ޔޫޙަންނާ. 5. މިއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޖެރޫސަލަމަށް ބަނީއިސްރާއީލު މީހުންގެ ޢީދެއް ފާހަގަ ކުރެއްވުމަށެވެ. ޖެރޫސަލަމުގައި ޢިބްރާނީ ބަހުން ބެތުޒާތަ އޭ ކިޔާ ވެވެއް އޮވެއެވެ. މި ވެވުގައި ފަސް ފެންޑާ ހުރެއެވެ. މި ވެޔޮ އޮންނަނީ ކަންބަޅި ދޮރޯށްޓާއި ކައިރީގައެވެ. އެ ވެވުގެ ފެންޑާތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަލި މީހުން ތިބެއެވެ. އޭގެތެރޭގައި ލޯ އަނދިރި މީހުންނާއި، ނުހިނގޭ މީހުންނާއި، ވާވެފައިވާ މީހުން ތިބެއެވެ. ބައެއްފަހަރު މާތްރަސްކަލާނގެ ފޮނުއްވާ މަލާއިކަތަކު ވަޑައިގެން އެވެވުގެ ފެންގަނޑު ހަލުވާލުމުން ފެންގަނޑު އުތުރި އަރައެވެ. އެ ހިނދު އެންމެ ފުރަތަމަ އެވެވަށް އެރޭ މީހެއްގެ ބަލި ރަނގަޅު ވެއެވެ. ވާވެފައިއޮންނަތާ ތިރީސް އަށް އަހަރު ވެފައިވާ މީހަކު އެވެވުގެ ކާރީގައި އޮތެވެ. އީސާގެފާނަށް އެމީހާ ފެނިވަޑައިގަތުމުން އެމީހާއަކީ މިހާ ގިނަދުވަހު ބަލިވެ އުޅެފައިވާ މީހެއްކަން އެނގިވަޑައިގަންނަވާތީ ވިދާޅުވިއެވެ. ”ކަލޭ ރަނގަޅުވާން ބޭނުންތަ؟“ މި ބަލިމީހާ ޖަވާބުގައި ދެންނެވިއެވެ. ”ސާހިބާ! ފެންގަނޑު އުތުރި އަރާ އެއްވެސްފަހަރު އަޅުގަނޑު ވެވުގެ ތެރެއަށް ލާދޭނެ މީހަކު ނުވޭ. އަޅުގަނޑު ގޮސްގޮސް އޮއްވާ ކޮންމެވެސް އެހެން މީހަކު އަބަދުވެސް އަޅުގަނޑަށް ވުރެ ކުރިން ގޮސް އެރޭ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”ތެދުވޭ! އަދި ކަލޭ އޮށޯވެ ތިޔަ އޮތް ތަންމަތިގަނޑު ނަގައިގެން ހިނގައި ގަނޭ.“ ހަމައެވަގުތު އެމީހާ ގަދަ ވެއްޖެއެވެ. އަދި އެމީހާ އޮށޯވެ އޮތް ތަންމަތި ނަގައިގެން ހިނގަން ފަށައިފިއެވެ. މިކަން މިގޮތަށް ހިނގީ ސަބަތުގެ ދުވަހެއްގައެވެ. އެހެންކަމުން އެތާނގައި ތިބި ބަނީއިސްރާއީލުގެ ވެރިން އެމީހާއަށް ބުންޏެވެ. ”މިއަދު މިއީ ސަބަތުގެ ދުވަސް. މިއަދު ކަލޭ ތިޔަ ތަންމަތި އުފުލުމަކީ އަހަރެމެންގެ ގަވާއިދުތަކާއި ޚިލާފުކަމެއް.“ ނަމަވެސް އޭނާ ޖަވާބުގައި ބުންޏެވެ. ”އަހަރެންގެ ބަލި ފަސޭހަކޮށްދިން މީހާ އަހަންނަށް އެންގެވީ މި ތަންމަތި ހިފައިގެން ހިނގައިގަންނާށޭ.“ އެމީހުން ބުންޏެވެ. ”ކަލެއަށް ތިހެން ކަންތައް ކުރަން އެންގީ ކާކު؟