ލޫކާސް. 12. އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއްވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ. ފޮރުވިފައިވާ ހުރިހާ ކަމެއް ހާމަވާނެ. އަދި ސިއްރުކުރެވިފައިވާ ހުރިހާ ކަމެއް ފާޅުވެ އެނގޭނެ. އަނދިރީގައި ކަލޭމެން ބުނި ހުރިހާ ބަސްތަކެއް ދުވާލުގެ އަލިކަމުގައި ފާޅުވާނެ. އަދި ބަންދު ކޮޓަރިއެއްގެ ތެރޭގައި ބުނެވުނު ބަސްތައް މަގުމަގު މަތީ ގޮވޭނެ. އެކުވެރިންނޭ. ކަލޭމެންނަށް އަނިޔާދީ މަރާލަން އުޅޭ މީހުންނަށް ބިރުނުގަނޭ. އެއީ އެމީހުންނަށް ހަމައެކަނި މަރާލެވޭނީ ކަލޭމެންގެ ހަށިގަނޑު. ބިރުގަންނަންވީ މާތްރަސްކަލާނގެ ކިބަފުޅަށް. އެއީ އެކަލާނގެ ކިބަފުޅަށް ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި ކަލޭމެންގެ ހަށިގަނޑު ނެތިކޮށްލުމެއް ނޫން. ކަލޭމެން މަރުވުމަށް ފަހު ކަލޭމެން ނަރަކައަށް ލުމުގެ ބާރުފުޅު ވެސް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ. ހަމަކަށަވަރުން ވެސް ބިރުގަންނަންވީ ފަރާތަކީ ހަމައެކަނި އެކަލާނގެ. ކެއުމަށް ބޭނުންކުރާ ކުދި ދޫނިތައް ވިއްކާ މީހުން ފަސްދޫނި ދެތިން ރުފިޔާއަށް ވިއްކާ. އެދޫނިތަކަކީ އެހާ އަގުހެޔޮކޮށް ވިއްކޭ އެއްޗަކަށް ވީ ނަމަވެސް މާތްރަސްކަލާނގެ އެ ދޫނިތަކުގެ މައްޗަށް ވެސް ބައްލަވާ ވޮޑިގެން ވޭ. މާތްރަސްކަލާނގެ ކިބަފުޅަށް ދޫނިތަކަށް ވުރެ ކަލޭމެން މާ މުހިންމު. އެކަލާނގެ ކަލޭމެންގެ މައްޗަށް ބައްލަވާވޮޑިގެން ވޭ. ބިރުގަނެ ކަންބޮޑުނުވޭ. ކަލޭމެންގެ ބޮލުގައި ވާ ހުރިހާ އިސްތަށީގެ އަދަދު ވެސް މާތްރަސްކަލާނގެ ދެނެވޮޑިގެން ވޭ. ކަލޭމެންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނަށް އީމާންވާ ކަމުގައި މީސްތަކުންގެ ކުރިމަތީގައި ބުނަނީ ނަމަ ތިމަންކަލޭގެފާނު އިންސާނާގެ ދަރިކަލުން ވެސް މާތްރަސްކަލާނގެ މަލާއިކަތުންގެ ކުރިފުޅުމަތީގައި އެމީހަކީ ތިމަންކަލޭގެފާނުގެ މީހަކު ކަމުގައި ބުނާނަން. އަދި މީސްތަކުންގެ ކުރިމަތީގައި އެބަޔަކު ތިމަންކަލޭގެފާނަށް އީމާންނުވާ ކަމުގައި ބުނެފިނަމަ ތިމަންކަލޭގެފާނު ވެސް މާތްރަސްކަލާނގެ މަލާއިކަތުންގެ ކުރިމަތީގައި އެބަޔަކު ނުދަންނަ ކަމުގައި ބުނާނަން. ކަލޭމެން ތިމަންކަލޭގެފާނު ކަމުގައިވާ އިންސާނާގެ ދަރިކަލުންނާއި ދެކޮޅަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް އެކަމަށް ކަލޭމެންނަށް މަޢާފު ލިބިދާނެ. ނަމަވެސް ކަލޭމެން މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅަށް ވާހަކަދައްކައިފި ނަމަ އެކަމަކަށް މަޢާފެއް ނުލިބޭނެ. ދީނީ މަރުކަޒުތަކުގެ ވެރިންނާ އެހެންވެސް މަތީ ވެރިންގެ ކުރިމައްޗަށް ކަލޭމެން ގެނެވޭ ދުވަހު ކަލޭމެންގެ ދިފާއުގައި ކުރާނެ ކަމަކާ މެދު ނުވަތަ ބުނާނެ ބަސްތަކާއި މެދު ބިރުނުގަންނާތި. އެފަދަ ވަގުތެއް ޖެހުމުން މަތިވެރިކަލާނގެ މާތްރޫޙުފުޅު ކަލޭމެން ބުނާނެ ބަސްތައް ކަލޭމެންނަށް އަންގަވާ ދެއްވާނެ.