ލޫކާސް. 6. އެއްފަހަރަކު ސަބަތުގެ ދުވަހެއްގައި އީސާގެފާނު ގޮވާން ހެދޭ ދަނޑުތަކުގެ ތެރޭގައި ވާ މަގަކުން ހިންގަވާ ވަޑައިގެންނެވިއެވެ. އީސާގެފާނުގެ އަސްޙާބީން އެގަސްތަކުން ގޮވާން ބިނދެ ދެއަތް ދެއަތާ ހާކާ ތޮށިނޮޅާލުމަށް ފަހު ކަމުން ގެންދިޔައެވެ. ފަރީސީނުގެ ބަޔަކު އެމީހުންނާއި ސުވާލު ކުރިއެވެ. ”ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް ކަލޭމެން ތިޔަކުރަނީ ކީއްވެ؟“ އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ. ”ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިފުޅުވެ ވަޑައިގެން ކުރެއްވި ކަންތަކުގެ ވާހަކަ ކަލޭމެން ނުކިޔަން ތަ؟ ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ޚާއްސަ ކޮށްފައިވާ މާތް ތަނަށް ވަދެ ހަމައެކަނި އިމާމުން ފިޔަވާ އެހެން އެކަކު ވެސް ކެއުން މަނާ ކޮށްފައިވާ ބޯރޮށި ފަރީއްކުޅުއްވި. އަދި އެއިން އެކަލޭގެފާނުގެ އެކުވެރިންނަށް ވެސް ދެއްވި.“ އީސާގެފާނު ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނަކީ ސަބަތުގެ ވެސް ވެރިސާހިބާ.“ އަދި ސަބަތުގެ އެހެން ދުވަހެއްގައި އީސާގެފާނު ދީނީ މަރުކަޒަކަށް ވަޑައިގެން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަވާދެއްވަމުން ގެންދެވިއެވެ. އެތާނގައި ކަނާއަތް ވާވެފައި ވީ ފިރިހެނަކު ހުއްޓެވެ. ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ތިބީ އީސާގެފާނު ކުށްވެރި ކުރެވޭނެ ކަހަލަ ކަމެއް ފެނޭތޯ ބަލާށެވެ. އަދި ސަބަތުގެ ދުވަހެއްގައި އެކަލޭގެފާނު މިމީހާގެ އަތް ރަނގަޅު ކުރައްވާތޯ ވެސް އެމީހުން ތިބީ ވަރަށް ފަރުވާވެ ބަލާށެވެ. އީސާގެފާނަށް މިބައިމީހުންގެ ޚިޔާލުތައް ދެނެވަޑައިގެން އެ އަތް ވާވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”ތެދުވެ އެންމެންގެ ކުރިމައްޗަށް އާދޭ!“ ދެން މިމީހާ ތެދުވެ އެންމެންގެ ކުރިމަތީ ހުއްޓިއްޖެއެވެ. ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހުގައި ކުރަން އަންގަވާފައި ވަނީ ރަނގަޅު ކަންތައްތަ ނުވަތަ ނުބައި ކަންތައްތަ؟ ފުރާނަ ސަލާމަތް ކުރުންތަ ނުވަތަ ފުރާނަ ނެތިކޮށްލުންތަ؟“ އީސާގެފާނު ވަށައިގެން އެނބުރިވަޑައިގަތް އެންމެންގެ މޫނުތަކަށް ބައްލަވާ ލެއްވިއެވެ. ދެން އަތް ވާވެފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”އަތް ދަމާލާ.