މަންދޫބުންގެ މަސައްކަތް. 8. ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ. މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ. ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ. ނަމަވެސް އެކިތަންތަނަށް ބެހިބެހިގެން ދިޔަ އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން އެކަލޭގެފާނާއި ބެހޭ ޚަބަރުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަމުން ދިޔައެވެ. އޭގެ ތެރެއިން އެކަކީ ފިލިޕު އެވެ. އޭނާ ދިޔައީ ސަމީރިއްޔާއަށެވެ. އެ ރަށުގައި އޭނާ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު އާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައިދިނެވެ. ބަސްތަކުގެ ފުރިހަމަ ކަމުން ފަރުވާތެރިކަމާއިއެކު އެ ބަސްތަކުގެ އަޑު އެހުމަށާ އަދި އޭނާގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތައް ދުށުމަށް މީސްތަކުން އެއްވިއެވެ. އެމީހުންގެ ތެރޭގައި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެފައި ވީ އެތައް ބަޔަކު ވިއެވެ. ފިލިޕު އެހުރިހާ އެންމެން އެ ނުބައި ރޫޙުތަކުގެ ދަށުން ސަލާމަތްކޮށް އެ ނުބައި ރޫޙުތައް ފޮނުވާލިއެވެ. އެ ރޫޙުތައް އަޑުގައި ނެއްތަނަށް ރޮއެ ހަޅޭއްލަވަމުން އެމީހުން ދޫކޮށް ދިޔައެވެ. އޭގެ އިތުރުން އެތާނގައި ތިބި ވާބަލި ޖެހިފައިވީ މީހުންނާއި ކޮރު މީހުން ވެސް ފިލިޕު ރަނގަޅު ކުރިއެވެ. މިހުރިހާ ކަމެއްގެ ސަބަބުން އެ ރަށުގެ އެންމެން ހިތްހަމަ ޖެހި އުފާވެރިވިއެވެ. ނަމަވެސް އެ ރަށުގައި އުޅުނު ސައިމަންއޭ ނަމަކަށް ކިޔުނު މީހަކު ވިއެވެ. މީނާ ވަނީ އޭނާގެ ފަންޑިތައިގެ ބާރުދައްކައިގެން މުޅި ސަމީރިއްޔާގެ އެންމެން ހައިރާން ކުރުވާފައެވެ. އޭނާ އަކީ މޮޅު މަތިވެރި ބާރެއް ލިބިގެންވާ މީހަކު ކަމުގައި އޭނާ ދަޢުވާ ކުރެއެވެ. އެ ރަށުގެ މުއްސަދިންނާ ފަޤީރުން ވެސް އޭނާގެ ބަސްތައް އަޑު އަހައެވެ. އަދި އޭނާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މަތިވެރި މީހާ ”އެކަލާނގެ ބާރުފުޅު“ ކަމުގައި ބުނެއެވެ. ކޮންމެއަކަސް މި ސައިމަން އޭނާގެ ފަންޑިތައިގެ ބާރުދައްކައިގެން އެ ރަށުގެ މީހުން އަޖައިބުކޮށް ހައިރާން ކުރުވާ ތާ އެތައް ދުވަހެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އޭނާއަށް އީމާންވިއެވެ. ނަމަވެސް ފިލިޕު އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުންނާ އަދި އީސާ އަލްމަސީޙުއާ ބެހޭ ގޮތުން އަންގައިދިނުމުން އެ ރަށުގެ އެތައް ފިރިހެނުންނާއި އަންހެނުންނެއް ފިލިޕުގެ ބަސް ގަބޫލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. މި ސައިމަން ވެސް އީސާގެފާނު ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އޭނާ އަބަދު ވެސް އުޅުނީ ފިލިޕު އާއި ވަރަށް ގާތްކޮށް އޭނާއާއި އެކުގައެވެ. އެއީ ފިލިޕުގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތަކުގެ ސަބަބުން އޭނާ ހައިރާން ވީތީއެވެ. ޖެރޫސަލަމުގައި ވީ އީސާގެފާނުގެ މަންދޫބުންނަށް ސަމީރިއްޔާގެ އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލު ކުރި