ލޫކާސް. 17. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އިންސާނުންނަށް ފާފަ ކުރެވޭ ކަހަލަ ކަންތަކާއި ދިމާވާނެ. އެކަމަކު އެ ފާފަ ކުރެވޭ ކަހަލަ ކަންތައް ކުރުމަށް މެދުވެރިއަކަށް ވާ މީހަކަށް ހިތާމަ ހުރި. މިނިކަމެތި މީހުންނަށް ފާފަކުރުމަށް ޖެއްސުމަށް ވުރެ އެމީހާ ކަރުގައި ކަޅުހިލަ ދައެއް ބަނދެފަ ކަނޑަށް އެއްލާލެވުނު ނަމަވެސް އެއަށް ވުރެ މާ ރަނގަޅު ވާނެ. ވީމާ ކަލޭމެން ވަރަށް ބަލައިގެން އުޅޭތި. ކަލޭގެ އަޚާ ފާފަ ކޮށްފި ނަމަ އޭނާއަށް ނުރުހުން ފާޅުކުރާތި. އަދި އޭނާ ތައުބާ ވެއްޖެ ނަމަ އޭނާއަށް މަޢާފު ކުރާތި. ކަލޭގެ އަޚާ ދުވާލަކު ހަތް ފަހަރު ކަލެއާ ދޭތެރޭ ނުބައިކޮށް ކަންތައް ކޮށްފައި ހަތް ފަހަރު ކަލޭގެ ކައިރިއަށް އައިސް ’އަހަންނަށް މަޢާފުކުރާށޭ‘ ބުންޏަސް އެހުރިހާ ފަހަރަކުވެސް ކަލޭ އޭނާއަށް މަޢާފު ކުރާތި.“ އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެންގެ އީމާންކަން އިތުރުކޮށް ދެއްވާ.“ އީސާގެފާނު އެމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”ރެވި އޮށެއް ހާ މިންވަރުގެ އީމާންކަން ކަލޭމެންގެ ކިބައިގައި ވާ ނަމަވެސް މި ތޫތު ގަހަށް މުލުން ލުހިގެން ގޮސް ކަނޑުގައި އިންދޭށޭ ބުންޏަސް އެގަސް ކަލޭމެންގެ އަމުރަށް ކިޔަމަން ވާނެ. މިސާލަކަށް ކަލޭމެންގެ ތެރެއިން މީހެއްގެ ނޯކަރަކު ބިންގަނޑު ޖަހާ ނުވަތަ ކަންބަޅި ބަކަރިތައް ބަލަހައްޓާ ނިމިގެން ގެއަށް އައުމުން ކަލޭމެން އެނޯކަރަށް ބުނާނެ ތަ؟ ’އަވަހަށް އަންނާށޭ. ކާން އިށީންނާށޭ.‘ އެހެންނެއް ނުވާނެ. އޭގެބަދަލުގައި އެނޯކަރަށް ކަލޭ ބުނާނީ ’ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށޭ. އަދި ފެންވަރައިގެން އައިސް އަހަރެން ކައި ނިމެންދެން މަޑުކުރާށޭ. އޭގެ ފަހުން ދެން ކަލޭ ކާށޭ.‘ ކަލޭ ނޯކަރު މީހާ ކައިރީ ކުރަން ބުނި ކަންތައް އޭނާ ކުރުމުން ކަލޭ އޭނާއަށް ޝުކުރު އަދާކުރަން ޖެހޭނެތަ؟ ހަމައެގޮތަށް ކަލޭމެންނަކީ ވެސް މާތްރަސްކަލާނގެ އަޅުން. ވީމައި މާތްރަސްކަލާނގެ އަންގަވާ ހުރިހާ ކަންތައްތަކެއް ކުރުމަށް ފަހު އަމިއްލަ ނަފްސުގެ މައްޗަށް ބުނޭ. ’އަހަރެމެންނަކީ މާތްރަސްކަލާނގެ އަޅުންނޭ. ވީއިރު މިކުރި ހުރިހާ ކަމަކީ ހަމަ އަހަރެމެން ކުރަންޖެހިފައިވާ ކަންތައްތަކޭ.