ޔޫޙަންނާ. 15. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަސްލު މޭބިސްކަދުރު ވެލަކީ އަހަރެން. އެ ހައްދާ ބަލަހައްޓާ ފަރާތަކީ އަހަރެންގެ ބައްޕާފުޅު. އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި. އަހަރެން ކަލޭމެންނަށް އަންގައިދިން ބަސްތަކުގެ ސަބަބުން ކަލޭމެން ތިޔަ ވަނީ އެފަދަ ގޮފިތަކެއް ފަދައިން ކޮށައި ސާފުކުރެވިފައި. ކަލޭމެން އަބަދުވެސް އަހަރެންނާއި ގުޅިފައި ތިބޭތި. އޭރުން އަހަރެން ވެސް ކަލޭމެންނާއި ގުޅިފައިވާނަން. ގަހާއި ވަކިވެފައިވާ ގޮފިގަނޑެއްގައި މޭވާ ނާޅާނެ ފަދައިން ކަލޭމެން އަހަރެންނާއި ވަކިވެއްޖެ ނަމަ ކަލޭމެން ކުރާ ކަމަކުން ވެސް މޭވާއެއް ނުލިބޭނެ. އަހަރެން މީ މޭބިސްކަދުރު ވެޔޮ. ކަލޭމެންނީ އެވެލުގެ ގޮފިތައް. އަހަރެންނާއި ގުޅިފައިވާ މީހުން ކިބައިން އެތައް މޭވާއެއް ލިބޭނެ. ނަމަވެސް އަހަރެންނާއި ގުޅިފައި ނުވާ މީހުން ކިބައިން އެއްވެސް މޭވާއެއް ނުލިބޭނެ. އަހަރެންނާ ގުޅިގެން ނުވާ މީހެއް ނަމަ، މިލައި ހިކިފައިވާ ގޮފިގަނޑެއް ފަދައިން ކަނޑާ އެއްލާލެވޭނެ. އަދި އެފަދަ ގޮފިތައް ހިކިގެން ދިޔައީމާ އެއްކޮށްފައި އަންދާލެވޭނެ. ކަލޭމެން އަހަންނާ އަދި އަހަރެންގެ ބަސްތަކާ ގުޅިފައިވާނަމަ، ކަލޭމެން ކޮންމެ ކަމަކަށް އެދި ދެންނެވިޔަސް އެކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެ. ކަލޭމެން ކިބައިން ގިނަ މޭވާ އެޅުމުން ކަލޭމެންނަކީ ތެދުހިތުން އަހަރެންނަށް އީމާންވާ މީހުން ކަން އެނގޭނެ. އަދި މިކަމުގެ ސަބަބުން ބައްޕާފުޅުގެ ނަންފުޅު މަތިވެރި ވާނެ. އަހަރެންގެ ބައްޕާފުޅު އަހަރެން ދެކެ ލޯބިވާ ފަދައިން ހަމަ އަހަރެން ވެސް ކަލޭމެން ދެކެ ލޯބިވަން. ވީމާ އަހަރެން ކަލޭމެން ދެކެ ވާ ލޯތްބާގުޅި ލާމެހިގެން ތިބޭތި. އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން. އަހަރެން މިހެން މި ބުނީ އަހަރެންގެ ކިބައިގައި މިވާ އުފާ ކަލޭމެންގެ ކިބައިގައި ވުމަށްޓަކައި. އެގޮތުން ކަލޭމެންގެ އުފާ ވެސް ފުރިހަމަ ވެގެން ދިއުމަށްޓަކައި. އަހަރެން އަމުރު ކުރަނީ މި ކަމަށް. އަހަރެން ކަލޭމެން ދެކެ ލޯބިވާ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބި ވޭ! އެންމެ މަތިވެރި ގޮތެއްގައި ރައްޓެހިން ދެކެ ލޯބިވާ މީހާ އެރަށްޓެހިންނަށްޓަކައި އަމިއްލަ ފުރާނަ ދޫކޮށްލާނެ. ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަންވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން. ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން. ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ. އަހަރެން ކަލޭމެންނަށް އެކަކު އަނެކަކު ދެކެ ލޯބިވުމަށް އަމުރުކުރަން.“ ”މި ދުނިޔޭގެ މީހުން ކަލޭމެން ދެކެ ނަފުރަތުކޮށް ރުޅިއަންނަ ހިނދު ހަނދާން ކުރޭ، އެމީހުން އެންމެފުރަތަމަ ނަފުރަތުކޮށް ރުޅިއައީ އަހަރެން ދެކެ. ކަލޭމެންވެސް ތީ ދުނިޔެވީ މީހުން ކަމުގައިވާނަމަ އެ މީހުން ކަލޭމެން ދެކެ ލޯބިވާނެ. އެކަމަކު މިހާރު ކަލޭމެން ތީ އެފަދަ ބައެއް ނޫން. އަހަރެން ޚިޔާރު ކުރީ ކަލޭމެން އެ ދުނިޔެއިން ބޭރަށް ނެރެލުމަށް. ކަލޭމެން ދެކެ އެމީހުން ރުޅި އަންނަނީ އެހެން ވީމާ. ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ. ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފުރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ. އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް. އަހަރެން ދެކެ ނަފުރަތުކޮށް ރުޅިއަންނަ ކޮންމެ މީހަކު އަހަރެންގެ ބައްޕާފުޅު ދެކެވެސް ނަފުރަތުކޮށް ރުޅިއަންނާނެ. މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހުވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފުރަތުކޮށް ރުޅިއާދޭ. މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅުވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.‘ ބައްޕާފުޅުގެ ފަރާތުން ފޮނުއްވޭ އެހީތެރިޔާ ކަމަށް ވާ، މާތްރޫޙުފުޅު އަހަރެން ކަލޭމެންގެ ގާތަށް ފޮނުއްވާނަން. އެރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައިކަން ފުރިހަމައަށް އަންގަވައިދެއްވާނެ. އެ ރޫޙުފުޅު އަހަރެންނާއި މެދު ހެކިދޭނެ. އަދި ކަލޭމެންވެސް އަހަރެންނާ ބެހޭގޮތުން ކަންތައް ހިނގިގޮތާމެދު ހެކިދޭން ޖެހޭނެ. އެއީ ފެށުނީއްސުރެވެސް އަހަރެން ކުރިކަންތައް ކަލޭމެންނަށް ފެނިފައިވާނެތީ.“