ލޫކާސް. 18. ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”އެއްރަށެއްގައި ފަނޑިޔާރަކު އުޅުނު. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ބިރެއް ގަންނަ އަދި މީހުންނާއި ދޭތެރޭ ވެސް އަޅާލާ މީހެއް ނޫން. އެރަށުގައި ފިރިމަރުވެފައިވާ އަންހެނަކު ވެސް އުޅުނު. އޭނާ މި ފަނޑިޔާރުގެ ކައިރިއަށް އައިސް އޭނާއަށް ގެއްލުން ދީފައިވާ މީހެއްގެ ކިބައިން އޭނާއަށް އިންސާފު ލިބިދިނުމަށް އެދޭތާ އެތައް ދުވަހެއް ވެއްޖެ. ދުވަސްކޮޅަކު އޭނާ މިކަމާއި ދެކޮޅު ހެދި. ނަމަވެސް މި އަންހެން މީހާ ހުއްޓުމެއް ނެތި އަންނަމުން ދިޔަ. ދެން އެއްދުވަހަކު އޭނާގެ ހިތަށްއެރި. ’އަހަރެން މާތްރަސްކަލާނގެ އާއި އަދި އިންސާނުންނާއި މެދު އަޅާނުލި ކަމުގައި ވިޔަސް މި އަންހެން މީހާ އަހަންނަށް މިކުރާ އުނދަގުލުގެ ސަބަބުން މީނާ އާއި ދޭތެރޭ އިންސާފުން ކަންތައް ވޭތޯ ބަލަން ވެއްޖޭ. އެހެން ނޫނީ މިއަންހެން މީހާ މިހެން އައިސް އައިސް އަހަރެން ވަރުބަލި ކުރާނެއޭ.‘“ ދެން މާތްސާހިބާ ވިދާޅުވިއެވެ. ”މި އިންސާފަށް ލޯބިނުކުރާ ފަނޑިޔާރު އެބުނި އެއްޗެއް އަޑުއަހާ ބަލަ. މި ފަނޑިޔާރުފަދަ މީހަކު ވެސް އެންމެ ފަހުން އިންސާފުން ކަން ކަންތައްކުރިއިރު ދެން މާތްރަސްކަލާނގެ އެކަލާނގެ ހޮއްވަވާ ޚާއްސަ ކުރެއްވި އެކަލާނގެ ކިބަފުޅަށް ދުވާލާއި ރޭގަނޑު އާދޭހާއި އެކު ރޮއި ހަދާ މީހުންނާއި ދޭތެރޭ އިންސާފުން ކަންތައް ނުކޮށް ހުންނާނެތަ؟ އެމީހުން އެދޭ ކަމެއް އެކަލާނގެ ކޮށް ނުދެއްވާ ހުންނާނެ ތަ؟ އަހަރެން މިބުނަނީ ހަމަތެދެއް. އެކަލާނގެ އެމީހުންނާއި ދޭތެރޭ އިންސާފުވެރިކޮށް އަދި އެހާމެ އަވަހަށް ކަންތައް ހަމަޖައްސައި ދެއްވާނެ. އެހެންނަމަވެސް އިންސާނާގެ ދަރިކަލުން އެނބުރި ދުނިޔެއަށް ވަޑައިގަންނަވާއިރު ދުނިޔޭގައި އީމާންކަން ވާ އެއްވެސް މީހަކު ވާނެ ބާ؟“ އެމީހުންގެ ދީންވެރިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ އެހެން އެންމެންގެ މައްޗަށް ރުހިވޮޑިގެންވާ ވަރަށް ވުރެ ބޮޑަށް ރުހިވޮޑިގެންވާ ކަމުގައި ހީކޮށް އަދި އެމީހުންނަކީ އެހެން މީހުންނަށް ވުރެން މާ ރަނގަޅު ބަޔަކު ކަމުގައި ދެކިގެން ތިބި ބަޔަކަށް އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”އެއްދުވަހަކު ދެމީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކައި ބައިތުލް މަޤްދިސްއަށް ދިޔަ. އޭގެތެރެއިން އެކަކީ ފަރީސީނުގެ ދީންވެރިޔެއް. އަނެކަކަކީ މީހުން އަތުން ވާރުގެފައިސާ ނަގާ އުޅުނު މީހެއް. މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ. މި އަޅާ ހަފްތާއަކު ދެދުވަހު ރޯދަ ހިފަމޭ. އަދި މިއަޅާއަށް ލިބޭ އާމްދަނީގެ ދިހަބައި ކުޅަ އެއްބައިން ސަދަޤާތް ވެސް ދެމޭ.‘ މި ޓެކްސް ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި. ’މާތްރަސްކަލާކޯއޭ. އިނބަރަސްކަލާނގެ މިފާފަވެރިޔާގެ މައްޗަށް ރަޙުމް ކުރައްވާފާނދޭ.‘“ އީސާގެފާނު ވިދާޅުވިއެވެ. ”މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.