‘“ އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ސަމީރިއްޔާ އާއި ގަލީލީ އާއި ދެ ސަރަހައްދު ދޭތެރެއިން ދަތުރުފުޅު ކުރެއްވިއެވެ. އަދި އެހިސާބުގައި ވާ ރަށަކަށް ވަޑައިގަންނަ ވަނިކޮށް އެރަށުގެ ބޭރުން ޖުޒާމުބަލި ޖެހިފައިވާ ދިހަ މީހަކު އެކަލޭގެފާނާއި ދިމާވިއެވެ. އެބައިމީހުންގެ ބަލީގެ ނުބައި ކަމުންނާއި ތާހިރު ވެފައި ނުވުމުން ކައިރިވާން ނުކެރި، ދުރުގައި ތިބެ އެމީހުން ބާރަށް ގޮވަން ފެށިއެވެ. ”އީސާގެފާނު ސާހިބާ. އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.“ އީސާގެފާނު މިބައިމީހުން ދެކެވަޑައިގެން ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ހަށިގަނޑު އިމާމުންނަށް ދައްކަން ދޭ.“ މިބައިމީހުން އިމާމުންގެ ގާތަށް ދާން ދިޔަ މަގުމަތީ މިބައިމީހުންގެ ބަލި ފަސޭހަވެ ސާފުތާހިރު ވެއްޖެއެވެ. މިތަނުން އެކަކު އޭނާގެ ބަލި ފަސޭހަ ވި ތަން ދެކެ ހަމަ ވަގުތުން އެނބުރި އީސާގެފާނުގެ އަރިހަށް އައެވެ. އަދި ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން އީސާގެފާނުގެ ފައިންޕުޅުގެ ދަށަށް ސަޖިދަކޮށް ތިރިވިއެވެ. އަދި އެކަލޭގެފާނަށް ޝުކުރު އަދާކުރިއެވެ. މިމީހާއަކީ ސަމީރިއްޔާގެ މީހެކެވެ. އީސާގެފާނު އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”އަހަރެން ދިހަ މީހުންގެ ބަލި ފަސޭހަ ކުރިން. އަނެއް ނުވަ މީހުން ކޮބާ؟ މިސަމީރިއްޔާގެ މީހާ އެކަނި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުމަށްޓަކައި މިއައީ ކީއްވެ؟“ އެކަލޭގެފާނު މިމީހާއަށް ވިދާޅުވިއެވެ. ”ތެދުވޭ. އަދި ކަލޭގެ މަގުގައި ކުރިއަށް ދޭ. ކަލޭގެ ބަލި ހެޔޮވެފައި ތިޔަވަނީ ކަލޭ އީމާންވީތީ.“ ފަރީސީނުގެ ބަޔަކު އީސާގެފާނު ކުރެން މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމު ވާނީ ކޮންއިރަކުންތޯ ސުވާލު ކުރިއެވެ. އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވާނެ. ނަމަވެސް އެރަސްކަންފުޅު ގާއިމު ވުމުގެ ހެއްކެގެ ގޮތުން އެއްވެސް އަލާމާތެއް ނުފެންނާނެ. މާތްރަސްކަލާނގެ ރަސްކަންފުޅު ގާއިމުވެގެން ވާތަން އެއްވެސް މީހަކަށް އެއީއޭ ނޫނީ މިއީއޭ ކިޔާފަ ނުދެއްކޭނެ. އެއީ އެކަލާނގެ ރަސްކަންފުޅު ގާއިމުވެގެން ވަނީ ކަލޭމެންގެ މެދުގަ.“ ދެން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުންގެ ދުވަސްތަކުގެ ތެރެއިން އެންމެ ދުވަހެއް ނަމަވެސް ދުށުމަށްޓަކައި ކަލޭމެން ކެތް މަދުވާނެ ވަގުތެއް އެބައާދޭ. އެކަމަކު ކަލޭމެންނަކަށް އެދުވަހެއް ނުފެންނާނެ. މީހުން ކަލޭމެންނަށް ބުނާނެ. ’މިއީ އެކަލޭގެފާނޭ. އެއީ އެކަލޭގެފާނޭ.