މަންދޫބުންގެ މަސައްކަތް. 10. ރޯމުގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ކޮރުނޭލިޔުސް އޭ ކިޔުނު މީހަކު ކައިސަރިޔާގައި އުޅުނެވެ. މީނާއަކީ އިޓަލީގެ ސިފައިންގެ ސެކްޝަން ގެ ވެރިއެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އުޅުނު ޞާލިޙު މީހެކެވެ. އޭނާއާއި އޭނާއާއި އެކު އޭނާގެ ގޭގައި އުޅޭ އެންމެންވެސް ހަމައެކަނި ތެދު ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރެއެވެ. އޭނާގެ އަތުގައިވާ މުދަލާއި ފައިސާގެ ގިނަބައެއްވެސް އޭނާ ފަޤީރުންނަށް ހޭދަކުރެއެވެ. އަދި އަބަދުވެސް ގަވާއިދުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއެވެ. އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”ކޮރުނޭލިޔުސް.“ ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”އާދެ ސާހިބާ. ކީއްތޯވީ؟“ މަލާއިކަތާ ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަޤީރުންނަށް ދެމުންދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ. މިހާރު ކަލޭ ކުރަންވީ ކަމަކީ ޖައްފާއަށް ބަޔަކު ފޮނުވަންވީ. އެމީހުން އެ ރަށަށް ގޮސް އެ ރަށުގައިވާ ޝަމްއޫނު އޭ ކިޔުނު މީހަކު ހޯދާށޭ ބުނޭ. އޭނާގެ ނަމަކަށް ޕަތަރަސްއޭ ވެސް ކިޔޭ. އޭނާ އެ ރަށުގައި ހުރީ ވެސް ޝަމްއޫނުއޭ ކިޔާ މީހެއްގެ ގޭގަ. އޭނާ ހުރިގޭގެ ޝަމްއޫނުއަކީ ގެރިބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެއް. އެގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގަ.“ މި މަލާއިކަތާ މި ބަސްތައް ވިދާޅުވުމަށް ފަހު އެނބުރި ދިޔައެވެ. ހަމަ އެވަގުތު ކޮރުނޭލިޔުސް އޭނާގެ ދެ ނޯކަރުންނާއި އޭނާގެ ބައިގައި ހިމެނޭ ސިފައިންގެ މީހުންގެ ތެރެއިން މީހަކު ގެނައެވެ. މި ސިފައިންގެ މީހާއަކީ ވެސް މާތްރަސްކަލާނގެ ކިބައަށް އީމާންވެގެންވާ ޞާލިޙު މީހެކެވެ. ކޮރުނޭލިޔުސް މިމީހުންނަށް ވީ ހުރިހާ ކަމެއް ކިޔާދީފަ ޖައްފާއަށް ފޮނުވިއެވެ. އަނެއް ދުވަހުގެ މެންދުރު މިމީހުން ޖައްފާއާއި ވަރަށް ކައިރިވެފައި ވަނިކޮށް ޕަތަރަސް އޭނާ ހުރިގޭގެ މައްޗަށް އަރާ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކައި އިނެވެ. އެވަގުތު އޭނާ ވަރަށް ބޮޑަށް ބަނޑުހައި ވެސް ވިއެވެ. ނަމަވެސް އަދި މެންދުރުގެ ކެއުން ތައްޔާރު ނުވާތީ އޭނާ މަޑު ކުރިއެވެ. އެހެން އިންދާ އޭނާގެ ހެޔަށް ގޮތްވިއެވެ. އެވަގުތު އޭނާއަށް ހުވަފެނެއް ފަދައިން މި މަންޒަރު ފެނިގެން ދިޔައެވެ. އޭނާއަށް ފެނުނީ އުޑާ ދިމާލުން ބިމަށް ތިރިވަމުން ދިޔަ ބޮޑު ސަތަރިއެއް