮނުވިއެވެ. ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދު ވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ. ބަރުނައްބާސް އަކީ ރަނގަޅު މީހެކެވެ. އޭނާ ވަނީ މާތްރޫޙުފުޅުގެ ފުރިހަމަ ބާރުގެދަށުގައެވެ. އަދި އޭނާގެ އީމާންކަން ވެސް ވަރުގަދައެވެ. ބަރުނައްބާސް އެ ރަށަށް ދިއުމަށް ފަހު ވެސް އިތުރު އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން މިއަށް ފަހު ބަރުނައްބާސް ދިޔައީ ޝާއުލް ހޯދުމަށްޓަކައި ތަރުސުސްއަށެވެ. ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ. އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ. އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.) ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ. ދެން މިމީހުން މިހުރިހާ އެއްޗެއް ބަރުނައްބާސް އާއި ޝާއުލްގެ ހަވާލުގައި ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބޮޑުންނާއި ހަވާލު ކުރުމަށް ފޮނުވިއެވެ.