‘ ނަމަވެސް އެހެން ބުނާ މީހުން ފަހަތުން ކަލޭމެން ދުވެ ނުދާތި. އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަންނަވާ ދުވަހު އުޑުގެ އެއްކޮޅުން އަނެއްކޮޅަށް ދިއްލިގެން ދާފަދަ ވިދުވަރެއް ފަދައިން ވާނެ. ނަމަވެސް އޭގެކުރިން އެކަލޭގެފާނު މިޒަމާނުގެ މީސްތަކުންގެ އަތް ދަށުގައި އެތައް އަނިޔާތަކެއް ބަރުދާސްތު ކުރަން ޖެހޭނެ. އަދި އެމީހުން އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލެއް ނުކުރާނެ. ނޫޙުގެފާނުގެ ދުވަސްވަރު ކަންތައްތައް ވީ ފަދައިން އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަންނަވާ ދުވަހު ވެސް ކަންތައްތަކެއް ފެންނާނެ. ނޫޙުގެފާނު އެކަލޭގެފާނުގެ ނައުކޮޅަށް އަރާވަޑައިގަތް. ނަމަވެސް ފެންބޮޑުވެ އެންމެން ނެތިވެ ދަންދެން މީސްތަކުން މީހުންނާއި އިނދެ ކައިބޮއި މަޖާކޮށް އުޅުނު. ލޫތުގެފާނުގެ ޒަމާނުގައި ވެސް ކަންތައްތައް ވީ ހަމަ އެފަދައިން. މީހުން ކައިބޮއި ގަނެވިއްކާ ގޮވާން އިންދާ ގެތައް ބިނާކޮށް އުޅުނު. ނަމަވެސް ލޫތުގެފާނު ސަދޫމު ދޫކޮށް ވަޑައިގެންނެވި ދުވަހު އުޑުން އަލިފާނާއި އަދަމުން ދިޔަ ކައްސަނދުވާނީގެ ވާރޭ އެރަށަށް އޮހި އެރަށުގެ އެންމެން ނެތިވެދިޔައީ. އިންސާނާގެ ދަރިކަލުން ހާމަކުރެއްވޭ ދުވަހުވެސް ކަންތައް ވާނީ ހަމަ މިފަދައިން. އެދުވަހު ގެއިން ބޭރުގައި ވީ މީހަކު އޭނާގެ ގެއަށް މުދާތައް ބަލާ ގޮސްގެން ނުވާނެ. އަދި ގޮވާން ހެއްދުމަށް ދަނޑަށް ގޮސް ވީ މީހަކު ވެސް އެއްވެސް އެއްޗެއް ބަލާ އެނބުރި ގޮސްގެން ނުވާނެ. ލޫތުގެފާނުގެ އަނބިކަނބަލުންގެ މަތިން ހަނދާން ކޮށްބަލަ. އެމީހެއްގެ ދިރިއުޅުން ސަލާމަތް ކުރަން އުޅެފި ކޮންމެ މީހެއްގެ ދިރިއުޅުން ގެއްލޭނެ. އަދި މިދިރިއުޅުން ގެއްލިއްޖެ ކޮންމެ މީހެއްގެ ދިރިއުޅުން ސަލާމަތް ވާނެ. އަހަރެން ބުނަން ތަ؟ އެރޭ އެއް އެނދެއްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ބާއްވާފައި އަނެކަކު ގެންދެވޭނެ. ގޮވާން މުގުރަން ދެއަންހެނުން ތިބި ކަމުގައި ވަނީ ނަމަ އޭގެ ތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެ. ދެ ފިރިހެނަކު ދަނޑެއްގައި އެކުއެކީގައި މަސައްކަތް ކުރަން ތިބޭނެ. އޭގެ ތެރޭން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެ.“ އެމީހުން ސުވާލު ކުރިއެވއެ. ”މާތްސާހިބާ. މިކަންތައް ވާނީ ކޮންތާނކުތޯ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ބާޒުތައް އެއްވަންޏާ އެތަނެއްގައި މަރުވެ ކުނިވެފައިވާ މަސްގަނޑެއް ވާކަން އެނގޭ. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ދުނިޔެއަށް ވަޑައިގަންނަވާ ދުވަހު މީސްތަކުންނަށް ފަހުދުވަސް ގާތްވެއްޖެކަން ވެސް އެނގޭނެ.“