“ މިމީހާ އީސާގެފާނު އެވިދާޅުވި ފަދައިން ކަން ކުރިއެވެ. ހަމަ އެވަގުތު އޭނާގެ އަތުގައި ބާރުޖެހި މުޅިން ރަނގަޅު ވެގެން ދިޔައެވެ. މިކަންތައް ވީ ގޮތް ފެނި ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އީސާގެފާނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާ މަޝްވަރާ ކުރަންފެށިއެވެ. މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ. ހެނދުނު ވުމުން އެކަލޭގެފާނު އެމީހުންނަށް ގޮވާ އެތަނަށް ގެނައެވެ. އަދި އޭގެ ތެރެއިން ބާރަ މީހަކު އެކަލޭގެފާނުގެ ޚާއްސަ އަސްޙާބީންގެ ގޮތުގައި ހޮއްވެވިއެވެ. އަދި މި ބާރަ މީހުންނަކީ އެކަލޭގެފާނުގެ ބަސްފުޅުތަކާއިގެން މީސްތަކުންގެ ކައިރިއަށް ފޮނުއްވާނެ މަންދޫބުން ކަމުގައި ހަމަޖެއްސެވިއެވެ. މިބާރަ އަސްޙާބީންގެ ތެރޭގައި ހިމެނުނީ ފަހުން ޕަތަރަސްއޭ ނަމަކަށް ކިޔުނު ޝަމްއޫނު، މި ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އަދި ޔާމިޒު އާއި ޔޫޙަންނާ އާއި ފިލިޕު އާއި ބަރުތުލޫމު އާއި މައްތާ އާއި ތޯމާސް އެވެ. އަދި ހަލްފާހުގެ ދަރި ޔާމިޒު އާއި އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައި މަޝްހޫރު ސިމުއާންއެވެ. އަދި ޔަޢުޤޫބު ގެ ދަރި ޔުދާސް އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން ވީ ޚިޔާނާތްތެރިއަކަށެވެ. އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްޙާބީންނެއް ވެސް އެތާނގައި ވިއެވެ. އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ޞޫރުންނާއި ޞައިދޫނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ. މިމީހުން އެތަނަށް އައީ އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށާއި އެމީހުންގެ ބަލިތަކުން ފަސޭހަ ވުމަށް އެދިއެވެ. ޖިންނީންގެ ސަބަބުން މީހުންނަށް ޖެހިފައިވާ ބަލިތައް ވެސް އެދުވަހު އެތާނގައި ފަސޭހަ ކުރެވުނެވެ. އެންމެން އެކަލޭގެފާނުގެ ގައިކޮޅުގައި އަތްލުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ވީ މަތިވެރި ބާރުފުޅުގެ ސަބަބުން އެންމެންގެ ބަލިތަކަށް ޝިފާ ލިބެމުން ދިޔައެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ބައްލަވާ ވިދާޅުވިއެވެ. ”ކަލޭމެންގެ ތެރެއިން ފަޤީރުންނަށް ބަރަކާތް ހުރި. މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނަށް. ކަލޭމެންގެ ތެރެއިން ބަނޑުހައި ހޫނު ކަމުގައި ތިބި މީހުންނަށް ބަރަކާތް ހުރި. ކަލޭމެންގެ ހިތް ފުރެންދެން ލިބޭނެ. ކަލޭމެންގެ ތެރެއިން ހިތާމަކުރާ މީހުންނަށް ބަރަކާތް ހުރި. އަދި ކަލޭމެން އުފާކުރާނެ. އިންސާނާގެ ދަރިކަލުންގެ ސަބަބުން މީހުން ކަލޭމެންގެ މައްޗަށް ރުޅިއަރާ، އެމީހުންގެ ތެރޭ ބައިވެރި ނުކޮށް، ކަލޭމެންނާ ދިމާލަށް ހަޑިހުތުރު އެއްޗިހި ކިޔާ އަދި ކަލޭމެންނަކީ ނުބައިމީހުން ކަމަށް ބަލާނެ. މިފަދައިން ކަލޭމެންނާ ދޭތެރޭ މީހުން ކަންތައް ކުރާ ހިނދު ކަލޭމެންގެ މައްޗަށް ރަޙުމަތްލެއްވިގެން ވޭ. އެގޮތަށް ކަންތައްތައް ހިނގައިދާ ދުވަހުން ކަލޭމެން އުފަލުންނަށާ ހަދާ. އެއީ މާތްރަސްކަލާނގެ ކަލޭމެންނަށް މަތިވެރި އިނާމެއް ދެއްވާނެ. ކަލޭމެންނާއި ދޭތެރޭ އެފަދައިން ކަންތައް ކުރާ މީހުންގެ ކާބަފައިން ނަބީ ބޭކަލުންނާއި ދޭތެރޭ ވެސް ކަންތައްތައް ކުރީ ހަމަ އެފަދައިން. ނަމަވެސް ކަލޭމެންގެ ތެރެއިން މުއްސަނދިންނަށް ހިތާމަ ހުރި. އެއީ އެމީހުންނަށް ލިބެން ވީ ހުރިހާ އަރާމާއި އުފަލެއް އެވަނީ ލިބިފަ. ކަލޭމެންގެ ތެރެއިން ރަނގަޅަށް ކާން ލިބި ބަނޑުފުރިފައިވާ މީހުންނަށް ހިތާމަ ހުރި. އެއީ އެމީހުން ވާނީ ބަނޑުހައި ހޫނުކަން މަތީގަ. އަދި މިއަދު ހީ އުފާކުރާ މީހުންގެ މައްޗަށް ހިތާމަ ހުރި. އެއީ ފަހުން އެމީހުން ހިތާމަކޮށް ކަރުނަ އަޅަން ޖެހޭނެތީ. މީހުން ކަލޭމެންގެ މައްޗަށް ހުޝާމިދުކޮށް ކަލޭމެންގެ ރަނގަޅު ވާހަކަތައް ދައްކާ ހަދަނީނަމަ ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ އެފަދަ މީހުންގެ ކާބަފައިން ދޮގު ރަސޫލުންނާއިމެދު ވެސް ރަނގަޅު ވާހަކަތައް ދައްކާ ހެދި.“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ބަސްތައް އަޑުއަހާ މީހުންނަށް ބުނަން. ކަލޭމެންގެ އަދާވާތްތެރިން ދެކެ ލޯބިވޭ. ކަލޭމެންނަށް ނުބައިކޮށް ހިތާ ކަލޭމެންގެ މައްޗަށް ނަފުރަތުކުރާ މީހުންނަށް ހެޔޮކޮށް ކަންތައް ކުރޭ. ކަލޭމެންނަށް ބަދުދުޢާ ކުރާ މީހުންނަށް ރަޙުމަތް ލެއްވުމަށް އެދޭ. ކަލޭމެންނަށް އިހާނެތިކޮށް ކަންތައް ކުރާ މީހުންނަށްޓަކައި ހެޔޮ ދުޢާކުރޭ. ކަލޭގެ އެއްކަންކަށި މަތީ މީހަކު ޖަހައިފި ނަމަ އެނބުރިފައި އަނެއް ކަންކަށި ވެސް ޖަހަން ދައްކާ. މީހަކު ކަލޭގެ ކޮނޑުގައި އޮތް ސާލު އަތުލައިފި ނަމަ އެމީހަކު ކަލޭ ލައިގެން ހުރި ގަމީސް އަތުލުމަށް ވެސް ހުރަސް ނާޅާ. ކަލޭގެ ކިބައިން އެއްޗަކަށް އެދޭ ކޮންމެ މީހަކަށް އެއެއްޗެއް ދީ. އަދި ކަލޭގެ އެއްޗެއް އެހެން މީހަކު އަތުލައިފި ނަމަ އެއެއްޗެއް އަނބުރާ ދިނުމަށް ނޭދޭ. ކަލޭމެން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުންގެ ފަރާތުން ކަލޭމެންނާއި ދޭތެރޭ ވެސް ކަންތައް ކުރުމަށް އެދޭ ފަދައިން. ކަލޭމެން ހަމައެކަނި ކަލޭމެންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިން ވެސް އެމީހުންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވޭ. ހަމައެކަނި ކަލޭމެންނަށް ހެޔޮކޮށް ހިތާ މީހުންނާ މެދު ކަލޭމެން ރަނގަޅަށް ކަންތައް ކުރާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިންވެސް އެފަދައިން ކަންތައް ކުރޭ. އަދި ކަލޭމެން މީހުންނަށް އެއްޗެތި ދީ އުޅެނީ އެމީހުން އަތުން ވެސް އެފަދައިން އަނބުރާ ލިބޭނެކަމުގެ އުންމީދުގައި ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިން ވެސް ދޭ އެއްޗެއްގެ އަގު އަނބުރާ ބަރާބަރަށް ލިބޭނެކަމުގެ އުންމީދުގައި އެހެން ފާފަވެރިންނަށް އެއްޗެތި ދީ އުޅޭ. ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ އިނާމު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ. ކަލޭމެންގެ ބައްޕާފުޅު އޯގާތެރި ވެވޮޑިގެންވާ ފަދައިން ކަލޭމެން ވެސް އޯގާތެރިވޭ.“ ”އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން. ދީލަތިވޭ. އެއިރުން މާތްރަސްކަލާނގެ ކަލެއަށް ދީލަތިވެ ވޮޑިގެން ވާނެ. ފުރި ބާރުވެ ބަންޑުން ވަމުންދާ ނާޅިއަކުން ކަލެއަށް މިނެ ދެއްވާނެ. ކަލޭ މިނި ނާޅިއަކުން އެކަލާނގެ ވެސް ކަލެއަށް މިނެ ދެއްވާނެ.“ އަދި އީސާގެފާނު މި މާނަ ވީ ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. ”ކަނަކު އަނެއް ކަނަކަށް މަގު ދެއްކިދާނެތަ؟ ދެމީހުން ވެސް ވަޅުގަނޑަކަށް ވެއްޓޭނެކަން ޔަޤީން. ދަރިވަރަކު އޭނާގެ އެދުރަކަށް ވުރެ މޮޅެއް ނުވާނެ. ނަމަވެސް ފުރިހަމައަށް ތަމްރީނު ލިބުމުން އޭނާގެ އެދުރުމީހާ އެއްވަރަށް މޮޅުވާނެ. ކަލޭމެން އަނެކާގެ ލޮލުގައި އިން ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ބޮޑު ވަކަރުގަނޑާ ދޭތެރޭ ކަންބޮޑު ނުވަނީ ކީއްވެ؟ ކަލޭގެ އަޚާއާއި ދިމާލަށް އޭނާގެ ލޮލުގައި ވާ ކުނޑިކޮޅު ނަގަން ދައްކާށޭ ބުނާއިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ވަކަރުގަނޑު ކަލެއަށް ނުފެންނަނީ ކީއްވެ؟ އޭ ދެފުށްދެގޮތް މީހާ. އެންމެފުރަތަމަ ކަލޭގެ ލޮލުގައި ތިއޮތް ވަކަރުގަނޑު ނަގާ. އޭރުން ކަލޭގެ އަޚާގެ ލޮލުގައި ވާ ކުނޑިކޮޅު ނެގުމަށް ކަލެއަށް ސާފުކޮށް ފެންނާނެ.“ ”ފޮނި މޭވާ އަޅާ ގަހެއްގައި ހިތި މޭވާއެއް ނާޅާނެ ފަދައިން ހިތި މޭވާ އަޅާ ގަހެއްގައި ފޮނި މޭވާއެއް ވެސް ނާޅާނެ. ގަހަކުން ލިބޭ ފައިދާ އެނގޭނީ އެގަހެއްގައި އަޅާ މޭވާއެއްގެ ގޮތުން. ކަށި ގަހަކުން މީހަކަށް ވައްތީންޏެއް ނުބިނދެވޭނެ. އަދި ކަށި ވެލަކުން މޭބިސްކަދުރެއް ވެސް ނުލިބޭނެ. ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.“ ”ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާޠަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟ އަހަރެން ކައިރިއަށް އައިސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުކޮށް އުޅޭ މީހެއްގެ މިސާލު ބުނަން ތަ؟ އޭނާއަކީ ބިން ފުންކޮށް ކޮނެ ވަރުގަދަ ބިންގަލެއް އަޅާ އޭގެމަތީ ގެއެއް ބިނާކުރި މީހާގެ މިސާލު. ކަނޑު ގަދަވެ ރާޅު އަރައި ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް އައި. ނަމަވެސް އެގެ ބިނާ ކުރެވިފައި ވަނީ ރަނގަޅަށް ކަމުން އެގެއަކަށް ގުޑުމެއް ނޭރި. ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.“