ޔޫޙަންނާ. 13. ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ. އެރޭ ފަރިއްކޮޅު ފެށުނު ވަގުތު ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސް ލައްވައި އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް ލަޢުނަތްލެއްވި އިބިލީސް ވަނީ ވަސްވާސް ކޮށްފައެވެ. އީސާގެފާނަށް އެކަލޭގެފާނު ވަޑައިގަތީ ވެސް އަދި އެނބުރި ވަޑައިގަންނަވާނީ ވެސް މާތްރަސްކަލާނގެ ހަޒުރަތަށް ކަން އެނގިވަޑައިގެން ވެއެވެ. އަދި ބައްޕާފުޅު ވަނީ ހުރިހާ ކަމެއްގެ ބާރާއި ހުއްދަ އެކަލޭގެފާނަށް ދެއްވާފައިކަން ވެސް އެކަލޭގެފާނަށް އެނގިވަޑައިގެން ވެއެވެ. އީސާގެފާނު ފަރީއްކުޅުއްވުމުގެ ތެރޭގައި ތެދުވެ ވަޑައިގެން އެކަލޭގެފާނު ރިދާކޮޅު ބާލުއްވައި އެތާ އޮތް ތުވާއްޔެއް ނަންގަވައި އުނަގަނޑުގައި ބަނދެލެއްވިއެވެ. ދެން ބޮޑު ލޯތައްޓަކަށް ފެން އަޅުއްވައިގެން އެކަލޭގެފާނުގެ އަސްޙާބީންގެ ފައިތިލަ ދޮވެދެއްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ އެ ތުވާލިން އެމީހުންގެ ފައި ހިއްކަވައި ދެއްވިއެވެ. އަސްޙާބީއެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފައި ދޮވެދެއްވުމަށް އީސާގެފާނު އުޅުއްވި ހިނދު އޭނާ ދެންނެވިއެވެ. ”މާތް ސާހިބާ، ކަލޭގެފާނު އަޅުގަނޑުގެ ފައި ދޮވެ ދެއްވަންވީ ކީއްވެތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”މިހާރު ކަލެއަށް އަހަރެން މިކުރާ ކަމެއްގެ މާނަ ނުވިސްނުނަސް އެކަން ކަލެއަށް ވެސް ވިސްނޭނެ ދުވަހެއް އަންނާނެ.“ ޕަތަރަސް ދެންނެވިއެވެ. ”ނޫން. ސާހިބާ އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުގެ ފައިދޮވެ ދެއްވައިގެން ނުވާނެ.“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭގެ ފައި ނުދޮވެފި ނަމަ ކަލޭ ތިޔައީ އަހަރެންގެ މީހަކަށް ނުވާނެ.“ ދެން ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”ސާހިބާ އެހެން ވިއްޔާ އަޅުގަނޑުގެ ފައި އެކައްޏެއް ނޫން އަޅުގަނޑުގެ އަތްތިލައާއި ބޯ ވެސް ދޮވެދެއްވާ.“ އީސާގެފާނު ވިދާޅުވިއެވެ. ”ރަނގަޅަށް ފެންވަރައިގެން ހުރި މީހަކު ސާފުވުމަށް ފައިތިލަ ފިޔަވާ އެހެން ތަނެއް ދޮންނާކަށް ނުޖެހޭ. ކަލޭމެން ތިޔަވަނީ އެފަދައިން ސާފުވެފައި. ނަމަވެސް ކަލޭމެން އެންމެން ވަނީ އެފަދައަކުންނެއް ނޫން.“ އީސާގެފާނަށް އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެ މީހާއަކީ ކާކުކަން އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ”ކަލޭމެން އެންމެން ވަނީ އެފަދައަކުން ނޫނޭ“ ވިދާޅުވީ އެހެން ވެގެންނެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ފައި ދޮންނަވައި ނިމިވަޑައިގަތުމަށް ފަހު ރިދާކޮޅު އަޅުއްވައިގެން އަނެއްކާވެސް އިށީނދެ ވަޑައިގަތެވެ. އަދި އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”އަހަރެން މިކުރި ކަންތަކުގެ މާނަ ކަލޭމެންނަށް އެނގިއްޖެތަ؟ ކަލޭމެން އަހަރެންނަށް މާތް ސާހިބާއޭ އެދުރުކަލޭގެފާނުއޭ ބުނެ މުޚާތަބު ކުރޭ. ކަލޭމެން އަހަރެންނަށް އެފަދައިން މުޚާތަބު ކުރިޔަސް އެންމެ ރަނގަޅު، އެއީ ތެދެއްމެ. ވީއިރު ކަލޭމެންގެ މާތް ސާހިބާ، އަދި އެދުރުކަލޭގެފާނު ކަލޭމެންގެ ފައި ދޮވެދީ ހަދާއިރު، ކަލޭމެން ވެސް އެކަކު އަނެކަކާ ދޭތެރޭ އެފަދައިން ކަންތައް ކުރަން ޖެހޭނެ. އަހަރެން ކަލޭމެންނަށް މިސާލު ދައްކައިފިން. ވީއިރު ކަލޭމެންވެސް އަހަރެން ދެއްކި ގޮތަށް ކަންތައް ކުރޭ. ބުނަންތަ؟ ނޯކަރަކު އެމީހާގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެ. އަދި ޚަބަރު ހިފައިގެން އަންނަ މީހާ އެ ޚަބަރު ދީފައި ފޮނުވި މީހާއަށް ވުރެ މަތިވެރިއެއް ވެސް ނުވާނެ. ކަލޭމެންނަށް މިހާރު މިކަންތައްތައް އެނގިއްޖެ. ވީއިރު އެފަދައިން ކަންތައްކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެންނަށް ރަޙުމަތް ލައްވާނެ.“ ”އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ. އަހަރެން ކުރީބައިގައި މި ވާހަކަތައް މިކިޔާދެނީ އޭރުން އެކަން އެގޮތަށް ވުމުން އަހަރެން މިއީ ކާކުކަމާއި މެދު އަހަރެން ބުނިބަސްތައް ކަލޭމެންނަށް އެނގި އެކަން ރަނގަޅަށް ގަބޫލު ކުރެވޭނެ. ޔަޤީނުންވެސް އަހަރެންގެ ފަރާތުން ޚަބަރު ހިފައިގެން އައި މީހާއަށް މަރުޙަބާ ކިޔައިފި ކޮންމެ މީހަކީ އަހަރެންނަށް މަރުޙަބާ ކީ މީހެއް. އަދި އަހަރެންނަށް މަރުޙަބާކީ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތަށް މަރުޙަބާކީ މީހެއް.“ އީސާގެފާނު ވަރަށްބޮޑު ހިތާމަފުޅެއް ލިބިވަޑައިގެން ދެރަފުޅު ވެފައި ހުންނަވާ ހާލުކޮޅުގައި އެމީހުންނަށް މިފަދައިން އެންގެވިއެވެ. ”އަހަރެން ތެދަށް ބުނަންތަ؟ ކަލޭމެންގެ ތެރެއިން އެކަކު އަހަރެންނާއި ދެކޮޅުވެރިވެ ޚިޔާނާތްތެރިވާނެ.“ އެކަލޭގެފާނު މި ވިދާޅުވި ބަސްފުޅު އިވުމުން އެއީ ކާކު ބާ އޭ ހީކޮށް އެމީހުން އެކަކު އަނެކަކާއި ދިމާލަށް ބަލަން ތިބެވުނެވެ. އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ. ޝަމްއޫނު ޕަތަރަސް އެ އަސްޙާބީއަށް އިޝާރާތް ކޮށް، އެފަދަ ނުބައިކަމެއް، އެކަލޭގެފާނަށް ކުރާނީ ކާކުތޯ އެކަލޭގެފާނުގެ ކުރެން އަހައި އޮޅުންފިލުވުމަށް ބުންޏެވެ. ދެން އެ އަސްޙާބީ އީސާގެފާނުގެ ކަންފަތްޕުޅު ދޮށަށް ގުދުވެ ދެންނެވިއެވެ. ”މާތް ސާހިބާ، ތިޔަފަދަ ކަމެއް ކުރާނީ ކާކުތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ބޯ ރޮށިކޮޅު ރިހައިގައި ޖައްސާފައި މި ދެނީ އެމީހާއަށް.