ލޫކާސް. 7. އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިބަސްފުޅުތައް ވިދާޅުވެދެއްވުމަށް ފަހު އެތަނުން އެނބުރި ކަޕަރުނައުމް އަށް ވަޑައިގެންނެވިއެވެ. އެރަށުގަވީ ރޯމުގެ ސިފައިންގެ މަތީ މީހެއްގެ ނޯކަރުންގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު އިތުބާރު ކުރެވޭ ނޯކަރަކު ވަރަށް ބޮޑަށް ބަލިވެ މަރަށް ހާޒިރު ވެފައި ވިއެވެ. މި ސިފައިންގެ މީހާއަށް އީސާގެފާނާ ބެހޭގޮތުން ޚަބަރުލިބުމުން އޭނާ އެހިސާބުގެ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ޚާއްސަ ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވާ އޭނާގެ ގެއަށް ވަޑައިގެން އެނޯކަރުގެ ބަލި ފަސޭހަ ކޮށްދެއްވުމަށް އެދުނެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އާދޭހާ އެކު މިމީހާއަށް މިކަން ކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އެމީހުން ބުންޏެވެ. ”މިމީހާއަށް ކަލޭގެފާނުގެ ފަރާތްޕުޅުން އެހީތެރިކަން ލިބުން ޙައްޤު ވޭ. މިމީހާއަކީ އަހަރެމެންނާއި އަހަރެމެންގެ ޤައުމު ދެކެ ލޯބިވާ މީހެއް. އޭނާ އަހަރެމެންނަށް ދީނީ މަރުކަޒެއް ވެސް ވަނީ ބިނާކޮށްދީފަ.“ އީސާގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެ ވަޑައިގެންފައި ވަނިކޮށް މި ރޯމުގެ ސިފައިންގެ މީހާ އޭނާގެ އެކުވެރިންގެ ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް މިފަދައިން ދެންނެވުމަށް ފޮނުއްވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު އަޅުގަނޑަށްޓަކައި ތިޔަވަރުގެ ބުރައެއް އުފުއްލަވަން ނޫޅުއްވާ. އަޅުގަނޑަކީ ތިޔަވަރުގެ ޝަރަފެއް ޙައްޤުވާ ވަރުގެ ރަނގަޅު މީހަކީމެއް ނޫން. އަދި އަޅުގަނޑަކީ އަޅުގަނޑުގެ ގެއަށް ކަލޭގެފާނު ވަޑައިގަތުމުގެ ޤަދަރު ލިބުން އެކަށީގެންވާ މީހެއްވެސް ނޫން. އަދި އަޅުގަނޑަކީ ކަލޭގެފާނުގެ އަރިހަށް އައުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. ކަލޭގެފާނު ހަމައެކަނި އަމުރުފުޅު ކުރައްވާ ބަސްފުޅު ވިދާޅުވަނިކޮށް އަޅުގަނޑުގެ ނޯކަރު ރަނގަޅު ވާނެ ކަން އަޅުގަނޑަށް އެނގޭ. އެއީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ވާ މީހަކީން. ހަމައެފަދައިން އަޅުގަނޑުގެ ދަށުގައި ވާ މީހުންނަށް އަޅުގަނޑު ވެސް ދާން އެންގުމުން އެމީހުން ދޭ. އަދި އަންނަން އެންގުމުން އެމީހުން އާދޭ. އަޅުގަނޑުގެ ނޯކަރުންނަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުން އެމީހުން އެކަމެއް ކުރޭ.“ އީސާގެފާނަށް އިވިވަޑައިގެން ރޯމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން.