ލޫކާސް. 5. އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ. އެވަގުތު އެ އައްސޭރީގައި ވާ ކުޑަ ދެ މަސްދޯނި އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެދޯނީގެވެރިން އެމީހުން މަސް ހިފަން ގެންގުޅޭ ދާތައް ދޮވުމަށް އަތިރިމަތީގައި އުޅެއެވެ. އެކަލޭގެފާނު ވަޑައިގެން އެތަނުން އެއް ދޯންޏަށް އަރައިވަޑައިގެންނެވިއެވެ. އެއީ އެމީހުންގެ ތެރެއިން ޝަމްއޫނުއޭ ނަމަކަށް ކިޔުނު މީހާގެ ދޯންޏެވެ. އީސާގެފާނު ޝަމްއޫނުގެ ކިބައިން ދޯނި އެއްގަމާއި ތަންކޮޅެއް ދުރަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވީ އެދޯނީގައި ހުންނަވައިގެންނެވެ. އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅު ދައްކަވާ ނިމި ވަޑައިގެން ޝަމްއޫނު އަށް ވިދާޅުވިއެވެ. ”ދޯނި ފުނަށް ގެންގޮސް މަހެއް ހިފޭތޯ ދާ އެއްލާ.“ ޝަމްއޫނު ބުންޏެވެ. ”ސާހިބާ. އަޅުގަނޑުމެން މިއައީ ރޭ ހަތަރުދަމު މަސައްކަތް ކޮށްވެސް އެންމެ މަހެއް ވެސް ނުހިފިގެން. އެހެންނަމަވެސް ކަލޭގެފާނު ވިދާޅުވީތީ އަޅުގަނޑުމެން ދާ އެއްލަފާނަން.“ އެމީހުން ދާ ހަމަ އެއްލުމާއެކު ދަލުގައި ޖެހުނު މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދާ އެކިތަންތަނުން ކޮށަކޮށައިގެން ދާން ފެށިއެވެ. މިމީހުން އެމީހުންނާއިއެކު މަހަށް ދިއުމަށް އުޅުނު އަނެއް ދޯނީގެ މީހުންނަށް ގޮވާގެނެސް ދެދޯންޏަށް މަސްތައް އެރުވިއެވެ. މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދެދޯނިމެ ވަނީ ކިރިޔާ ގެނބި ނުގެނބިއެވެ. ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.“ އޭނާއާއި އޭނާގެ ރައްޓެހި ހުރިހާ މަސްވެރިން މި ހިފުނުހާ މަސްތަކުގެ ގިނަކަން ދެކެ ވަރަށް ބޮޑަށް ހައިރާން ވިއެވެ. ޒަބަދީގެ ދެދަރިން ޔާމިޒު އާއި ޔޫޙަންނާ ވެސް މިތަން ދެކެ ހައިރާންވިއެވެ. މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ. އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ. ”ކަންބޮޑުވެ ބިރުނުގަނޭ. މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކައި ހިފާނީ އިންސާނުން.“ އެމީހުން ހަމައެވަގުތު އެމީހުންގެ ދޯނިތައް އެހެލުމަށް ފަހު ހުރިހާ އެއްޗެއް ދޫކޮށްލާފައި އީސާގެފާނުގެ އަރިހުގައި ދިޔައެވެ. އީސާގެފާނު އެއްރަށެއްގައި ވަނިކޮށް އެކަލޭގެފާނު ހުންނެވިތަނަށް ޖުޒާމުބަލި ޖެހި މުޅި ހަށިގަނޑު ފާރުން ފުރިފައި ވީ މީހަކު އައެވެ. މިމީހާއަށް އީސާގެފާނު ފެނުމާއިއެކު އެކަލޭގެފާނުގެ ކުރިފުޅުމަތީ މޫނުވަތަށް ބިންމައްޗަށް ވެއްޓި އޮވެ އާދޭސްދެންނެވި އެވެ. ”މާތްސާހިބާ! ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެއެވިދާނެ.“ އީސާގެފާނު އެމީހާގެ ގައިގައި އަތްޕުޅު ލައްވަވައި ވިދާޅުވިއެވެ. ”އަހަރެން ކަލޭ ތިޔަބަލިން ފަސޭހަކޮށް ދޭނަން. ސާފުވެ ތާހިރުވޭ!“ އީސާގެފާނު މިހެން ވިދާޅުވުމާއިއެކު އެމީހާގެ ގައިން ޖުޒާމުބަލި ފިލާ މުޅިން ރަނގަޅުވެއްޖެއެވެ. ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ. ”ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ. އަދި ޖުޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައިމޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ. އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން. ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ.“ އެހެން ނަމަވެސް އީސާގެފާނުގެ ޚަބަރު އެރަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އެކަލޭގެފާނުގެ ބަސްފުޅުގެ އަޑު އެހުމަށާއި ބަލިތަކުން ފަސޭހަވުމަށް އެދި އެކަލޭގެފާނުގެ އަރިހަށް އައެވެ. މިހެން ކަންތައްތައް ހުރި ނަމަވެސް އީސާގެފާނު ވަރަށް ގިނަގިނައިން އެކަހެރި ތަންތަނަށް ވަޑައިގެން ދުޢާފުޅު ކުރެއްވުން މަތީ ވަގުތު ހޭދަކުރެއްވިއެވެ. އެއްދުވަހަކު އީސާގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަން ގެއެއްގައި އިންނެވިއެވެ. އެތާނގައި ގަލީލީ އާއި ޖުދެއާ އާއި ޖެރޫސަލަމުގެ ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނޭ ކިޔާ ދީންވެރިންގެ ބަޔަކު ވިއެވެ. މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދެއްވުމަށްޓަކައި އޭރު އީސާގެފާނާއިއެކު އެންމެ މަތިވެރި ކަލާނގެ ބާރުފުޅު އެތާނގައި ވިއެވެ. ބަޔަކު ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އެތަނަށް ގެނައެވެ. އެބަލިމީހާ އީސާގެފާނުގެ އަރިހަށް ގެންދިއުމަށްޓަކައި އެމީހުން އެގޭގެތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން އެމީހާ ގޮވައިގެން ފުރާޅު މައްޗަށް އަރާ ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ އީސާގެފާނުގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ. މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ. ”ރަޙުމަތްތެރިޔާ. ކަލޭގެ ފާފަތައް ފޮހެވިއްޖެ.“ އެތާތިބި ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުގެ ހިތަށްއެރިއެވެ. ”ކުފުރުވެރި ބަސްތައް ބުނާ މިމީހަކީ މީކާކު؟ މާތްރަސްކަލާނގެ ފިޔަވާ ފާފަ ފުއްސެވޭނެ ފަރާތަކީ ކޮބާ؟“ އީސާގެފާނު މިމީހުންގެ ހިތަށް މިއަރާ އެއްޗެތި ދެނެވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަހެން ތިޔަ ހީކުރަނީ ކީއްވެ؟ ކަލޭގެ ފާފަތައް ފޮހެވިއްޖެއޭ ނުވަތަ ތެދުވެ ހިނގައިގަންނާށޭ މީގެ ތެރެއިން މިމީހާއާ ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟ އިންސާނާގެ ދަރިކަލުންނަށް މި ދުނިޔޭގައި މީހުންގެ ފާފަތައް ފުއްސެވުމުގެ އިޚްތިޔާރު ލިބިގެން ވާކަން ކަލޭމެންނަށް ތިމަންކަލޭގެފާނު ސާބިތު ކޮށްދޭނަން.“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”ތެދުވޭ. ކަލޭގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ.“ ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ނަގައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން އޭނާގެ ގެއަށް ހިނގައްޖެއެވެ. މިތަނުގައި ތިބި ހުރިހާ އެންމެން މިކަމާ ވަރަށް ބޮޑަށް އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިއެވެ. އެބައިމީހުން ވީ ހައިރާންކަމުގެ ބޮޑުކަމުން ބުންޏެވެ. ”މިއަދު އަހަރެމެންނަށް ހައިރާންވެ އަޖައިބު ވާފަދަ ކަންތައްތަކެއް ފެނިއްޖެ.“ މިއަށް ފަހު އީސާގެފާނު ވަޑައިގެންނެވި މަގުމަތީ ލާވީ އޭ ކިޔާ ޓެކްސް ނަގާ މީހަކާއި ބައްދަލުވިއެވެ. އޭރު އޭނާ އިނީ މަގުމަތީގައި އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންގެ ދަރިވަރަކު ކަމުގައިވުމަށް އަހަރެންނާއި އެކު އާދޭ.“ ހަމަ އެވަގުތު ލާވީ ހުރިހާ އެއްޗެއް ދޫކޮށްލާފައި ތެދުވެގެން އެކަލޭގެފާނާއި އެކުގައި ދިޔައެވެ. ދެން އޭނާގެ ގޭގައި އީސާގެފާނުގެ ޝަރަފުގައި ބޮޑު ކެއުމެއް ތައްޔާރު ކުރިއެވެ. އަދި އެހެން ވެސް ވަރަށް ގިނަ ޓެކްސް ނަގާ މީހުންނާއި އެހެނިހެން މީހުން ވެސް އެ ކެއުމަށް އައެވެ. މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟“ އީސާގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”ޙަކީމަކު ބޭނުންވަނީކީ ދުޅަހެޔޮ ސިއްޙަތުގައި ތިބޭ މީހުންނަކަށް ނޫން. ޙަކީމަކު ބޭނުން ވާނީ ބަލި މީހުންނަށް. ހަމަ އެފަދައިން އަހަރެން ވެސް މިއައީ ފާފަވެރިންނަށް ތައުބާވުމަށް ގޮވާލުމަށް. ތިމާމެންނަކީ ޞާލިޙު މީހުން ކަމުގައި ހީކުރާ މީހުން ދިންނެވުމަކަށް ނޫން.“ އެމީހުން އީސާގެފާނާއި ދިމާލަށް ބުންޏެވެ. ”ޔަޙުޔާގެފާނުގެ އަސްޙާބީން ވެސް އަދި ފަރީސީނުގެ އަސްޙާބީން ވެސް މަހަކު އެތައްފަހަރަކު ރޯދަހިފާ ދުޢާކޮށް ހަދާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން އެފަދައަކުން ކަންތަކެއް ނުކުރޭ.“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަލަތު ކައިވެނި ވާ ފިރިހެނާ އޭނާގެ މެހުމާނުންނާއިއެކު ވަނިކޮށް ކަލޭމެން އޭނާގެ މެހުމާނުން ގާތު ނުކައިތިބުމަށް ބުނާނަން ތަ؟ މަޑުކުރޭ. އަލަތު ކައިވެނި ވާ ފިރިހެނާ އެމީހުންނާއި ދުރަށް ގެންދެވޭނެ. އެދުވަހުން އެމީހުން ދެރަވެ ނުކައިތިބޭނެ.“ ދެން އެކަލޭގެފާނު އެމީހުންނަށް މި މާނަފުން ވާހަކަތައް ވިދާޅުވެދެއްވިއެވެ. ”އެއްވެސް މީހަކު އާ ހެދުމަކުން ފޮތިގަނޑެއް ވީދާލާފައި ބާ ހެދުމެއްގައެއް ނާޅާނެ. އޭރުން އާ ހެދުމެއް ވީދާ ވެސް ލެވުނީ. އަދި އާ ފޮތިގަނޑެއް ބާ ހެދުމަކާ ނުގުޅޭނެ. އަދި ހަމައެފަދައިން އެކަކުވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. އަދި އެހަންވެސް ހަލާކުވާނެ. ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް. ހަމަ އެކަކުވެސް ފުރިހަމަ ގޮތުގައި ތައްޔާރު ކުރެވިފައިވާ މޭބިސްކަދުރުގެ ދިޔަ ބުއިމަށް ފަހު ރޯ މޭބިސްކަދުރުގެ ދިޔަ ބޭނުމެއް ނުވާނެ. އެމީހަކު ބުނާނެ. ’ފުރިހަމަ ގޮތުގައި ތައްޔާރުކުރެވިފައިވާ މޭބިސްކަދުރުގެ ދިޔަ މާމީރު.‘“