ލޫކާސް. 21. އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅު ތެރޭގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮށީގެ ކައިރީގައި މީސްތަކުން އެޔަށް ފައިސާ އަޅާތަން ބައްލަވަން ހުންނެވިއެވެ. މުއްސަނދި ފައިސާވެރިން އެފޮއްޓަށް ވަރަށް ބައިވަރު ފައިސާއެޅިއެވެ. އެފޮއްޓަށް ފައިސާ ލާން އައި މީހުންގެ ތެރޭގައި ފަޤީރު ފިރިމަރުވެފައި ވީ އަންހެނަކު ވެސް ވިއެވެ. އޭނާ އެތަނަށް ގޮސް އެފޮއްޓަށް ކުޑަކުޑަ ދެލާރި ވައްޓާލިއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ ކަށަވަރުން، މިފަޤީރު ފިރިމަރުވެފައިވާ އަންހެންމީހާ އެފޮއްޓަށް އެލީ ފައިސާ މާތްރަސްކަލާނގެ ކިބަފުޅުގައި އެހުރިހާ މުއްސަނދި މީހުން އެޅި ހުރިހާ ރުފިޔާޔަށް ވުރެ މާ އަގުހުރި އެއްޗެއް ކަމުގައި ވޭ. އެހެނީ އެމުއްސަނދި މީހުން އެ އެޅި ފައިސާއަކީ އެމީހުންނަށް ބޭނުމެއްނެތް ފައިސާ. ނަމަވެސް މިފަޤީރު އަންހެންމީހާ އެލީ ކުޑަ ލާރިކޮޅަކީ އޭނާގެ އަތުގައި ކާނޭއެއްޗެއް ގަތުމަށް ވީ ފައިސާކޮޅު. އަދި އޭނާގެ އަތުގައި ވާނަމަ ވާ ހުރިހާ ފައިސާ ވެސްމެ.“ އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބައެއްމީހުން ބައިތުލް މަޤްދިސްގެ ހަރަމްފުޅު ތެރެ ޒީނަތްތެރި ކުރެވިފައިވާ ރީތި ހިލަތަކާއި އަދި މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހަދިޔާ ކުރެވިފައިވާ އަގުބޮޑު ހަދިޔާތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ގެންދިޔައެވެ. ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަށް މިހާރު ތިޔަ ފެންނަ ތަން މުޅިން ނެތިވެ ގޮސް އެންމެ ގާބުރިއެއްވެސް އަނެއް ގާބުރި އެއްގެ މަތީ ނުވާނެ ދުވަހެއް އެބަ އާދޭ.“ އެބައިމީހުން ސުވާލު ކުރިއެވެ. ”އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވި ގޮތަށް ކަންތައްތައް ވާނީ ކޮން އިރަކުންތޯ؟ އަދި އެކަންތައް ވާން އުޅޭ ކަމުގެ އަލާމާތަކަށް ވާނީ ކޮން ކަމެއް ތޯ؟“ އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި. ހަނގުރާމަތަކާ ބަޣާވާތްތަކުގެ އަޑުއިވި އެކަމާބިރު ނުގަންނާތި. މިފަދަ ކަންތައްތައް ފުރަތަމަ އެގޮތަށް ވާން ޖެހޭނެ. ނަމަވެސް އެކަންތައްތަކަކީ ފަހު ޒަމާން އައިސްޖެހިއްޖެ ކަމުގެ ނިޝާންތަކެއް ނޫން.“ ދެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”އެއް ޤައުމު އަނެއް ޤައުމަކާއި އިދިކޮޅު ވާނެ. އަދި އެއް ވެރިކަމެއް އަނެއް ވެރިކަމަކާއި ދެކޮޅުވާނެ. ދުނިޔޭގެ އެކި ހިސާބުތަކަށް ބޮޑެތި ބިންހެލުންތައް ވެސް އަންނާނެ. ބޮޑެތި ތަދުތަކާއި ނުބައި ރޯގާތައް ވެސް އަންނާނެ. ބިރުވެރި ކަންތައްތަކާއި އުޑުން އަންނަ އަލާމާތްތައް ވެސް ފެންނާނެ. އެކަމަކު މިހުރިހާ ކަންތައް ވުމުގެ ކުރިން އެމީހުން ކަލޭމެންނަށް އުނދަގޫތައް ކޮށް އަނިޔާތައް ދޭނެ. އެމީހުން ކަލޭމެން ދީނީ މަރުކަޒު ތަކަށާއި ޖަލުތަކަށް ގެންދާނެ. އެމީހުން ކަލޭމެން ރަސްކަލުންނާއި ގަވަރުނަރުންގެ ކުރިމައްޗަށް ގެންދާނެ. މިހުރިހާ ކަމެއްވެސް އެމީހުން ކަލޭމެންނަށް ކުރާނީ އަހަރެންގެ ސަބަބުން. މިކަމުގެ ސަބަބުން ކަލޭމެންނަކީ އެމީހުންގެ ކުރިމަތީގައި އަހަރެންނާއި ބޭހޭގޮތުން ހެކިދޭނެ މީހުން ކަމުގައި ވާނެ. އެކަމަކު އެދުވަހަކުން ކަލޭމެން ދިފާއުވާނޭ ގޮތަކާއި މެދު މިހާރު ކަނޑައަޅާ ނިންމުމަށް ނުވިސްނާ. އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ. ކަލޭމެންގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ މީހުންނާ ތިމާގެ މީހުންނާ ރައްޓެހިން ވެސް ކަލޭމެންނަށް ޚިޔާނާތްތެރި ވާނެ. އެބައިމީހުން