“ ބައެއް މީހުން އެބައިމީހުންގެ ޅަފަތު ކިރުބޯ ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ބޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކުދިންނަށް ބަރަކާތްލެއްވުމަށް އެދިގެންނެވެ. ނަމަވެސް އީސާގެފާނުގެ އަސްޙާބީން އެމީހުން މިހެން ކަންތައް ކުރުމުން އެމީހުންނަށް ނުރުހުނެވެ. އަދި އެމީހުންގެ ކިބައިން އީސާގެފާނަށް އުނދަގޫ ނުކުރުމަށް އެދުނެވެ. އެހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ކުޑަ ކުދިން އަހަރެންގެ ކައިރިއަށް އަޔަ ދީ. އެމީހުންނަށް މަނާ ނުކުރޭ. މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މިކުދިން ފަދަ މީހުންނަށް. ހަމަކަށަވަރުން، ކުޑަކުދިން ފަދައިން ހިތުގައި ތެދުވެރިކަމާއެކު އީމާންކަން ނުވާ މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބަރަކާތެއް ނުލިބޭނެ.“ އެއްދުވަހަކު ދީނުގެ މަތީ ވެރިއަކު އީސާގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މަތިވެރި އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތް ލިބިގަތުމަށް ކުރަންވީ ކޮން ކަމެއްތޯ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ އަހަރެންނާއި ދިމާލަށް މަތިވެރިއޭ ތިބުނީ ކީއްވެ؟ މާތްރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް މަތިވެރި ފަރާތެއް އަދި މީހެއް ނޫވޭ. މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް ކަލެއަށް ވެސް އެނގޭ ނު؟ ’ޒިނޭ ނުކުރާށޭ. މީހުން ނުމަރާށޭ. ވައްކަން ނުކުރާށޭ. ދޮގު ހެކި ނުދޭށޭ. ކަލޭގެ މައިންބަފައިންނަށް ޤަދަރު ކުރާށޭ.‘“ އޭނާ ބުންޏެވެ. ”ތިޔަ ހުރިހާ ކަމެއް ކުޑައިރު އްސުރެ ފެށިގެން އަޅުގަނޑު ފަރުވާތެރިކަމާ އެކު ކުރަން.“ އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަޤީރުންނަށް ދީ. އޭރުން ސުވަރުގޭގައި ކަލެއަށްޓަކައި ޚަޒާނާއެއް ވާނެ. ދެން އެއަށް ފަހު އަހަރެންނާއި އެކު ދާން އާދޭ.“ މިހެން ވިދާޅުވި އަޑުއިވުމުން މިމީހާ ވަރަށް ދެރަވެއްޖެއެވެ. އެއީ މިމީހާއަކީ ވަރަށް ފައިސާވެރިއެކެވެ. އީސާގެފާނު އޭނާއަށް ބައްލަވާ ވިދާޅުވިއެވެ. ”މުއްސަނދިންނަށް މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން އެނގިހުރިމެ އެކަލާނގެ ޙަޒުރަތަށް އައުން ވަރަށް ދަތިކަމަކަށް ވޭ. މުއްސަންޖަކު އެމީހާގެ ދިރިއުޅުމުގެ ވެރިކަން މާތްރަސްކަލާނގެއާއި ހަވާލުކުރުމަށް ވުރެ ޖަމަލަކަށް ތިނޯހެއްގެ ފަގަ ތެރޭން ދިއުން ވެސް މާ ފަސޭހަވާނެ ކަން ކަށަވަރު.“ އީސާގެފާނު މިހެން ވިދާޅުވި އަޑުއަހާ އެތާނގައި ތިބި ބަޔަކު ބުންޏެވެ. ”ދެން އެހެންވިއްޔާ ނަރަކައިން ސަލާމަތްވާނީ ކޮން ބައެއް؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އިންސާނުންނަށް ނުވާ ވަރުގެ ކަންތައްތަކަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަ ކަންތައްތައް.“ ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެން ކަލޭގެފާނާއިއެކު ދިއުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި ވާ ހުރިހާ އެއްޗެއް ދޫކޮށްލީން.