ލޫކާސް. 24. އާދީއްތަ ދުވަހުގެ ވަރަށް ފަތިހު މިއަންހެނުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގެ ކައިރިއަށް ދިޔަ އެވެ. އީސާގެފާނު ކަފުން ކުރުމަށްޓަކައި މިބައިމީހުން ތައްޔާރު ކުރި މީރުވަސް ދުވާ ތަކެތި މިބައިމީހުންނާއި އެކު ގެނައެވެ. މިމީހުން އެހޮހަޅަ ހުރި ހިސާބަށް ދިޔައިރު އެތާގެ އަނގަމަތީ ހުރަސް ކުރެވިފައިވާ ބޮޑު މާ ސިންގާ ހިލަ ވަނީ އެއްފަރާތަކަށް ފުރޮޅާ ލެވިފައެވެ. އެބައިމީހުން އެތެރެއަށް ވަދެ ބެލި އިރު މަތިވެރި މާތްސާހިބު އީސާގެފާނުގެ ހަށިކޮޅެއް އެތަނަކު ނުވެއެވެ. މިބައިމީހުން މި ވީ ކީއްކަން ނޭނގި ހައިރާންވެފައި ތިއްބާ ކުއްލިއަކަށް އެތާނގައި ވާ ދެބޭކަލަކު އެމީހުންގެ ކައިރީގައި ވިއެވެ. މިބޭކަލުންގެ ހެދުންކޮޅު ވިދާ ބަބުޅަމުން ދިޔައެވެ. މިތަން ދެކެ ގަތް ބިރުން މިއަންހެނުން އިސްޖެހި މަތި ބަލާލަން ވެސް ނުކެރިފައި ތިއްބެވެ. ނަމަވެސް މި ދެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. ”މީހުން މަރުވީމައި ގެނެވޭތާކަށް ތިޔަބައިމީހުން ދިރި ހުރި މީހަކު ހޯދަން ތިޔަ އައީ ކީއް ކުރަން!؟ އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވަނީ މަރުވުމަށް ފަހު އަލުން ދިރުއްވާފަ. ގަލީލީގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ވިދާޅުވި ބަސްފުޅު ހަނދާނެއް ނެތް ތަ؟ އެކަލޭގެފާނު ވިދާޅުވި: ’އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތް މައްޗަށް ދޫ ކޮށްލެވޭނޭ. އެބައިމީހުން އެކަލޭގެފާނު ސަލީބަށް އަރުވާނޭ. އަދި ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރުއްވޭނެ.‘“ އެވަގުތު މިބައިމީހުން އީސާގެފާނު ގަލީލީގައި ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވެއްޖެއެވެ. ދެން މިމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ފަރުބަދައިގައި ހަދައިފައިވާ ހޮހަޅައިން އެނބުރި ޖެރޫސަލަމަށް ގޮސް މިކަންތައްތައް ދިމާވި ހުރިހާ ގޮތެއްގެ ވާހަކަ އެގާރަ އަސްޙާބީންނަށާއި އެތާ ތިބި އެހެން މީހުންނަށް ކިޔާދީފިއެވެ. މިއަންހެނުންނަކީ މަރިޔަމް މަގްދަލޭނާ އާއި ޔޮއަންނާ އާއި އަސްޙާބީއެއް ކަމުގައިވާ ޔާމިޒުގެ މަންމަ މަރިޔަމްއާއި އެމީހުންނާއި އެކީގައި ދިޔަ އެހެން އަންހެނުންނެވެ. މިކަންތައްތަކުގެ ވާހަކަ އީސާގެފާނުގެ މަންދޫބުންނަށް ކިޔައިދިނީ މިމީހުންނެވެ. ނަމަވެސް އީސާގެފާނުގެ މަންދޫބުންނަށް މި އަންހެނުން މިކިޔައިދިން ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެއީ މި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ކަހަލަ ވާހަކަތަކެއް ހެން ހީވާތީއެވެ. އެހެން ނަމަވެސް ޕަތަރަސް ތެދުވެ އެތަނުން ފެށިގެން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައި ވީ ހޮހަޅަ އާއި ހަމައަށް ދުވެފައި ދިޔައެވެ. އެތަނަށް ގޮސް އެހޮހަޅައިގެ ތެރެއަށް ގުދުވެ ބެލި އިރު އޭނާއަށް ފެނުނު ހައި ވެސް އެއްޗަކީ އީސާގެފާނުގެ ގައިކޮޅުގައި އޮޅާ ލެވިފައި ވީ އަގުބޮޑު ފޮތީގެ ފޮތިގަނޑެވެ. މި ވީ ކަންތަކާއި މެދު ވަރަށް ބޮޑަށް ހައިރާން ވެގެން ހުރެ އޭނާ އެތަނުން ހިނގައްޖެއެވެ. ހަމަ އެދުވަހު އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކު ޖެރޫސަލަމާއި ގާތްގަނޑަކަށް ހަތް މޭލު ދުރުގައި ވާ ރަށެއް ކަމުގައިވާ އެމާއުސްއަށް ދިއުމަށް ދަތުރު ފެށިއެވެ. އެދެމީހުން މި ވެދިޔަ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. މި ދެމީހުން މި ވާހަކަތައް ދައްކަމުން ގެންދިޔައިރު ޚުދު އީސާގެފާނު އެމީހުންނާއި އެކު ހިންގަވައި ވަޑައިގަންނަވަމުން ދިޔައެވެ. ނަމަވެސް އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން ނޭނގޭނެ ފަދައިން އެމީހުންގެ ލޯތައް ވަނީ ބަންދު ކުރެވިފައެވެ. އެކަލޭގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”ކަލޭމެން ދެމީހުން ދަތުރުކޮށް ދަމުން ތިޔަ ދައްކަނީ ކޮން ވާހަކައެއް؟“ އެމީހުން ވަގުތުން ހިނގުން ހުއްޓާލާފައި ދެރަވެ އިސް ދަށަށް ޖަހައިގެން ތިއްބެވެ. ދެން އެދެމީހުންގެ ތެރެއިން ކިއޮޕާސް އޭ ނަމަކަށް ކިޔާ މީހާ ބުންޏެވެ. ”މިދިޔަ ދުވަސްތަކުގައި ޖެރޫސަލަމުގައި ހިނގާނިމިދިޔަ ކަންތައްތަކެއް ފަހެ ކަލެއަކަށް ނޭނގޭތަ؟ ކަލޭ ތިޔައީ ދަތުރެއްގައި މިރަށަށް އައި ބީރައްޓެއްސަކީ ތަ؟“ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”ކޮންކަންތައްތަކެއް ތަ؟“ އެމީހުން ބުންޏެވެ. ”ނާޒަރަތުގެ އީސާގެފާނާއި ބެހޭގޮތުން ވީ ކަންތައްތައް. އެކަލޭގެފާނަކީ ރަސޫލުބޭކަލެއް. މާތްރަސްކަލާނގެ އާއި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ބަސްފުޅާއި އަމަލުފުޅުތައް މަތިވެރިވެގެންވި. ބޮޑު އިމާމުންނާއި އަހަރެމެންގެ ވެރިން އެކަލޭގެފާނަށް މަރުގެ ޙުކުމް ކޮށް އެކަލޭގެފާނު ރޯމުގެ ސިފައިންނާއި ހަވާލުކުރި. އަދި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވި. އެކަމަކު އަހަރެމެން އުންމީދު ކޮށްގެން ތިބީ އެކަލޭގެފާނަކީ ބަނީއިސްރާއީލު މިނިވަން ކުރުމަށް ވަޑައިގެން ބޭކަލެއް ކަމަށް. މިހުރިހާ ކަމެއް ހިނގާދިޔަތާ މިއަދަށް މިއީ ތިންވަނަ ދުވަސް. މިއަދު އަހަރެމެންގެ ތެރެއިން ބައެއް އަންހެނުން ހުރިހާ ކަމަކަށް ވުރެ އަޖައިބު ވާހަކައަކާއިގެން އަތުވެއްޖެ. އެމީހުން މިއަދުގެ ވަރަށް ހެނދުނާ އެކަލޭގެފާނުގެ ހަށިކޮޅު ބޭއްވިފައި ވީ ހޮހަޅައަށް ދިޔަ. ނަމަވެސް އެމީހުންނަކަށް އެތަނުން އެކަލޭގެފާނުގެ ހަށިކޮޅެއް ނުފެނުނު. އެމީހުން އެނބުރި އައިސް ބުނީ އެތަނުން