ފަދަ އެއްޗެކެވެ. އޭގެ ހަތަރު ކަނުގައި ހިފާ ބިމަށް ތިރިކުރެވެމުން ދިޔަ ކަހަލައެވެ. އޭގެ ތެރޭގައި އެކި ކަހަލަ ޖަނަވާރުތައް ވިއެވެ. އަދި ބަނީއިސްރާއީލު މީހުން ކެއުމަށް ހަރާން ފަދަ ބޮނޑުގެ ބާވަތްތަކާ ދޫނިސޫފާސޫފީގެ ބާވަތްތައް ވިއެވެ. ދެން ޕަތަރަސްއަށް އިވުނީ މި ފަދައިން ބުނެވޭ އަޑެވެ. ”ޕަތަރަސް ކަލޭ މި ތަކެތި ކަތިލައިގެން ކައި.“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”ނޫން މާތްސާހިބާ. އަޅުގަނޑު ދުވަހަކު ވެސް ކެއުމަށް ނުތާހިރު ހަރާން ކުރެވިފައިވާ ކާއެއްޗިއްސެއް ނުކަން.“ ނަމަވެސް މި ފަދައިން ބުނެވުނު އަޑު ޕަތަރަސް އެހިއެވެ. ”މާތްރަސްކަލާނގެ މި ތަކެތި މީ ހަލާލް އެއްޗެތި ކަމުގައި ލައްވައިފި. ވީއިރު މި ތަކެއްޗަށް ހަރާން އެއްޗިއްސޭ ނުބުނޭ.“ ތިންފަހަރު މަތިން މި ފަދައިން ކަންތައް ވިއެވެ. ދެން ކުއްލިއަކަށް އެ ސަތަރިގަނޑު އުޑަށް ގެންދެވުނެވެ. ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ. އެމީހުން އެހިއެވެ. ”ޝަމްއޫނު ޕަތަރަސް ހުންނަނީ މި ގޭގަ ތަ؟“ ޕަތަރަސް އޭނާއަށް ފެނިދިޔަ ކަންތަކާ މެދު ވިސްނަމުން ދަނިކޮށް މާތްރޫޙުފުޅު އޭނާއަށް އެންގެވިއެވެ. ”ކަލޭ ހޯދަން އައިސް ތިބި ތިން މީހުން ބޭރުގަ އެބަތިބި. ތެދުވެގެން އަވަހަށް ތިރިއަށް ދޭ. އަދި އެމީހުންނާއި އެކު އެމީހުން ބުނިތާކަށް ދޭ. ބިރުގަނެ ޖެހިލުން ނުވޭ. އެމީހުން އެ އައީ އަހަރެން ފޮނުވީމަ.“ ދެން ޕަތަރަސް ތިރިއަށް ގޮސް އެމީހުންނަށް ބުންޏެވެ. ”ކަލޭމެން ތިޔަ ހޯދާ މީހަކީ އަހަރެން. ކަލޭމެން ތިޔައައީ ކޮން ކަމަކު؟“ އެމީހުން ބުންޏެވެ. ”އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.“ ދެން ޕަތަރަސް އެމީހުންނަށް އޭނާގެ މެހުމާނުންގެ ގޮތުގައި އެރޭ އެގޭގައި ތިބުމަށް ދައުވަތު ދިނެވެ. އަދި އަނެއް ދުވަހު ޖައްފާގެ އީސާގެފާނަށް އީމާންވެގެންވީ ބައެއްމީހުންނާއި ވެސް އެކު ޕަތަރަސް ކޮރުނޭލިޔުސްގެ ގެއަށް ދިއުމަށް ދަތުރު ފެށިއެވެ. އަނެއްދުވަހު އެމީހުންނަށް ކައިސަރިޔާއަށް އާދެވިއްޖެއެވެ. އޭރު ކޮރުނޭލިޔުސް އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. އަދި އޭނާގެ ހުރިހާ ތިމާގެ މީހުންނަށާއި އަދި ގާތް ރަޙުމަތްތެރިންނަށް ވެސް އޭނާ އޭނާގެ ގެއަށް ދައުވަތު ދީ ގެނައެވެ. ޕަތަރަސް އެގޭގެ ދޮރު މައްޗަށް އެރުމާއި އެކު ކޮރުނޭލިޔުސް ޕަތަރަސްއަށް ޤަދަރު ކުރުމުގެ ގޮތުން އޭނާގެ ކުރިމަތީ ކަކޫ ޖެހިއެވެ. ނަމަވެސް ހަމަ ވަގުތުން ޕަތަރަސް އޭނާގެ އަތުގައި ހިފާކޮޅަށްނެގިއެވެ. އަދި ބުންޏެވެ. ”ތެދުވޭ. އަހަރެންނަކީ ހަމަ ކަލޭ ފަދަ އާދައިގެ އިންސާނަކީން.