ޔޫޙަންނާ. 14. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ. އަހަރެންގެ ބައްޕާފުޅުގެ ގޭގައި އެތައް ބައިވަރު ކޮޓަރިތަކެއް ހުރޭ. އަހަރެން މިދަނީ ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ތަނެއް ތައްޔާރުކުރުމަށް. މިއީ ތެދެއް ނޫންނަމަ އަހަރެން މިފަދައަކުން ނުބުނީމުސް. ހުރިހާކަމެއް ތައްޔާރު ވުމުން އަހަރެންގެ ގާތަށް ކަލޭމެން ގެންދަން ބަލާ އަންނާނަން. އޭރުން ކަލޭމެންނަށް އަހަރެން ވާ ތަނެއްގައި އުޅެވޭނެ. އަދި އަހަރެން މި ދާތަނަށް ދާނެ މަގު ކަލޭމެންނަށް އެނގޭނެ.“ އަސްޙާބީންގެ ތެރެއިން ތޯމާސް ދެންނެވިއެވެ. ”ސާހިބާ، ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށް ކަމެއްވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. ވީއިރު އެތަނަށް ދާނެ މަގު އަޅުގަނޑުމެންނަށް އެނގޭނީ ކިހިނަކުން ތޯ؟“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ. މިހާރު ކަލޭމެންނަށް ތިވަނީ އަހަރެން މީ ކާކު ކަން އެނގިފައި. ކަލޭމެންނަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަން ވެސް މިހާރު އޮންނާނީ އެނގިފައި. މިހާރުން ފެށިގެން ކަލޭމެންނަށް ވަނީ އެކަލާނގެ އަކީ ކޮބައިކަން އެނގި އަދި ފެނިފައި.“ އަސްޙާބީންގެ ތެރެއިން ފިލިޕު ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެންނަށް ބައްޕާފުޅު ދައްކަވާ. އޭރުން އަޅުގަނޑުމެން ވެސް ހިތްހަމަ ޖެހޭނެ.“ އީސާގެފާނު ވިދާޅުވިއެވެ. ”ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ‘ ކަލޭ ތިޔަ ބުނީ ކީއްވެ؟ ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް. އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައޭ އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައޭ އަހަރެން ބުނީތީ އެ ބަސް ގަބޫލު ކުރޭ، ނޫނީ އަހަރެން މި ކުރާކަންތައް ފެނުނީތީ އެބަސް ގަބޫލު ކުރޭ. ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ. ކަލޭމެން އަހަރެންގެ ނަމުގައި ކޮންމެ ކަމަކަށް އެދުނު ނަމަވެސް އަހަރެން އެކަމެއް ކޮށްދޭނަން. އެއީ އެގޮތުން ދަރިކަލުން މެދުވެރިކޮށް ބައްޕާފުޅުގެ ނަންފުޅު މަތިވެރިވާނެތީ. އަހަރެންގެ ނަން މަތީ ކަލޭމެން އެދެފި ކޮންމެ ކަމެއް ވެސް އަހަރެން ކޮށްދޭނަން.“ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އަމުރަށް ކިޔަމަންވާނެ. އަހަރެން ބައްޕާފުޅުގެ ކިބައިން އަހަރެން ފަދައިން ކަލޭމެންގެ ގާތުގައި ވުމަށް އެހެން އެހީތެރިއަކު ފޮނުއްވުމަށް އެދި ދަންނަވާނަން. އޭރުން ކަލޭމެންނަށް އެހީވުމުގައި ދެމިހުރުމަށް މާތްރޫޙުފުޅު ފޮނުއްވައި ދެއްވާނެ. އެ ރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައި ކަން އަންގާދެއްވާނެ. ދުނިޔޭގެ ގިނަބަޔަކަށް އެ ރޫޙުފުޅެއް ނޭނގޭނެ އަދި ގަބޫލެއް ނުކުރެވޭނެ. އެއީ އެމީހުން އެ ރޫޙުފުޅު ހޯދުމަށް ނޫޅޭތީ އަދި އެމީހުންނަށް އެ ރޫޙުފުޅު ނުފެންނާތީ. ނަމަވެސް ކަލޭމެންނަށް އެ ރޫޙުފުޅު އެނގޭ. އެއީ އެ ރޫޙުފުޅު މިހާރު ވަނީ ކަލޭމެންގެ ގާތުގައި. އަދި ފަހުން އެ ރޫޙުފުޅު ވާނީ ކަލޭމެންގެ ކިބައިގައި. އަހަރެން ކަލޭމެން ޔަތީމުންގެ ގޮތުގައި ދޫކޮށްލާފައެއް ނުދާނަން. އެއްގޮތަކަށްވެސް އެހެނެއް ނުހަދާނަން. އަހަރެން