“ ރޯމުގެ ސިފައިންގެ މީހާ ފޮނުވި މީހުން އެނބުރި އޭނާގެ ގެއަށް ދިޔައިރު އެސިފައިންގެ މީހާގެ ނޯކަރުވަނީ އޭނާއަށް ޖެހިފައި ވީ ބޮޑު ބަލިން ގަދަވެ މުޅިން ފަސޭހަވެ ރަނގަޅުވެފައެވެ. އެއަށް ފަހު އީސާގެފާނު ނާޔިން އޭ ކިއުނު ރަށަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީންނާއި އަދި އެހެން ވެސް އެތައް ގިނަ މީސްތަކުންނެއް އެކަލޭގެފާނާއި އެކުގައި ވިއެވެ. އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ. އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ. މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅެކެވެ. އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ތިއްބެވެ. މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”ނުރޮއެ.“ ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުންދިޔަ މީހުން ހުއްޓިއްޖެއެވެ. ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”އޭ ޒުވާނާ. ތެދުވޭ!“ މަރުވެފައި ވީ ޒުވާނާ ތެދުވެ ވަގުތުން ވާހަކަދައްކަން ފެށިއެވެ. އެހިނދު އީސާގެފާނު އޭނާ އޭނާގެ މަންމަޔާ ހަވާލު ކުރެއްވިއެވެ. މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!“ އީސާގެފާނު ކުރެއްވި ކަންތަކުގެ މިޚަބަރު މުޅި ޖުދެއާ އާއި އަދި ކައިރީގައި ވާ އެހެން ރަށްތަކަށް ވެސް ފެތުރިގެން ހިނގައްޖެއެވެ. ޔަޙުޔާގެފާނުގެ އަސްޙާބީން މި ހުރިހާ ވާހަކައެއް ޔަޙުޔާގެފާނަށް ކިޔާދެއްވިއެވެ. ދެން ޔަޙުޔާގެފާނު އޭގެތެރެއިން ދެ މީހަކު މާތްސާހިބާގެ އަރިހަށް މި ސުވާލު ކުރެއްވުމަށް ފޮނުއްވިއެވެ. ”ކަނޑައަޅުއްވާ ނިންމަވާފައިވާ ފަދައިން މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙުއަކީ ތިޔައީ ތޯ އޭ؟ ނޫނީ އަޅުގަނޑުމެން އެކަލޭގެފާނަށްޓަކައި އިތުރަށް އިންތިޒާރުކުރަންވީ ތޯ އޭ؟“ މިމީހުން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އަޅުގަނޑުމެން މިއައީ ޔަޙުޔާގެފާނު ވިދާޅުވުމުން ކަލޭގެފާނާއި މި ސުވާލު ކުރުމަށް. ’އެއީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު އަކީ ތިޔައީ ތޯ އޭ؟ ނުވަތަ އަޅުގަނޑުމެން އެކަލޭގެފާނުގެ އިންތިޒާރުގައި ތިބެންވީ ތޯ އޭ؟‘“ އީސާގެފާނު ހަމަ އެވަގުތުމެ އެތައް ބައެއްގެ ބަލިތައް ފަސޭހަކޮށް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުންނަށް ރަނގަޅު ކުރައްވާ ލޯއަނދިރި މީހުންގެ ލޮލަށް އަލިކަން ދެއްވިއެވެ. އީސާގެފާނާއި އެސުވާލު ކުރަން އައި މީހުންނަށް އެކަލޭގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން ގޮސް ޔަޙުޔާގެފާނަށް ކަލޭމެންނަށް ތިޔަފެނުނު ކަންތަކާއި އަޑުއިވުނު ވާހަކަތަކުގެ ޚަބަރު ދީ. ލޯއަނދިރި މީހުންނަށް ލޮލުގެ އަލިކަން ލިބި، ނުހިނގޭ މީހުންނަށް ހިނގި، ޖުޒާމުބަލި ޖެހިފައިވާ މީހުންނަށް ފަސޭހަވެ، ބީރު މީހުންނަށް އަޑުއިވި، މަރުވެފައިވާ މީހުން ދިރުއްވާ، ނިކަމެތިންނަށް ހެޔޮޚަބަރު ދެވިއްޖެ. އަހަރެން ކުރަމުންމިދާ ކަންތައްތައް، އަހަރެން ކުރަންޖެހޭ ކަންތައްތައްތަކާ މުޅިން ތަފާތު ކަމުގައި ބައެއް މީހުން ދެކޭ. ނަމަވެސް އަހަރެން މިކުރަމުންދާ ކަންތައްތައް ދެކެ އެކަންތައްތަކާ ރުހި އަހަރެންގެ މައްޗަށް އީމާންވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.