ލޫކާސް. 11. އެއްދުވަހަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާފުޅުކުރެއްވިއެވެ. އެކަލޭގެފާނު ދުޢާފުޅުން ނިމި ވަޑައިގަތް ވަގުތު އަސްޙާބީންގެ ތެރެއިން މީހަކު ދެންނެވިއެވެ. ”ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދުޢާކުރަން ދަސްކޮށްދެއްވި. މާތްސާހިބާ ވެސް އަޅުގަނޑުމެންނަށް ދުޢާކުރަން ދަސްކޮށްދެއްވާ.“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ދުޢާކުރާއިރު މިފަދައިން ދުޢާކުރޭ. ’ބައްޕާފުޅާ! އެންމެހައި މީސްތަކުން އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ހިތާ ޤަދަރު ކުރާނޭ ފަދައިން ހިންމަވާފާނދޭ. އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވާފާނދޭ! އަޅަމެންގެ އެދުވަހެއްގެ ރޯދި އެދުވަހަކު ދެއްވާފާނދޭ. އަޅަމެންގެ މައްޗަށް ނުބައިކޮށް ކަންކުރާ މީހުން ކުރާ ކަންތައްތައް އަޅަމެންގެ ހިތުން ފޮހެލާ ނައްތާލާ ފަދައިން އިނބަރަސްކަލާނގެ އަޅަމެން ކުރާ ކުށްތައް ވެސް ފުއްސަވާފާނދޭ. އަޅަމެން ނުބައި ކަމެއް ކުރުމަށް މެދުވެރިކޮށްފާނޭ ފަދަ މަގެއް އަޅަމެންނަށް ނުދައްކަވާފާނދޭ.‘“ އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”މިސާލަކަށް ކަލޭމެންގެ ތެރެއިން އެކަކުގެ ވަރަށް ގާތް ރައްޓެއްސަކު ވީ. އަދި އެއްރެއެއްގެ ދަންވަރު އޭނާ ކަލޭގެ ގެއަށް ގޮސް ބުނި. ’ރަޙުމަތްތެރިޔާއޭ. އަހަންނަށް ކަލޭ މިއަދު ފިހުނު ތަނުން ދެތިން ބޯރޮށި ދީފާނަން ހޭ؟ ދަތުރަކުން އައި ރައްޓެއްސަކު މި ދަންވަރު އަހަރެންގެ ގެއަށް އަތުވެއްޖެއޭ. އަދި އަހަރެންގެ އަތުގައި އޭނާއަށް ދޭނޭ އެއްވެސް ކާއެއްޗެއް ނެތޭ.‘ ކަލޭ ކަލޭގެ ރަޙުމަތްތެރިޔާ އަށް ފަހަރެއްގައި މިހެން ބުނެފާނެ. ’މިދަންވަރު އަހަންނަށް އުނދަގޫ ނުކުރާށޭ. ދޮރު ތިޔަވަނީ ތަޅުލާފައޭ. އަހަރެންނާ އަހަރެންގެ ގޭގެ އެންމެން މިތިބީ ނިދާށޭ. އަހަންނަށް މި ވަގުތު ތެދުވެގެން ކަލޭ ބޭނުން އެއްޗެއް ހޯދާ ދޭކަށް ނާދެވޭނެއޭ.‘“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަންނަށް ހަމަ ޔަޤީން. ކަލެއަކީ އޭނާގެ ގާތް ރަޙުމަތްތެރިއަކަށް ވީތީ ތެދުވެ އޭނާ އެދުނުކަންތައް ކޮށް ނުދިން ނަމަވެސް އޭނާ ކެނޑި ނޭޅި ހުއްޓުމެއްނެތި އެދެމުން ގެންދިޔުމުގެ ސަބަބުން އުނދަގޫވުމުން ތެދުވެ ކަލޭ އޭނާ އެދުނު އެއްޗެއް އޭނާއަށް ދޭނެ. ފަހެ އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެދޭ. އެ އެއްޗެއް ތިޔަބައިމީހުންނަށް ދެއްވާނެ. ބަލާ ހޯދާ އުޅޭ. އެއިރުން މަގު ފެންނާނެ. ދޮރުގައި ޓަކިދީ. އެއިރުން ތިޔަބައިމީހުންނަށްޓަކައި އެދޮރެއް ހުޅުވޭނެ. ފަހެ ކޮންމެ މީހަކު ވެސް އެއްޗަކަށް އެދުމުން އެއެއްޗެއް އެމީހަކަށް ލިބޭނެ. ކޮންމެ މީހަކުވެސް ހޯދާ ބަލާ އުޅުމުން އެމީހަކަށް މަގު ފެންނާނެ. އަދި ދޮރުގައި ޓަކިދިނުމުން އެދޮރެއް އެމީހަކަށްޓަކައި ހުޅުވޭނެ. ފަހެ ކަލެއަކީ ބައްޕައަކަށް ވާނަމަ އަދި ކަލޭގެ ދަރިފުޅު ކަލޭގެ ކިބައިން މަހަކަށް އެދެފި ނަމަ ހަމަ ޔަޤީނުން ވެސް ކަލޭ ކަލޭގެ ދަރިފުޅަށް ނަންނުގައްޗެއް ނުދޭނެ. ނޫނީ އޭނާ ބިހަކަށް އެދެފި ނަމަ ކަލޭ އޭނާއަށް ނަގުލަންދާއްޓެއް ވެސް ނުދޭނެ. ތިޔަބައިމީހުންނަކީ ނުބައި ބަޔަކު ކަމުގައި ވިޔަސް ތިޔަބައިމީހުންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ކިބަފުޅުން އެދޭ މީހުންނަށް އެކަލާނގެ މާތްރޫޙުފުޅު އުފަލާއިއެކު ނުދެއްވާނެ ތަ؟“ އެއްފަހަރަކު އީސާގެފާނު މަންމަނު ޖިންނިއެއް މީހެއްގެ ހަށިގަނޑުން ނެރެ ބޭރުކުރެއްވިއެވެ. މި ޖިންނި އެމީހާގެ ހަށިގަނޑުން ނުކުތުމާއި އެކު އެޖިންނީގެ ސަބަބުން ވާހަކަ ނުދެއްކޭ މީހާ ކުއްލިއަކަށް ވާހަކަ ދައްކަން ފަށައިފިއެވެ. މިތަން ދެކެ އެންމެން ވަރަށް ބޮޑަށް ހައިރާންވިއެވެ. އެކަމަކު އެތާތިބި ބައެއްމީހުން އީސާގެފާނަށް ފާޑުކިޔާ ބުންޏެވެ. ”މީނާ ޖިންނީންގެ ބާރުގެ ދަށުވެފައިވާ މީހުން ރަނގަޅު އެކުރަނީ ޖިންނީންގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.“ އަނެއްބަޔަކު އެކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއެއް ނޫންކަން މީސްތަކުންނަށް ހާމަކޮއްދިނުމުގެ ގަސްތުގައި އެކަލާނގެ ކިބަފުޅުން މުޢުޖިޒާތީ ޢަލާމާތެއް ދެއްކުމަށް އެދި އެކަލޭގެފާނަށް ދެންނެވިއެވެ. އީސާގެފާނަށް އެމީހުންގެ ހިތުގައި އެކަލޭގެފާނާއި ދޭތެރޭ ވަނީ ނުބައި ނުލަފާ ޚިޔާލުތަކެއްކަން ދެނެވަޑައިގަތް ވިދާޅުވިއެވެ. ”އެއްވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށް ވާނަމަ އެރަސްކަމެއް ރޫޅި ހިނގައިދާނެ. އަދި އާއިލާއެއް ވިޔަސް ބައިބައި ވެއްޖެނަމަ ނެތި ހިނގައިދާނެ. ވީއިރު އިބިލީހުގެ ރަސްކަން އޭނާ އާއި އިދިކޮޅު ހަދަނީ ނަމަ އޭނާގެ ރަސްކަން ކުރިއަށް ދާނީ ކިހިނެއް؟ އަހަރެން އެހެން މިބުނީ އެއީ ކަލޭމެން ތިޔަބުނަނީ އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ ބަޢަލްޒެބޫލް މެދުވެރި ކޮށްގެންނޭ. އަހަރެން މީހުންނާއި އަވަލާފައިވާ ޖިންނިތަކުގެ ކިބައިން އެމީހުން މިންޖު މިކުރަނީ ބަޢަލްޒެބޫލް މެދުވެރިކޮށް ނަމަ ކަލޭމެންގެ މީހުން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު އެކުރަނީ ކާކު މެދުވެރިކޮށްގެން؟ ވީއިރު ކަލޭމެން ތިބުނާ ވާހަކަތަކާއި ބެހޭގޮތުން ކަލޭމެންނާއި ދޭތެރޭ އިންސާފު ކުރާނީ އެމީހުން. އެކަމަކު އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ މާތްރަސްކަލާނގެ ބާރުފުޅު މެދުވެރިކޮށް ކަމުގައި ވަނީ ނަމަ ދެން އެކަމުން ހާމަވެ އެނގެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މިތާ ކަލޭމެންގެ ތެރޭގައި ކަން. ޝާއިތާނާ ބާރު ގަދަ މީހަކު ފަދައިން ހަތިޔާރާއި އެކު އޭނާގެ ގެ ރައްކާތެރި ކުރަނީ ނަމަ އޭނާގެ މުދާ ހުންނާނީ ރައްކާތެރި ކަމާއި އެކު. ނަމަވެސް އޭނާއަށް ވުރެ ވަރުގަދަ މީހަކު އޭނާއާއި ހަމަލާދީ ބަލިކޮށްލައިފި ނަމަ ބަލިވިމީހާ އިތުބާރުކުރި ހަތިޔާރުތައް އެވަރުގަދަ މީހާ ގެންދާނެ. އަދި ބަލިވިމީހާގެ ގޭގައި ވާ މުދާތައް ވެސް އޭނާގެ އެކުވެރިންނަށް ބަހާލާނެ. އަހަރެންގެ ބަސްތަކަށް އަމަލު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅު މީހެއް. އަދި މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅަށް އެނބުރުމަށް އަހަރެންނަށް އެހީތެރިނުވާ ކޮންމެ މީހަކީ މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަށް ދިއުމަށް އެހީތެރިވާ މީހެއް.“ ”ނުބައި ޖިންނިއެއް މީހެއްގެ ހަށިގަނޑު ދޫކޮށްލައިފިނަމަ އޭތި އެހެން މަންޒިލެއް ހޯދަމުން ފަޅު ތަންތަނަށް ދޭ. އެއަށް މަންޒިލެއް ނުލިބިއްޖެ ނަމަ އޭތި ބުނާނެ. ’އަހަރެން އަނބުރި ދާނީ އަހަރެން އައި ތަނަށް އަހަރެންގެ ގެއަށޭ.‘ ނަމަވެސް އޭތި އެނބުރި އަންނައިރު މުޅި ގެ ސާފުކޮށް ތަރުތީބުން ވާތަން ފެނުމުން އޭތި ގޮސް އޭއްޗަށް ވުރެ ނުބައި ނުލަފާ ހަތް ޖިންނި ގޮވައިގެން އައިސް އެގޭގައި އުޅެން ފަށާނެ. އެންމެފަހުން އެމީހާގެ ހާލު ކުރިއަށް ވުރެވެސް މާބޮޑުވާނެ.“ އީސާގެފާނު މި ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނިކޮށް މީސްތަކުންގެ ތެރެއިން އަންހެނަކު ގޮވާލިއެވެ. ”ކަލޭގެފާނު މި ދުނިޔެއަށް އެމީހެއްގެ ބަނޑުން އުފަންވި ކަލޭގެފާނަށް ކިރުދީ ބޮޑުކުރި މައިމީހާއަށް ބަރަކާތް ހުރި.