“ ކޮރުނޭލިޔުސް އާއި ވާހަކަދައްކަމުން ގޮސް ޕަތަރަސް އެގޭގެތެރެއަށް ވަދެގެން ދިޔައެވެ. އެވަގުތު އެތާނގައި އެތައް ބައިވަރު މީހުންނެއް ވާތަން ޕަތަރަސްއަށް ފެނުނެވެ. ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި. އަހަރެން ކާރީ މި ގެއަށް އައުމަށް އެދި ފޮނުވި މީހުންނާއި އެކު އަހަރެން ވަގުތުން މިއައީ އެހެންކަމުން. ނަމަވެސް އަޅެ މިހާރު ބުނެބަލާ. އަހަރެން ބަލާތި ފޮނުވީ ކީއްވެގެން؟“ ކޮރުނޭލިޔުސް ބުންޏެވެ. ”މީގެ ހަތަރު ދުވަސް ކުރިން އަހަރެން މެންދުރުފަހު ތިނެއް ޖަހާ ކަންހާއިރު އަހަރެންގެ ގޭގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަށް އިނީން. އެހެން އިންދާ ކުއްލިއަކަށް އަހަންނަށް ފެނުނީ ވިދާ ހެދުމަކުން ހެދުން އަޅައިގެންހުރި މީހަކު އަހަރެންގެ ކުރިމަތީގައި ހުރި. އެމީހާ ބުންޏެވެ. ’ކޮރުނޭލިޔުސް އޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާތަކުގެ އަޑު އައްސަވައިފިއޭ. އަދި ކަލޭ ފަޤީރުންނަށް ވަމުންދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއޭ. ޖައްފާއަށް ބަޔަކު ފޮނުވާށޭ. އެ ރަށުގައި ޝަމްއޫނު ޕަތަރަސްއޭ ކިޔުނު މީހަކު ވާނެއޭ. އޭނާ ހުންނާނީ އެ ރަށުގެ މީހެއްގެ ގޭގައޭ. އެމީހާގެ ނަމަކީ ވެސް ޝަމްއޫނޭ. އެ ޝަމްއޫނަކީ ގެރި ބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެކޭ. އޭނާގެ ގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގައޭ.‘ ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވީ. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަމެއް. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.“ ދެން ޕަތަރަސް ބުންޏެވެ. ”މިހާރު އަހަރެންނަށް އެނގި ޔަޤީންވެއްޖެއޭ. މާތްރަސްކަލާނގެ ވަކި ބަޔަކަށް ވަކި ގޮތެއް ނުބަހައްޓަވައޭ. ކޮންމެ ޤައުމެއްގައި ވެސް އެކަލާނގެ ކިބަފުޅަށް އީމާންވެ ރަނގަޅު ގޮތުގައި ކަން ކުރާ މީހަކާ މެދު އެކަލާނގެ އުފާފުޅު ކުރައްވާނެއޭ. ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ. ގަލީލީއިން ފެށިގެން ގޮސް މުޅި ޖުދެއާކަރަ ތެރޭގައި ކަންތައް ހިނގި ގޮތުގެ ވާހަކަ ކަލޭމެން ވެސް ވާނީ އަހާފަކަން ޔަގީނޭ. މި ކަންތައްތައް ފެށުނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވައިލެއްވި ގޮވައިލެއްވުމުން ފެށިގެންނޭ. މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އަދި އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ. އަހަރެމެންނަކީ އެކަލޭގެފާނު ގެ މަންދޫބުން. އެކަލޭގެފާނު ޖުދެއާ އާއި ޖެރޫސަލަމުގައި ކުރައްވަމުން ގެންދެވި ހުރިހާ ކަމެއް ލޮލުން ދެކުނު ހެކިން. މީހުން އެކަލޭގެފާނު ސަލީބެއްގައި ބަނދެ އެއަށް ނަގާ މަރާލި ތަންވެސް އަހަރެމެން ދުށިން. ނަމަވެސް މާތްރަސްކަލާނގެ ތިންވަނައަށް ވީ ދުވަހު އީސާގެފާނު އަލުން އަނބުރާ ދިރުއްވި. އަދި އެކަލޭގެފާނު މީސްތަކުންގެ ކުރިމައްޗަށް ހާމަވި. އެންމެންގެ ކުރި މައްޗަކަށް ނޫން. ހަމަ އެކަނި މާތްރަސްކަލާނގެ މާކުރީއްސުރެ ވެސް މިކަންތަކަށް ހެކިވުމަށް ހަމަޖައްސަވާފައިވީ މީހުން ކަމުގައި ވާ މީހުންގެ ކުރިމައްޗަށް. އަހަރެމެން މިއީ އެކަލޭގެފާނު އަލުން ދިރި ވަޑައިގެން ހިނދު އެކަލޭގެފާނާއި އެކު ކައި ބޮއި ހެދި މީހުން. އަދި މާތްރަސްކަލާނގެ އަހަރެމެންނަށް އެންގެވީ ހުރިހާތާކު ހުރިހާ އެންމެންގެ ކުރިމަތީގައި މި ކަންތައްތައް ފާޅުކޮށް އެންގުމަށް. އެއީ އީސާގެފާނަކީ މަރުވެފައިވާ މީހުންނާއި އަދި ދިރިތިބި މީހުންގެ މައްޗަށް ވެސް ހިސާބު ބެއްލެވުމަށް މާތްރަސްކަލާނގެ ކަނޑައެޅުއްވި ފަރާތްކަން އެންގުމަށް. ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅު.“ ޕަތަރަސް މި ފަދައިން ބުނެ ވާހަކަ ދައްކަމުން ދިޔަ ހިނދު މާތްރޫޙުފުޅު އެތާނގައި މި ބަސްތައް އަޑު އަހަން ތިބި އެންމެންގެ މައްޗަށް ވެރިވިއެވެ. މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކަށް ދެއްވި ތަން ދެކެ ޕަތަރަސްއާއި އެކު އައި އީސާގެފާނަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ހައިރާންވިއެވެ. އީސާގެފާނަށް އީމާންވެގެން ތިބި މި ބަނީއިސްރާއީލު މީހުންނަށް ކޮރުނޭލިޔުސްގެ ގޭތެރޭގައި ވީ މީސްތަކުން ތަފާތު ބަސްތަކުން ވާހަކަ ދައްކާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާކިޔާ އަޑު އިވުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބިފައިވާ ކަން އެއްވެސް ޝައްކެއް ނެތި އެނގި ހާމަވިއެވެ. ދެން ޕަތަރަސް ބުންޏެވެ. ”ހަމަ އަހަރެމެންނެކޭ އެއް ފަދައިން މާތްރަސްކަލާނގެ އެމީހުންނަށް ވެސް މާތްރޫޙުފުޅު ދެއްވައިފި. ވީއިރު އެމީހުން ތައުބާގެ ހިނެވުމުން ހިނެވުމާއި މެދު އެއްވެސް މީހަކަށް އިޢުތިރާޒު ކުރެވޭނީ ކިހިނެއް؟“ ދެން ޕަތަރަސް މި އެންމެން އީސާ އަލްމަސީޙުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވުމަށް އެންގިއެވެ. އަދި އެމީހުން އެދުނީ ޕަތަރަސް ދެތިން ދުވަހު އެމީހުންގެ ކާރީ އެ ރަށުގައި މަޑު ކޮށްދިނުމަށެވެ.