“ ޔަޙުޔާގެފާނުގެ ފަރާތްޕުޅުން އީސާގެފާނާއި ސުވާލު ކުރުމަށް އައި މީހުން އެނބުރި ދިއުމުން އީސާގެފާނު އެތަނަށް އެއްވެފައިވާ މީސްތަކުންނަށް ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”ކަލޭމެން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ހޭ؟ ނޫނީ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ދުށުމަށް ތަ؟ ނޫން. އަގުބޮޑެތި ހެދުން އަޅައިގެން މުއްސަނދި ކަމުގައި އުޅޭ މީހުން ތިބޭނީ ގަނޑުވަރުތަކުގަ. ކަލޭމެން އެތަނަށް ދިޔައީ ކާކު ދުށުމަށް ތަ؟ އެތަނަށް ކަލޭމެން ދިޔައީ ރަސޫލުބޭކަލަކު ދުށުމަށް ތަ؟ އާނ. އެބޭކަލަކީ ރަސޫލަކަށް ވުރެވެސް މަތިވެރި ބޭކަލެއް. އެއީ އެބޭކަލަކާއި މެދު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި މިފަދައިން ލިޔެވިގެންވާ ބޭކަލެއް: ’ތިމަންކަލާނގެ، ތިމަންކަލާނގެ ރަސޫލާ ކަލޭގެފާނުގެ ކުރިން ފޮނުއްވާނަމޭ. އެކަލޭގެފާނު، ކަލޭގެފާނަށްޓަކައި މަގު ތައްޔާރު ކުރައްވާނެ އޭ.‘ އަހަރެން ބުނަން ތަ؟ މި ދުނިޔޭގައި ވާ ހުރިހާ އިންސާނުންގެ ތެރޭގައި ވެސް ޔަޙުޔާގެފާނު ފަދަ މަތިވެރި އެހެން މީހަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދަށުގައި އެންމެ ކުޑަ ގޮތަކަށް ހިމެނޭ މީހާވެސް އެކަލޭގެފާނަށް ވުރެ މަތިވެރި ވެގެން ވޭ.“ އެތަނުގައި ތިބި ހުރިހާ އެންމެން، ޓެކްސް ނަގާ މީހުންނަށް ދާންދެން އީސާގެފާނުގެ ވާހަކަފުޅުތަކުގެ އަޑުއަހާ މާތްރަސްކަލާނގެ އެންގެވި މަގު އެއީ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރިއެވެ. އެއީ އެމީހުންނަކީ ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނަވައި ދެއްވައިފައިވާ މީހުންނެވެ. ނަމަވެސް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްކެވި މަގަށް ފުރަގަސް ދިނެވެ. މިމީހުން ޔަޙުޔާގެފާނާއި އެކު ތައުބާގެ ހިނެވުމުން ހިނައެއް ނުގަނެއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”ވީއިރު މި ޒަމާނުގެ މީހުންނާ ދޭތެރޭ އަހަރެން ބުނާނީ ކީކޭ؟ އެމީހުންނަކީ ކޮންކަހަލަ ބައެއް؟ އެމީހުންނެކޭ ބާޒާރުމަތީ ކުޅެން އުޅޭ ކުދިންނެކޭ އެއްގޮތް. އެމީހުން އެކަކު އަނެކަކަށް ގޮވާލާނެ: ’އަހަރެމެން ކަލޭމެންނަށްޓަކައި ޝެހެނާއީ ފުމެދިނީމޭ. އެކަމަކު ކަލޭމެން ނުނެށިއޭ. އަހަރެމެން ހިތާމަވެރި ލަވައެއް ކަލޭމެންނަށް ކިޔާދިނީމޭ. އެކަމަކު ކަލޭމެން ނުރުޔޭ.