ލޫކާސް. 8. މިއަށް ފަހު އީސާގެފާނު ދަތުރު ކުރައްވާ ކައިރި ހިސާބުތަކުގެ ރަށްތަކަށާއި އަވަށްތަކަށް ވަޑައިގެންނެވިއެވެ. އަދި އެރަށްތަކާއި އަވަށްތަކުގެ މީސްތަކުންނަށް އެބައެއްގެ މައްޗަށް ވެރިކަން ކުރައްވާ ފަރާތަކީ މާތްރަސްކަލާނގެ ރަސްކަންފުޅުކަން ގަބޫލުކޮށް އީމާންވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅު ދެއްވިއެވެ. އެތާނގައި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. އަދި އޭގެ އިތުރުން އީސާގެފާނު ބަލިތަކުން ހެޔޮ ކޮށްދީ ޖިންނީންގެ ފަރާތުން ސަލާމަތް ކޮށްދިން ބައެއް އަންހެނުންވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. މިއަންހެނުންގެ ތެރެއިން އެކަކީ މަގްދަލޭނާގެ މީހެއްކަމުގައި ވީ މަރިޔަމް އެވެ. އީސާގެފާނު ވަނީ މި މަރިޔަމް ހަތް ޖިންނީންގެ ފަރާތުން މިންޖު ކޮށްދެއްވާފައެވެ. އެކަލޭގެފާނާއި އެކު އެދަތުރުގައި ވަޑައިގެންނެވި އަނެއް އަންހެނަކީ ހެރޮދު ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ ކަންތައް ބަލަހައްޓާ މީހާ ކަމުގައި ވީ ޗުޒާގެ އަންހެނުން ޔޮއަންނާއެވެ. އަދި ސުޒަންނާ އޭ ކިޔުނު އަންހެނަކާ އެހެންވެސް އިތުރު މީހުން އެކަލޭގެފާނާއި އެކު ވިއެވެ. މިއަންހެނުން އެމީހުންގެ އަމިއްލަ އެއްޗިއްސާ ފައިސާއިން އީސާގެފާނަށާއި އެދަތުރުގައި ހިމެނުނު މީހުންނަށް އެހީވެދިނެވެ. އެއްދުވަހަކު ގިނަ އަދަދެއްގެ މީސްތަކުން އެކި ރަށްރަށުން އީސާގެފާނުގެ އަރިހަށް އައެވެ. އީސާގެފާނު އެބައިމީހުންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް ހާމަ ކޮށް ދެއްވުމަށްޓަކައި މި މާނަފުން ވާހަކަ ކިޔާދެއްވިއެވެ. ”އެއްދުވަހަކު ދަނޑުވެރިއަކު އޭނާގެ ދަނޑުގައި ގޮވާން ކުރުމަށް އޮށް އިންދުމަށްޓަކައި ދިޔަ. އޭނާ އެ އޮށްތައް އުކަމުން ދިޔައިރު ބައެއް އޮށް މީހުން ހިނގާ މަގު މައްޗަށް އޮހުނު. އެއޮށްތައް ހިނގާ މީހުންގެ ފައިން އެރި ހަލާކުވެ އަދި ދޫނިތައް ކެއުމުގެ ސަބަބުން ނެތި ހިނގައްޖެ. އަނެއްބައި އޮށް ހިލަބިމެއްގެ މައްޗަށް އޮހުނު. މިއޮށްތަކުން ގަސް ފެޅި ނަމަވެސް ބިމުގެ ހަނަފަސްކަމުން ގަސްތައް ހިކި މަރު ވި. އަނެއް ބައި އޮށް ކަށިގަސްތަކެއްގެ ތެރެއަށް އޮހުނު. މިއޮށްތަކުން ވެސް ގަސް ފެޅި ނަމަވެސް އެގަސްތަކާއި އެކު ހެދުނު ކަށިގަސްތައް މިގަސްތަކަށް ވުރެ ގަދައަށް ހެދުމުގެ ސަބަބުން މިއޮށްތަކުން ފެޅި ގަސްތައް ހެދުމަކަށް ތަނެއް ނުދިން. އަދި އޭގެތެރެއިން ބައެއް އޮށް ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު. އަދި މިއޮށްތަކުން ފެޅި ގަސްތަކުން ސަތޭކަ ގުނައަށް އިތުރު ރަނގަޅު އޮށް ލިބުނު.“ އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”ފަހެ ތިޔަބައިމީހުންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މި ވާހަކަ އަޑުއަހާ ވިސްނާ.“ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ކުރެން ސުވާލު ކުރިއެވެ. ”ތިޔަ ވިދާޅުވެދެއްވި ވާހަކައިގެ މާނައަކީ ކޮބާ ތޯ؟“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ތިޔަބައިމީހުންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.‘ އަހަރެން ދެންމެ މިކިޔާދިން ވާހަކައިގެ މާނަ މިބުނެދެނީ. މިއޮށްތަކަކީ މާތްރަސްކަލާނގެ އެންގެވި އެކަލާނގެ ބަސްފުޅުތައް. ހިނގާ މަގު މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވުނު ނަމަވެސް އިބިލީސް އެމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅުތައް އަތުލުމުން އެމީހުން އެބަސްފުޅުތައް ގަބޫލު ނުކުރުމުގެ ސަބަބުން ދިންނެވުން ނުލިބޭ މީހުންގެ މިސާލު. ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު. ކަށިގަސްތަކުގެ ތެރެއަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވި ނަމަވެސް އެބައިމީހުންގެ އަމިއްލަ ކަންތައްތަކާއި މުދަލާއި ފައިސާއާއި އަދި ދުނިޔެވީ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ ހިތުގައި މާތްރަސްކަލާނގެ ބަސްފުޅުތަކަށް ތަނެއް ނުދޭ ރޫޙާނީ ގޮތުން ފުރިހަމަޔަށް ބޮޑު ނުވާ މީހުންގެ މިސާލު. ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.“ އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިފަދައިން ވެސް ވިދާޅުވިއެވެ. ”އެކަކުވެސް އެނދު ތަންދޮށަށް ލާ ފޮރުވުމަށް ނުވަތަ ބޯތައްޓެގެ ދަށަށް ލާ ފޮރުވުމަށްޓަކައި ބައްތިއެއް ނުދިއްލާނެ. އޭގެ ބަދަލުގައި މީހަކު ބައްތިއެއް ދިއްލައިފިނަމަ އެ ގެންގޮސް ގޭގެ ކުރިމަތީގައިވާ ބައްތި އަޅުވާ ނަރުގަނޑުގައި އަޅުވާނެ. އޭރުން އެގެއަށް އަންނަ ބަޔަކަށް އޭގެ އަލިކަން ލިބޭނެ. ސިއްރުން ކުރެވިފައިވާ ހުރިހާ ކަމެއް ފާޅުވާނެ. އަދި ފޮރުވުމަށް މަސައްކަތް ކުރެވިފައިވާ ހުރިހާ ކަމެއް ހާމަވެ ފެންނާނެ. އެހެންވީމާ އަހަރެން ބުނަން. ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އުޅޭ ގޮތާ މެދު ފަރުވާތެރިކަމާއި އެކު ވިސްނާ. ދެއްވިފައިވާ މީހުންނަށް އިތުރަށް ވެސް ދެއްވާނެ. އަދި މަދުން ލިބިފައިވާ މީހުން އަތުން އެމީހުން އަތުގައި ވީ ކަމަށް އެމީހުން ހީކުރި އެއްޗެތިވެސް އަތުލެވޭނެ.“ އެވަގުތު އީސާގެފާނުގެ މަންމާފުޅާއި ކޮއްކޯފުޅުން އެކަލޭގެފާނާއި ބައްދަލުކުރެއްވުމަށް އެތަނަށް ވަޑައިގެންނެވިއެވެ. އެތަނަށް އެއްވެފައިވާ މީސްތަކުންގެ ސަބަބުން އެމީހުންނަކަށް އީސާގެފާނުގެ އަރިހަށް ދެވޭ ގޮތެއް ނުވިއެވެ. އެތަނަށް އެއްވެފައިވާ މީސްތަކުންގެ ތެރެއިން ވަރަށް ފަހަތުގައި ވީ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ މަންމާފުޅާއި ހުރިހާ ކޮއްކޯފުޅުން ކަލޭގެފާނާއި ބައްދަލު ކުރުމަށްޓަކައި ވަޑައިގެން އެބަ ތިއްބެވި.