“ އެއްވެފައި ތިބި މީސްތަކުންގެ ތެރެއިން އެކަކު އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު! އަޅުގަނޑުގެ ބައްޕަ ނިޔާވިއިރު، ބައްޕަގެ މިލްކުގައިވާ ތަކެތީގެ ތެރެއިން އަޅުގަނޑަށް ލިބެންޖެހޭ ތަރިކަ އަޅުގަނޑަށް ދިނުމަށް އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ބޭބެ ކައިރީގައި ވިދާޅުވެ ދެއްވާ!“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނަކީ ތިޔަދެކަލުންގެ ދެމެދުގައި އިންސާފު ކުރާ އަދި މުދާ ބަހާ ގާޒީ އެއް ކަމުގައި ޢައްޔަން ކުރީ ކާކު؟“ ދެން އެކަލޭގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”ދަހި މީހަކު ކަމުގައި ނުވެ އުޅެވޭތޯ ބަލާ. މީހަކު ކިތައްމެ ބޮޑު ފައިސާ ވެރިޔަކު ކަމުގައި ވެ އަދި އެމީހާޔަށް ގިނަ މުދާތައް ވާކަމުގެ ސަބަބުން އެމީހާއީ ފުރިހަމަ ޙަޔާތެއް ލިބިފައިވާ މީހަކަށް ނުވާނެ.“ ދެން އީސާގެފާނު އެމީހުންނަށް މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”އެއްޒަމާނެއްގައި ވަރަށް މުއްސަނދި މީހަކު އުޅުނު. އަދި އެފަހަރުގެ ގޮވާމުގެ މޫސުމުގައި އޭނާގެ ދަނޑުތަކުން އެތައް ގިނަ ގޮވާމެއް ލިބުނު. މި ދަނޑުވެރިޔާ ހިތަށްއެރި. ’އަހަރެންނަށް ލިބިފައިމިވާ ހުރިހާ ތަކެތި ރައްކާ ކުރާނޭ ތަނެއް މިގުދަންތަކަކު ނެތް. ކުރާނީ ކީއްބާ؟‘ ދެން އޭނާ ގަސްތު ކުރީ އޭނާގެ ގުދަންތައް ރޫޅައިލާފައި ބޮޑެތި ގުދަންތަކެއް ހެދުމަށް. އޭނާގެ ހިތަށް އެރި. ’އެއިރުން މަށަށް ލިބިފައިވާ ގޮވާންތަކާއި އަދި އެހެނިހެން ތަކެތި އެތާނގައި ރައްކާ ކުރެވޭނެ. އެއިރުން އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް ބުނެވޭނެ. އަހަރެންނަކީ ވަރަށް ބޮޑު ނަސީބުވެރިއެކޭ. އަހަންނަށް އެތައް އަހަރަކަށް ފުދޭވަރަށް ބޭނުންކުރުވޭނެ ތަކެތި ރައްކާ ކުރެވިފައި އެބަ ހުއްޓޭ. މިހާރު ދެން އަރާމު ކޮށް ކައި ބޮއި އުފާކުރާށޭ.‘ ފަހެ މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’އޭ ބުދިއެއް ނެތް ނުވިސްނޭ މީހާއޭ. ހަމަ މި ރޭ ތިމަންކަލާނގެ ކަލޭގެ ފުރާނަ ގެންދަވާނަމޭ. ދެން ކަލޭގެ އަމިއްލަ ފައިދާއަށްޓަކައި ރައްކާ ކޮށް ބަހައްޓައިފައިވާ ހުރިހާ ތަކެތި ލިބޭނީ ކާކަށް ހޭ؟