“ ނަމަވެސް ބަލި ފަސޭހަވީ މީހާއަކަށް އީސާގެފާނަކީ ކާކުކަމެއް ނޭނގެއެވެ. އެހެނީ އެތަނަށް އެތައް ބަޔަކު އެއްވުމުން އެމީހުންތަކުގެ ތެރެއަށް ވަދެވަޑައިގެން އީސާގެފާނު އެތަނުން ގެއްލި ވަޑައިގަތީމަ އެވެ. ފަހުން ބައިތުލް މަޤްދިސްގެ ތެރޭން އީސާގެފާނު އެމީހާ ހޯއްދަވައި އެމީހާއަށް ވިދާޅުވިއެވެ. ”އަޑުއަހާ! މިހާރު ކަލޭ ތިޔަވަނީ ގަދަ ވެފަ. ދެން ފާފަކުރުން ހުއްޓާލާ! އެހެން ނޫނީ ތިޔަށް ވުރެ ނުބައި ގޮތެއް ވެސް ދިމާ ވެދާނެ.“ ދެން މި މީހާ ގޮސް ބަނީއިސްރާއީލުގެ ވެރިންގެ ގާތު އޭނާގެ ބަލި ފަސޭހަ ކޮށްދެއްވީ އީސާގެފާނު ކަމުގައި ބުނެފިއެވެ. އެއަށް ފަހު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ވަރަށް ގިނަ އުނދަގޫތައް ދޭން ފެށިއެވެ. އެއީ އެކަލޭގެފާނު މިފަދަ ކަންތައްތައް ސަބަތުގެ ދުވަހުގައި ކުރައްވަމުން ގެންދަވާތީއެވެ. ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެންގެ ބައްޕާފުޅުވެސް މަސައްކަތް ކުރެއްވުން ހުއްޓައެއް ނުލައްވާ. އެހެންވީމާ އަހަރެންވެސް މަސައްކަތް ހުއްޓައެއް ނުލާނަން.“ މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”ނަމަވެސް ހަމަ ޔަޤީން ކަށަވަރު. ދަރިކަލުންނަކަށް އެއްވެސް ކަމެއް އެކަންޏެއް ނުކުރެއްވޭނެ. ދަރިކަލުން ކުރައްވާ ހުރިހާ ކަމަކީވެސް ބައްޕާފުޅު ކުރައްވާތީ ދަރިކަލުންނަށް ފެންނަ ކަންތައް. އެއީ ދަރިކަލުން ކުރައްވަނީ ހަމަ ބައްޕާފުޅު ކުރައްވަމުން ގެންދަވާ ކަންތައްތައް. ބައްޕާފުޅު ދަރިކަލުންދެކެ ލޯބިފުޅުވެ ވޮޑިގެންވާތީ ބައްޕާފުޅު ކުރައްވާ ހުރިހާ ކަމެއް ދަރިކަލުންނަށް އަންގަވާ. ބައްޕާފުޅު މިއަށް ވުރެ އަދި މާ މަތިވެރި ކަންތައްތައް ކުރައްވަން ވެސް ދަރިކަލުންނަށް އަންގަވާނެ. އަދި އޭރުން ކަލޭމެން އެންމެންވެސް މާހައިރާންވެ އަންތަރީސްވާނެ. ބައްޕާފުޅު މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާހެން ހަމަ ދަރިކަލުން ވެސް އެދަރިކަލުން ބޭނުންފުޅު މީހަކަށް ދިރުން ދެއްވާނެ. އަދި ބައްޕާފުޅު އެއްވެސް މީހަކާ ދޭތެރޭ ހިސާބެއް ނުބައްލަވާނެ. އެހެނީ މީސްތަކުންނާ ދޭތެރޭ ހިސާބު ބެއްލެވުން ބައްޕާފުޅު ވަނީ ދަރިކަލުންނާއި ހަވާލުކުރައްވާފަ. އެހެންކަމުން އެންމެހާ މީސްތަކުން ވެސް ބައްޕާފުޅަށް އިޙުތިރާމުކޮށް ބިރުވެތިވާ ފަދައިން ދަރިކަލުންނަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާން ޖެހޭނެ. ދަރިކަލުންނަށް އިޙުތިރާމުކޮށް ބިރުވެތި ނުވާ މީހަކީ ދަރިކަލުން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާ މީހެއް ނޫން. ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށްވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރުވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި. އަހަރެން ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އަދި ކޮބާ! އެދުވަސް މިހާރުވެސް މި ވަނީ އައިސްފަ. އެދުވަހުން މަރުވެފައިވާ މީހުންނަށް މާތްރަސްކަލާނގެ ދަރިކަލުންގެ އަޑުއިވޭނެ. އަދި އެ އަޑު އިވޭ ބަޔަކަށް ދިރިހުރުން ލިބޭނެ. ދިރުން ލިބެނީ ބައްޕާފުޅުގެ ކިބަފުޅުން. އެހެންކަމުން ބައްޕާފުޅު ވަނީ ދިރުން ދިނުމުގެ ހުއްދަ ދަރިފުޅަށް ދެއްވާފައި. އަދި މީސްތަކުންނާއި މެދު ހިސާބު ބެއްލެވުމުގެ އިޚުތިޔާރު ބައްޕާފުޅު ވަނީ ދަރިކަލުންނަށް ދެއްވާފައި. އެއީ އެ ދަރިކަލުންނަކީ އިންސާނާގެ ދަރިކަލުން ކަމަށް ވާތީ. މިވާހަކަތަކާ މެދު ހައިރާން ނުވޭ. މަރުވެފައިވާ އެންމެންނަށް އެކަލޭގެފާނުގެ އަޑު އިވޭނެ ދުވަހެއް އެބައާދޭ. ދެން އެމީހުން ކަށްވަޅުތަކުން އަރައި ދިރިގެން އަންނާނެ. ހެޔޮ އަމަލު ކުރި މީހުންނަށް އަލުން ދިރުން ލިބި ނިމުންނުވާ ޙަޔާތް ލިބޭނެ. އަދި ނުބައި އަމަލުކުރި މީހުން ނަންގަވައި އެމީހުންނަށް ޙައްޤު ސަޒާދެވޭނެ. އަހަރެން އަމިއްލައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެން ކަންތައްކުރަނީ އަހަރެންނަށް އެންގެވުނު ފަދައިން. އެހެން ކަމުން އަހަރެންގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް. އަހަރެން އެއްކަމެއްވެސް އަހަރެންގެ އަމިއްލަ އުފަލަކަށްޓަކައެއް ނުކުރަން. އަހަރެން ކުރަނީ އަހަރެން ފޮނުއްވި ފަރާތުގެ އުފަލަށްޓަކައި ކުރާ ކަންތައް.“ ”އަހަރެންނާއި ދޭތެރޭ އަހަރެން މިބުނާ ބަސްތަކަކީ އަހަރެން އެކަނި ބުނާ ބަސްތަކެއް ނަމަ އެބަސްތަކުގެ ތެދުކަން ޔަޤީންކޮށް ދެވޭނެ ގޮތެއް ނޯންނާނެ. ނަމަވެސް އަހަރެންނާއި މެދު ހެކިދޭނެ ފަރާތެއް އެބަވޭ. އަދި އަހަރެންނާއި މެދު އެކަލާނގެ އެންގެވި ބަސްތަކަކީ ތެދުކަން އަހަރެންނަށް އެނގޭ. ޔަޙުޔާގެފާނުގެ އަރިހަށް ކަލޭމެން މީހުން ފޮނުވީމު. އަދި އެކަލޭގެފާނު ތެދުބަހުން ކަލޭމެންގެ ސުވާލުތަކަށް ޖަވާބުދެއްވި. އަހަރެން އެހެން މިބުނީ ކޮންމެހެން އެހެން އިންސާނެއްގެ ހެކިބަހެއް އަހަންނަށް ބޭނުން ވާތީއެއް ނޫން. ނަމަވެސް އަހަރެން މިހެން މި ބުނީ މިގޮތުން ވެސް ކަލޭމެންނަށް ދިންނެވުން ލިބޭނެ ހެން ހެދުމަށް. ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި. ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ. އަދި ހަމަ އަހަރެން ފޮނުއްވެވި އަހަރެންގެ ބައްޕާފުޅު ވެސް އަހަރެންނާއި މެދު ހެކިވެ ވޮޑިގަންނަވާ. ކަލޭމެން ދުވަހަކުވެސް ބައްޕާފުޅުގެ އަޑުފުޅު އަހާފައެއް ނުވާނެ. އަދި ބައްޕާފުޅު ފެނިފައެއްވެސް ނުވާނެ. އަދި އެކަލާނގެ ބަސްފުޅުތަކެއް ކަލޭމެންގެ ހިތުގައި ހަރުލާފައެއްވެސް ނުވާނެ. އެއީ ކަލޭމެން އެކަލާނގެ ފޮނުއްވި ފަރާތް ކަމަށް ވާ އަހަރެން ގަބޫލު ނުކުރުމުގެ ސަބަބުން. ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެންވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން. ނަމަވެސް އެ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ކަލޭމެން އެބަ އިންކާރުކުރޭ. މީސް މީހުންގެ ކިބައިން ލިބޭ ތަޢުރީފުގެ ބަސްތަކެއް އަހަރެންނަކަށް ބޭނުމެއް ނުވޭ. ނަމަވެސް އަހަރެން ދަންނަން ކަލޭމެންގެ ގޮތް. ކަލޭމެންގެ ހިތުގައި މާތްރަސްކަލާނގެ ކިބަފުޅަށް ލޯތްބެއް ނުވޭ. އަހަރެން އައިސް މިހިރީ ސީދާ ބައްޕާފުޅު ފޮނުއްވައިގެން. ވިޔަސް ކަލޭމެން އަހަރެން ބަލައެއް ނުގަތް. އެކަމަކު އެހެން މީހަކު އޭނާގެ އަމިއްލަ ނަމުގައި އައުމުން އެމީހަކަށް އެބަ މަރުހަބާ ކިޔާ. ކަލޭމެން އެކަކު އަނެކެއްގެ ތަޢުރީފުގެ ބަސްތައް ލިބުމަށް އެދޭ. ނަމަވެސް އެއްކައުވަންތަ ﷲ ކިބަފުޅުން ރުހިވޮޑިގަތުން ލިބިގަތުމަކަށް ކަލޭމެން މަސައްކަތެއް ނުކުރޭ. ވީއިރު ކަލޭމެންނަށް އީމާން ވެވޭނީ ކިހިނެއް؟ ނަމަވެސް ބައްޕާފުޅުގެ ކުރިފުޅުމަތީ ކަލޭމެން ކުށްވެރިކުރާނީ އަހަރެން ކަމުގައި ހީނުކުރާތި. ކަލޭމެން ހީކޮށް ތިޔަތިބީ ކަލޭމެން ސަލާމަތް ކޮއްދެއްވާނީ މޫސާގެފާނު ކަމަށް. އެކަމަކު ބައްޕާފުޅުގެ ކުރިފުޅުމަތީ ކަލޭމެން ކުށްވެރި ކުރާނީ އެކަލޭގެފާނު. ކަލޭމެން މޫސާގެފާނުގެ ބަސްފުޅުތައް އަހައި ގަބޫލުކޮށް އީމާންވެގެން ތިބިނަމަ ކަލޭމެން އަހަރެންގެ ބަސް ގަބޫލު ކުރީސް. އެއީ މޫސާގެފާނު އަހަރެންނާއި ބޭހޭގޮތުން ވަނީ ލިޔުއްވާފައި. އެކަމަކު ކަލޭމެން މޫސާގެފާނު ލިޔުއްވި ބަސްފުޅުތައް ގަބޫލު ނުކުރިއިރު އަހަރެންގެ ބަސްތައް ވަކި ގަބޫލު ކުރާނެތަ؟“