“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ގަބޫލުކުރޭ! އެއްވެސް މީހަކު އަމިއްލަ ރަށާއި، އަނބިމީހާ ނޫނީ ތިމާގެމީހުން ނުވަތަ މައިންބަފައިން ނޫނީ ތިމާގެ އަމިއްލަ ދަރިން މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙައްޤުގައި ދޫކޮށްލަން ޖެހިއްޖެ ހިނދަކު ދޫކޮށްލައިފި ނަމަ އެމީހަކަށް އެއަށް ވުރެ އެތައް ގުނައެއް އިތުރަށް މި ދުނިޔޭގައި ދެއްވާނެ. އަދި އެމީހަކަށް އަންނަން އޮތް ދުނިޔޭގައި ނިމުންނުވާ ޙަޔާތް ވެސް ލިބޭނެ.“ އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިގެން މީސްތަކުންނާއި ދުރަށް އެއްފަރާތަކަށް ވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަރެމެން މި ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފަ. އަދި އެރަށުގައި އިންސާނާގެ ދަރިކަލުންނާއި މެދު އިހު ޒަމާނުގެ ނަބީބޭކަލުން ލިޔުއްވި ކަންތައްތައް އެބޭކަލުން ލިޔުއްވި ފަދައިން ހިނގާ ނިމިދާނެ. ލިޔެވިގެން ވަނީ މިފަދައިން: އެކަލޭގެފާނު ބަނީއިސްރާއީލު މީހުން ނޫން ބައެއްގެ އަތް މައްޗަށް ދޫކޮށްލެވޭނެ. އަދި އެބައިމީހުން އެކަލޭގެފާނަށް މަލާމާތްކޮށް ނުބައި އެއްޗެތި ގޮވާ އެކަލޭގެފާނުގެ ގައިކޮޅަށް ކުޅު ޖަހާ ހަންމުށިން އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅާ އަނިޔާކޮށް އަދި އެކަލޭގެފާނު އަވަހާރަ ކޮށްލާނެ. ނަމަވެސް އަވަހާރަ ކޮށް ލެވޭތާ ތިންވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ވަޑައިގަންނަވާނެ.“ އަސްޙާބީންނަށް އީސާގެފާނުގެ މިބަސްފުޅުތަކުގެ މާނައަކީ ކޮބައިކަމެއް ނޭނގުނެވެ. މިބަސްފުޅުތަކުގެ މާނަ އެބައިމީހުންނަށްޓަކައި ވަނީ ފޮރުވިގެންވާ އެއްޗެއް ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނު މި ދެއްކެވި ވާހަކަ ފުޅުތަކެއް އެމީހުންނަކަށް ނުވިސްނުނެވެ. އީސާގެފާނު ދަތުރުކުރައްވާ ވަޑައިގެން ޖެރިކޯއާއި އަރާ ހަމަވެވަޑައިގަތެވެ. އެތާގެ މަގުމަތީގައި އިށީނދެ ސަލާންޖަހަން އިން ލޯއަނދިރި މީހަކު ވިއެވެ. މީހުންތައް މިހެން ހިނގާބިނގާ ވެ އުޅޭ އަޑު އިވި މިމީހާ މި ވަނީ ކީއް ހޭ ކިޔާ ގޮވަންފެށުމުން އެމީހުން ބުންޏެވެ. ”ނާޒަރަތު ރަށުގެ އީސާ މިހެން ލައިގެން ދަނީއޭ.“ މިސަލާން ޖަހާ މީހާ އެތާ އިނދެ ބާރަށް ގޮވަން ފެށިއެވެ. ”އޭ ދާއޫދުގެފާނު ދަރިކޮޅުގެ ބޭކަލުން އީސާގެފާނު. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ.“ އެކަލޭގެފާނުގެ ކުރިން ހިނގާފައި ދިޔަ މީހުން އޭނާއާއި ދިމާއަށް މަޑުން އިނުމަށް އެންގިއެވެ. ނަމަވެސް މިމީހާ އަދި އެއަށް ވުރެ ވެސް ބާރަށް ގޮވަންފެށިއެވެ. ”އޭ ދާއޫދުގެފާނުގެ ދަރިކޮޅުގެ ކަލޭގެފާނު އީސާގެފާނު. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ.“ އީސާގެފާނު ހުއްޓިވަޑައިގެން އެމީހާ އެކަލޭގެފާނުގެ އަރިހަށް ގެނައުމަށް ވިދާޅުވިއެވެ. މިމީހާ އައުމުން އެކަލޭގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ. ”އަހަރެން ކަލެއަށް ކޮށްދޭންވީ ކޮންކަމެއް؟“ މިމީހާ ބުންޏެވެ. ”މާތްސާހިބާ، އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުގެ ލޮލަށް ފެންނަ ގޮތް ހައްދަވާ ދެއްވުން.“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ލޮލަށް އަލިކަން ލިބިގަނޭ. ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭގެ ލޯ ތިޔަ ވަނީ އަލިވެފަ.“ ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ.