ޔޫޙަންނާ. 3. ނިކޮދޭމު އޭ ކިޔުނު ފަރީސީ މަޒުހަބުގެ މީހަކު އުޅުނެވެ. އޭނާ އަކީ ބަނީއިސްރާއީލުގެ މަތީ ވެރިއެއް ވެސް މެއެވެ. އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.“ ތިޔަ ވިދާޅުވީ ކީކޭތޯ ނިކޮދޭމު ހައިރާންވެފައި ދެންނެވިއެވެ. ”ކިހިނެއްތަ ވިހާބޮޑުވެފައި ހުރި މީހަކު އަލުން އުފަން ވުމަށް އޭނާގެ މަންމަގެ ބަނޑުތެރެއަށް ވަދެވޭނީ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ. އިންސާނުން މެދުވެރިވެގެން އުފަންވަނީ ޖިސްމާނީ ދިރިހުރުން. ނަމަވެސް މާތް ރަސްކަލާނގެ މާތްރޫޙުފުޅުން އުފަންވާނީ ރޫޙާނީ ދިރިހުރުން. އެހެން ވީމާ އަލުން އުފަންވާން ޖެހޭނެއޭ ބުނުމުން އެކަމާ ކަލޭ ހައިރާން ނުވޭ. ވައިޖެހެނީ އެޖެހޭނެ ދިމާލަކުން. އެވައި ޖެހެމުންދާ އަޑު އިވޭ. އެކަމަކު އެ އަންނަނީ ކޮންތާނކުން ކަމެއް، ނުވަތަ އެދަނީ ކޮންތާނކަށް ކަމެއް، އެކަކަށް ވެސް ނޭނގޭ. ހަމަ އެފަދައިން މީހަކު މާތްރޫޙުން އުފަންވަނީ ކިހިނެއް ކަމީ ވެސް އެއީ އޮޅުންފިލުވާދީ ބުނެދެވޭފަދަ ކަމެއް ނޫން.“ ”ތިޔަ ކަންތައްތައް ތިހެން ވާނީ ކިހިނެއް؟“ ނިކޮދޭމު އީސާގެފާނަށް ދެންނެވިއެވެ. އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ތިޔައީ ބަނީއިސްރާއީލުގެ މޮޅު، މަތީ ދަންނަބޭކަލެއް. އެކަމަކު ކަލެއަކަށް މިއިން އެއްވެސް ކަމެއް ނުވިސްނުނު ތަ؟ ހަމަ ތެދެއް، އަހަރެމެން މި ދައްކަނީ އަހަރެމެން އަހާ ދެކެފައިވާ ކަންތައްތަކުގެ ވާހަކަ. އެހެންނަމަވެސް ކަލޭމެން އަހަރެމެންގެ ވާހަކަތައް ގަބޫލެއް ނުކުރޭ. އަހަރެން މި ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ވެސް ކަލޭމެން އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރި. ވީއިރު އަހަރެން ކަލޭމެންނަށް ސުވަރުގޭގައި ހިނގާ ކަންތަކުގެ ވާހަކަ ކިޔާދިނަސް އެވާހަކަތައް ކަލޭމެންނަށް ގަބޫލުކުރެވޭނީ ކިހިނެއް؟ އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ. މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ. އެހެންކަމުން އަހަރެން ގަބޫލުކޮށް އީމާންވި ކޮންމެ މީހަކަށްމެ ނިމުންނުވާ ޙަޔާތް ލިބޭނެ. މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި. މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް. މާތްރަސްކަލާނގެ ދަރިކަލުންނަށް އީމާންވާ މީހާއަށް ސަޒާގެ ހުކުމެއް ނާންނާނެ. ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންނުވި މީސްތަކުން މީހާރުވެސް ވަނީ ކުށްވެރިވެ ޙުކުމް ކުރެވިފަ. އެއީ މާތްރަސްކަލާނގެ ހަމައެކަނި ދަރިކަލުން ގަބޫލުކޮށް އެމީހުން އީމާން ނުވީތީ. އެމީހުން ކުށްވެރި ކުރެވުނު ސަބަބަކީ ސުވަރުގެއިން އަލިކަމެއް މި ދުނިޔެއަށް ފޮނުއްވުމުންވެސް އެމީހުން އެއަލިކަމުގެ ބަދަލުގައި ލޯބިކުރީ ދުނިޔެވީ އަނދިރިކަމަށް. އެއީ އެމީހުންގެ އަމަލުތަކަކީ ނުބައި ފާފަވެރި އަމަލުތަކަށް ވާތީ. ނުބައި އަމަލުތައް ކުރާ ކޮންމެ މީހަކުވެސް އަލިކަމަށް ނަފުރަތުކުރޭ. އަދި އެމީހުން އަލިކަމާ ދުރަށް ދާން މަސައްކަތް ކުރޭ. އެއީ އަލިކަމުގެ ސަބަބުން އެމީހުންގެ ނުބައި ފާފަވެރި އަމަލުތައް ހާމަވެ ފެންނާނެތީ. ނަމަވެސް ހެޔޮ އަމަލުތައް ކުރާ މީހުން އުފަލާއި އެކު އަލިކަމާ ދިމާލަށް އާދޭ. އެއީ އެމީހުން އެ އަލިކަމާ ދިމާލަށް އަންނަނީ މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަމާއެކު ކަން އެހެން މީހުންނަށް އެނގި ފާޅުވުމަށްޓަކައި.“ މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖުދެއާގެ ބައިމަދު ހިސާބުގަނޑަކަށް ވަޑައިގެންނެވިއެވެ. އަދި އެތާނގައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވުމަށް ދުވަސްކޮޅަކު މަޑުކުރެއްވިއެވެ. ޔަޙުޔާގެފާނު ޖަލަށް ލެވުމުގެ ކުރީގައި އެކަލޭގެފާނު ޝާލެމްގެ ކައިރީގައިވާ އައިނޯނުގައި މީސްތަކުން ހިނަވަމުން ގެންދެވިއެވެ. އެއީ އެތާނގެ ކޯރުގެ ފެންގަނޑު ބޮޑުވެފައި އަދި އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އަންނަމުން ދިޔައީތީއެވެ. އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ. ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.“ ޔަޙުޔާގެފާނު އެމީހުންނަށް ވިދާޅުވިއެވެ ”މާތްރަސްކަލާނގެ ނުދެއްވާނަމަ އެކަކަށްވެސް އެކައްޗެއް ވެސް ނުލިބޭނެ. އަހަރެންނަކީ އަލްމަސީޙު ނޫންކަން ކަލޭމެން އެންމެންނަށް ވަރަށް ސާފުކޮށް އަހަރެން ބުނެދިނީމެންނު؟ އަހަރެން މިއައީ ހަމައެކަނި އެކަލޭގެފާނަށްޓަކައި މީސްތަކުންގެ ހިތްތައް ތައްޔާރުކުރުމަށް. އަނބިމީހާއާ ކައިވެނި ކުރާނީ ފިރިމީހާ. ރައްޓެހިމީހާ ހުންނާނީ ކައިވެނި ބަސްތައް އަޑުއިވޭ ހިސާބު އެ އުފަލުގައި ބައިވެރިވުން މަތީގައި. އެހެންކަމުން އަހަރެން މިހިރީ އެކަލޭގެފާނުގެ ކާމިޔާބީއާ މެދު އުފަލުން ފުރިފައި. އެކަލޭގެފާނުގެ މުހިންމު ކަން ދުވަހެއް ދުވަހަކަށް މަތިވެރި ވާން ޖެހޭނެ. އަދި އަހަރެން ދުވަހެއް ދުވަހަކަށް އެކަހެރި ވާންޖެހޭނެ.“ ”އެކަލޭގެފާނު ވަޑައިގެންނެވީ އެންމެ މަތިން. ނަމަވެސް އަހަރެންނަކީ މި ދުނިޔޭގެ މީހެއް. އަދި އަހަރެންނަށް އެނގެނީ ވެސް މި ދުނިޔޭގެ ކަންތައްތައް. ނަމަވެސް އެކަލޭގެފާނު ވަޑައިގެންނެވީ ސުވަރުގެއިން. އެހެން އެއްވެސް މީހަކަށް ވުރެ އެކަލޭގެފާނުގެ މަތިވެރިކަން ބޮޑު. އެކަލޭގެފާނު އެ ވިދާޅުވަނީ އެކަލޭގެފާނު ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތަކެއްގެ ވާހަކަ. އެކަމަކު އެކަކުވެސް އެ ބަސްފުޅެއް ގަބޫލެއް ނުކުރޭ. ނަމަވެސް އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތައް ގަބޫލު ކުރާ މީހަކު އެ ހެކިވަނީ މާތްރަސްކަލާނގެއަކީ ތެދުވެރިވަންތަ ކަލެއް ކަމަށް. އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ. އުޑުގައިވޮޑިގެންވާ ބައްޕާފުޅު އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވޭ. އަދި ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް ފުރިހަމައަށް ބާރު ހިންގުމުގެ އިޚުތިޔާރު ވަނީ އެކަލޭގެފާނަށް ދެއްވާފަ. އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.“