ލޫކާސް. 20. އެއްދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރޭ ކިޔަވާ ދެއްވަމުން މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އަންގަވާދެއްވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންގެ ބަޔަކު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާއި އެކު އެކަލޭގެފާނުގެ އަރިހަށް އައެވެ. އެމީހުން އެކަލޭގެފާނާއި ސުވާލު ކުރިއެވެ. ”ކަލޭ ތިޔަ ކިޔަވައި ދޭ އެއްޗެތި ތިޔަ ކިޔަވައި ދެނީ ކޮންތާނކުން ކާކު ދިން ހުއްދައަކުން؟ ކަލެއަށް ތިޔަކަންތައްތައް ކުރުމަށް ބާރު ދިނީ ކާކު؟“ އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން ވެސް ކަލޭމެންނާއި ސުވާލެއް ކުރާނަން. ޔަޙުޔާގެފާނުތައުބާގެ ހިނެވުމުން ހިނަވައި އުޅުއްވީ އުޑުން އައި މާތްރަސްކަލާނގެ އަމުރުފުޅަކަށް ތަ؟ ނުވަތަ ކޮންމެވެސް މީހަކު ދިން އަމުރަކަށްތަ؟“ އެމީހުން އެމީހުންގެ މެދުގައި މިކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހު އެއެންމެން އެއްބަސްވެ ބުންޏެވެ. ”އަހަރެމެން އެ އަމުރުފުޅަކީ އުޑުން އައި އަމުރުފުޅެކޭ ބުނެފި ނަމަ ޔަޙުޔާގެފާނު ބުނި ބަސްތައް އަހަރެމެން ގަބޫލު ނުކުރީ ކީއްވެތޯ މީނާ ސުވާލު ކުރާނެއޭ. އަދި އޭނާ އެކަންކުރީ މީހަކު ކުރި އަމުރަކަށޭ ބުނެފި ނަމަ މީސްތަކުން އަހަރެމެން ގައިގައި އޮށްގަލުން ތަޅާނެ. އެއީ ޔަޙުޔާގެފާނަކީ ރަސޫލުބޭކަލެއް ކަން އެމީހުންނަށް ޔަޤީންވޭ.“ ދެން އެމީހުން އެކަލޭގެފާނަށް ޖަވާބު ދިނެވެ. ”އެ އަމުރެއް އޭނާއަށް ލިބުނީ ކޮންތާނކުން ކަމެއް އަހަރެމެންނަކަށް ނޭނގެ.“ އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވެއްޖިއްޔާ އަހަރެން މިކުރާ ކަންތައްތައް ކުރަން އަހަރެންނަށް އަމުރު ލިބުނީ ކޮންފަރާތަކުން ކަމެއް އަހަރެން ވެސް ކަލޭމެން ގާތު ބުނާކަށް ނުޖެހޭނެ.“ ދެން އެކަލޭގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަން ފެއްޓެވިއެވެ. ”މީހަކު މޭބިސްކަދުރު ދަނޑެއް ހެއްދި. ދެން އެ ދަނޑު މީހަކަށް ކުއްޔަށް ދިން. ދެން އެއަށް ފަހު އޭނާ ވަރަށް ދިގު ދަތުރެއްގައި ދިޔަ. ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އޭނާ އޭނާގެ ނޯކަރަކު އެމީހުންގެ ކައިރިއަށް ފޮނުވި. އެއީ އޭނާއަށް އެދަނޑުން ލިބެންވާ މޭބިސްކަދުރުގެ ބައި ހޯދުމަށް. ނަމަވެސް އެދަނޑު ކުއްޔަށް ހިފި މީހުން މި ނޯކަރު މީހާ ގައިގައި ތަޅާ އަނިޔާ ކޮށްފައި ހުސް އަތާ ފޮނުވާލި. ދެން އޭނާ އެހެން ނޯކަރަކު އެމީހުންގެ ގާތަށް ފޮނުވި. އެމީހާއާއި މެދުވެސް އެމީހުން ވަރަށް ނުބައިކޮށް ކަންތައްތައް ކޮށް ލަދުގަންނަވާ ފޮނުވާލި. ދެން އޭނާ ތިންވަނަ މީހަކުވެސް ފޮނުވި. މިމީހުން އެމީހާ ގައިގައި ވެސް ތަޅާ އަނިޔާ ކޮށްފައި އެ ދަނޑުން ބޭރުކޮށްލި. މޭބިސްކަދުރު ދަނޑުގެ ވެރިމީހާ ހިތަށް އެރި. ’ދެން އަހަރެން ހަދާނީ ކިހިނެއް ބާވައޭ؟ އަހަރެންގެ ފިރިހެން ދަރިފުޅު ފޮނުވަންވެއްޖޭ. އޭނާއަކީ އަހަރެންގެ ލޯބިވާ ދަރިފުޅޭ. އެހެންވީމާ އެމީހުން ފަހަރެއްގައި އޭނާއަށް ޤަދަރު ކޮށްފާނެ ކަން ނޭނގެ ނޫންހޭ؟‘ ނަމަވެސް އެދަނޑު ކުއްޔަށް ހިފައިގެން އުޅުނު މީހުންނަށް އޭނާގެ ދަރިފުޅު އަންނަތަން ފެނުމުން އެމީހުންގެ މެދުގައި މަޝްވަރާ ކޮށްފައި ބުނި. ’މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ. މީނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން މިލްކުވާނީ އަހަރެމެންނަށޭ.‘ ދެން މިމީހުން އޭނާ އެދަނޑުން ކޮއްޕާ ބޭރުކޮށް މަރާލި. ދެން ވީއިރު މި ބިމުގެ ވެރިޔާ އެމީހުންނާއި ދޭތެރޭ ކަންތައް ކުރާނީ ކިހިނެއް؟ އޭނާ އައިސް އެ މޭބިސްކަދުރު ދަނޑު ކުއްޔަށް ހިފި މީހުން މަރާލާނެ. އަދި އެ ދަނޑު އެހެން ބަޔަކަށް ކުއްޔަށް ދޭނެ.“ މީހުން މިއަޑު އަހާ ބުންޏެވެ. ”އިރާދަކުރެއްވިޔާ ދުވަހަކުވެސް އެފަދައިން މާތްރަސްކަލާނގެ ކަންތަކެއް ހިންމަވައި ނުދެއްވާށި.“ ދެން އީސާގެފާނު ސީދާ އެމީހުންނާ ދިމާލަށް ބައްލަވާ ވިދާޅުވިއެވެ. ”ދެން ވީއިރު މިހެން ލިޔެވިގެން ވުމުގެ މާނައަކީ ކޮބައި ހޭ؟ ’ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ބައި ކަމުގައި ވެއްޖޭ.‘ އެގަލުގައި އަޅައިގެންފައި އޭގެ މައްޗަށް ވެއްޓިއްޖެ މީހަކު ކުދިކުދި ވާނެ. އަދި އެ ގާ އެމީހެއްގެ މައްޗަށް ވެއްޓިއްޖެ ނަމަ އެމީހަކު ހިމުންވާނެ.“ ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ. ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ. އެމީހުން ބުންޏެވެ. ”އީސާގެފާނު. ކަލޭގެފާނަކީ ވަކިކޮޅަކަށް ނުޖެހޭ ބޭކަލެއް. އަދި ކަލޭގެފާނަކީ މީސްތަކުންނަށް މާތްރަސްކަލާނގެއާއި މެދު ތެދު މަގު ބަސް ދަސްކޮށްދެއްވާ ބޭކަލެއް. ވީއިރު ވިދާޅުވެ ބައްލަވާ. އަހަރެމެން ސަރުކާރުން އަންގާ ގޮތަށް އަހަރެމެންގެ ދީނުގެ މީހެއް ކަމުގައި ނުވާ ކައިސަރު ރަސްގެފާނަށް ޓެކްސް ދެއްކުން އެއީ ރަނގަޅު ކަމެއްތަ؟ ސަރުކާރުގެ އެ އެންގެވުމަށް އަހަރެމެން ކިޔަމަން ވާން ޖެހޭނެ ތަ؟“ އީސާގެފާނަށް އެމީހުން މި ސުވާލު ކުރީ މަކަރުވެރި ބޭނުމަކުކަން އެނގިވަޑައިގެން ޖަވާބުގައި ވިދާޅުވިއެވެ. ”ކަލޭމެން ޓެކްސް ދައްކަން ބޭނުންކުރާ ލާރި އަހަންނަށް ދައްކަބަލަ. މީގައި މި ވަނީ ކާކުގެ ތަސްވީރެއްތަ؟“ އެމީހުން ބުނި. ”ތިޔައީ ކައިސަރު ރަސްގެފާނުގެ ތަސްވީރުފުޅު.“ އީސާގެފާނު ވިދާޅުވި. ”ވީއިރު ކައިސަރު ރަސްގެފާނުގެ އެއްޗެތި އެރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ވާ ތަކެތި އެކަލާނގެ ކިބަފުޅަށް ދީ.“ މިމީހުންނަށް އެމީހުންގެ މަކަރުގެ ދަލުގައި އެކަލޭގެފާނު ނުޖެއްސޭނެކަން އެނގި އަދި އެކަލޭގެފާނު ދެއްވި ޖަވާބުފުޅުގެ ފުރިހަމަ ކަމުން ބުނާނެ އިތުރު އެއްޗެއް ނޭނގިގެން އެތަނުން ދިޔައެވެ. ބައެއް ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް ސުވާލަކާއިގެން އައެވެ. މިބައިމީހުންނަކީ މަރުވުމަށް ފަހު ވާ އެހެން ދުނިޔެއެއް ވާކަން ގަބޫލު ކުރާ ބައެއް ވެސް ނޫނެވެ. އެމީހުން ބުންޏެވެ. ”އެދުރުކަލޭގެފާނު. މޫސާގެފާނު އަޅުގަނޑުމެންނަށް އަންގަވައި ދެއްވި ގޮތުގައި ފިރިހެނަކު މަރުވާއިރު އޭނާގެ އަނތްބަކު އިން ނަމަ އަދި އޭނާގެ ކުއްޖަކު ނެތް ނަމަ އެ ފިރިހެން މީހާގެ ބޭބެ ނުވަތަ ކޮއްކޮ އެ އަންހެންމީހާ އާއި ކައިވެނިކޮށް ކުދިން ހޯދަން ޖެހޭނެ. އެކުދިން ހިމެނޭނީ މަރުވި ފިރިހެން މީހާގެ ކުދިން ކަމުގަ. މިސާލަކަށް ހަތް ފިރިހެން ބެއިން ވި. ފުރަތަމަ ފިރިހެން މީހާ، މީހަކާއި އިނދެ ކުއްޖަކު ނުލިބެނީސް މަރުވި. ދެން އެއަށް ފަހު ދެވަނައަށް ވީ މީހާ އެއަންހެންމީހާ އާއި ކައިވެނި ކުރި. ނަމަވެސް އޭނާ ވެސް ކުއްޖަކު ނުލިބެނީސް މަރުވި. އަދި އެއަށް ފަހު ތިންވަނައަށް ވީ މީހާ ވެސް އޭނާއާއި ކައިވެނި ކުރި. ނަމަވެސް އޭނާ ވެސް ކުއްޖަކު ނުލިބެނީސް މަރުވި. މިގޮތަށް ގޮސް މި ހަތް ބެއިން ވެސް އެއަންހެން މީހާއާއި ކައިވެނި ކުރި. ނަމަވެސް ކުއްޖަކު ނުލިބެނީސް އެ އެންމެން ވެސް މަރުވި. އެންމެފަހުން އެއަންހެންމީހާ ވެސް މަރުވީ. ވީއިރު ޤިޔާމަތް ދުވަހު މި އަންހެންމީހާ ވާނީ ކާކުގެ އަތްބެއްގެ ގޮތުގައި ތޯ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މި ދުނިޔޭގެ މީހުން މީހުންނާއި އިނދެ ހަދާ. ނަމަވެސް އެދުނިޔޭގައި ހިމެނުމަށް އެކަށީގެންވާ މަރުވުމަށް ފަހު އަލުން ދިރޭނެ މީހުން އެދުނިޔޭގައި މީހުންނަކާއި ނުއިންނާނެ. އަދި އެމީހުން ދެން ދުވަހަކުވެސް މަރެއްވެސް ނުވާނެ. އެއީ އެމީހުން މަލާއިކަތުންނެކޭ އެއްފަދަ ވާނެ. އެއީ އެމީހުންނަކީ މަރުވުމަށް ފަހު އަލުން ދިރުއްވުނު މާތްރަސްކަލާނގެ ދަރިން. މޫސާގެފާނު ވެސް މަރުވުމަށް ފަހު މީހުން ދިރުއްވޭނެ ކަން އެންގެވި. އެއީ އެކަލޭގެފާނު ހުޅުހިފާފާ ވީ ނަމަވެސް އެގަހެއް އަނދައިގެން ނުދިޔަ ގަހުގެ ވާހަކަ ވިދާޅުވެ ދެއްވި އިރު މަތިވެރި މާތްރަސްކަލާނގެއަށް އިބްރާހީމްގެފާނުގެ ކަލާނގެއޭ، އިސްޙާޤުގެފާނުގެ ކަލާނގެއޭ އަދި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ މުޚާޠަބު ކުރެއްވި. މާތްރަސްކަލާނގެ އަކީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫނޭ ނަމަވެސް ދިރިތިބި މީހުންގެ ކަލާނގެ. އެއީ އެކަލާނގެއަށް އީމާންވެ އެކަލާނގެ އެންގެވިމަގުން އުޅެފި އެންމެންނަކީ ވެސް އަބަދުގެ އަބަދަށް ނިމުންނުވާ ޙަޔާތް ދިރި ތިބޭނެ މީހުން.“ އެތާ ތިބި ބައެއް ދީނުގެ ދަންނަބޭކަލުން ބުންޏެވެ. ”އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވީ ވަރަށްވެސް ފުރިހަމަ ބަސްފުޅުތަކެއް.“ ދެން އެތާ ތިބި އެކަކަށް ވެސް އެކަލޭގެފާނާއި އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. ދެން އީސާގެފާނު ވިދާޅުވިއެވެ. ”މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު އަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ދަރިދަރިކަލެކޭ އެމީހުން އެބުނަނީ ކީއްވެ؟ ޚުދު ދާއޫދުގެފާނު ވެސް ޒަބޫރުގައި މިފަދައިން ލިޔުއްވި. ’މާތްސާހިބުވަންތަ ރަސްކަލާނގެ މަގޭ މާތްސާހިބާއަށް ވިދާޅުވިއޭ: ތިމަންކަލާނގެ ކަލޭގެ ދުޝްމިނުން ކަލޭގެ ފައި ދަށުގައިވާ ވަކަރުގަނޑެއް ފަދައިން ދެރަކޮށް ނިކަމެތި ކުރާންދެން ކަލޭ ތިމަންކަލާނގެ ކަނާއަތްފަރާތްޕުޅުގައި އިށީނދެ އިންނާށޭ.‘ ދާއޫދުގެފާނު އެކަލޭގެފާނަށް އެ މުޚާޠަބު ކުރައްވަނީ މާތްސާހިބާ އޭ. ވީއިރު އެކަލޭގެފާނު އެއީ ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟“ އެންމެން އަޑުއަހަން ތިއްބާ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ދީނުގެ ދަންނަބޭކަލުންނާއި މެދު ފަރުވާވެ ބަލައިގެން އުޅޭ. އެމީހުން ކުރާހިތްވާ ކަންތަކަކީ އަގުބޮޑު ޖުއްބާތައް ލައިގެން ހިނގުން. އަދި އެމީހުންނަށް މަގުމަތީގައި މީހުންގެ ފަރާތުން ލިބޭ އަދަބުގެ ސަލާންތަކަށް ވެސް އެމީހުން ވަރަށް ލޯބިކުރޭ. އަދި ދީނީ މަރުކަޒުތަކުގައި އާއި ބޮޑެތި ކެއުންތަކުގައި އެންމެ ޚާއްސަ ގޮނޑިތައް ލިބުމަކީ ވެސް އެމީހުން ވަރަށް ލޯބިކުރާ ކަމެއް. އެމީހުން ފިރިމަރުވެފައިވާ އަންހެނުންގެ އަތުން އެމީހުންގެ ގޭގެ ފޭރިގަނޭ. އަދި މީހުންނަށް ދައްކަން ވެގެން ވަރަށް ދިގު ދުޢާތައް ކިޔާހަދާ. އެންމެ ބޮޑަށް ކުށްވެރި ކުރެވޭނީ މިފަދަ މީހުން.“