“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އެއަށް ވުރެވެސް ބޮޑަށް ބަރަކާތް ލެއްވިގެން ވާނީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އެއަށް އަމަލު ކުރާ މީހުންނަށް.“ މީސްތަކުން އެތަނަށް އެއްވަމުން ދިޔަ އިރު އީސާގެފާނު ވިދާޅުވަމުން ދިޔައެވެ. ”މިއީ ނުބައި ޒަމާނެއް. މިޒަމާނުގެ މީހުން މުޢުޖިޒާތެއް ފަދަ ޢަލާމާތަކަށް އެދޭ. ނަމަވެސް ޔޫނުސްގެފާނު މެދުވެރިކޮށް ދެއްކުނު އަލާމާތް ފިޔަވާ އެހެން އެއްވެސް ޢަލާމާތެއް ކަލޭމެންނަކަށް ނުދެއްކޭނެ. ޔޫނުސްގެފާނު ނީނަވާގެ މީހުންނަށް އަލާމަތަކަށް ވީ ފަދައިން މިޒަމާނުގެ މީހުންގެ މައްޗަށް އަލާމަތަކަށް ވާނީ އިންސާނާގެ ދަރިކަލުން. ޤިޔާމަތް ދުވަހުން ދެކުނުގެ މަތިވެރި ރާނީ ކަލޭމެންނާއި ދެކޮޅަށް ދަޢުވާ ކުރައްވާނެ. އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ސުލައިމާނުގެފާނުގެ ޙިކުމަތްތެރި ބަސްފުޅުގެ އަޑުއެހުމަށްޓަކައި ދަތުރުކުރެއްވި. ނަމަވެސް ކަލޭމެންގެ ގާތުގައި މިހާރު މި ވަނީ ސުލައިމާނުގެފާނަށް ވުރެ ވެސް މަތިވެރިބޭކަލެއް. ނަމަވެސް ކަލޭމެން އޭނާގެ ބަހުގެ އަޑެއް ނާހާ. ޤިޔާމަތް ދުވަހުން ނީނަވާގެ މީހުން ވެސް ކަލޭމެންނާއި އިދިކޮޅަށް ދަޢުވާ ކުރާނެ. އެއީ ޔޫނުސްގެފާނު އެމީހުންނަށް އެންގެވި އެންގެވުމުގެ އަޑުއަހާ އެމީހުން ތައުބާ ވި. އެކަމަކު މިހާރު މިތާނގައި މި ވާނީ ޔޫނުސްގެފާނަށް ވުރެ މާ މަތިވެރި މީހެއް.“ ”އެއްވެސް މީހަކު ބައްތިއެއް ދިއްލައިފަ އެއެއް ނުފޮރުވާނެ. އަދި އެ މުކައްބައެއްގެ ދަށަކަށް ވެސް ނުލާނެ. އޭނާ އެބައްތި އަޅުވާނީ ބައްތިއަޅުވާ ނަރުގަނޑުގަ. އެއީ އޭރުން އެގެއަށް އަންނަ އެންމެންނަށް ވެސް އޭގެ އަލި ލިބޭނެ. ކަލޭގެ ލޮލަކީ ކަލޭގެ ހަށިގަނޑުގެ ބައްތި. ކަލޭގެ ލޯ ރަނގަޅު ނަމަ ކަލޭގެ މުޅި މޫނު ވެސް އަލިވާނެ. ނަމަވެސް ކަލޭގެ ލޯ ނުބައި ނަމަ ކަލޭގެ މުޅި ހަށިގަނޑު ވެސް ވާނީ އަނދިރިކަމުގެ ތެރޭގަ. ވީމާ ވިސްނައިގެން އުޅޭ. ކަލޭމެންގެ ކިބައިގައި ވާ އަލިކަން އަނދިރި ކަމަށް ބަދަލުވިޔަ ނުދޭތި. އަނދިރި ކަން އެއީ އަލިކަން ކަމުގައި ހީނުކުރާތި. ކަލޭގެ ހިތާއި ދިރިއުޅުމުގެ އެއްވެސް ބައެއް އަނދިރި ކަމުގައި ނުވަނީ ނަމަ ކަލޭ ވާނީ އަލިކަމުގެ ތެރޭގަ. އޭރުން އަލިގަދަ ބައްތިއެއްގެ އަލި ކަލޭގެ މައްޗަށް އެޅިފައިވާ ފަދައިން ކަލޭ ވިދާނެ.“ އީސާގެފާނު ވާހަކަފުޅުދައްކަވާ ނިމިވަޑައިގަތުމުން އެތާނގައި ތިބި ފަރީސީނުގެ މީހަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ކެއުމަށް ދަޢުވަތު ދެއްވިއެވެ. ދެން އެކަލޭގެފާނު އޭނާއާއި އެކު ވަޑައިގެން އެގޭގެ ކާމޭޒު ދޮށުގައި އިށީނދެވަޑައިގެންނެވިއެވެ. އީސާގެފާނު ބަނީއިސްރާއީލުގެ ދީނުގައި ވާ ގޮތުން ކެއުމުގެ ކުރިން ކުރަން ޖެހޭ ވުލޫ ނުކޮށް ކާން އިށީން ތަން ފެނިފައި މި ފަރީސީނުގެ މީހާ ހައިރާންވިއެވެ. ދެން މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”ކަލޭމެން ފަރީސީން ސާފުކުރަނީ ފެން ބޯ ތައްޓާއި ކާތަށީގެ ބޭރު. ނަމަވެސް ކަލޭމެންގެ އެތެރެ ފުށް ވަނީ ދަހިވެތިކަމާއި ނުބައިކަމުން ފުރިފަ. އޭ ނުވިސްނޭ މީހުންނޭ. ތަށީގެ އެތެރެ ހެދީ ތަށީގެ ބޭރުވެސް ހެދިމީހާ. އިންސާނާގެ ހަށިގަނޑު ހެއްދެވި ފަދައިން އިންސާނާގެ ފުރާނަ ވެސް ހެއްދެވީ ހަމަ މާތްރަސްކަލާނގެ. ކަލޭމެން ދަހިވެތިކަމާއި އެކު ތިޔަ ރައްކާކޮށްފައިވާ ތަކެތި ފަޤީރުންނަށް ދީ. އޭރުން ކަލޭމެންގެ އެތެރެފުށާއި ބޭރުފުށްވެސް ސާފުވާނެ. ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން ގެ އާމްދަނީން ދިހަބައިކުޅަ އެއްބައި ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހޭދަކުރޭ. އަދި މުހިންމު ނޫން އެތައް ކުދި ކުދި ކަންތައްތަކެއް ކުރުމަށް ކަލޭމެން ވަރަށް ފަރުވާ ބަހައްޓާ. އެކަމަކު ކަލޭމެން މީސްތަކުންނާ ދޭތެރޭ އެއްވެސް އިންސާފެއް ނުބަހައްޓާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކަލޭމެން އެއްވެސް ލޯތްބެއް ނުވޭ. ކަލޭމެން ކުރަންވީކަމަކީ ފަހުން މިބުނިކަންތައް ފަރުވާތެރިކަމާއި އެކު ކޮށް ކުރިން ކުރަމުން ތިޔަ ގެންދިޔަ ކަންތައް ހުއްޓާނުލާ ކުރިއަށް ގެންދަންވީ. ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން އެންމެ ލޯބިކުރަނީ ދީނީ މަރުކަޒުގައި ހުންނަ އެންމެ މުހިންމު ގޮނޑިތަކަށާއި މަގުމަތީ މީހުންގެ ކިބައިން ލިބޭ އަދަބު އަދާ ކުރުމުގެ ސާލާމްތަކަށް. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. ކަލޭމެންނަކީ މާހާނައެއް ނުޖަހާ ހުންނަ ކަށްވަޅުތަކެކޭ އެއްގޮތް. މީހުން ނޭނގިގޮސް އޭގެ މަތީ ހިނގާ ހަދާ.“ އެތާ އިން ދީނުގެ ދަންނަބޭކަލަކު ބުންޏެވެ. ”އެދުރު ކަލޭގެފާނު. ކަލޭގެފާނު ތިޔަކަހަލަ އެއްޗެތި ވިދާޅުވީމާ އަޅުގަނޑުމެންނަށް ވެސް ބަދުނާމު ނަން ލިބޭ.