ޔޫޙަންނާ. 7. މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ. އޭރު ބަނީއިސްރާއީލު މީހުންގެ ހިޔާވަހި ހަދާ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ. އެހެންވެ އީސާގެފާނުގެ ކޮއްކޮއިން އެކަލޭގެފާނާ ދިމާއަށް މިހެން ބުންޏެވެ. ”ކަލޭ ދާންވީނު ޖުދެއާކަރަޔަށް؟ އޭރުން ކަލޭ ގަބޫލުކޮށް އީމާންވާ ބަޔަކަށް ކަލޭ ތިޔަ ދައްކާ މުޢުޖިޒާތްތައް ފެންނާނެއެއްނު. ކަލޭ ތިހާ މަޝްހޫރު ވާން ބޭނުމިއްޔާ ތިޔަ ގޮތަށް ފޮރުވިގެން ހުރެގެން މަޝްހޫރު ވާނީ ކިހިނެއް؟ ތިޔަހާ މޮޅެތި ކަންތައްތައް ކުރެވޭ ކަމަށްވަންޏާ ނިކަން އެކަންތައް ދުނިޔެއަށް ދައްކާލަބަލަ!“ އޭރަކު ޚުދު އީސާގެފާނުގެ އެއްބަނޑު ކޮއްކޮމެން ވެސް އެކަލޭގެފާނަކަށް އީމާނެއް ނުވެއެވެ. އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން ދާންވީ ވަގުތު އަދިއެއް ނުޖެހޭ. ކަލޭމެން ބޭނުން އިރަކު ކަލޭމެންނަށް ކަންތައް ކުރެވިދާނެ. ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފުރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ. އެހެންވީމާ ކަލޭމެން ތިޔަ ޢީދު ފާހަގަ ކުރަން ދޭ. އަހަރެން ތިޔަ ޢީދު ފާހަގަ ކުރަން ދާންވީ ވަގުތެއް އަދި ނުޖެހޭ.“ މިހެން ވިދާޅުވެ އީސާގެފާނު އެމީހުންނާއި އެކު ވަޑައިނުގަންނަވާ ގަލީލީގައި މަޑުކުރެއްވީއެވެ. އީސާގެފާނު އެހެން ވިދާޅުވި ނަމަވެސް އެކަލޭގެފާނުގެ ކޮއްކޮމެން ޢީދު ފާހަގަ ކުރުމަށްޓަކައި ދިޔަ ފަހުން އެކަލޭގެފާނުވެސް ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އީސާގެފާނު ވަޑައިގެންނެވީ އެންމެންނަށް ނޭނގޭނެ ފަދަ އެކަހެރި ގޮތަކަށެވެ. ޢީދު ފާހަގަ ކުރެވެމުން ދިޔަ އިރު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު ފެނޭތޯ ބަލައި ހޯދިއެވެ. އަދި އެމީހުން އެކަކު އަނެކަކު ކުރެން އެކަލޭގެފާނު ކޮބައިތޯ އަހާ ސުވާލުކުރަމުން ދިޔައެވެ. އެތަނަށް އެއްވެފައިތިބި މީސްތަކުންގެ މެދުގައި އީސާގެފާނާއި ބޭހޭގޮތުން ތަފާތު ވާހަކަތައް ސިއްރު ސިއްރުން ދެކެވެމުން ދިޔައެވެ. އެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނަކީ ވަރަށް ރަނގަޅު މާތް ބޭކަލެއް.“ އަދި އަނެއްބަޔަކު ބުންޏެވެ. ”ކޮންތާނކު، އޭނާއަކީ މީހުން މަގުފުރައްދަން އުޅޭ މީހެއް.“ ނަމަވެސް އެއްވެސް މީހަކަށް ފާޅުގައި އީސާގެފާނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އެއީ މީސްތަކުން ބަނީއިސްރާއީލުގެ ވެރިން ދެކެ ގަންނަ ބިރުގެ ސަބަބުންނެވެ. ދެން ޢީދު ފާހަގަ ކުރުމުގެ ކަންތައްތައް މެދަކާ ހަމަޔަށް ގޮސްފައި ވަނިކޮށް އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން އެތާނގައި މީސްތަކުންނަށް ކިޔަވާދެއްވަން ފެއްޓެވިއެވެ. ބަނީއިސްރާއީލުގެ ވެރިންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެމީހުން ބުންޏެވެ. ”މީނާއަށް މިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟! މީނާއަކީ އަހަރެމެން ކިޔެވި ފަދައިން ދީން ކިޔަވާފައި ހުރި މީހެއް ވެސް ނޫން.“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ކިޔަވާދެނީ އަހަރެންގެ އަމިއްލަ ކިޔަވާދިނުންތަކެއް ނޫން. މިއީ އަހަރެން ފޮނުއްވި މަތިވެރި ކަލާނގެ އެންގެވި ކަންތައް. މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަންވެސް އެނގިގެންދާނެ. އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ. މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް މޫސާގެފާނު ކަލޭމެންނަށް އެންގެވި. ނަމަވެސް ކަލޭމެންގެ ތެރޭން އެކަކުވެސް އެ އަމުރުފުޅުތަކަކަށް ކިޔަމަނެއް ނުވޭ. އަދި ކޮބާ! ކަލޭމެން ތިޔަ އުޅެނީ އަހަރެން މަރާލަން.“ އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ސަބަތުގެ ދުވަހެއްގައި ބަލި މީހެއްގެ ބަލި ރަނގަޅު ކުރީތީ ކަލޭމެން ތިބީ ހައިރާންވެފައި. އެކަމަކު ކަލޭމެން ވެސް ސަބަތުގެ ދުވަހަކު ކުއްޖަކު ޚިތާނު ކުރަން ވެއްޖިއްޔާ އެބަ ކުރޭ. އަދި ޚިތާނު ކުރުމަކީ މޫސާގެފާނުގެވެސް ކުރިން އަހަރެމެންގެ ކާބަފައިންގެ ކިބައިން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެއް. ނަމަވެސް ކުއްޖަކު ޚިތާނު ކުރަންޖެހޭ ދުވަސް އެއީ ސަބަތުގެ ދުވަހެއްކަމުގައި ވިޔަސް މޫސާގެފާނު އެންގެވި މަގުން ކަންތައް ކުރުމަށްޓަކައި ކަލޭމެން އެކުއްޖަކު އެބަ ޚިތާނު ކުރޭ. ވީއިރު އަހަރެން މީހެއްގެ މުޅި ހަށިގަނޑު ސަބަތުގެ ދުވަހެއްގައި ރަނގަޅު ކުރީތީ އެކަމާ އަހަރެން ތިޔަ ކުށްވެރިކުރަނީ ކީއްވެ؟ ބޭރުފުށަށް ބާލާފަ ކަންތަކަށް ފާޑު ނުކިޔާ! ކަމުގެ ދޮގުތެދު ބަލާފަ ފާޑުކިޔާ.“ އެތާނގައި ތިބި ޖެރޫސަލަމުގައި އުޅޭ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އެމީހުން މަރާލަން އެ އުޅެނީ މި މީހާދޯ؟ އެކަމަކު ނިކަން ބަލާލަ. އޭނާ އެ ކިޔަވައިދެނީ އެންމެންނަށް ފެންނަ ފަދައިން ހާމަކަންމަތީގަ. ނަމަވެސް އެއްވެސް މީހަކު އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ. ފަހަރެއްގައި އަހަރެމެންގެ ވެރިން އޭނާއަކީ ޙަޤީޤަތުގައި ވެސް އަލްމަސީޙު ކަމުގައި ގަބޫލު ކުރީ ކަމަށް ވެސް ވެދާނެ އެއްނު. އެކަމަކު އެހެން ވާނީ ކިހިނެއް؟ މި މީހާއަކީ ކޮންތާނކުން އައި މީހެއްކަން އަހަރެމެން އެންމެންނަށް ވެސް ރަނގަޅަށް އެނގޭ. ނަމަވެސް އަލްމަސީޙު ވަޑައިގަންނަވާއިރު އެކަލޭގެފާނު ވަޑައިގަންނަވާނީ ކޮންތާނކުން ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ.“ އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަންވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ. އެކަމަކު އަހަރެންނަށް އެފަރާތަކީ ކޮބައިކަން އެނގޭ. އެހެނީ އަހަރެން އައީ އެފަރާތުން. އަހަރެން ފޮނުވުނީ އެފަރާތުން.“ އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ. މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!“ ދެން މީސްތަކުންގެ މެދުގައި ސިއްރިއްޔާތުގައި މިފަދަ ވާހަކަތައް ދެކެވޭކަން ފަރީސީންނަށް އެނގުމުން އެމީހުން ބޮޑު އިމާމުންނާއި އެއްބައިވެ ބައިތުލް މަޤްދިސްގެ ސިފައިން އީސާގެފާނު ހައްޔަރު ކުރުމަށް ފޮނުވިއެވެ. އެހެންވެ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭމެންގެ ގާތު ހުންނާނީ ކުޑަދުވަސްކޮޅަކު. އެއަށް ފަހު އަހަރެން ފޮނުއްވި ފަރާތަށް އަހަރެން އެނބުރި ދާނީ. ކަލޭމެން އަހަރެން ހޯދާނެ. ވިޔަސް ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. އަދި އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުވެސް ދެވޭނެ.“ މިބަސްތަކުގެ އަޑުއަހާފައި ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”މީނާ އަހަރެމެންނަށް ނުފެންނަ ކޮންތާނކަށްތަ ދާން އެއުޅެނީ؟ ފަހަރެއްގައި އޭނާ ބޭރު ކަރައިގައި އުޅޭ އަހަރެމެންގެ މީހުންގެ ގާތަށްވެސް ހިނގައިދާނެ. ގޮސް އެރަށްރަށުގެ މީހުންނަށް ކިޔަވައި ވެސް ދީފާނެ. އޭނާ އެބުނަނީ ’ކަލޭމެން ކިތަންމެ ވަރަކަށް ހޯދިޔަސް ތިމަން ނުފެންނާނެޔޭ‘، އަދި ’ތިމަން މި ދާން އުޅޭތަނަކަށް ކަލޭމެންނަކަށް ނުދެވޭނެޔޭ‘، އެއީ ކީކޭތަ އޭނާ އެބުނަނީ؟“ އެ ޢީދުގެ އެންމެ ފަހު އަދި އެންމެ މުހިންމު ދުވަހު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އިންނަވާފައި އެންމެންގެ މެދަށް ކޮޅަށް ތެދުވެ ވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ. ”ފެން ބޮވައިގެންފައިވާ މީހަކު ވާނަމަ އެމީހަކު އަހަރެންގެ ގާތަށް އައިސް ފެން ބޮއެ! އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.“ އީސާގެފާނު އުތުރި އަރަމުންދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ. އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނުގެ މި ބަސްފުޅުތައް އިވުމުން ބުންޏެވެ. ”ހަމަކަށަވަރުން ވެސް ޚާއްސަކުރައްވައި ފޮނުއްވޭނެ ރަސޫލާ ދުނިޔެއަށް ވަޑައިގެންފި.“ އަދި އަނެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު.“ އެހެންނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”އަލްމަސީޙު ވަޑައިގަންނަވާނީ ގަލީލީއަކުންނެއް ނޫން. ބާވައިލެއްވިގެންވާ ފޮތްތަކުގައި ސާފުކޮށް ލިޔެވިގެންވަނީ އަލްމަސީޙު ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައި. އަދި އެކަލޭގެފާނު އުފަންވާނީ ވެސް ދާއޫދުގެފާނު އުޅުއްވި ރަށް ކަމުގައިވާ ބައިތުލަޙަމުގަ ކަމަށް.“ މިހެންވެ އެކިމީހުން އެކިގޮތަށް އީސާގެފާނާއި ބެހޭގޮތުން އެކިގޮތްގޮތަށް ވާހަކަ ދައްކައިގެންވެސް ކޮޅެއްގައި ނުޖެހުނެވެ. އޭގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ހައްޔަރު ކުރުމަށް އުޅުނެވެ. ނަމަވެސް އޭގެތެރެއިން އެކަކުވެސް އެކަމެއް ނުކުރިއެވެ. އީސާގެފާނު ހައްޔަރުކުރުމަށް ފޮނުވި ބައިތުލް މަޤްދިސްގެ ސިފައިން އެކަލޭގެފާނާ ނުލާ އެނބުރި ފަރީސީންނާއި ބޮޑު އިމާމުންގެ ގާތަށް ދިއުމުން އެމީހުން ސުވާލު ކުރިއެވެ. ”ކަލޭމެން އޭނާ ނުގެނައީ ކީއްވެ؟“ ސިފައިންގެ މީހުން ޖަވާބުގައި ބުންޏެވެ. ”އެކަލޭގެފާނުގެ ބަސްފުޅުތަކަކީ މީގެ ކުރިން ދުވަހަކުވެސް މީހަކު ބުނެފައި ނުވާ ފަދަ މަތިވެރި ބަސްފުޅުތަކެއް.“ ފަރީސީން ބުންޏެވެ. ”އޭނާ ކަލޭމެންވެސް މަގުފުރައްދާލައިފިތާ ދޯ؟ އެއްވެސް ފަރީސީޔަކު ނުވަތަ ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން މީހަކު އޭނާ ގަބޫލު ކޮށް އީމާންވެއްޖެތަ؟ ނުވެއެއްނު! ތިޔަ މީހުންތަކަކީ މާތްރަސްކަލާނގެ ބާވައިލެއްވި ޤާނޫނުތައް ނޭނގޭ ޖާހިލުން. އެމީހުންނަށް ވަނީ ލަޢުނަތް ލެއްވިގެން.“ އެކަމަކު ނިކޮދޭމު އަކީ އެމީހުންގެ ޖަމާޢަތުގެ ތެރޭގައި ހިމެނޭ މީހެކެވެ. މިމީހާ އަކީ މީގެ ކުރީގައިވެސް އީސާގެފާނާ ބައްދަލު ކޮށްފައިވާ މީހެކެވެ. އޭނާ ބުންޏެވެ. ”އަހަރެމެންގެ ޤާނޫނުގައިވާ ގޮތުގެ މަތިން މީހަކު ދައްކަނީ ކޮންވާހަކައެއްތޯ އަދި ކުރީ ކީއްތޯ އެމީހާ ކުރެން އަހާ އޮޅުން ނުފިލުވައި މީހަކު ކުށްވެރި ކުރުމަކީ ހުއްދަ ކަމެއް ނޫނެއް ނޫންތަ؟“ އެމީހުން ބުންޏެވެ. ”ކަލެއަކީވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކުވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.“ ދެން މިމީހުން މިތަނުން އެނބުރި އެމީހެއްގެ ގެއަށް އެމީހަކު ހިނގައްޖެއެވެ.