ލޫކާސް. 23. ދެން މިއަށް ފަހު މި ކޯޓުގައި ވީ އެންމެން އީސާގެފާނު ގޮވައިގެން އެތަނުން ރޯމުގެ ވެރިޔާ ޕިލާތުސްގެ ގާތަށް ދިޔައެވެ. ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“ ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”ކަލެއަކީ ބަނީއިސްރާއީލުގެ ރަސްގެފާނު ތަ؟“ އީސާގެފާނު މީގެ ޖަވާބުގައި ވިދާޅުވިއެވެ. ”ތިޔަބޭފުޅާ ތިޔަވިދާޅުވީ އެފަދައިން.“ ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.“ ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.“ މިހެން ބުނެވުނު އަޑު އިވި ޕިލާތުސް ސުވާލު ކުރިއެވެ. ”މީނާއަކީ ގަލީލީގެ މީހެއް ތަ؟“ ޕިލާތުސްއަށް އީސާގެފާނު އަކީ ގަލީލީގެ ރަށްވެއްސެއް ކަން އެނގުމުން އޭނާ އީސާގެފާނު ގަލީލީ ކަރައިގެ ވެރިއަކަށް އޭރު ހުރި ހެރޮދު ގެ ގާތަށް ފޮނުވިއެވެ. ހެރޮދު ވެސް އެވަގުތު ހުރީ ޖެރޫސަލަމުގައެވެ. އީސާގެފާނު ފެނުމުން ހެރޮދު ވަރަށް ބޮޑަށް އުފާކުރިއެވެ. އެއީ އޭނާ އީސާގެފާނާއި ބެހޭ ޚަބަރުތައް ވަރަށް ބޮޑަށް އަހާފައި ވުމާއިއެކު އެކަލޭގެފާނުގެ ފަރާތުން މުޢުޖިޒާތެއް ދުށުމުގެ އުންމީދުގައެވެ. ހެރޮދު އީސާގެފާނު ކުރެން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އީސާގެފާނު ޖަވާބެއް ނުދެއްވައެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެތާނގައި ވިއެވެ. އަދި ރުޅިވެރިކަމާއިއެކު މިބައިމީހުން އީސާގެފާނާއި ބެހޭ ގޮތުން ތުހުމަތުތައް ހެރޮދުއަށް ހުށައަޅަމުން ގެންދިޔައެވެ. ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ. މި ދުވަހުގެ ކުރީގައި ހެރޮދު އާއި ޕިލާތުސް އަކީ ދެ ދުޝްމިނުން ކަމުގައި ވިޔަސް މި ދުވަހަށް ފަހު އެދެމީހުންނީ ދެރަޙުމަތްތެރިން ކަމުގައި ވިއެވެ. ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ތިޔަބައިމީހުން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ. ހެރޮދުއަށް ވެސް ފެނުނީ ހަމަ މިފަދަ ހެކިތަކެއް. އޭނާ މިމީހާ އަނބުރާ އަހަރެންގެ ކައިރިޔަށް ފޮނުވީ އެހެން ވެގެން. އޭނާއަށް މަރުގެ ޙުކުމް ޙައްޤު ވެގެނެއް ނުވޭ. ވީމާ އޭނާގެ ގައިގައި ހަންމުށި އެޅުމަށް ފަހު މިނިވަން ކުރުމަށް އަހަރެން ޙުކުމްކުރާނަން.“ ފަހަނަޅައި ދިއުމުގެ ޢީދުގެ މުނާސަބަތުގައި ރޯމުގެ ސަރުކާރުން ބަނީއިސްރާއީލު މީހުން ހިތްހަމަޖެއްސުމުގެ ގޮތުން ކުށްވެރިންގެ ތެރެއިން މީހަކު މިނިވަން ކޮށްދެއެވެ. އެއްވެފައިވާ ހުރިހާ މީސްތަކުން އެއްއަޑުން ހަޅޭއްލަވަން ފެށިއެވެ. ”އޭނާއަށް މަރުގެ ޙުކުމް ކުރޭ. އޭނާގެ ބަދަލުގައި އަހަރެމެންނަށްޓަކައި ބަރައްބާސް މިނިވަން ކޮށްދީ.“ މި ބަރައްބާސް އަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތެއްގައި ބައިވެރިވެ އަދި މީހަކު މަރާލީތީ ޖަލަށް ލެވިފައިވާ މީހެކެވެ. ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ އަނެއްކާ ވެސް އެއްވެފައިވާ މީސްތަކުންނާއި ބަހުސްކޮށް ވާހަކަ ދެއްކިއެވެ. ނަމަވެސް އެމީސްތަކުން ހަޅޭއްލަވަމުން ގެންދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ. އޭނާ ސަލީބަށް އަރުވާ.“ ޕިލާތުސް އެބައިމީހުންނަށް ތިންވަނަ ފަހަރަށް ބުންޏެވެ. ”މީނާ ސަލީބަށް އަރުވާންވީ ކީއްވެގެން؟ މީނާގެ ކުށަކީ ކޮބާ؟ އޭނާއަށް މަރުގެ ޙުކުމް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަހަރެން އޭނާގެ ގައިގާ ހަންމުށި އެޅުމަށް ޙުކުމް ކުރުމަށް ފަހު އޭނާ މިނިވަން ކުރާނީ.“ ނަމަވެސް މީސްތަކުން ހުއްޓުމެއް ނެތި ހަޅޭއްލަވަމުން ގެންދިޔައީ އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށެވެ. އެބައިމީހުންގެ އަޑުތައް އިރަކަށް ވުރެ އިރެއް ބާރުވަމުން ދިޔައެވެ. އެންމެފަހުން ޕިލާތުސް އެބައިމީހުން ކެނޑިނޭޅި ލަވަމުން ދިޔަ ހަޅޭކުގެ ސަބަބުން އެބައިމީހުން އެދުނު ގޮތާއި އެއްބަސްވެ އީސާގެފާނުގެ ބަދަލުގައި އެބައިމީހުން އެދުނު މީހާ މިނިވަންކޮށް ދިނެވެ. މިމީހާއަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތް ކޮށް އަދި މީހަކު މަރާލުމުގެ ކުށުގައި ޖަލަށް ލެވިފައިވާ މީހެކެވެ. އަދި އީސާގެފާނުގެ މައްޗަށް އެމީހުން އެދުނު ފަދައިން ކަންކުރުމަށް ޕިލާތުސް އެއްބަސްވިއެވެ. ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ. އީސާގެފާނުގެ ފަހަތްޕުޅުން އެތައް ހާސް ބަޔަކު ދިޔައެވެ. މިމީހުންގެ ތެރޭގައި ރޮމުން ހިތާމަ ކުރަމުން ދިޔަ ބައެއް އަންހެނުން ވެސް ހިމެނުނެވެ. އީސާގެފާނު މިއަންހެނުންނާއި ދިމާލަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”ޖެރޫސަލަމުގެ އަންހެން ދަރިންނޭ. އަހަރެންނަށްޓަކައި ރޮއި ހިތާމަ ނުކުރޭ. އޭގެ ބަދަލުގައި ކަލޭމެންގެ އަމިއްލަ ނަފުސާއި އަދި ކަލޭމެންގެ ދަރިންގެ މައްޗަށް ހިތާމަ ކުރޭ. ތިޔަބައިމީހުން އެކަކު އަނެކަކަށް މިފަދައިން ބުނާނެ ދުވަހެއް އަންނާނެ. ’ދުވަހަކުވެސް ދަރިއަކު ނުލިބޭ އަންހެނުންނާއި ދަރިއަކަށް ކިރު ނުދޭ އަންހެނުންނަށް ބަރަކާތްތެރިކަން ހުއްޓޭ.‘ އެދުވަހު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔުއްވައިފައިވާ ފަދައިން: މީސްތަކުން ފަރުބަދަތަކަށް ބުނާނެއޭ. ’އޭފަރުބަދަތަކާއޭ. އަހަރެމެންގެ މައްޗަށް ވެއްޓޭށޭ.‘ އަދި ހިލަތަކަށް ބުނާނެއޭ. ’އޭ ހިލަތަކާއޭ. އަހަރެމެން ފޮރުވާށޭ.‘ ކުށެއްނެތް މީހަކާ ދޭތެރޭ މިފަދައިން ކަންކުރެވޭ އިރު ކުށްވެރި ވެފައިވާ މީހުންނާއި ދޭތެރޭ ކަންތައް ކުރެވޭނީ ކިހިނަކުން ތަ؟