ޔޫޙަންނާ. 21. ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ. އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”ދީދިމޫހު“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ. ޝަމްއޫނު ޕަތަރަސް ބުންޏެވެ. ”އަހަރެން މިދަނީ މަހަށްދާން.“ ދެން އެމީހުން ބުންޏެވެ. ”އަހަރެމެން ވެސް ދާނަން.“ މިއެންމެން މަހަށް ގޮސް މުޅިރޭ އުޅެގެންވެސް އެކައްޗެއްވެސް ނުބޭނުނެވެ. އިރުއަރަނިކޮށް އީސާގެފާނު އެ އައްސޭރިއަށް ވަޑައިގަންނެވިއެވެ. ނަމަވެސް އަސްޙާބީންނަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ. އެކަލޭގެފާނު ގޮވާލެއްވިއެވެ. ”އެކުވެރިންނޭ! ކޮބާ އެކައްޗެއްވެސް ނުބޭނުނު ދޯ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”އެކައްޗެއް ވެސް ނުބޭނޭ.“ އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ދޯނީގެ ކަނާއަތް ފަރާތަށް ދާއެއްލާ! އޭރުން މަސް ހިފޭނެ.“ ދެން އެމީހުން ދާ އެއްލާފައި ނަގަން އުޅެ އުޅެ އެ ދާ އުފުލާވެސް ނުލެވުނެވެ. އެއީ ދަލަށް އަރާފައި ހުރި މަސްތައް ގިނަ ކަމުންނެވެ. އެހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”އެއީ މާތް ސާހިބާ!“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ. އޭރު ދޯނި އޮތީ ގޮނޑުދޮށާ ގާތްގަނޑަކަށް ދުއިސައްތަ ގަޒު ދުރުމިނުގައެވެ. އޭގައި ތިބި އަސްޙާބީން މަސްތަކުން ފުރިފައި އޮތް ދާ ދަމަމުން ދޯނި ގޮނޑުދޮށަށް ކައިރި ކޮށްފިއެވެ. އެމީހުން ގޮނޑުދޮށަށް ފޭބިތަނުން ދެލި އަންދައިގެން އަލިފާން ރޯކުރެވި މަސް ފިހެވެމުން ދިޔަތަން އެމީހުންނަށް ފެނުނެވެ. އަދި އެތަނުގައި ބޯ ރޮށިތައް ވެސް ހުއްޓެވެ. ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހިފި ތަނުން މަސް ކޮޅެއް ވެސް ގެނޭ.“ މިހެން ވިދާޅުވުމުން ޝަމްއޫނު ޕަތަރަސް ދޯންޏަށް ގޮސް ދާ އެއްގަމަށް ގެނައެވެ. އެ ދަލުގައި ވަރަށް ބޮޑެތި މަހުގެ ސަތޭކަ ފަންސާސް ތިން މަސް ޖެހިފައި އޮތެވެ. އެކަމަކު ދާ ވީދިފައެއް ވެސް ނެތެވެ. އީސާގެފާނު ވިދާޅުވިއެވެ ”ކާން އާދޭ!“ މީގެ އެއްވެސް އަސްޙާބީއަކަށް ”ތިއީ ކާކުހޭ؟“ އަހާލަން ވެސް ނުކެރުނެވެ. އެހެނީ އެއީ އެމީހުންގެ މާތް ސާހިބާކަން އެމީހުންނަށް ޔަޤީންވާތީއެވެ. އެހެންވެ އީސާގެފާނު ވަޑައިގެން ބޯ ރޮށި ނަންގަވައި އެމީހުންނަށް ދެއްވިއެވެ. އެގޮތަށް މަސް ނަންގަވައިވެސް ކަންތައް ކުރެއްވިއެވެ. މިއީ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެން އެކަލޭގެފާނުގެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!“ އީސާގެފާނު އަނެއްކާ ތަކުރާރު ކުރައްވާ އެއްސެވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޕަތަރަސް ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގިވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ އަހަރެންގެ ކަންބަޅިތައް ގެންގުޅެ ބަލަހައްޓާ!“ އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ބުނަންތަ! ކަލޭ ޒުވާން އިރު ކަލޭ ބޭނުން ގޮތަކަށް ކަންތައްކޮށް ބޭނުން ތާނކަށް ގޮސްއުޅުނު ނަމަވެސް މުސްކުޅި ވުމުން ކަލޭ ދެއަތް ދިއްކުރާނެ. އޭރުން އެހެން މީހުން ކަލޭ ދާން ބޭނުން ނެތްތާނކަށް ކަލޭ ބަނދެގެން ގެންދާނެ.“ އެކަލޭގެފާނު މިހެން މި ވިދާޅުވީ ޕަތަރަސް މަރުވާނީ މާތްރަސްކަލާނގެ ނަންފުޅު މަތިވެރި ވާނެ ފަދަ ގޮތެއްގައި ކަމަށް އިޝާރާތް ކުރައްވައެވެ. ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާ އެކު އާދޭ!“ ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ“ މިހެން އެހި އަސްޙާބީއެވެ. ޕަތަރަސްއަށް އެ އަސްޙާބީ ފެނުމާއެކު އީސާގެފާނަށް ދެންނެވިއެވެ. ”ސާހިބާ! މި މީހާއާމެދު ކަންތައް ހުރީ ކިހިނެއްތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް އެކަމާ ނުބެހޭ. ކަލޭ އަހަރެންނާއި އެކުގައި އާދޭ.“ ދެން އީސާގެފާނަށް އީމާންވެ ތިބި މީހުންގެ މެދުގައި އެ އަސްޙާބީ ދުވަހަކު ވެސް މަރެއް ނުވާނެ ކަމުގައި ވާހަކަ ފެތުރުނެވެ. ނަމަވެސް އީސާގެފާނު އެވިދާޅުވީ އޭނާ މަރުނުވާނެއެކޭ އެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވީ، ”އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް ކަލޭ އެކަމާ ނުބެހޭށޭ“ މިހެންނެވެ. މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ. އީސާގެފާނު މިނޫނަސް އިތުރު އެތައް އެތައް ކަމެއް ކުރެއްވިއެވެ. އެކަމަކު އެހުރިހާ ކަމެއް އެއްކަމަކަށް ފަހު އަނެއްކަމެއް ލިޔަން ވެއްޖެނަމަ އަހަރެން ދެކޭ ގޮތުގައި މި ދުނިޔެއަށް ނުތަކާހާ ގިނަ ފޮތްތައް ލިޔެވިދާނެއެވެ.