ލޫކާސް. 10. މިއަށް ފަހު މާތްސާހިބާ އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޚާއްސަ ބާރަ އަސްޙާބީން ފިޔަވާ އެހެން ހަތްދިހަދެ އަސްޙާބީއަކު ވެސް ކަނޑަ އެޅުއްވިއެވެ. ދެން މިމީހުން ބަޔަކަށް ދެމީހުން ވާގޮތަށް ބައްސަވާ އެމީހުން އެކަލޭގެފާނުގެ ކުރިން، އެކަލޭގެފާނު ވަޑައިގަންނަވަން ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ފޮނުއްވިއެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވުންތަކަށް އީމާންވުމަށް ތައްޔާރަށް ވާ އެތައް ބަޔަކުވެސް ވޭ. ވީމާ އެމީހުންގެ ގާތަށް އަހަރެންގެ ބަސްތަކާއިގެން ދާނެ މީހުންނަށް އެދި އެމީހުންގެ ހިތްތައް އީމާންވުމުގެ މަގަށް އެނބުރުއްވި މާތްރަސްކަލާނގެ ކިބަފުޅަށް ދަންނަވަން. އަހަރެން ކަލޭމެން މިފޮނުވާ މަގުން ދޭ. އަހަރެން ކަލޭމެން މިފޮނުވަނީ ވަލު ކުއްތާ ތަކެއްގެ ތެރެއަށް ދާ ޅަ ކަންބަޅި ބަކަރި ތަކެއްގެ ފަދައިން. ކަލޭމެން ދާއިރު ގިނަފައިސާ އާ ބޮޑެތި ދަބަސްތައް ނުގެންދާތި. އަރައިގެން ހުރި ފައިވާން ފިޔަވާ ފައިވާނެއްވެސް ނުގެންދާތި. އަދި ދާ މަގުމަތީގައި މީހުންނާއި ވާހަކަ ދެއްކުމަށް މަޑު ވެސް ނުކުރާތި. ކަލޭމެން ގެއަކަށް ވަންނައިރު އެގެއެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި. އެގޭގައި ސުލްޙަވެރި ކަމަށް ލޯބިކުރާ ބަޔަކު ވާނަމަ ކަލޭމެންގެ ފަރާތުން އެމީހުންނަށް ބަރަކާތް ލިބޭނެ. އެފަދަ މީހަކު އެގޭގައި ނެތްނަމަ ކަލޭމެންގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްވާނެ ބަރަކާތް އެމީހުންނަކަށް ނުލިބޭނެ. އެގޭގެ މީހުން ކަލޭމެންނަށް ދިން އެއްޗެއް ކައިގެން ބޮއިގެން އެގޭގައި ކަލޭމެން ތިބޭތި. އެއީ މަސައްކަތްތެރިންނަށް އެމީހުންގެ މަސައްކަތުގެ އަގު ލިބުން ޙައްޤުވޭ. އެއް ގެއިން އަނެއް ގެއަށް ބަދަލުވެ ނަހަދާތި. ކަލޭމެން ރަށަކަށް ދިއުމުން އެރަށެއްގެ ބަޔަކު ކަލޭމެންނަށް ހިތްހެޔޮ ކަމާއި އެކު ކަންތައްކޮށް ކަލޭމެންނަށް ކަނޭ އެއްޗެއް ދީފިނަމަ އެމީހުން ދިން އެއްޗެއް ކާތި. އެތާނގައި ބަލިމީހުން ތިބިއްޔާ އެމީހުންގެ ބަލިތައް ހެޔޮކޮށްދީ. އަދި އެމީހުން ކައިރީ ބުނޭ: ’މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނާއި ވަރަށްވެސް ކައިރީގައޭ.‘ އެކަމަކު ކަލޭމެން ދާ ރަށަކުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފި ނަމަ ފާޅުގައި އެންމެންނަށް އެންގުމުގެ ގޮތުން އެމީހުންނަށް ބުނޭ. ’ކަލޭމެންގެ ރަށުން އަހަރެމެންގެ ފައިގައި ހޭކުނު ހިރަފުސް ވެސް ކަލޭމެންނަށް ކުރާ އިންޒާރެއްގެ ގޮތުން އަހަރެމެން ފޮހެލަމޭ. ނަމަވެސް މިކަމަށް ހެކިވޭ. ހަމަކަށަވަރުން މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ވަރަށްވެސް ކައިރީގައޭ.‘ އަހަރެން ބުނަން ތަ؟ ޤިޔާމަތް ދުވަހުން މިރަށުގެ މީހުންނަށް ޖެހޭނެ އާފާތަކީ އެދުވަހު ސަދޫމުގެ މީހުންނަށް ޖެހޭނެ އާފާތަށް ވުރެ ވެސް މާބޮޑު އާފާތަކަށް ވާނެކަން ކަށަވަރު.“ ”ކޮރާޒިންގެ މީހުންނޭ ތިޔަ ރަށަށް ހިތާމަ ހުރި! ބެތުސައިދާގެ މީހުންނޭ ތިޔަ ރަށަށް ވެސް ހިތާމަ ހުރި! ތިޔަ ދެރަށުގައި ދެއްކުނު ފަދަ މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގައި ދެއްކުނު ނަމަ އެ ދެރަށުގެ މީހުން ވެސް މޭގައި ތަޅާ ރޮއި ބިންމައްޗަށް ވެއްޓި ތައުބާވާނެ ކަން ޔަޤީން. ޞޫރު އާއި ޞައިދޫންގެ މީހުންނަކީ ނުބައިވެގެންވީ މީހުން. ނަމަވެސް އެމީހުންނަށް ޤިޔާމަތް ދުވަހުން ހުރި ޢަޒާބު ވެސް ކަލޭމެންނަށް އެދުވަހުން ހުރި ޢަޒާބާއި އަޅާބަލާއިރު އެއްވެސް އެއްޗަކަށް ނުވާނެ. އޭ ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް އެދުވަހުން ސުވަރުގޭގައި ޚާއްސަކަން ދެވޭނެ ކަމުގައި ހީކުރަނީ ތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުނަށް.“ ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“ މި ދިޔަ ހަތްދިހަ ދެ އަސްޙާބީން އެނބުރި އައީ ވަރަށް އުފާވެރި ކަންމަތީގައެވެ. އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑުމެން ކަލޭގެފާނުގެ ނަންފުޅުގަތުމުން ޖިންނީން ވެސް އަޅުގަނޑުމެންނަށް ބޯލަނބާ.“ އީސާގެފާނު ވިދާޅުވިއެވެ. ”ވިދުވަރަކުން އެޅި ހޮނެއް ފަދައިން އިބިލީސް އުޑުން ބިމަށް ވެއްޓެނިކޮށް އަހަރެން ދުށިން. ހަރުފަ އާއި ނަގުލަންދާށީގެ މައްޗަށް ފައިން އަރާ ޗިސްޗިސް ކޮށްލުމަށާ ޝައިތާނާގެ ހުރިހާ ބާރެއް ނެތިކޮށްލުމަށް އަހަރެން ކަލޭމެންނަށް ބާރު ދީފިން. އެއްވެސް އެއްޗަކަށް ކަލޭމެންނަކަށް އަނިޔާއެއް ނުދެވޭނެ. އެހެންނަމަވެސް ކަލޭމެން އުފާކުރަންވީކީ ޖިންނީން ކަލޭމެންނަށް ބޯލަނބާތީކީ ނޫން. އުފާކުރަންވީ ކަލޭމެންގެ ނަން ސުވަރުގޭގައި ލިޔެވިގެން ވާތީ.“ އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ބައްޕާފުޅަށް ހަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަހަންނަށް އެނގޭ.“ ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕަ ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕައަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“ ދެން އެކަލޭގެފާނު އަސްޙާބީންނާއި މުޚާޠަބުކޮށް ވިދާޅުވިއެވެ. ”ކަލޭމެންނަށް ތިޔަފެންނަ ކަންތައްތައް ތިޔަފެންނަނީ ކަލޭމެންނަށް ރަޙުމަތް ލެއްވިގެން ވާތީ. އަހަރެން ބުނަން. ކަލޭމެންނަށް ތިޔަ ފެންނަ ކަންތައް ދެކުމަށާ ތިޔަ އިވޭ ވާހަކަތަކުގެ އަޑުއެހުމަށް އިހުޒަމާނުގެ އެތައް ނަބީންނަކާއި އެތައް ރަސް ރަސް ކަލުންނެއް އެދުނު. ނަމަވެސް އެމީހުންނަކަށް އެކަންތަކެއް ނުފެނުނު.“ އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެކަމާ ބެހޭ ގޮތުން ތައުރާތުގައި ލިޔެވިގެން ވަނީ ކީކޭ؟ އަދި އެފޮތްތަކުގައި ލިޔެވިގެންވާ ތަކެތިން ކަލެއަށް ވިސްނުނީ ކޮން އެއްޗެއް؟“ މިމީހާ ޖަވާބުގައި ބުންޏެވެ. ”އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’އެއްކައުވަންތަ ތިޔަބައިމީހުންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ކަލޭގެ މުޅި ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބި ވާށޭ.‘“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ޖަވާބު ތިޔަ ދިނީ ވަރަށް ރަނގަޅަށް. ތިޔަ ބުނި މަގުން ކަންތައް ކުރޭ. އެއިރުން ކަލެއަށް ނިމުންނުވާ ޙަޔާތް ލިބޭނެ.“ ނަމަވެސް މި ދީނުގެ ދަންނަބޭކަލާ މި ވަރަކުން ހުއްޓައެއް ނުލިއެވެ. އޭނާ މީސްތަކުންގެ ކުރިމަތީގައި އޭނާގެ މޮޅުކަން ދައްކާންވެގެން އެކަލޭގެފާނު ކުރެން އަނެއްކާ އެހެން ސުވާލެއް ކުރިއެވެ. ”ނަމަވެސް އަޅުގަނޑުގެ އަވަށްޓެރީންނޭ މިބުނެވޭ ބަހުގެ މާނައަކީ ކޮބައި ތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއްދުވަހަކު މީހަކު ޖެރޫސަލަމުން ޖެރިކޯ ރަށަށް ދިއުމަށްޓަކައި ދަތުރު ފެށި. ދަތުރު ކުރަމުން ދިޔަ މަގުމަތީ މަގު ފޭރޭ ވަގުންގެ ބަޔަކު އޭނާއާއި ހަމަލާ ދީ އޭނާގެ ގައިގާ ތަޅާ އަނިޔާ ކޮށް އޭނާގެ ހުރިހާ މުދަލާއި އަންނައުނުތައް ފޭރިގަނެ އޭނާ އެތާ މަރުވަން ދޫ ކޮށްލާފައި ފިލައިފި. އެމަގުން ދަތުރުކޮށް ދިޔަ އިމާމަކަށް މިމީހާ ފެނުނު. ނަމަވެސް މީނާ އަޅާ ވެސް ނުލާ މަގުގެ އަނެއް ފަރާތުން ލާފައި އޭނާގެ މަގުން ކުރިއަށް ދިޔަ. ދެން މިއަށް ފަހު އެމަގުން ދަތުރުކޮށް ދިޔަ ބައިތުލް މަޤްދިސްގައި ޚިދުމަތް ކުރާ ލާވީގެ ދަރިކޮޅުގެ މީހަކަށް ވެސް މިމީހާ އެމަގުމަތީ އޮއްވާ ފެނުނު. މީނާއަށް އެމީހާ ފެނުމުން