‘“ އީސާގެފާނު ވިދާޅުވިއެވެ. ”މިފަދަ މީހެއްގެ މިސާލަކީ ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ދުނިޔެވީ މުދާތައް އެއްކޮށް މުއްސަނދި ވި ނަމަވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީ އެއްވެސް އެއްޗެއްނެތް ފަޤީރަކު ފަދައިން ވާ މީހެއްގެ މިސާލު.“ ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ. ދިރިއުޅުމަށް ބޭނުންވަނީ ހަމަ އެކަނި ކާނާއެއް ނޫން. އަދި ހަށިގަނޑަށް ބޭނުން ވަނީކީ ހަމަ އެކަނި އަންނައުނެއް ވެސް ނޫން. ކާޅުތަކަށް ބަލާލަ ބަލަ. އެ އެއްޗެތި ގޮވާން އިންދާ އެގޮވާން ކަނޑައެއް ނަހަދާ. އަދި އެ އެއްޗެތީގެ ބޮޑެތި ގުދަންތަކެއް ވެސް ނުވޭ. ނަމަވެސް މާތްރަސްކަލާނގެ އެތަކެއްޗަށް ކާނާ ދެއްވާ. އެކަލާނގެ ކިބަފުޅަށް ދޫނިސޫފާސޫތްޕަށް ވުރެ ކަލޭމެންގެ އަގު މާބޮޑު. ކަލޭމެންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ފިކުރުކޮށް ކަންބޮޑުވުމުގެ ސަބަބުން އެންމެ ދުވަހެއް ވެސް އެމީހެއްގެ ދިރިއުޅުމަށް އިތުރު ކުރެވިދާނެ ތަ؟ ކަލޭމެންނަށް މި ވަރުގެ ކުޑަކަމެއް ނުކުރެވޭ ހިނދު ދެން އިތުރު އެހެން ކަންތަކާއި މެދު ހާސްވުމުގެ ބޭނުމަކީ ކޮބާ؟ ވަލުތެރޭގައި މާތައް ހެދޭ ގޮތާއި މެދު ވިސްނާލަ ބަލަ. އެ މާތައް ބުރަ މަސައްކަތެއް ނުކުރޭ. އަދި ފޮތި ވިޔެއެއް ނަހަދާ. ނަމަވެސް އަހަރެން ބުނަން. ސުލައިމާނުގެފާނު އެކަލޭގެފާނުގެ އެންމެ އަގުބޮޑު ހެދުންކޮޅު ތުރުކުރެއްވިއަސް އޭގެން އެންމެ މަލެއްގެ ރީތި ކަމާއި ވެސް އެއްވަރު ނުވާނެ. އޭ އީމާންކަން ކުޑަ މީހުންނޭ. ކުޑަވަގުތު ކޮޅަކަށް ފަރިވެފޮޅޭ އަދި ގިނަ ދުވަހެއް ނުވެ މިލާގެންދާ ވަލުތެރޭގެ މާމެލާމެލި މާތްރަސްކަލާނގެ އެފަދަ ފަރި ރީތި ކަމާއި އެކު ހައްދަވާއިރު އެކަލާނގެ ކަލޭމެން އަދި ކިހާ ރަނގަޅަކަށް ހެދުން އަޅުއްވާނެ ތަ؟ ވީއިރު ކަލޭމެންގެ ހިތްތައް ކަލޭމެން ކާނެ ބޯނެ އެއްޗަކާއި މެދު ވިސްނުމަށް ދޫނުކޮށްލާ. އެކަމާއި ހާސް ނުވޭ. އެއީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން ދަހިވެތިވެ ދުވަނީ އެތަކެތީގެ ފަހަތުން. ކަލޭމެންނަށް އެތަކެތި ބޭނުންވާ ކަން ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެން ވޭ. ފުރަތަމަ މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން އެދިވޮޑިގެންވާ ކަންތައްތަކަކީ ކޮބައިކަން ހޯދާ ބަލާ. އޭރުން މިހުރިހާ އެއްޗެއްވެސް ކަލޭމެންނަށް ލިބޭނެ. މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ. ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަޤީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ. އަދި ކަލޭގެ ޚަޒާނާ ވާ ތަނެއްގައި ކަލޭގެ ހިތް ވެސް ވާނެ.“ ”ހެދުން އަޅާ މަސައްކަތަށް ތައްޔާރުވެގެން ތިބޭ. ކަލޭމެންގެ ބައްތިތައް ދިއްލާފައި ބަހައްޓާ. ނޯކަރަކު އެމީހެއްގެ ވެރިމީހާ ރޭގަނޑުގެ ދަންވަރު ކައިވެނި ޕާޓީއަކުން ނިމިގެން އަންނަންދެން ނުނިދާ މަޑުކޮށްގެން އިންނަ ފަދައިން ތައްޔާރަށް ތިބޭ. އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ. ވެރިމީހާ ދަންވަރު ނުވަތަ މެންދަމުން އަލިވާ ފަހުން އަޔަސް އޭނާ އަންނަން ދެން މަޑުކޮށްގެން ތިބޭ ނޯކަރުންނަށް ފައިދާ ކުރާނެ. ގޭގެ ވެރިމީހާއަށް ވަގަކު ގެއަށް އަންނާނެ ވަގުތު އެނގޭ ނަމަ، ހަމަ ޔަޤީނުން ވެސް ގެ ތަޅުނުލާ ވަގަށް ވަދެވޭ ގޮތަކަށް ނުބަހައްޓާނެ. ކަލޭމެން ތިބެންވާނީ މިފަދައިން ތައްޔާރުވެގެން. އެއީ އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ ކަލޭމެން އެއްގޮތަކަށް ވެސް ހީނުކުރާ ކަހަލަ ވަގުތެއްގަ.“ ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު މި މާނަފުން ވާހަކަ ތިޔަ ވިދާޅުވީ އަޅުގަނޑުމެންނަށް ތޯ؟ ނުވަތަ އެންމެންނަށް ތޯ؟“ މާތްސާހިބާ ޖަވާބުގައި ވިދާޅުވިއެވެ. ”ވެރިމީހާ އޭނާގެ ނޯކަރުންގެ ތެރެއިން އެކަމާއި ހަވާލުކުރާނީ މަސައްކަތްތެރިންގެ ކޮއްތު ފައިސާ އެފައިސާ ދޭންޖެހޭ ވަގުތު ޖެހުމުން އެފައިސާ އެމީހުންނަށް ގަވާއިދުން ދޭކަހަލަ މީހަކާ ނު. ވެރިމީހާ އެންގެވި ފަދައިން ކަންތައް ކުރި މަސައްކަތްތެރިއަކަށް އުފާ ހުރި. އެއީ އޭނާގެ ވެރިމީހާ އައިސް އޭނާ ކަންތައް ކުރި ގޮތް ދެކެ އެކަމާއި އުފާވާނެ. އަހަރެން ބުނަންތަ؟ ވެރިމީހާ އޭނާގެ ހުރިހާ މުދަލެއް މި ފުރިހަމައަށް ކަންކުރާ މެނޭޖަރާއި ހަވާލުކުރާނެކަން ޔަޤީން. ނަމަވެސް މިސާލަކަށް މި ނޯކަރު ހިތަށްއަރާފާނެ. ’އަހަރެންގެ ވެރިމީހާ ދިޔައީ ވަރަށް ދިގުދަތުރެއް ގައޭ. އޭނާ އަވަހަކަށް ނަންނާނެއޭ.‘ ދެން އޭނާ އެހެން ނޯކަރުންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި ކެއުމާއި ރާބޮއި އަމަލުވުމުގައި ދުވަސްތައް ވޭތިކޮށްފި. ނަމަވެސް އޭނާގެ ވެރިމީހާ އެނބުރި އައީ އޭނާ އެއްގޮތަކަށް ވެސް ހީވެސް ނުކުރާ ފަދަ ދުވަހަކު އަދި ހީވެސް ނުކުރާ ކަހަލަ ގަޑިއެއްގަ. ވެރިމީހާ އެނޯކަރު އެހެން ވެސް ނުކިޔަމަންތެރި ނޯކަރުން ފަދައިން ވޭނާއި ބޮޑު އަދަބު ލިބޭ ތަނަށް ފޮނުވާލާނެ. ވެރިމީހާ ބޭނުން ގޮތް އެނގިހުރެމެ ތައްޔާރުނުވާ އަދި ވެރިމީހާ އެދޭގޮތް އެނގިހުރެމެ އެގޮތަށް ކަންތައް ނުކުރާ މީހަކަށް ދެވޭ އަދަބު ބޮޑުވާނެ. ނަމަވެސް އެކަންތައް ކުރެވެނީ ގޯސްކޮށް ކަން ނޭނގި ކަންތައްކުރާ މީހަކަށް ދެވޭ އަދަބު ކުޑަވާނެ. ގިނައިން ދެވިފައިވާ މީހެއްގެ އަތުން ލިބެންވާ ވަރުވެސް ބޮޑުވާނެ. އަދި ގިނައިން ހަވާލު ކުރެވިފައިވާ މީހެއްގެ އަތުން އަތުލެވޭ ވަރުވެސް ބޮޑުވާނެ.“ ”އަހަރެން ދުނިޔެއަށް މިއައީ އަލިފާން ހިފައިގެން. މިހާރުވެސް އެ އަލިފާން ރޯވާނެ ނަމަ އޭ އަހަރެންގެ ހިތަށް އަރާ. ނަމަވެސް އޭގެކުރިން އަހަރެން ވަރަށް ބޮޑު އުނދަގުލަކާއި ކުރިމަތިލާން އެބަޖެހޭ. އެކަންތައްތައް ހިނގާ ނިމެންދެން އަހަރެންގެ ހިތް މި ވަނީ ވޭނުން ފުރިފަ. ކަލޭމެން ހީކުރަނީ އަހަރެން މި ދުނިޔެއަށް މިއައީ ދުނިޔެ ސުލްޙަ ކުރަން ކަމަށް ތަ؟ ނޫން. ބުނަން ތަ؟ އަހަރެން މިއައީ ބައިބައި ކުރުމަށް. އެއީ މިހާރުން ފެށިގެން އާއިލާއެއްގައި ފަސް މީހުން ވާކަމުގައި ވަނީ ނަމަ އެމީހުން އެކަކު އަނެކަކާއި ދެކޮޅުވެ ބައި ބައި ވާނެ. ދެމީހުން ތިންމީހުންނާއި ތިންމީހުން ދެމީހުންނާއި އިދިކޮޅުވާނެ. ބައްޕައިންނާއި ފިރިހެންދަރިންނާއި ބައިބައިވެ މަންމައިންނާއި އަންހެންދަރިންނާއި ބައިބައިވެ މައިދާތައިންނާއި ދަނބިދަރިންނާއި ބައިބައިވެ ދެކޮޅުވާނެ.“ އެކަލޭގެފާނު މީސްތަކުންނަށް ވިދާޅުވިއެވެ. ”ހުޅަނގު ފަރާތުން ވިލާގަނޑެއް ނަގާއިރަށް ކަލޭމެން ބުނޭ ’އެއުޅެނީ ވާރޭ ވެހޭށޭ.‘ ހަމަ އެބުނިފަދައިން ވާރޭވެސް ވެހޭ. ދެން ދެކުނުން ވައިޖެހެން ފަށާއިރަށް ކަލޭމެން ބުނޭ. ’އެއުޅެނީ ހޫނުވާން ފަށާށޭ.‘ ހަމަ އެބުނިފަދައިން ހޫނުވާން ވެސް ފަށާ. މުނާފިޤުންނޭ. ކަލޭމެންނަށް ދުނިޔެއާއި އުޑަށް އަންނަ ބަދަލުތައް ބުނަން އެނގޭ. ނަމަވެސް މިހާރު ވާން މިއުޅޭ ކަންތައްތަކާ މެދު ކަލޭމެން އެއްވެސް އެއްޗެއް ތިޔަ ނުބުނަނީ ކީއްވެ؟ ކަލޭމެން އަމިއްލައަށް ރަނގަޅާއި ނުބައަކީ ކޮބައިތޯ އިންސާފު ކުރަންވީނު؟ މިސާލަކަށް ކަލޭ އެމީހަކަށް ދަރާފައިވާ މީހަކު ކަލެއާ ދޭތެރޭ ދައުވާކޮށް ކަލޭ ގޮވައިގެން އިންސާފަށް ދާން ބޭނުންވި. ނަމަވެސް އިންސާފަށް ދިއުމުގެ ކުރިން އޭނާއާއި ސުލްޙަ ވުމަށް ގަދައަޅާ މަސައްކަތް ކުރޭ. ނޫނީ ކަލެއާމެދު ދައުވާކުރި މީހާ މައްސަލަ ޖެއްސުމުން ކަލެއަށް ގާޒީ ޙުކުމް އިއްވާނެ. އެ ޙުކުމުގައި ކަލޭ ބަންދުކުރާނެ. އަހަރެން މިބުނަނީ ހަމަ ތެދެއް. އޭރުން ކަލޭ ދަރާފައިވާ އެންމެފަހު ލާރިއަށް ދަންދެން ނުދައްކަނީސް ކަލެއަށް އެބަންދުން ސަލާމަތެއް ނުވެވޭނެ.“