ޔޫޙަންނާ. 19. ދެން ޕިލާތުސްގެ އަމުރަށް އީސާގެފާނުގެ ގައިކޮޅުގައި ޗާބޫކަކުން ތެޅިއެވެ. އެއަށް ފަހު ސިފައިން ކަށިވެޔޮގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވައިފިއެވެ. އަދި ރަސްކަލުން ތުރުކުރައްވާ ކަހަލަ ދަނބުކުލައިގެ ސާލެއްވެސް އޮޅައިފިއެވެ. ދެން އެމީހުން އައިސް ބުންޏެވެ. ”ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ. ދެން ޕިލާތުސް އަނެއްކާ ވެސް ބޭރަށް ނުކުމެ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”އަހަރެން މިމީހާ ކަލޭމެންގެ ކުރިމައްޗަށް އެބަ ނެރެން. އެއީ އޭނާ ކޮށްފައިވާ އެއްވެސް ކުށެއް އަހަރެންނަށް ނުފެނުނުކަން ކަލޭމެންނަށް ހާމަކޮށްދޭން.“ ދެން އީސާގެފާނު އެ ކަށީގެ ތާޖުއަޅުވައި ދަނބުކުލައިގެ ސާލު ލައްވައިގެން ބޭރަށް ނެރުނެވެ. އަދި ޕިލާތުސް ބުންޏެވެ. ”ކަލޭމެން ބަލާ! އޭނާ މިހިރީ!“ ބޮޑު އިމާމުންނަށާއި އަދި ބައިތުލް މަޤްދިސްގެ ސިފައިންނަށް އީސާގެފާނު ފެނުމުން އެމީހުން ހަޅޭއްލަވާ ގޮވަން ފެށިއެވެ. ”އޭނާ ސަލީބަށް އަރުވާ! އޭނާ ސަލީބަށް އަރުވާ!“ ދެން ޕިލާތުސް ބުންޏެވެ. ”ކަލޭމެން އޭނާ ސަލީބަށް އަރުވާ! އަހަރެންނަކަށް އޭނާއަށް އަދަބެއް ދޭން ޖެހޭ އެއްވެސް ކަމެއް ނުފެނުނު!“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”އަހަރެމެންގެ ދީނުގެ ގަވާއިދުތަކުގެ މަތިން އޭނާއަށް މަރުގެ ޙުކުމް ކުރަން ޖެހޭނެ. އެއީ ތިމަން މިއީ މާތްރަސްކަލާނގެ ދަރިކަލުންނޭ އޭނާ ބުނި.“ އެމީހުން މިހެން ބުނުމުން ޕިލާތުސް އަދި ވަކިން ބޮޑަށް ބިރުގަތެވެ. ދެން އޭނާ އަނެއްކާވެސް އެތެރެއަށް ވަދެ އީސާގެފާނާއި ސުވާލު ކުރިއެވެ. ”ކަލޭ އައީ ކޮންތާނކުން؟“ ނަމަވެސް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ޕިލާތުސް ބުންޏެވެ. ”ކަލޭ އަހަރެންގެ ސުވާލަށް ޖަވާބު ނުދިނީ ކީއްވެ؟ އަހަރެންނަށް ކަލޭ މިނިވަންކުރުމުގެ ބާރާއި އަދި ކަލޭ ސަލީބަށް އެރުވުމުގެ ބާރުވެސް ލިބިފަވާކަން ކަލެއަކަށް ނޭނގޭތަ؟“ އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.“ ދެން ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”ތިޔަބޭފުޅާ މިމީހާ މިނިވަންކޮށްފިނަމަ ތިއީ ކައިސަރު ރަސްގެފާނަށް ހެޔޮއެދޭ މީހެއް ކަމަކަށް ނުވާނެ. އެހެނީ ރަސްކަލެއް ކަމުގައި ދައުވާ ކުރާ ކޮންމެ މީހަކީ ކައިސަރުގެ ދުޝްމިނެއް.“ އެމީހުން މިހެން ބުނުމުން ޕިލާތުސް އަނެއްކާވެސް އީސާގެފާނު އެމީހުންގެ ކުރިމައްޗަށް ނެރުމަށް ފަހު ފަނޑިޔާރުގެ ގޮނޑީގައި އިށީނދެ ވަޑައިގަތެވެ. މި ޝަރީއަތް ކުރެވުނީ ހިލައިގެ ތަޅުންގަނޑުގެ ނަމުން ނަންދެވިފައިވާ ތަނުގައެވެ. މި ތަނަށް ޢިބްރާނީ ބަހުން ކިޔެނީ ”ގައްބާތަ“ އެވެ. މިއީ ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ކެއުން އޮންނަ ދުވަހުގެ ކުރީ ދުވަހެވެ. އޭރު އެދުވަހު މެންދުރު ވުމާއި ވަނީ ކައިރިވެފައެވެ. ދެން ޕިލާތުސް ބަނީއިސްރާއީލު މީހުންނަށް ބުންޏެވެ. ”ނިކަން ދެކެބަލަ. މިހިރީ ކަލޭމެންގެ ރަސްގެފާނު!“ އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!“ ޕިލާތުސް ބުންޏެވެ. ”ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!“ ދެން ޕިލާތުސް އީސާގެފާނު ސަލީބަށް އެރުވުމަށް ސިފައިންނާއި ހަވާލުކުރިއެވެ. ދެން ރޯމުގެސިފައިން އީސާގެފާނު ގޮވައިގެން އެތަނުން ދިޔައެވެ. އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”ގޮލުގޮތާ“، ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ، ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ. އެތާނގައި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އީސާގެފާނުގެ އިތުރުން ވެސް ދެމީހަކު ސަލީބަށް އަރުވައިފައި ތިއްބެވެ. އެކަކު ވަނީ އެކަލޭގެފާނުގެ ކަނާއަތް ފަރާތުގައެވެ. އަނެކަކުވަނީ އެކަލޭގެފާނުގެ ވާތްފަރާތުގައެވެ. އީސާގެފާނާއި މެދު ކުރެވުނު ދައުވާ ހާމަކޮށް ދިނުމުގެ ގޮތުން ސަލީބުގައި ބޯޑެއް ހަރުކޮށް އޭގައި ”ނާޒަރަތުގެ އީސާ، ބަނީއިސްރާއީލުގެ ރަސްގެފާނު“ މިހެން ލިޔުމަށް ޕިލާތުސް އެންގިއެވެ. ވަރަށްގިނަ ބަޔަކު އެލިޔުން ކިޔެވެ. އެއީ އީސާގެފާނު ސަލީބަށް އެރުވިފައިވާ ތަނަކީ ރަށާ ދުރު ނޫން ހިސާބަކަށްވެފައި، އެ ލިޔުން ޢިބްރާނީ ބަހުންނާއި ގުރީކު ބަހުންނާއި ލެޓިނުން ލިޔެފައި ހުރީ ތީއެވެ. ދެން ބޮޑު އިމާމުން ޕިލާތުސްއަށް ބުންޏެވެ. ”އެ ބޯޑުގައި މިހާރު ލިޔެވިފައިވާ ’ބަނީއިސްރާއީލުގެ ރަސްގެފާނުއޭ‘ އެ ޢިބާރާތް ބަދަލުކޮށް ’އޭނާ ބުނާ ގޮތުގައި ތިމަން މިއީ ބަނީއިސްރާއީލުގެ ރަސްގެފާނުއޭ‘ މި ޢިބާރާތަށް ބަދަލުކުރޭ.“ ޕިލާތުސް ބުންޏެވެ. ”އަހަރެން ލިޔުނު އެއްޗެއް އަހަރެން އެވަނީ ލިޔެ ނިންމާފައި.“ އީސާގެފާނު ސަލީބަށް އެރުވުމަށް ފަހު އެކަލޭގެފާނުގެ ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު އެކަމުގައި އުޅުނު ސިފައިންގެ ހަތަރުމީހުންގެ މެދުގައި ބަހާލިއެވެ. އެކަލޭގެފާނު ބޭރުން ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ވިޔެވިފައި ވަނީ ފަތިނުޖަހައި އެކަތިގަނޑެއްގެ ގޮތުގައެވެ. އެހެން ކަމުން އެމީހުން ބުންޏެވެ. ”މިފަދަ އެއްޗެއް އިރާލައިގެން ބަހާނެ ކަމެއް ނެތް. މި ލިބެނީ ކާކަށްތޯ ބަލަން އޭގެ މައްޗަށް ގުރުއަތުލާން ހިނގާ.“ މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތުގައި ޣައިބުގައި ލިޔެވިގެންވީ ބަސްފުޅުތައް ތެދަކަށް ވިއެވެ. އެހެނީ މިފަދައިން ލިޔެވިގެންވެއެވެ. ”އަހަރެންގެ އަންނައުނު އެމީހުން އެކަކު އަނެކަކަށް ބަހާލިއެވެ. އަދި އަހަރެންގެ ގައިގައި ވީ ރިދާކޮޅު ލިބޭނެ މީހަކު ބެލުމަށް އެމީހުން ގުރުއަތުލިއެވެ.“ އެމީހުން އެފަދައިން ކަންތައްކުރި އިރު، އީސާގެފާނުގެ ސަލީބުގެ ކައިރީގައި އެކަލޭގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި، އީސާގެފާނުގެ ބޮޑު ދައިތައާއި، ކޮލޮޕާހުގެ އަންހެނުން މަރިޔަމް އާއި، މަރިޔަމް މަގްދަލޭނާ ތިއްބެވެ. އެހިނދު އީސާގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނު ލޯބިފުޅުވާ އަސްޙާބީ އެތާނގައި ތިއްބެވިތަން ފެނުމުން މަރިޔަމްގެފާނަށް ވިދާޅުވިއެވެ. ”މާތް އަންހެނާ! ތިހިރީކަމަނާގެ ދަރިފުޅު.“ ދެން އެ އަސްޙާބީއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިހިރީ ކަލޭގެ މަންމަ.“ ދެން އެދުވަހުން ފެށިގެން އެ އަސްޙާބީ މަރިޔަމްގެފާނު އޭނާގެ ގެއަށް ގެންގޮސް ބެލެހެއްޓިއެވެ. އީސާގެފާނަށް އެކަލޭގެފާނު ކުރައްވަންވީ ހުރިހާކަމެއް ކުރައްވައި ނިމިއްޖެކަން އެނގިވަޑައިގެންނެވިއެވެ. ފަތްފުށްތަކުގައި ލިޔެވިގެންވީ ޣައިބުގެ ބަސްފުޅު ތެދަކަށް ވުމަށްޓަކައި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން ފެންބޮވައިގެންފި!“ އޭރު ހުތް މޭބިސްކަދުރު ދިޔަ ޖަގެއް އެތާނގައި ހުއްޓެވެ. އެމީހުން އެ ޖަގަށް މޫދު ސްޕަންޖުގަނޑެއް ލައި ތެއްމާލުމަށް ފަހު ޒޫފާ ދަނޑިއެއްގެ ކޮޅުގައި ލާފައި އީސާގެފާނުގެ ތުންފަތްޕުޅުގައި ޖެއްސިއެވެ. އީސާގެފާނު އެއިން ރަހަ ބެއްލެވުމަށް ފަހު ވިދާޅުވިއެވެ. ”ހުރިހާ ކަމެއް މިނިމުނީ.“ އެހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އިސްޖައްސަވައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ. އެދުވަހުގެ އިރުއޮއްސުމާއެކު ޚާއްސަ ސަބަތުގެ ދުވަސް ފެށޭނެތީ ސަލީބަށް އެރުވިފައި ތިބި މީހުން އިރު އޮއްސެންދެން ސަލީބުގައި ބައިތިއްބާކަށް ބަނީއިސްރާއީލުގެ ވެރިން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ ސަލީބަށް އެރުވިފައިތިބި މީހުން މަރުވުން އަވަސް ކުރުމަށް އެމީހުންގެ ފައިތައް ބިންދާލުމަށެވެ. ދެން ސިފައިން އައިސް އީސާގެފާނުގެ ދެފަރާތުގައި ސަލީބަށް އެރުވިފައި ތިބި ދެމީހުންގެ ފައި ބިންދާލިއެވެ. އެމީހުން އީސާގެފާނުގެ ފައިންޕުޅު ބިންދާލުމަށް އައިއިރު އެކަލޭގެފާނުގެ ފުރާނަފުޅު ހިނގައްޖެކަން އެނގުމުން އެކަލޭގެފާނުގެ ފައިންޕުޅު ބިންދައެއް ނުލައެވެ. ނަމަވެސް އެތަނުން ސިފައިންގެ މީހަކު އެކަލޭގެފާނުގެ އަރިކަށިފުޅަށް ލޮންސިއެއް ހަރާލިއެވެ. އެއާއެކު އެކަލޭގެފާނުގެ ހަށިކޮޅުން ލެއާއި ފެން ފައިބައިގަތެވެ. މި ބަޔާން މިދެނީ އެތަން ލޮލުންދެކެ އަތުންހިފި މީހަކީމެވެ. މިއީ ތެދުބަޔާނެކެވެ. މިބަޔާން މިދެނީ އެކަމުގެ ސަބަބުން ކަލޭމެންނަށް ވެސް މި ކަންތައްތައް އެނގި އެކަން ގަބޫލު ކުރުމަށް އެހީވުމަށްޓަކައެވެ. މި ކަންތައްތައް މިހެންވެ ދިޔައީ ވެސް ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ ބަސްފުޅު ފުރިހަމަވުމުގެ ގޮތުންނެވެ. އެހެނީ ލިޔެވިގެންވީ މިފަދައިންނެވެ: ”އެކަލޭގެފާނުގެ ހަށިކޮޅުގެ އެންމެ ކައްޓެއް ވެސް ނުބިނދޭނެއެވެ.“ އަދި ”އެމީހުން ތޮރުފާ ޒަޚަމް ކޮށްލި މީހާ އަށް އެމީހުން ބަލާނެއެވެ.“ އަރިމާތެއާއިން އައިސް ހުރި ޔޫސުފުއަކީ ސިއްރިއްޔާތުގައި އީސާގެފާނުގެ އަސްޙާބީއެއްގެ ގޮތުގައި އުޅުނު މީހެކެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. މީނާ ޕިލާތުސްގެ ކިބައިން އީސާގެފާނުގެ ހަށިކޮޅު ނަގައިގެން ގެންދިއުމުގެ ހުއްދައަށް އެދުނެވެ. ޕިލާތުސް އެ ހުއްދަ ދިނުމުން އޭނާ އައިސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސްފިއެވެ. އީސާގެފާނުގެ އަރިހަށް ކުރީރެއަކު އައި ނިކޮދޭމު ވެސް އެތަނަށް އައެވެ. އޭނާ އައީ ކަފުންކުރަން ބޭނުންކުރާ ބާވަތުގެ ތެއްތިރީހަކަށް ކިލޯގެ ތަކެއްޗާއި، އަދި މީރުވަސްދުވާ ތަކެތިވެސް ހިފައިގެންނެވެ. ބަނީއިސްރާއީލު މީހުންގެ އާދަކާދައާއި އެއްގޮތަށް އެމީހުން އީސާގެފާނުގެ ހަށިކޮޅު ދިގު ފޮށައަކަށްލައި މީރުވަސް ދުވާތަކެތި އަޅައި ކަފުން ކުރިއެވެ. އީސާގެފާނު ސަލީބަށް އެރުވުނު ތަނާ މާކަ ދުރު ނޫން ހިސާބެއްގައި އޮންނަ ބަގީޗާއެއްގައި މީހުން ވަޅުލުމަށްޓަކައި ހެދިފައިވާ ހޮހަޅައެއް ހުރެއެވެ. އޭރު އަދި އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފައެއް ނުވެއެވެ. އަދި އެދުވަހަކީ ސަބަތުގެ ދުވަހަށް ކަންތައް ތައްޔާރު ކުރެވޭ ދުވަސްކަމަށް ވާތީއާއި އަދި މިތަން ވަނީ މާދުރު ނޫން ހިސާބެއްގައި ކަމުން އެމީހުން އީސާގެފާނުގެ ހަށިކޮޅު އެ ހޮހަޅައިގައި ވެޑުވިއެވެ.