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް އަމަލު ކުރާ އެންމެންނަކީ އަހަރެންގެ މަންމައާއި ކޮއްކޮއިން.“ އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ.“ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ފުރާވަޑައިގަތެވެ. ދަތުރު ކުރަމުން ދަނިކޮށް އީސާގެފާނަށް ނިދި ކުރެއްވިއްޖެއެވެ. ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވިއެވެ. ދޯނި ދިޔަބޮޑުވެ ގެނބެން ކައިރިވިއެވެ. މިހާދީސާގެ ސަބަބުން އެބައިމީހުން ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުންދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ. އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”ފަހެ ތިޔަބައިމީހުންގެ އީމާންކަން ކޮބާ؟“ އަސްޙާބީން މި ވެދިޔަ ކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ބިރުގަތެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ކޮންފަދަ އިންސާނެއް ބާ؟ އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!“ އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީ ކަނޑު ހުރަސްކުރައްވާ ދަތުރުކުރައްވާ ވަޑައިގެން ގެރާސާގެ ސަރަހައްދަށް ވަޑައިގަތެވެ. މިރަށަކީ ގަލީލީ ސަރަހައްދުގެ އަނެއްފަރާތުގައި ވާ ރަށެކެވެ. އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ. މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީހުން އޭނާ ހިފަހައްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ. އޭނާގެ އަތާއި ފައިގައި ހިލިހިލާވެސް ޖެހިއެވެ. ނަމަވެސް އެޖިންނީންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ. ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ. އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ. ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ. ”އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު! ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ އަހަރެން އާދޭސްކޮށްފަބުނަން. އަހަންނަށް އަނިޔާ އެއް ނުދޭތި.“ ދެން އީސާގެފާނު އޭނާ ކުރެން ސުވާލު ކުރިއެވެ. ”ކަލޭގެ ނަމަކީ ކޮބާ؟“ ”އަހަރެންގެ ނަމަކީ ލަޝްކަރު.“ އެޖިންނިތައް މިފަދައިން ޖަވާބުދިނީ އެއީ އެޖިންނިތަކަކީ އެތައް ބައިވަރު ޖިންނިތަކަކަށް ވީތީއެވެ. އަދި މިޖިންނިތައް އެތައް ފަހަރެއްގެ މަތިން އީސާގެފާނަށް އާދޭސްކޮށް އަޑިއެއް ނެތް ކަޅުއަނދިރި ވަޅަށް ފޮނުވާނުލެއްވުމަށް އެކަލޭގެފާނުގެ ކިބަފުޅުން އެދުނެވެ. ފަރުބަދަމަތީ ހިސާބުގައި ހުއިހެއްޕުމަށް ގެނެވިފައި ވީ އޫރުތަކުގެ ބޮޑުބައިގަނޑެއް އެތާގެ ކައިރީގައި ވިއެވެ. މިޖިންނިތައް އީސާގެފާނަށް އާދޭސްކުރިއެވެ. ”އަހަރެމެން މިއޫރުގެ ބައިގަނޑުގެ ތެރެއަށް ފޮނުވާލަދީ. އަހަރެމެން އެ އެއްޗެތީގެ ތެރެއަށް ވަނުމުގެ ހުއްދަ ދެއްވާ.“ އީސާގެފާނު އޭޗިއްސަށް ހުއްދަ ދެއްވުމުން މި ޖިންނިތައް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ގޮސް މިއޫރުތަކުގެ ތެރެއަށް ވަދެއްޖެއެވެ. ހަމަވަގުތުން މިއޫރުގެ ބައިގަނޑު އުސްބިމުގެ މަތިން ތިރިއަށް ދުވެފައި ގޮސް ކޯރުގެ ތެރެއަށް ވެއްޓި ގެނބި މަރުވެއްޖެއެވެ. މިއޫރުތައް ބަލަހައްޓަން ތިބި މީހުން މިތަންދެކެ އަވަސްއަވަހަށް ރަށުތެރެއަށް ގޮސް މިޚަބަރު ދިނުމުން މީހުންގަނޑު މި ވާ ގޮތެއް ބަލަން އެތަނަށް އައެވެ. އެމީހުން އީސާގެފާނުގެ އަރިހަށް އައިއިރު އެތައް ބައިވަރު ޖިންނިއެއްގެ ސަބަބުން ޖިންނި މޮޔަވެފައި ވީ މީހާ ގައިގައި އަންނައުނު ލައިގެން ބުއްދި ހަމަކަންމަތީ އެތާ އިންތަން ދެކެ މިބައިމީހުން ބިރުގަތެވެ. މިކަންތައްތައް ލޮލުން ދުށް މީހުން ޖިންނި މޮޔަވެފައި ވީ މީހާއާ ދޭތެރޭ ކަންތައް ވީގޮތް އެބައިމީހުންނަށް ބުނެދިނެވެ. ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ. އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ. ”ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ.“ ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ. އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ. އީސާގެފާނު އެނބުރި ގަލީލީއަށް ވަޑައިގެންނެވިއިރު މީސްތަކުންގެ ބޮޑުބައިގަނޑެއް އެކަލޭގެފާނާއި ބައްދަލުވުމަށް އެތަނަށް އައިސް ތިއްބެވެ. މިބައިމީހުން އެކަލޭގެފާނަށް މަރުޙަބާ ކިޔެވެ. ދެން އެމީހުންގެ ތެރެއިން ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިޔަކު އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އޭނާޔާއިއެކު އޭނާގެ ގެއަށް ވަޑައިގަތުމަށް އެދި އާދޭސް ދެންނެވިއެވެ. އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭރު ވަނީ މަރަށް ހާޒިރުވެފައެވެ. އެކުއްޖާއަކީ އުމުރުން ގާތްގަނޑަކަށް ބާރަ އަހަރުގެ ކުއްޖެކެވެ. އީސާގެފާނު މިމީހާއާއިއެކު ވަޑައިގަންނަވަނިކޮށް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން ފިތި ބާރުވީ ވަރުން އެކަލޭގެފާނަށް ހިނގައި ވަޑައިގަތުމަށް ވެސް ދަތިފުޅުވެ ވަޑައިގެންނެވިއެވެ. އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމެއްނެތި ލޭ ފައިބާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. އެއްވެސް މީހަކަށް އޭނާގެ ބަލި ފަސޭހަ ކުރެވޭނޭ ގޮތެއް ވަނީ ނުވެފައެވެ. އޭނާ އީސާގެފާނުގެ ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ސާލު ކޮޅުގައި އަތް ޖައްސާލިއެވެ. ހަމައެވަގުތު އޭނާގެ ލޭ ފޭބުން ހުއްޓިއްޖެއެވެ. އެވަގުތު އީސާގެފާނު ވިދާޅުވިއެވެ. ”މަގޭ ގައިގައި އަތް ލީ ކާކު؟