ޚަބަރު ލިބުމުން އެމީހުންގެ ކައިރިއަށް ޕަތަރަސްއާއި ޔޫޙަންނާ ފޮނުވިއެވެ. ޕަތަރަސްއާއި ޔޫޙަންނާ ސަމީރިއްޔާއަށް އައިސް ފުރަތަމަ ވެސް ދުޢާ ކުރީ އެ ރަށުގައިވާ އީމާންވި އެންމެ ހާ މީސްތަކުންނަށް މާތްރޫޙުފުޅު ލިބުމަށް އެދިއެވެ. މި އެންމެން ވެސް ވަނީ މަތިވެރި ސާހިބު އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވިފައެވެ. ނަމަވެސް އަދި އޭރަކު އެމީހުންނަކަށް މާތްރޫޙުފުޅެއް ނުދެއްވައެވެ. ދެން މި ދެ މަންދޫބުން މީސްތަކުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދިޔައެވެ. މަންދޫބުން މީސްތަކުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުންދާ ތަން ސައިމަންއަށް ފެނުނެވެ. ދެން އޭނާ ވެސް އެ ބާރު ލިބިގަތުމަށް ބޭނުންވެ އީސާގެފާނުގެ މަންދޫބުންގެ އަތަށް ލާރި ދީފައި އޭނާ ބުންޏެވެ. ”މަށަށް ވެސް ތިޔަ ބާރު ދީ. އޭރުން މަ ވެސް އަތްލާ މީހަކަށް މާތްރޫޙުފުޅު ލިބޭނެ.“ ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލެއާއި ކަލޭގެ ފައިސާ އާއި ދާނީ ނަރަކައަށް. އެއީ ކަލޭ ތިޔަ ހީކުރީ މާތްރަސްކަލާނގެ ދެއްވާ ހަދިޔާފުޅު ފައިސާ ދީފަ ގަތުމަށް. އަހަރެމެންނާއި އެކު މި ކަންތައް ކުރުމަށް ބައިވެރިވުމަކަށް ކަލެއަކަށް އެއްވެސް ޖާގައެއް ނެތް. އަދި ކަލޭގެ ހިތުގެ މަގުސަދާއި ނިޔަތް ރަނގަޅު ނޫންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވޭ. ތިޔަ ފަދަ ނުބައި ޚިޔާލުތަކުން ދުރުވޭ. އަދި މަޢާފަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރޭ. ފަހަރެއްގައި އެކަލާނގެ ކަލޭގެ ތިޔަ ފަދަ ނުބައި ޚިޔާލުތަކަށް މަޢާފު ކޮށްފާނެ ކަން ނޭނގެ. ކަލޭގެ ހިތް ތިޔަ ވަނީ ހަސަދައިން ފުރިފަ. އަދި ކަލޭ ތިޔަ ވަނީ ފާފައިގެ ބާރުގެ ދަށުގައި ބަނދެވިފަ.“ ސައިމަން ބުންޏެވެ. ”ތިޔަ ބުނި ފަދަ ދެރަ ނުބައިކަންތައް އަހަރެންނާ ދޭތެރޭ ނުވުމަށް އެދި ތިޔައިގެ ދެމީހުން އަހަރެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކޮށް ދީ.“ ޕަތަރަސްއާއި ޔޫޙަންނާ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އެ ރަށުގެ މީހުންނަށް ކިޔާ ދިނުމަށް ފަހު އެނބުރި ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށިއެވެ. އެމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި ވީ ސަމީރިއްޔާގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އެމީހުން އެ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ފިލިޕުއަށް މާތްރަސްކަލާނގެ މަލާއިކަތަކު މެދުވެރިކޮށް އެންގެވީ ޖެރޫސަލަމުން ޣައްޒާއަށް ދެވެން އޮންނަ ހަނަފަސް ބިމުގެ މަގުން ދެކުނަށް ދިއުމަށެވެ. ދެން ފިލިޕު ދަތުރަށް ފެށިއެވެ. އޭނާ ދަތުރުކޮށް ދިޔަމަގުމަތީ އިތިޔޯޕިޔާގެ މީހަކާ ދިމާވިއެވެ. މީނާއަކި އިތިޔޯޕިޔާގެ ރާނީ ކަންދާޒުގެ ޚަޒާނާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ވަޒީރެވެ. މީނާއަކީ ހޯޖާއެކެވެ. އެކަމަނާގެ ހުރިހާ ފައިސާއެއް ވަނީ މީނާގެ ބެލެހެއްޓުމުގެ ދަށުގައެވެ. މީނާ ޖެރޫސަލަމަށް އައީ ބައިތުލް މަޤްދިސްގައި އަޅުކަން