ވެސް އަޅާނުލާ މަގުގެ އަނެއް ފަރާތުން ހިނގާފައި ދިޔަ. އެއަށް ފަހު އެމަގުން ދަތުރުކޮށް ދިޔަ ތިންވަނަ މީހަކު އައި. އޭނާއަކީ ސަމީރިއްޔާ ރަށުގެ މީހެއް. މީނާއަށް މިޒަޚަމު ވެފައިވާ މީހާ ފެނުމުން އޭނާގެ މައްޗަށް ރަޙުމްކޮށް ހަމްދަރުދީވި. އަދި އޭނާގެ ޒަޚަމްތައް ސާފުކޮށް ބޭސް އަޅާދިން. ދެން އޭނާ ދަތުރު ކުރަމުން ދިޔަ ހިމާރުގެ މައްޗަށް ޒަޚަމް ވެފައި ވީ މީހާ އަރުވައިގެން އެ ދަތުރުކުރަމުން ދިޔަ މަގުމަތީގައި ވާ މެހުމާނު ގެއަކަށް އޭނާ ގެންދިޔަ. އަދި އެތާނގައި އޭނާ ޒަޚަމް ވެފައި ވީ މީހާއަށް ފަރުވާ ދެމުން ގެންދިޔަ. އަނެއް ދުވަހު އެގޭގެ ވެރި މީހާ އަތަށް ފައިސާ ދިނުމަށް ފަހު އޭނާ ބުނި. ’މީނާ ބަލަހައްޓާ ދީއޭ. އަދި މިއަށް ވުރެ ގިނަ ފައިސާ ޚަރަދުވީ ނަމަ އަހަރެން އެނބުރިދާ މަގު މަތީގައި ކަލެއަށް އެފައިސާ އަނބުރާ ދޭނަމޭ.‘“ ދެން އީސާގެފާނު ދީނުގެ ދަންނަބޭކަލަށް ވިދާޅުވިއެވެ. ”ވަގުންގެ އަތް ދަށުވެ އަނިޔާ ލިބުމުގެ ސަބަބުން ހާނީއްކަ ވެފައިވާ މީހާގެ މައްޗަށް މިތިން މީހުންގެ ތެރެއިން އަވަށްޓެރިޔަކު ފަދައިން ކަންކުރީ ކާކު؟“ މިމީހާ ޖަވާބުގައި ބުންޏެވެ. ”އޭނާގެ މައްޗަށް ހެޔޮކޮށް ހިތި މީހާ.“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ ވެސް އޭނާ އެކަންކުރި ފަދައިން ކަންކުރޭ.“ އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ދަތުރުކޮށް ވަޑައިގެންނެވި މަގުމަތީގައި ދިމާވި ރަށެއްގައި މަރުތާ އޭ ނަމަކަށް ކިޔާ އަންހެނަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ދަޢުވަތު ދިނެވެ. މި މަރުތާގެ މަރިޔަމް އޭ ކިޔާ ކޮއްކޮ އަކު ވިއެވެ. އޭނާ މާތްސާހިބާގެ ކައިރީ އިށީނދެ އެކަލޭގެފާނުގެ ބަސްފުޅުތައް ކަނުލާ އަޑުއަހަން އިނެވެ. ނަމަވެސް މަރުތާ ކަންތައްތައް ތައްޔާރު ކުރުމަށް އަވަދި ނެތި މަސައްކަތުގައި އުޅެއެވެ. އޭނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު ހުރިހާ މަސައްކަތެއް ކުރަން އެކަނި ދޫކޮށްލާފައި އައިސް މިތާ އިންއިރު ކަލޭގެފާނު އެކަމަކާއި އަޅައެއް ނުލައްވަން ތޯ؟ އޭނާ ކައިރީ ވިދާޅުވޭ އަޅުގަނޑަށް އެހީވާން ދާށޭ.“ މާތްސާހިބާ ވިދާޅުވިއެވެ. ”މަރުތާ! މަގޭ ރަންކޮޅާ! ކަލޭ ތިޔަވަނީ އެތައް ކަމަކާއި މެދު ހާސްވެ ކަންބޮޑުވެފަ. އެކަމަކު މުހިންމީ ހަމައެކަނި އެންމެކަމެއް. މަރިޔަމް އެކަން ކުރަން ނިންމީ ރަނގަޅަށް. އޭނާ އެގޮތަށް ކަން ކުރުން މަނައެއް ނުކުރެވޭނެ.“