“ އެތާނގައި ތިބި އެންމެންމެ އެކަލޭގެފާނުގެ ގައިކޮޅުގައި ނާތްލަން ކަމަށް ބުނުމުން ޕަތަރަސް ދެންނެވިއެވެ. ”ސާހިބާ. މިއެންމެން ވެސް ކަލޭގެފާނުގެ ގައިގައި ބީހިލެވޭތޯ އާ ކަލޭގެފާނާއި ކައިރި ވެވޭ ތޯ އެބަ މަސައްކަތް ކުރޭ.“ އީސާގެފާނު ވިދާޅުވިއެވެ. ”ކޮންމެވެސް މީހަކު އަހަރެންގެ ގައިގައި އަތްލައިފި. އެއީ އަހަރެންގެ ހަށިގަނޑުން ބާރު ބޭރުވެގެން ދިޔަ ކަން އަހަރެންނަށް އިހުސާސް ވެއްޖެ.“ މިއަންހެންމީހާއަށް މިތަން ފެނުމުން ނޭނގި ނުދެވޭނެކަން އެނގުމުން ބިރުން ތުރުތުރު އަޅަމުން އައިސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ. އަދި އެންމެންގެ ކުރިމަތީގައި އޭނާ އީސާގެފާނުގެ ގައިކޮޅުގައި އަތްލީ ކީއްވެގެން ކަމާއި އަދި ހަމަ ވަގުތުން އޭނާގެ ބަލި ފަސޭހަވީ ގޮތުގެ ވާހަކަ ކިޔަދިނެވެ. އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ދައްތާ! ދައްތަގެ އީމާންކަމުގެ ސަބަބުން ދައްތައަށް ތިޔަވަނީ ރަނގަޅުވެފަ. ހިތް ހަމަޖެހި އުފާކުރޭ.“ އީސާގެފާނު ވިދާޅުވަމުން ދިޔަ ބަސްފުޅު ނުވެސް ނިމި އުޅެނިކޮށް ދީނީ މަރުކަޒުގެ ވެރިޔާ ޖައިރުސްގެ ގެއިން މީހަކު އައެވެ. އެމީހާ ބުންޏެވެ. ”އެދުރުކަލޭގެފާނަށް ދެން އިތުރު އުނދަގޫ ކުރުމުގެ ބޭނުމެއް ނެތް. ޖައިރުސް، ތިޔަބޭފުޅާގެ ދަރިފުޅު އަވަހާރަވެއްޖެ.“ މިއަޑު އިވިވަޑައިގެން އީސާގެފާނު ޖައިރުސްއަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ. ހަމައެކަނި އީމާންކަން ބަހައްޓާ. ކަލޭގެ ދަރިފުޅު ރަނގަޅުވާނެ.“ އީސާގެފާނު ޖައިރުސްގެ ގެއަށް ވަޑައިގަތް އެކުއްޖާ އޮތް ކޮޓަރި ތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. އަދި ޕަތަރަސް އާއި ޔޫޙަންނާ އާއި ޔާމިޒު އާއި އެކުއްޖާގެ މައިންބަފައިން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނަށް ނުވަނުމަށް އެންގެވިއެވެ. އޭރު ބޭރުގައި އެންމެން އެކުއްޖާގެ މަރުގެ ސަބަބުން އަޑުންއަޑު ނަގާ ރޮއި ހިތާމަކޮށް ހަދަން ތިއްބެވެ. އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ރޮއި ހިތާމަކުރާނެ ކަމެއް ނެތް. މިކުއްޖާ މި ވަނީ މަރުވެފަ ނޫން. އޭނާ އެވަނީ ނިދާފަ.“ މިމީހުން އީސާގެފާނަށް މަލާމާތް ކޮށް ހީ ހެދިއެވެ. އެއީ އެމީހުންނަށް އެކުއްޖާ ވަނީ މަރުވެފައިކަން ޔަޤީން ވާތީއެވެ. އީސާގެފާނު އެތެރެއަށް ވަދެވަޑައިގެން އެކުއްޖާގެ އަތުގައި ހިފާލައްވާ ވިދާޅުވިއެވެ. ”ކޮއްކޯ. ތެދުވޭ.“ އެވަގުތު އެކުއްޖާގެ ފުރާނަ އެނބުރި އައެވެ. އަދި ހަމަވަގުތުން އޭނާ ކޮޅަށް ތެދުވިއެވެ. ދެން އީސާގެފާނު އެކުއްޖާއަށް ކާއެއްޗެއް ދިނުމަށް ވިދާޅުވިއެވެ. މިތަންދެކެ އެކުއްޖާގެ މައިންބަފައިން ހައިރާންވެ އަޖައިބުވިއެވެ. ނަމަވެސް މިކަންތަކުގެ ވާހަކަ އެއްވެސް މީހަކު ކައިރީ ނުބުނުމަށް އީސާގެފާނު އެމީހުންނަށް އަމުރުކުރެއްވިއެވެ.