“ މަރުގެ އަދަބު ދިނުމަށްޓަކައި އީސާގެފާނުގެ އިތުރުން ކުށްވެރިންގެ ދެމީހަކު ވެސް ގެނެވުނެވެ. އެބައިމީހުން އީސާގެފާނާއި މި ދެކުށްވެރިންގެ މީހުން ”ބޮލުގެ ނާށިގަނޑުގެ މަޤާމޭ“ ނަމަކަށް ކިޔުނު ހުސް ބިމަކަށް ގެންދިޔައެވެ. އަދި އެތާނގައި މިބައިމީހުން އީސާގެފާނު ސަލީބަށް އެރުވިއެވެ. އަދި މި ދެކުށްވެރިންގެ މީހުން ވެސް އެކަކު އީސާގެފާނުގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ވާ ގޮތަށް ސަލީބަށް އެރުވިއެވެ. އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައި މީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ. މީސްތަކުން މި މަންޒަރުތައް ބެލުމަށް އެއްވެ ތިބި ވަގުތު ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނަށް މަލާމާތް ކުރަމުން ގެންދިޔައެވެ. ”މީނާ އެހެން މީހުން ސަލާމަތް ކޮށްދިން. އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ، އޭނާ އޭނާގެ އަމިއްލަ ނަފްސު ސަލާމަތް ކޮށްފާނެއެއްނު.“ ސިފައިންގެ މީހުން ވެސް އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. އަދި އެކަލޭގެފާނު ހިތްޕަވާތޯ ބަލަން ހުތް މޭބިސްކަދުރު ދިޔަ ދީފައި އެކަލޭގެފާނަށް ބުންޏެވެ. ”ކަލެއަކީ ބަނީއިސްރާއީލުގެ ރަސްގެފާނަށް ވާ ނަމަ ކަލޭގެ އަމިއްލަ ނަފްސު ނިކަން ސަލާމަތް ކޮށްބަލަ!“ އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި ތުހުމަތުގެ ލިޔުމެއް ހަރު ކޮށްފައި ހުއްޓެވެ. އޭގައި ލިޔެވިފައި ވިއެވެ: ”މިއީ ބަނީއިސްރާއީލުގެ ރަސްގެފާނެވެ.“ އީސާގެފާނާއި އެކު ސަލީބަށް އެރުވުނު ދެކުށްވެރިންގެ ތެރެއިން އެކަކު އެކަލޭގެފާނަށް އެއްޗެތި ގޮވަމުން ގެންދިޔަ އެވެ. އޭނާ އެކަލޭގެފާނަށް ބުންޏެވެ. ”ކަލެއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙުއެއްނު؟ އެހެން ވީއިރު ކަލޭގެ އަމިއްލަ ނަފްސު މިތަނުން ސަލާމަތް ކޮށް އަދި އަހަރެމެން ވެސް ސަލާމަތް ކޮށްދޭންވީނު؟“ ނަމަވެސް އަނެއް ކުށްވެރިޔާ އޭނާއާ ދެކޮޅުވެ ބުންޏެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް ކޮންމެ ވެސް ވަރެއްގެ ބިރުވެތިކަމެއް ބަހައްޓާ. އަހަރެމެން ތިން މީހުންނަށް މި ވަނީ މަރުގެ ޙުކުމް ކޮށްފަ. އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މިގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.“ ދެން އޭނާ އީސާގެފާނަށް ދެންނެވިއެވެ. ”އީސާގެފާނު! ކަލޭގެފާނުގެ ރަސްކަންފުޅުގެ ދުވަހުގައި އަޅުގަނޑުގެ މަތިން ހަނދާމަފުޅު ކުރައްވާތި.“ އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.“ މެންދުރުން ގާތްގަނޑަކަށް ބާރަ ޖަހާ އެހާކަން ހާ އިރު ކުއްލިއަކަށް އިރުގެ އަލިކަން ކެނޑި މުޅި ރަށް އަނދިރި ވެއްޖެއެވެ. މެންދުރު ފަހު ތިނެއް ޖަހަން ދެން މިއަނދިރި ކަން މިފަދައިން ދެމި ހުއްޓެވެ. ދެން އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ ޚާއްސަ ފަރުދާ ދެފަޅިއަށް އިރިގެން ދިޔައެވެ. އެވަގުތު އީސާގެފާނު ގަދަ އަޑުފުޅުން ގޮވައި ލެއްވިއެވެ. ”ބައްޕާ! އަހަރެންގެ ފުރާނަ ބައްޕައާއި ހަވާލު ކުރަން.