‘ ޔަޙުޔާގެފާނު ވެސް ފަރީއްކުޅުއްވާ އުޅުނީ އާދައިގެ މީހުން ކައި ބޮއި އުޅޭ ކެއުމެއް ނޫން. އެހެންވެ ކަލޭމެން ތިޔަ ބުނަނީ އެކަލޭގެފާނާއި އެވަނީ ޖިންނިއެއް އަވަލާފައި ކަމަށް. އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އެހެން އެންމެންނެކޭ އެއްގޮތަށް ކައިބޮއި އުޅެން. އެހެންކަމުން ކަލޭމެން އަހަރެންނާއި ދިމާލަށް ތިޔަބުނަނީ އަހަރެންނަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ފާފަވެރިންނާއި ޓެކްސް ނަގާ މީހުންގެ އެކުވެރިއެކޭ. ނަމަވެސް ބުއްދިވެރި ކަމަކީ ރަނގަޅު އެއްޗެއްކަން ބުއްދިއެއް ހުރި ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ.“ ފަރީސީނުގެ މީހަކު އީސާގެފާނަށް ކެއުމަށް ދަޢުވަތު ދިނެވެ. އެހެންކަމުން އީސާގެފާނު އެގެއަށް ވަޑައިގަތް މޭޒުދޮށުގައި އިށީނދެ ވަޑައިގެންނެވިއެވެ. އެ އަވަށުގައި އުޅުނު ފާފަވެރި ދިރިއުޅުމެއް އުޅެފައިވާ އަންހެނަކަށް އީސާގެފާނު އެ ފަރީސީނުގެ ގެއަށް ކެއުމަށް ވަޑައިގެންނެވި ޚަބަރު ލިބިގެން ވަރަށް އަގުބޮޑު އަތަރެއް އަޅާފައިވާ ކުރިކީލަ ފުޅިއެއް ހިފައިގެން އެގެއަށް ދިޔައެވެ. މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ. އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ޝަމްއޫނު، އަހަރެން ކަލޭ ކައިރީގައި ބުނަން އޮތް ވާހަކައެއް އެބައޮތް.“ ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”އެދުރުކަލޭގެފާނު އަވަހަށް ވިދާޅުވެ ދެއްވާ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”ލޯނު ދޫކުރާ މީހަކަށް ދަރާފައިވާ ދެމީހަކު ވި. އެކަކު އޭނާއަށް ދަރައިފައި ވަނީ ފަސް ސަތޭކަ ދީނާރަށް، އަނެކަކު ފަންސާސް ދީނާރަށް. މީގެން އެކަކަށް ވެސް މި ލާރި އަނބުރާ ދެވޭކަށް ނެތް. އެހެންވެ މި ލޯނުދޫކުރާ މީހާ މި ދެމީހުންގެ ދަރަނި ކަނޑާލަ ދިން. މިހެން ކަންތައް ވީހިނދު މީގެތެރެއިން ލޯނުދޫކުރާ މީހާ ދެކެ ބޮޑަށް ލޯބިވެ ޝުކުރުވެރިވާނީ ކާކު؟“ ޝަމްއޫނު ޖަވާބުދިނެވެ. ”އަޅުގަނޑަށް ހީވަނީ އޭގެތެރެއިން ބޮޑަށް ދަރާ އޮތް މީހާ ހެން.“ އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭތިޔަ އިންސާފުކުރީ ރަނގަޅަށް.“ ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއްވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން. ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ. ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ. ކަލޭ އަހަރެންގެ ބޮލުގައި ލުމަށް ތެޔޮފޮދެއް ވެސް ނުދޭ. އެކަމަކު މީނާ އަހަރެންގެ ފަޔަށް އަތަރު އަޅައިދިން. އަހަރެން ބުނަންތަ؟ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި. އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން. ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން.“ ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ. ”ކަލޭގެ ފާފަތައް ފުހެވިއްޖެ.“ އެގޭގައި ވީ އެހެން މެހުމާނުން މިތަން ދެކެ ބުންޏެވެ. ”މިއީ މީހުންގެ ފާފަތައްވެސް ފުއްސަވާ ދެވޭ ވަރުގެ މީހެއް، އަނެއްކާ މިއީ ކާކުބާ؟“ އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!“