ކަލޭމެންގެ ތެރެއިން ބައެއް މީހުން މަރާ ވެސް ލާނެ. އަހަރެންގެ ސަބަބުން ކަލޭމެންނަށް އެންމެން ނަފުރަތު ކުރާނެ. ނަމަވެސް އެކަމުން ކަލޭމެންގެ ބޮލުގެ އިސްތައްޓެއް ހާ ހިސާބު ވެސް އުނިވެގެންނެއް ނުދާނެ. އަދި އެގޮތުގައި ދެމި ހުރުމުގެ ސަބަބުން ކަލޭމެންނަށް ތެދުނިޔަތުގައި ފުރިހަމަ ދިރިހުރުމެއް ލިބޭނެ. ޖެރޫސަލަމުގެ ވަށައިގެން ދުޝްމިނުންގެ ފައުޖުތައް ވާތަން ފެނުމުން އެރަށުގެ ނިމުން ކައިރި ވީ ކަން ކަލޭމެންނަށް އެނގޭނެ. އެދުވަހުން ޖުދެއާ ކަރައިގައި ތިބި މީހުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފަރުބަދަ މައްޗަށް ދުވެ ދާށޭ. ޖެރޫސަލަމުގެ ތެރޭގައި ވާ މީހުން އެރަށުން ބޭރަށް ދުވެ ދާނެ. އެރަށުގެ ބޭރުގައި ތިބި މީހުން އެރަށުގެ ތެރެއަކަށް ނުވަންނާނެ. އެއީ އެދުވަސްވަރަކީ ހުރިހާ ކަމަކަށް ޖަޒާ ދެއްވާނެ އަދި އިހުޒަމާނުގެ ރަސޫލުންނާއި ނަބީބޭކަލުން ލިޔުއްވި ހުރިހާ ކަމެއް އެލިޔެވިގެން ވީ ފަދައިން ފުރިހަމަ ވާނޭ ދުވަސްވަރު. އެދުވަހު މާބަނޑު އަންހެނުންނަށާއި ގާތުން ކިރުދޭ މައިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ. އެދުވަސްވަރު އެރަށުގެ މީހުންނަށް އުނދަގުލާ ހިތާމަ އާއި ކޯފާ ފޮނުއްވޭ ހުށި! އެބައިމީހުން ކަނޑިތަކުން ގަތުލުކުރެވި އަދި ހައްޔަރު ކުރެވި އެކިއެކި ޤައުމުތަކަށް ގެންދެވޭނެ. އަދި ޖެރޫސަލަމް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ އަތްދަށުވާނެ. މި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ވަގުތު ހަމަވަން ދެން ޖެރޫސަލަމް އެމީހުންގެ އަތްދަށުގައި ވާނެ. އިރާއި ހަނދާއި ތަރިތަކުގައި ވެސް އަލާމާތްތައް ވާނެ. ދުނިޔޭގެ ކަނޑު ގަދަވެ ރާޅު ބޮޑުވެ ތޫންފާންތައް އައިސް މީސްތަކުން ވަރަށް ބޮޑަށް ބިރުގަނެ ހައިރާންވާނެ. މީސްތަކުން ދުނިޔެއަށް މި ވާނުވާ ގޮތެއް ނޭނގި ބިރުން ހޭ ނެތޭނެ. މުޅި ޖައްވާއި ޖައްވުގައި ވާ ހުރިހާ އެއްޗެއް ތުރުތުރު އަޅާނެ. އެމީހުންނަށް އޭރު އިންސާނާގެ ދަރިކަލުން ވިލާގަނޑެއްގައި އެކަލޭގެފާނުގެ ކީރިތި ކަމާއި މަތިވެރި ކަމާއި އެންމެ މަތިވެރި ބާރުފުޅާއި އެކު ވަޑައިގަންނަވާ ތަން ފެންނާނެ. މިބުނި ފަދައިން ކަންތައްތައް ވާން ފެށުމުން ކޮޅަށް ތެދުވެ އިސް އުފުލާ. އެއީ މިކަންތައްތަކަކީ ކަލޭމެން ދިންނެވުމުގެ ވަގުތު ކައިރި ވެއްޖެ ކަމުގެ ހެކިތައް.“ އެކަލޭގެފާނު އެމީހުންނަށް މި މާނަފުން ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. ”ވައްތީނި ގަހާއި އެހެނިހެން ވެސް ގަސްތަކަށް ބަލާބަލަ. އެގަސްތަކުން ނިރުފަޅާ ފެހި ފަތްތައް ނުކުންނަށް ފެށުމުން ހޫނު މޫސުން ކައިރި ވެއްޖެ ކަން ކަލޭމެންނަށް އެނގޭ. ހަމަ އެގޮތަށް މިބުނި ކަންތައްތައް ވާން ފެށުމުން މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކައިރީގައިކަން ވެސް ކަލޭމެންނަށް އެނގެން ވާނެ. އަހަރެން މިބުނާ އެއްޗެއް އަހާ. މިކަންތައްތައްވެ ނުނިމެނީސް މިހާރު މި ދުނިޔޭގައި މި ވާ މީހުން ނެތިގެނެއް ނުދާނެ. އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ. ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް މަޅިއެއް ހެން ކަލޭމެން ބައްދާލަފާނެ. އޭރު ދުނިޔޭގައި ވާ ކޮންމެ މީހަކުމެ މި ދުވަހާއި ކުރިމަތިލާން ޖެހޭނެ. އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.“ ކޮންމެ ދުވަހަކުވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ. ހެނދުނު އިރުއެރުމާއި އެކުހެން މީސްތަކުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް ބައިތުލް މަޤްދިސްއަށް އާދެއެވެ.