“ މިހެން ވިދާޅުވި ހިނދު އެކަލޭގެފާނުގެ ފުރާނަފުޅު އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިވެއްޖެއެވެ. މިކަންތައްތަކާއި ހަވާލު ވެގެން ހުރި ރޯމުގެ ސިފައިންގެ އޮފިސަރު ބުންޏެވެ. ”މިމީހާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު މީހެއް ކަން ހަމަ ޔަޤީން.“ މިފެނި ދިޔަ ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ. މިތަނަށް އެއްވެ ތިބި މީސްތަކުންނަށް ކަންތައްތައް ހިނގާދިޔަ ގޮތް ފެނި އެކަމާ ލަދު ގަނެ ވަރަށް ބޮޑަށް ހިތަށް އަސަރު ކޮށް ރޮމުން ގިސްލަމުން އެނބުރި އެބައިމީހުންގެ ގޭގެއަށް ހިނގައްޖެއެވެ. ނަމަވެސް އީސާގެފާނުގެ ހުރިހާ ރަޙުމަތްތެރިންނާއި އަދި އެކަލޭގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ދުރުގައި މިކަންތައްތައް ހިނގާދިޔަ ގޮތް ބަލަން ތިއްބެވެ. ޖުދެއާ ކަރައިގެ އަރިމާތެއާ ރަށުން އައި ޔޫސުފު އޭ ނަމަކަށް ކިއުނު މީހަކު އެތާނގައި ވިއެވެ. މިޔޫސުފު އަކީ ތެދުވެރި ޞާލިޙު މީހެކެވެ. އޭނާއަކީ ވެސް މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވާނެ ދުވަހުގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނާއަކީ ބަނީއިސްރާއީލު ދީނީކޯޓުގެ މެމްބަރަކު ކަމުގައި ވީ ނަމަވެސް އީސާގެފާނާއި ދޭތެރޭ ބަނީއިސްރާއީލުގެ ވެރިން މިނިންމި ނިންމުމާއި ކަންތައް ކުރި ގޮތާއި އޭނާ އެއްބަހެއް ނުވެއެވެ. މިޔޫސުފު ޕިލާތުސްގެ ގާތަށް ގޮސް އީސާގެފާނު ފަސްދާން ލެއްވުމަށްޓަކައި އެކަލޭގެފާނުގެ ހަށިކޮޅަށް އެދުނެވެ. ދެން އޭނާ އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ތިރިކޮށް އެންމެ އަގުބޮޑު ފޮތީގެ ފޮތިގަނޑަކުން އެހަށިކޮޅު ނިވާކޮށް ކަފުންކުރުމަށްޓަކައި ގެންދިޔައެވެ. ފަރުބަދާގައި ހަދައިފައިވާ ހޮހަޅައެއް އެތާނގައި ވިއެވެ. އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފަ އަދި ނުވެއެވެ. ޔޫސުފު އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ. މިއަދަކީ ސަބަތުގެ ދުވަހަށް ތައްޔާރު ކުރާ ދުވަހެވެ. އަދި މިހާރު ސަބަތުގެ ދުވަހަށް އިރު އޮއްސެން ވަނީ ވަރަށް ކައިރި ވެފައެވެ. އީސާގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ޔޫސުފުގެ ފަހަތުން ދިޔައެވެ. އަދި އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވުނު ގޮތް މިއަންހެނުން ވެސް ދުއްޓެވެ. ދެން މިބައިމީހުން އެނބުރި ގެއަށް ގޮސް އީސާގެފާނުގެ ހަށިކޮޅަށް ކަފުން ކުރުމަށްޓަކައި އެޅުމަށް ބޭނުންވާނޭ މީރުވަސް ދުވާ ތަކެތި ތައްޔާރު ކުރިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ދީނުގެ ޙުކުމުގައި ވާ ފަދައިން ސަބަތުގެ ދުވަހުގައި މިބައިމީހުން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބެވެ.