ޔޫޙަންނާ. 11. ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ. އެހެން ކަމުން މަރުތާ އާއި މަރިޔަމް މީހަކު ފޮނުވައި އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! ކަލޭގެފާނު ލޯބިފުޅުވާ ލާޒަރު ވަނީ ވަރަށް ބޮޑަށް ބަލިވެ ހާލެއް ނެތިފަ.“ އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ބަލީގެ ނަތީޖާއަކީ ލާޒަރުގެ މަރުވުމެއް ނޫން. އެކަން އެފަދައިން އެވަނީ އެކަމުން މާތްރަސްކަލާނގެ ނަންފުޅަށް ޖަލާލުވަންތަކަން ލިބި، މާތްރަސްކަލާނގެ ދަރިކަލުންނަށް ވެސް އެކަމުގެ ސަބަބުން ޖަލާލަތު ލިބިގެން ދިއުމަށް.“ އީސާގެފާނު މަރުތާއާއި މަރިޔަމްއާއި ލާޒަރު ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. އެހެންވެ މިޚަބަރު ލިބިވަޑައިގަތީމަ ވެސް އެމީހުންގެ ގާތަށް ވަޑައިނުގެން އީސާގެފާނު ދެ ދުވަހަކު މަޑުކުރެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އެނބުރި ޖުދެއާއަށް ދަމާ ހިނގާ.“ އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ކޮންމެ ދުވަހަކުމެ ބާރަ ގަޑިއިރު އިރުގެ އަލިކަން ހުރެއެއް ނޫންތަ؟ އިރުގެ އަލިކަން ހުއްޓާ މީހުންނަށް ސަލާމަތް ކަމާއިއެކު ދަތުރު ކުރެވިދާނެ. އެއީ ދުނިޔޭގެ އަލިކަން އެމީހުންނާއި އެކު ވާނެތީ. ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގައި ހިނގައި ދަތުރުކޮށް ދާ މީހަކު އެއްޗެއްގައި އަޅައިގެންފައި ވެއްޓިދާނެ. އެއީ އެމީހަކާއި އެކު އަލިކަން ނުވާތީ.“ މިއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެމެންގެ ރައްޓެހި ލާޒަރުއަށް ވަނީ ނިދިފައި. އަހަރެން މިދަނީ އޭނާއަށް ގޮވާ ހޭލައްވަން.“ އީސާގެފާނުގެ އަސްޙާބީން ދެންނެވިއެވެ. ”ސާހިބާ! ލާޒަރު ރަނގަޅަށް ނިދީ ކަމުގައިވާނަމަ އެވާނީ އޭނާގެ ބަލި ރަނގަޅުވަމުން ދަނީ ކަމުގައި.“ އީސާގެފާނު ލާޒަރުއަށް ވަނީ ނިދިފައޭ ވިދާޅުވި ބަސްފުޅުގެ މާނައަކީ އޭނާ ވަނީ މަރުވެފައޭ އެވެ. ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީން ހީކުރީ އީސާގެފާނު އެބަސްފުޅުން މާނަކުރެއްވީ ލާޒަރު ވަނީ އާދައިގެ ގޮތެއްގައި ނިދިފައި ކަމަށެވެ. އެހެންކަމުން އީސާގެފާނު އެމީހުންނަށް އޮޅުން ފިލާނެހެން ވިދާޅުވިއެވެ. ”ލާޒަރު މަރުވެއްޖެ! އަހަރެން އެތާނގައި އޭނާގެ ކައިރީގައި ނުވިކަން އެއީ ކަލޭމެންނަށް ރަނގަޅަކަށް ވީކަމެއް. އެކަމާ އަހަރެން އުފާކުރަން. އެއީ މިކަމުގެ ސަބަބުންވެސް ކަލޭމެންގެ އީމާންކަން އިތުރު ވާނެތީ. ލާޒަރުގެ ގާތަށް ދަމާހިނގާ.“ ދެން ތޯމާސް، ނުވަތަ ދީދިމޫހު އެހެން އަސްޙާބީންނަށް ބުންޏެވެ. ”އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.“ އީސާގެފާނު ބެތާނިޔާއަށް ވަޑައިގަތްއިރު ލާޒަރު މަރުވެ ގަބުރުސްތާނަށް ގެންދެވުނުތާ ހަތަރު ދުވަސް ވެއްޖެއެވެ. ބެތާނިޔާ ވަނީ ޖެރޫސަލަމާ ގާތްގަނޑަކަށް ދެ މޭލު ދުރުގައެވެ. އެތައް ބައިވަރު ބަނީއިސްރާއީލު މީހުންނެއް މަރުތާ އާއި މަރިޔަމްއަށް އެމީހުންގެ ކޮއްކޮ މަރުވެދިއުމުން ލިބުނު ހިތާމައިގައި ހިތްވަރު ދިނުމަށް ބެތާނިޔާއަށް އައެވެ. މަރުތާއަށް އީސާގެފާނު އެރަށަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނު ބަލާ ދިޔައެވެ. ނަމަވެސް މަރިޔަމް ނުގޮސް ގޭގައި މަޑުކުރިއެވެ. މަރުތާ ދެންނެވިއެވެ. ”މާތްސާހިބާ! ކަލޭގެފާނު މިތަނުގައި އަޅުގަނޑުމެންގެ ކާރީގައި ހުރިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް. އެކަމަކު މިހާރުވެސް ކަލޭގެފާނު އެދިވަޑައިގެންވާ ކޮންމެ ކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވަވާނެ ކަން އަޅުގަނޑަށް ޔަޤީން.“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭގެ ކޮއްކޮ އަލުން ދިރިގެން އަންނާނެ.“ މަރުތާ ދެންނެވިއެވެ. ”އަޅުގަނޑަށްވެސް އެނގޭ ޤިޔާމަތް ދުވަހުން އެހެންވެސް މީހުންނާއެކު އޭނާވެސް އަލުން ދިރުއްވާނެކަން.“ އީސާގެފާނު ވިދާޅުވިއެވެ. ”މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ. އަހަރެން ގަބޫލުކޮށް އަހަރެންނަށް އީމާންވުންމަތީ ދިރިއުޅެމުންދާ އެކަކުވެސް މަރުވެ ނެތިގެންނެއް ނުދާނެ. މަރުތާ އެކަން ގަބޫލު ކުރަންތަ؟“ މަރުތާ ޖަވާބުގައި ދެންނެވިއެވެ. ”އާދެ މާތްސާހިބާ! ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ދުނިޔެއަށް ފޮނުއްވި ފަރާތް. އަލްމަސީޙަކީވެސް މާތްރަސްކަލާނގެ ދަރިކަލުންނަކީވެސް ހަމަ ކަލޭގެފާނު. އެކަން އަޅުގަނޑު ގަބޫލުކުރަން.“ މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.“ މަރިޔަމްއަށް މިޚަބަރު ލިބުމުން އަވަހަށް ތެދުވެގެން އީސާގެފާނާއި ބައްދަލުކުރުމަށް ދިޔައެވެ. އީސާގެފާނު އޭރުވެސް ހުންނެވީ ރަށްބޭރުގައި އެކަލޭގެފާނު މަރުތާއާއި ބައްދަލުވެ ވަޑައިގަތް ތަނުގައެވެ. ލާޒަރު މަރުވުމުގެ ސަބަބުން އެގެއަށް އެއްވެފައިވާ މީހުންނަށް މަރިޔަމް ކުއްލިއަކަށް ތެދުވެގެން ދާތަން ފެނުމުން ހީކުރެވުނީ އޭނާ އެދަނީ ލާޒަރުގެ މަހާނަދޮށަށް ރޯން ކަމުގައެވެ. އެހެންކަމުން އެމީހުން ވެސް އޭނާގެ ފަހަތުން ދިޔައެވެ. މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.“ އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”އޭނާގެ ގަބުރު ކަލޭމެން ލީ ކޮންތާނކަށް.“ އެމީހުން ދެންނެވިއެވެ. ”ސާހިބާ، އަޅުގަނޑުމެންނާއި އެކު ވަޑައިގަންނަވާ އަޅުގަނޑުމެން އެތަން ދައްކާނަން.“ ދެން އީސާގެފާނު ކީރިތި ކުރެއްވިއެވެ. އެތާނގައިތިބި މީހުންގެ ތެރޭން ބަޔަކު ބުންޏެވެ. ”އެކަލޭގެފާނު ލާޒަރު ދެކެ ލޯބިފުޅުވާ ވަރު ނިކަން ދެކިބަލަ.“ ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”އޭނާ ލޯއަނދިރި މީހާގެ ލޮލުގެ އަލިކަން އަނބުރާ ގެނެސްދިން. ވީއިރު އޭނާ ލާޒަރު މަރުވިޔަ ނުދީ ނުބެހެއްޓީ ކީއްވެ؟“ އީސާގެފާނުގެ ހިތްޕުޅަށް އަނެއްކާވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ދެން އެކަލޭގެފާނު ލާޒަރުގެ މަހާނަދޮށަށް ވަޑައިގެންނެވިއެވެ. އެ މަހާނަ ވަނީ ފަރުބަދައެއްގެ އަރިމަތީގައިވާ ހޮހަޅައެއްގައެވެ. އެހޮހަޅައިގެ އަނގަމަތީގައި ވަރަށް ބޮޑު ހިލައެއް ޖެއްސިފައި ވިއެވެ. ދެން އީސާގެފާނު މީސްތަކުންނަށް އެ ހިލަ ފުރޮޅާލުމަށް އެންގެވިއެވެ. ނަމަވެސް މަރުވެފައިވާ މީހާގެ ދައްތަ، މަރުތާ ދެންނެވިއެވެ. ”މާތްސާހިބާ، ލާޒަރު މަރުވިތާ މިހާރު ހަތަރު ދުވަސް ވެއްޖެ. އެހެންވީމާ މިހާރު އެތާނގައި ދުވާނީ ކުނިވަސް.“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.“ ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން. ބައްޕާފުޅު އަޅުގަނޑުގެ އަޑު އަބަދުވެސް އައްސަވާކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑު މިހެން އެންމެންނަށް އިވޭ ވަރަށް މިދަންނަވަނީ މިތަނަށް އެއްވެފައި މިތިބި މީހުންނަށް، އެކަމުން އެމީހުންގެ ހިތަށް އީމާންކަން ވަނުމުގެ މަގު ފަހި ކޮށް ދިނުމަށް.“ އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”ލާޒަރު ނުކުމޭ!“ ދެން މަރުވެފައިއޮތް ލާޒަރު އެ ހޮހަޅައިން ނުކުތެވެ. އޭނާ ވަނީ ކަފުނުން ބަނދެވިފައެވެ. އަދި އޭނާގެ މޫނުގައި ބަނދެވިފައިހުރި ކަފުނުން މޫނު ވަނީ ފޮރުވިފައެވެ. އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”އޭނާގެ ގައިގައި އެހެރަ ކަފުންތައް މޮހެލާ.“ މަރިޔަމްއާއި އެކު އެތަނަށް އައި މީސްތަކުންގެ ތެރެއިން އެތައް ބަޔަކަށް މި ކަންތައްތައް ފެނި އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. ނަމަވެސް އަނެއްބައިމީހުން ފަރީސީނުގެ ގާތަށް ގޮސް އީސާގެފާނު ކުރެއްވި ހުރިހާކަމެއް ކިޔާދިނެވެ. ދެން ބޮޑުއިމާނުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ. އަހަރެމެން މިމީހާ ނުހުއްޓުވައިފި ނަމަ އިސާހިތަކު ހުރިހާ އެންމެން އޭނާ ގަބޫލުކޮށް އީމާންވެދާނެ. އޭރުން ރޯމުގެ ސަރުކާރު އަހަރެމެންގެ ބައިތުލް މަޤްދިސްއާ އަދި އަހަރެމެންގެ ޤައުމު ވެސް ނެތިކޮށްލާނެ.“ ދެން އޭގެތެރެއިން އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސް ބުންޏެވެ. ”ކަލޭމެން ތިޔަ ދައްކަނީ ކޮންފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް؟ މުޅި ޤައުމު ނެތިގެންދާންވީ ކީއްވެ؟ އެންމެން މަރުވެ ދިއުމުގެ ބަދަލުގަ އެކަކު މަރުވުން މާ ރަނގަޅުވާނެ ކަމެއް ކަލޭމެންނަކަށް ނުވިސްނޭތަ؟“ އޭނާ މި ބުނިއްޔަކީ އޭނާގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެ ދުވަސްވަރު އެންމެ މަތީ އިމާމަކަށް ހުރި މީހެއްގެ ގޮތުން އޭނާ އެބުނީ ޣައިބުގައި އެކަންތައް ވާން އޮތް ގޮތުގެ ވާހަކައެވެ. އޭނާ ބުނެފައި ވަނީ އީސާގެފާނުގެ ޤައުމަށްޓަކައި އަވަހާރަވެ ވަޑައިގަންނަވާނެކަމަށެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަންނަވާނީ އެކަލޭގެފާނުގެ ޤައުމަށްޓަކައި އެކަނި ނޫން ކަމާއި ދުނިޔޭގެ އެތަން މިތަނަށް ވިއްސިވިހާލި ވެފައިވާ މާތްރަސްކަލާނގެ ދަރިންތައް އެކަތިގަނޑަކަށް ހައްދަވައި އެމީހުންގެ މެދުގައި ގުޅުން ގާއިމުކޮށް ދެއްވުމަށްޓަކައި ވެސް މެއެވެ. އެހެންވެ އެދުވަހުން ފެށިގެން ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް ރާވަން ފަށައިފިއެވެ. އެހެންކަމުން އީސާގެފާނު އާންމު ތަންތަނަށް ދިއުން ހުއްޓާލައްވައި ޖެރޫސަލަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހަނަފަސް ސަހަރާގެ ކައިރީ ހިސާބެއްގެ ރަށެއް ކަމުގައިވާ އެފުރައީމަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި މަޑުކުރެއްވިއެވެ. މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުންދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ. އެމީހުން އީސާގެފާނު ފެނޭތޯ ހޯދައި ބައިތުލް މަޤްދިސްގެ ތެރޭގައި މިވާހަކަ ދައްކަމުން އެކަކު އަނެކަކަށް ބުންޏެވެ. ”ކަލޭމެންނަށް ހީވަނީ ކިހިނެއް؟ އޭނާ ފަހަނަޅައި ދިއުމުގެ ޢީދަށް ޖެރޫސަލަމަށް އަންނާނެތަ؟“ ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.