“ ދެން އީސާގެފާނު ބޯރޮށިކޮޅެއް ރިހައިގައި ޖައްސަވާފައި ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް ދެއްވިއެވެ. ހަމަ އެވަގުތު ޝައިތާނާ ޔުދާސްގެ މައްޗަށް ވެރިވިއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”ޔުދާސް ކަލޭ ކުރަން ތިޔަ އުޅޭ ކަންތައް ކުރަން އަވަހަށް ދޭ.“ އެތާނގައި އީސާގެފާނާއި އެކު ކެއުމުގައި ބައިވެރިވެ ތިބި އެކަކަށް ވެސް އެކަލޭގެފާނުގެ މިބަސްފުޅުގެ މާނައެއް ނުވިސްނުނެވެ. އެއްބަޔަކު ހީކުރީ ޔުދާސް އަކީ ފައިސާގެ ކަންތައްތަކާއި ހަވާލުވެގެން ހުންނަ މީހާ ކަމުން އެ ޢީދުގެ ކަންތައްތަކަށް ބޭނުންވާ އެއްޗެއް ގަތުމަށް އޭނާ ގާތު އީސާގެފާނު ވިދާޅުވީ ކަމުގައެވެ. އަދި އަނެއް ބަޔަކު ހީކުރީ އީސާގެފާނު ޔުދާސް ގާތު ފަޤީރުންނަށް ކޮންމެވެސް ވަރަކަށް ލާރިދިނުމަށް ވިދާޅުވީ ކަމުގައެވެ. ޔުދާސް އެ ބޯ ރޮށިކޮޅު ކާލުމާއި އެކު އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އޭރު ވަނީ ރޭގަނޑުވެ އަނދިރިވެފައެވެ. ޔުދާސް ހަމަ ދިއުމާއިއެކު އީސާގެފާނު ވިދާޅުވިއެވެ. ”މިހާރު އިންސާނާގެ ދަރިކަލުންނަށް ޖަލާލަތުކަން ލިބުމުގެ ވަގުތު ޖެހިއްޖެ. އަދި އިންސާނާގެ ދަރިކަލުންގެ ސަބަބުން މާތްރަސްކަލާނގެ ޖަލާލުވަންތަކަން މަތިވެރިވާނެ. އަދި ދަރިކަލުންގެ ސަބަބުން މާތްރަސްކަލާނގެ ނަންފުޅު މަތިވެރިވެ ޖަލާލުވަންތަ ވެގެންދާނެތީ ދާދި އަވަހަށް އެކަލާނގެ އެ ދަރިކަލުންނަށް ޖަލާލުވަންތަ ކަމުގެ މަތިވެރިކަން ދެއްވާފާނެ. ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ. ނަމަވެސް އަހަރެން ކަލޭމެންނަށް އާ އަމުރެއް ކުރަން. އެ އަމުރަކީ ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވޭ. ހަމަ އަހަރެން ކަލޭމެން ދެކެ ލޯބިވީ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާތި. ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވަނީ ނަމަ ކަލޭމެން ތިޔައީ އަހަރެންގެ އަސްޙާބީން ކަން އެންމެންނަށް ވެސް އެނގި ހާމަ ވާނެ.“ ޝަމްއޫނު ޕަތަރަސް ސުވާލު ކުރެއްވިއެވެ. ”މާތް ސާހިބާ، ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށްތޯ؟“ ޖަވާބުގައި އީސާގެފާނު ވިދާޅުވިއެވެ. ”މިހާރަކު ކަލެއަކަށް އަހަރެންނާއި އެކު އެތާނކަށް ނާދެވޭނެ. ނަމަވެސް ފަހުން ކަލޭ އަންނާނެ.“ ޕަތަރަސް ދެންނެވިއެވެ. ”މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ އަހަރެންނަށްޓަކައި މަރުވަން ވެސް ތިހިރީ ތައްޔާރަށް ކަން ހަމަ ޔަޤީންތަ؟ އަހަރެން ބުނަންތަ؟ މިރޭ ފަތިހު ހާ ގޮވުމުގެ ކުރިން ތިންފަހަރު މަތިން އަހަރެން މިއީ ކަލޭ ދަންނަވެސް މީހެއް ނޫން ކަމުގައި ކަލޭ ބުނާނެ.“