ކަލޭމެންގެ ގާތަށް އެނބުރި އަންނާނަން. ދާދި އަވަހަށް މި ދުނިޔޭގެ ލޯ މަތިން އަހަރެން ގެއްލި ދާނެ. އެކަމަކު ކަލޭމެންނަށް އަހަރެން ފެންނާނެ. އެއީ އަހަރެން މަރުވުމަށް ފަހު އަލުން ދިރިގެން އެނބުރި އަންނާނެތީ. އަހަރެން ދިރުމުގެ ސަބަބުން ކަލޭމެންނަށް ވެސް ދިރުން ލިބޭނެ. އެ ދުވަސް އައުމުން އަހަރެން ވަނީ އަހަރެންގެ ބައްޕާފުޅުގެ ކިބައިގައިކަން ކަލޭމެންނަށް އެނގިގެން ދާނެ. އަދި އަހަރެން މި ވަނީ ކަލޭމެންގެ ކިބައިގައިކަން އަދި ކަލޭމެން ތިޔަ ވަނީ އަހަރެންގެ ކިބައިގައި ކަން ވެސް އޭރުން އެނގިގެން ދާނެ. އަހަރެން ދެކެ ލޯބިވާ މީހަކު އަހަރެން އެންގި ބަސްތަކާއި އެއްފަދައިން ކަންތައްކުރާނެ. އަދި އަހަރެން ދެކެ ލޯބިވާ މީހަކުދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި އަހަރެންވެސް އެމީހަކުދެކެ ލޯބިވާނަން. އަދި އެއިން ކޮންމެ މީހަކަށް އަހަރެންނަކީ ކޮބައިކަން ރަނގަޅަށް އެނގި ފެންނާނެ ފަދައިން އަހަރެން ކަންތައްކުރާނަން.“ ޔުދާސް އީސާގެފާނަށް ދެންނެވިއެވެ. ”މާތް ސާހިބާ! ކަލޭގެފާނު އަޅުގަނޑުމެންނަށް ފާޅުވެ ވަޑައިގަންނަވާއިރު އެހެން މީހުންނަށް ނުފެންނާނީ ކިހިނެއްތޯ؟“ މިހެން ބުނި ޔުދާސް މިއީ އިސްކަރިޔޮތުގެ ޔުދާސްއެއް ނޫނެވެ. އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންދެކެ މީހަކު ލޯބިވާނަމަ އެމީހަކު އަހަރެން އެންގި ބަސްތަކާއި އެއްގޮތަށް ކަންތައް ކުރާނެ. އޭރުން އެމީހަކު ދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި ބައްޕާފުޅާއި އަހަރެން އެމީހަކުގެ ގާތަށް އައިސް އެމީހެއްގެ ކިބައިގައިވާނެ. އަހަރެން ދެކެ ލޯބިނުވާ މީހުން އަހަރެން އެންގި ފަދައިން ކަންތަކެއް ނުކުރާނެ. އަހަރެންގެ މި ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. މި ބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅުގެ ބަސްފުޅުތައް. މި ބަސްތައް އަހަރެން މިބުނަނީ މިހާރު ކަލޭމެންގެ ގާތުގައި އަހަރެންވީ ހިނދު. ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ. އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ. އަހަރެން ކަލޭމެންނާއި ވަކިވެ ދާން އުޅޭ ވާހަކައާއި އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނެ ވާހަކަ ބުނެފީމު. ކަލޭމެން އަހަރެން ދެކެ ލޯބި ވާނަމަ އެކަމާ އުފާވާން ޖެހޭނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް. އަދި ބައްޕާފުޅު އަހަރެންނަށް ވުރެ މާ މަތިވެރި. މި ކަންތައްތައް ވުމުގެ ކުރިން އަހަރެން ކަލޭމެންނަށް މި ކަންތައްތައް މިއަންގައިދިނީ އޭރުން އެ ކަންތައް އެފަދައިން ހިނގާ ވަގުތު ކަލޭމެން އަހަރެން ގަބޫލު ކޮށް އީމާން ވުމަށް އެހީވެދިނުމަށްޓަކާ. އަހަރެން ކަލޭމެންނާއި ވާހަކަދައްކަން ހުރުމަށް މާކަ ގިނަވަގުތެއް ދެން ނެތް. އެއީ ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ އަހަންނާ ދިމާއަށް އެބައާދޭ. ނަމަވެސް އޭނާގެ ކިބަޔަކު އަހަރެންގެ މައްޗަށް ބާރު ފޯރުވުމުގެ ބާރެއް ނުވޭ. އެހެންނޫނަސް އަހަރެން ކަންތައް ކުރާނީ ބައްޕާފުޅުގެ އަންގަވާ ގޮތަކަށް. އޭރުން މި ދުނިޔޭގެ މީސްތަކުންނަށްވެސް އަހަރެން ބައްޕާފުޅު ދެކެ ލޯބިވާކަން ހާމަވެ އެނގޭނެ. ހިނގާ! މިތަނުން ދާން ހިނގާ!“