އެމީހުންނަށް ފެނުނީ ދެ މަލާއިކަތް ބޭކަލުން ކަމުގަ. އަދި އެބޭކަލުން އެމީހުން ކައިރީ ބުނީ އީސާގެފާނު ވަނީ މަރުވެފަ ނޫން ކަމުގައި އެކަލޭގެފާނު ދިރި ހުންނެވި ކަމުގަ. ދެން އަހަރެމެންގެ އެކުވެރިންގެ ތެރެއިން އެހެން ބަޔަކު ވެސް އެ ހޮހަޅައަށް ދިޔަ. އެމީހުންނަށް ވެސް ކަންތައްތައް ފެނުނީ ހަމަ އެއަންހެނުން ބުނިފަދައިން. އެމީހުންނަކަށް ވެސް އެކަލޭގެފާނުގެ ހަށިކޮޅެއް ނުފެނުނު.“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ. މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟“ ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ. އެމީހުން ދަތުރުކޮށް ދާން ދިޔަ ރަށާއި ކައިރި ވުމުން އީސާގެފާނު އެމީހުންނާ ވަކިވެ އެކަލޭގެފާނުގެ މަގުގައި ކުރިއަށް ވަޑައިގަންނަވަން އުޅުއްވިއެވެ. ނަމަވެސް އެމީހުން އެކަލޭގެފާނު މަޑުކުރުވުމަށް ގަދައަޅާ މަސައްކަތް ކުރިއެވެ. އެމީހުން ބުންޏެވެ. ”މިހާރު މިއޮއް އިރުއޮއްސެނީ. ދުވާލުގެ އަލިކަން ކެނޑެނީ. އަހަރެމެންނާއި އެކު މިތާ މިރޭ މަޑުކުރޭ.“ ދެން އެކަލޭގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ. އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޮޑުރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޮޑުރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ. ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ. އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އެކަލޭގެފާނު މިއައި މަގުމަތީ އަހަރެމެންނާއި ވާހަކަ ދައްކަވާ ފޮތްތަކުގައި އެކަލޭގެފާނާއި ބޭހެގޮތުން ލިޔެވިގެން ވީ ބަސްފުޅުތައް އަހަރެމެންނަށް ތަފްސީލު ކޮށްދެއްވި އިރު އަޅެ އަހަރެމެންގެ ހިތުގައި ފުން އިހުސާސްތަކެއް އިހުސާސް ކުރެވުމަކުން ނުދޭ ތަ؟“ އެމީހުން ހަމަ އެވަގުތު ޖެރޫސަލަމަށް އެނބުރި އައުމަށް ދަތުރު ފެށިއެވެ. މި ދެމީހުން އެނބުރި އައިރު އެގާރަ އަސްޙާބީންނާއި އެމީހުންނާއި އެކުގައި ވާ އެންމެން އެއްތާކު ތިއްބާ ދިމާވިއެވެ. މި އެގާރަ އަސްޙާބީން އެމީހުންނަށް ބުންޏެވެ. ”އެއީ ތެދެއް! މާތްސާހިބާ އަލުން ދިރިވަޑައިގެންފި. ޕަތަރަސް އެކަލޭގެފާނު ދެކެފި.“ ދެން މި ދެމީހުން ވެސް އެމީހުން ދިޔަ މަގުމަތީ ކަންތައްތައް ވީގޮތް މި އަސްޙާބީންނަށް ކިޔައިދިނެވެ. އަދި އެމީހުންނަށް އެއީ އީސާގެފާނު ކަން އެނގުނީ އެކަލޭގެފާނު ބޯރޮށި ނަންގަވާ އެމީހުންނަށް އެބައްސަވަން ފެށި ވަގުތު ކަމަށް ވެސް ބުންޏެވެ. މިހުރިހާ އަސްޙާބީން މިކަމާއިމެދު ވާހަކަ ދައްކަމުން ގެންދަނިކޮށް މިމީހުންނަށް ފެނުނީ ޚުދު އީސާގެފާނު އެތާނގައި ވަނިކޮށެވެ. އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ސަލާމް ލައްވާށި.“ ނަމަވެސް މިމީހުން މިތަން ދެކެ ސިއްސައިގެންގޮސް އެއީ ކަށްޑޮތްވެއް ކަމުގައި ހީކޮށް ވަރަށް ބޮޑަށް ބިރު ގަތެވެ. މިހެންވެ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން ތިޔަހާ ބޮޑަށް ތިޔަ ބިރުގަންނަނީ ކީއްވެ؟ އަހަރެން ދިރި ހުރި ތަން ދެކެ އެކަން ގަބޫލު ކުރަން ތިޔަހާ ބޮޑަށް އުނދަގޫވީ ކީއްވެ؟ އަހަރެންގެ އަތާއި ފައިތިލައަށް ބަލާ ބަލަ. މިއީ ޚުދު އަހަރެން. ތިޔަބައިމީހުން އަހަރެންގެ ގައިގައި އަތްލަބަލަ. އޭރުން ތިޔަބައިމީހުންނަށް އަހަރެންނަކީ ރޫޙެއް ނޫން ކަން ޔަޤީން ވާނެ. ރޫޙެއްގެ ހަށިގަނޑުގައި މަހާއި ކަށްޓެއް ނުވާނެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި މަހާއި ކަށި ވާ ކަން އޭރުން ކަލޭމެންނަށް ޔަޤީން ވާނެ.“ ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަތްޕުޅާއި ފައިތިލަފުޅު އެބައިމީހުންނަށް ދެއްކެވިއެވެ. އެބައިމީހުން މިކަމާއި ވަރަށް ބޮޑަށް އަޖައިބު ވެ އުފާވީ ނަމަވެސް މިކަން ގަބޫލު ކުރަން ދަތި ވިކަން އެނގިވަޑައިގެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަންނަށް ކާ އެއްޗެއް ދީފާނަންތަ؟“ އަސްޙާބީން އެކަލޭގެފާނަށް ފިހުނު މަސްކޮޅެއް ދިނުމުން އެކަލޭގެފާނު އެބައިމީހުންގެ ކުރިމަތީގައި މި މަސްކޮޅު ފަރީއްކުޅުއްވިއެވެ. ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ތިޔަބައިމީހުންނާއިއެކު ވީ ދުވަސްތަކުގައި ތިޔަބައިމީހުންނަށް ބުނީން.“ ދެން އެކަލޭގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ވިސްނި އެނގުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ލިޔެވި ބަޔާންވެގެން ވޭ: މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު އަށް އަނިޔާ ލިބިވަޑައިގެން އަވަހާރަ ވުމަށް ފަހު ތިން ވަނައަށް ވާ ދުވަހު އަލުން ދިރިވަޑައިގަންނަވާނެ. އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން. ކަލޭމެންގެ ކުރިމަތީގައި މިކަންތައްތައް ވެ ހިނގައްޖެ. ވީއިރު ކަލޭމެން މިކަންތައްތަކަށް ހެކިވޭ. ތިޔަބައިމީހުން މާތްރަސްކަލާނގެ މަތިވެރި ބާރުފުޅު ދެއްވުމަށް ދާންދެން މިރަށުގައި މަޑު ކުރޭ. އަހަރެންގެ ބައްޕަ ވަޢުދުވެ ވޮޑިގެން ވީ ހަދިޔާފުޅު ޚުދު އަހަރެން ކަލޭމެންގެ ކައިރިއަށް ފޮނުއްވާނަން.“ ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ. އަދި ހަމަ އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނު އުޑަށް އުފުއްލެވިއެވެ. އަސްޙާބީން އީސާގެފާނުގެ މައްޗަށް ހަމްދާއި ސަނާ ކިޔަމުން އުފާވެރި ކަމާއި އެކު އެނބުރި ޖެރޫސަލަމަށް ދިޔަ އެވެ. އަދި ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން މަތީ އެބައިމީހުންގެ ހުރިހާ ވަގުތެއް ހޭދަ ކުރިއެވެ.