“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ދީނުގެ ދަންނަބޭކަލުންނަށް ވެސް ހުރި ހިތާމައިގެ ބޮޑުކަމާއެ. އެއީ ކަލޭމެން މީހުންގެ ކޮނޑުގައި އެމީހުންނަށް ނޫފުލޭ ވަރުގެ ދީނީ ގަވާއިދުތަކުގެ ބޮޑެތި ބުރަތައް އަޅުވާ. އެކަމަކު ކަލޭމެން އެބުރަތައް ލުއިކޮށްދިނުމަށް އެއްވެސް އެހީއެއް ނުވޭ. ކަލޭމެންނަށް ހިތާމަ ހުރި. އެއީ ކަލޭމެން ރަސޫލުންނާއި ނަބީބޭކަލުންނަށްޓަކައި މަޤާމްފުޅުތައް ބިނާކުރޭ. އެކަމަކު އެރަސޫލުންނާއި ނަބީބޭކަލުން ގަތުލުކުރީ ހަމަ ކަލޭމެންގެ ކާބަފައިން. ކަލޭމެންގެ ކާބަފައިން އެކަން ކުރިގޮތާ ކަލޭމެން ވެސް އެއްބަސްވޭ. އެކަމަކު ކަލޭމެން އެރަސޫލުންނާއި ނަބީބޭކަލުންނަޓަކާ ބޮޑެތި މަހާނަތައް ތައްޔާރު ކުރޭ. އެހެންކަމުން ޙިކުމަތްތެރި އެއްކައުވަންތަ މާތްރަސްކަލާނގެ ވަޙީކުރެއްވި. ’ތިމަންކަލާނގެ ތިމަންކަލާނގެ މީހުން ގާތަށް ނަބީންނާއި މަންދޫބުން ފޮނުއްވާނަމޭ. މީސްތަކުން މީގެތެރެއިން އެއްބަޔަކު ގަތުލުކުރާނެއޭ. އަދި މީގެތެރެއިން އަނެއްބަޔަކަށް މީސްތަކުންގެ ކިބައިން ތަފާތު އަނިޔާތައް ލިބޭނެއޭ.‘ އެހެންވުމުގެ ސަބަބުން މި ދުނިޔެ އުފެއްދެވީއްސުރެ ގަތުލު ވެ ދިޔަ ހުރިހާ ނަބީބޭކަލުންނެއްގެ މަރުގެ ދިޔައިގެ ޒިންމާ މިޒަމާން އުފުލަން ޖެހޭނެ. އެއީ ހާބީލްގެ މަރުގެ ދިޔައިން ފެށިގެން ނަބީ ޒަކަރިއްޔާގެފާނުގެ މަރުގެ ދިޔަ އާއި ޖެހެންދެން. ނަބީ ޒަކަރިއްޔާގެފާނު އަވަހާރަކޮށްލެވުނީ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެވޭ ތަކެތި ޤުރުބާން ކުރާ ގަލާއި އެ ގަލުގެ ސަރަހައްދާއި ދެމެދުގަ. އަހަރެން މިބުނަނީ ހަމަތެދެއް. މި ޒަމާން މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ. ދީނުގެ ދަންނަބޭކަލުންނޭ. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން މާތްރަސްކަލާނގެ އަކީ ކޮބައިކަން ދެނެގަތުމުގެ އިލްމުގެ ތަޅުދަނޑި ނަގައިފި. ނަމަވެސް ކަލޭމެން އެތެރެއަށް ވަނުމަށް ބޭނުން ނުވާތާނގައި ވަންނަން ބޭނުންވީ މީހުންނަށް ވެސް އެފުރުސަތު ނުދިނީމު.“ އެދުވަހަށް ފަހު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ނަފުރަތާއި ރުޅިވެރިކަމާއި އެކު އީސާގެފާނާއި ދެކޮޅު ހަދަން ފެށިއެވެ. އަދި އެމީހުން ރާވައިގެން އެކަލޭގެފާނާއި އެކިކަހަލަ ސުވާލުތައް ކުރަން ފެށިއެވެ. އެއީ އެކަލޭގެފާނު މި ސުވާލުތަކަށް ދެއްވަފާނެ ޖަވާބުފުޅަކުން ވެސް އެކަލޭގެފާނު ކުށްވެރި ކުރެވޭނެ ގޮތެއް ފެނޭތޯއެވެ.