ކުރުމަށްޓަކައެވެ. މީނާ ރަށަށް އެނބުރި ދިއުމަށްޓަކައި އޭނާގެ އަސްގާޑިޔަލުގައި އެހެން ލާފައި ދިޔައެވެ. އެވަގުތު އޭނާ އިނީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅު ކިޔާށެވެ. މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ. ފިލިޕު ދުވެފަ ގޮސް އެ އަސްގާޑިޔަލާ އަރާ ހަމަ ކުރި އިރު އޭނާ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅުން ކިޔަމުންދާ އަޑު އިވުނެވެ. ފިލިޕު އޭނާ ކުރެން ސުވާލު ކުރިއެވެ. ”މަނިކުފާނު ތިޔަ ކިޔުއްވަމުން ގެންދަވާ އެއްޗެއްގެ ފުރިހަމަ މާނަ މަނިކުފާނަށް ސާފުކޮށް އެނގޭތޯ؟“ އޭނާ ބުންޏެވެ. ”އަހަރެންނަށް މީގެ މާނަ ފުރިހަމައަށް ކިޔާ ނުދެނީސް އަހަންނަށް މި ރަނގަޅަށް އެނގި ވިސްނޭނީ ކިހިނެއް ތަ؟“ ދެން އޭނާ ފިލިޕުގެ ކިބައިން އެދުނީ އޭނާގެ އަސްގާޑިޔަލަށް އަރާ އޭނާ ކައިރި އިށީނުމަށެވެ. އެ ފޮތުން އޭނާ ކިޔަމުން ދިޔައީ މި އާޔަތް ތަކެވެ. ”އެކަލޭގެފާނު ކަތިލަން ގެންދެވުނު ކަންބަޅި ބަކަރިއެއް ފަދައިން ގެންދެވުނެވެ. ކަންބަޅި ބަކަރިއެއްގެ ކެހެރިތައް ބާލާއިރު އޭތި މަޑު މަޑުން އޮންނަ ފަދައިން އެކަލޭގެފާނު އެއްވެސް ބަހެއްނުބުނެ މަޑުން ހުންނެވިއެވެ. އެކަލޭގެފާނު ނިކަމެތިކޮށް ދެރަކޮށްލެވުނެވެ. އަދި އެކަލޭގެފާނާއި ދޭތެރޭ ކަންތައް ކުރެވުނީ ނުޙައްޤުންނެވެ. އެކަލޭގެފާނުގެ ދަރިކޮޅާއި ބެހޭ ގޮތުން ވާހަކަ ދެއްކޭނީ ކާކަށް ހެއްޔެވެ. އެކަލޭގެފާނުގެ ދުނިޔެވީ ޙަޔާތް ދިރިއުޅުން ވަނީ އެކަލޭގެފާނުގެ އަތުން އަތުލާ ގަނެވިފައެވެ.“ އޭނާ ފިލިޕު ކުރެން ސުވާލު ކުރިއެވެ. ”އަހަންނަށް ބުނެދީބަލަ. ނަބީ ޔަޝަޔާޙުގެފާނު މި އާޔަތްތަކުގައި އެބަޔާން ކުރެއްވީ ކޮން ބޭކަލެއްގެ ވާހަކަތަކެއް ތަ؟ އެއީ ނަބީ ޔަޝަޔާޙުގެފާނުގެ ވާހަކަ ތަ ނުވަތަ އެހެން ކޮންމެސް ބޭކަލަކާ ބެހޭ ވާހަކަތަކެއް ތަ؟“ ދެން ފިލިޕު ހަމަ އޭނާ އެކީ އާޔަތްތަކުން ފަށައިގެން އަދި ވެސް އެހެން އާޔަތްތައް ވެސް ކިޔާދީ އޭނާ އަށް އެބޭކަލަކީ އީސާގެފާނު ކަން ހާމަކޮށްދީ އަދި އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އަދި އެކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދިނެވެ. ދެން އެމީހުން އެމަގުން ދަތުރުކޮށް ކުރިއަށް ދިޔައިރު އެތާނގައިވާ ފެންގަނޑެއް ފެނުނެވެ. އެވަގުތު މި އިތިޔޯޕިޔާގެ ވަޒީރު ފިލިޕުއަށް ބުންޏެވެ. ”ނިކަން ދެކިބަލާ. މިތާނގައި މި ވަނީ ފެންގަނޑެއް. ވީއިރު އަހަރެން ތައުބާގެ ހިނެވުމުން ހިނައި ނުގަންނަންވީ ކީއްވެ؟“ ދެން އޭނާ އެ އަސްގާޑިޔާ މަޑު ކުރުމަށް އެންގެވިއެވެ. ދެން ފިލިޕު އާއި އޭނާ އެ ފެންގަނޑުގެ ތެރެއަށް އެރުނެވެ. އަދި ފިލިޕު މި އިތިޔޯޕިޔާގެ ވަޒީރު ތައުބާގެ ހިނެވުމުން ހިނެވިއެވެ. އެމީހުން އެފެންގަނޑުން އެރި ހިނދު މާތްރޫޙުފުޅު ކުއްލިއަކަށް ފިލިޕު ގެންދެވިއެވެ. އަދި މި ވަޒީރާއި ފިލިޕު އާއި އޭގެ ފަހުން ދުވަހަކު ވެސް ބައްދަލެއްނުވެއެވެ. ނަމަވެސް އޭނާ ރަށަށް ދިއުމަށް ދަތުރުކޮށް ދިޔައީ ވަރަށް އުފާވެ ހިތްހަމަޖެހުމާއި އެކުގައެވެ. އެހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.