ލޫކާސް. 4. މާތްރޫޙުފުޅު އީސާގެފާނަށް އެންގެވީ އުރުދުން ކޯރު ދޫކުރެއްވުމަށް ފަހު މީހުން ނޫޅޭ ހިސާބުގެ ތެރެއަށް ވަޑައިގަތުމަށެވެ. އެކަލޭގެފާނު ވަނީ މާތްރޫޙުފުޅުން ފުރިފައެވެ. އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ. މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ. އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއްނު. ވީއިރު މިހިލަތަކަށް ރޮއްޓަށް ބަދަލުވުމަށް އަމުރު ކުރައްވާ. އޭރުން އެހިލަތައް ރޮއްޓަށް ވާނެއެއްނު.“ އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެންވާ ފަދައިން: ’މީހަކަށް ދިރިހުރުމަށްޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން.‘“ ދެން އިބިލީސް އެކަލޭގެފާނު ވަރަށް އުސް ހިސާބަކަށް ގެންދިޔައެވެ. އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އެކަލޭގެފާނަށް ކުއްލި މަންޒަރެއްގެ ގޮތުގައި ދެއްކިއެވެ. އަދި އިބިލީސް ބުންޏެވެ. ”ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށްފި ނަމަ އަހަރެން ކަލޭގެފާނަށް މިހުރިހާ ޤައުމުތަކުގެ ވެރިކަން ކުރުމުގެ ބާރާއި އެޤައުމުތަކުގެ މުއްސަނދިކަން މިލްކުކޮށް ދޭނަން. އަހަރެންނަށް އެތަކެތި އަހަރެން ބޭނުން މީހަކަށް މިލްކު ކޮށްދިނުމުގެ ބާރު ލިބިގެން ވޭ. އެއީ މި ތަކެތީގެ މިލްކުވެރިއަކީ އަހަރެން.“ އީސާގެފާނު މިފަދައިން ވިދާޅުވެ ޖަވާބު ދެއްވިއެވެ. ”ބާވައިލެއްވިގެން ވަނީ މިފަދައިން: ’ސަޖިދަ ކުރަން ވާނީ ހަމައެކަނި އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށޭ. އަދި އީމާންވާން ޖެހޭނީ ވެސް ހަމައެކަނި އެކަލާނގެއަށޭ.‘“ އެއަށް ފަހު އިބިލީސް އެކަލޭގެފާނު ޖެރޫސަލަމަށް ގެންދިޔައެވެ. އަދި ބައިތުލް މަޤްދިސްގެ އެންމެ އުސް ތަނަށް އެކަލޭގެފާނު ގެންގޮސްފައި ބުންޏެވެ. ”މިތަނުން ތިރީގައި އެވާ ބިމަށް ފުންމަވާ ލައްވާ. އެކަމުން ކަލޭގެފާނަށް އެއްވެސް ހާނިއްކައެއް ނުވާނެ. ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއް ނޫން ތޯ؟ އެއީ ބާވައިލެއްވި ފޮތްތަކުގައި ލިޔެވިގެން ވޭ. ’މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނު ފަރުވާތެރި ކަމާއިއެކު ހިމާޔަތް ކުރުމަށް އަމުރުފުޅު ކުރައްވާނެއޭ.‘ އަދި ’އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެ މަލާއިކަތުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.‘“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެ ވޮޑިގެންވާ ކަލާނގެ ކަން ކަށަވަރު. ނަމަވެސް މާތްރަސްކަލާނގެ މިފަދައިން ވެސް ވަޙީކުރެއްވި: ’އެއްކައުވަންތަ މަތިވެރި މާތްރަސްކަލާނގެ މިންވަރުފުޅު ކުރައްވާނެ ގޮތަކީ ކޮބައިތޯ އަޖުމަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ.‘“ އީސާގެފާނުގެ ކިބައިން ފާފައެއް ކުރުވުމަށް އިބިލީސް މިހުރިހާ ގޮތްގޮތުން މަސައްކަތް ކޮށް ވެސް ކާމިޔާބު ނުވުމުން އެވަގުތަށް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އީސާގެފާނު މާތްރޫޙުފުޅުގެ ބާރާއި އެކީގައި ގަލީލީއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނާއި ބެހޭ ޚަބަރުތައް އެސަރަހައްދުގެ ތެރޭގައި ފެތުރުނެވެ. ބަނީއިސްރާއީލުގެ ދަންނަބޭކަލުން ކިޔަވައިދެއްވުމަށް ހަދާފައިވާ ދީނީ މަރުކަޒުތަކުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކާއި ބެހޭގޮތުން އުނގަންނައި ދެއްވާ ހެއްދެވިއެވެ. އަދި އެންމެހައި މީސްތަކުން އެކަލޭގެފާނަށް ތާރީފުކޮށް އުޅުނެވެ. އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށް ވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ. އެދުވަހު އެކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ޖެހިވަޑައިގަތް ފޮތްކޮޅަކީ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ އެންގެވި ވަޙީގެބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅެވެ. އެކަލޭގެފާނު ކިޔަވާވިދާޅުވީ އެފޮތްކޮޅުގައި ލިޔެވިގެންވާ މި ބަސްފުޅުތަކެވެ. ”އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަޤީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް މަތިވެރި މާތްރަސްކަލާނގެ ރަޙުމަތުގެ ފެށުން ފާޅު ކުރުމަށެވެ.“ ދެން އެކަލޭގެފާނު ފޮތްކޮޅު ލައްޕަވާލައްވާ އެތާގެ އެހީތެރިޔާ އަތަށް ދެއްވުމަށް ފަހު އިށީނދެ ވަޑައިގެންނެވިއެވެ. އެމަރުކަޒުގެ ތެރޭގައި ވާ އެންމެންމެ ތިބީ އެކަލޭގެފާނު ވިދާޅުވާނެ ބަސްފުޅެއް ކަނުލާ އަޑުއެހުމަށް ތައްޔާރަށެވެ. ދެން އެކަލޭގެފާނު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ”ހަމަ މިއަދު ކަލޭމެން މިބަސްފުޅުތަކުގެ އަޑު އަހަމުން ތިޔަ ގެންދާހިނދު މި ބަސްފުޅުތަކުގައި ބަޔާންކުރެވިގެން ވީ ކަންތައްތައް ފުރިހަމަވެއްޖެ.“ އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟‘ އަހަރެން ބުނަން ތަ؟ އެއްވެސް ރަސޫލަކު އެމީހެއްގެ އަމިއްލަ ރަށުގެ މީހުންގެ ކުރިމަތީ ދުވަހަކުވެސް ރަސޫލަކު ކަމުގައި ގަބޫލު ކުރެވިފައެއް ނުވޭ. ބަނީއިސްރާއީލުންގެ މެދުގައި ނަބީ އިލްޔާސްގެފާނު އުޅުއްވި އިރު ތިންއަހަރާއި ހަމަސް ވަންދެން ވިއްސާރަ ނުވެހުމުގެ ސަބަބުން ބަނީއިސްރާއީލަށް ބޮޑުތަދަކާއި ކުރިމަތިވި. އެދުވަސްވަރު ބަނީއިސްރާއީލުގައި ފިރިމަރުވެ ހާލުގައި ޖެހިފައިވާ އެތައްއެތައް އަންހެނުންނެއް ވި. ނަމަވެސް މާތްރަސްކަލާނގެ އިލްޔާސްގެފާނު އެއިން ކޮންމެ ހުވަފަތް އަންހެނެއްގެ ކައިރިއަށް މުޢުޖިޒާތަކާއިގެނެއް ނުފޮނުއްވާ. އެކަލާނގެ އިލްޔާސްގެފާނު މުޢުޖިޒާތަކާއިގެން ފޮނުއްވީ ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ޤައުމެއްގެ ރަށެއް ކަމުގައިވާ ޞައިދޫންގެ ޒަރާފަތުގައި އުޅުނު ހުވަފަތް އަންހެނެއްގެ ކައިރިއަށް. ހަމަ އެފަދައިން ބަނީއިސްރާއީލުންގެ މެދުގައި ނަބީ އަލިޔަޝަޢުގެފާނު އުޅުއްވި އިރު، އެތައްބައިވަރު ޖުޒާމުބަލި ޖެހިފައި ވީ ބަޔަކު ބަނީއިސްރާއީލުގައި ވި. ނަމަވެސް އަލިޔަޝަޢުގެފާނު މެދުވެރިކޮށް އޭގެތެރެއިން އެއްވެސް މީހެއްގެ ޖުޒާމުބަލި ރަނގަޅުކޮށް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ސޫރިޔާގައި އުޅުނު ނަޢުމާނު އޭ ކިޔުނު މީހެއްގެ ޖުޒާމުބަލި އަލިޔަޝަޢުގެފާނު މެދުވެރިކޮށް ރަނގަޅުކުރައްވާ އެކަލާނގެ މުޢުޖިޒާތެއް ދެއްކެވި.“ އެ މަރުކަޒުގައި ވީ އެންމެން މި ވާހަކަތަކުގެ އަޑުއިވި ވަރަށް ބޮޑަށް ރުޅިއައެވެ. އެމީހުން ރުޅިއައިސްގެން އީސާގެފާނާއި ދިމާލަށް އެއްޗިހި ކިޔާ ހަޅޭއްލެވިއެވެ. މިއަވަށަކީ ފަރުބަދަމަތީގެ އަވަށެކެވެ. ދެން މިބައިމީހުން އީސާގެފާނު ތިރިއަށް ވައްޓާލުމަށް ގަސްތުކޮށް އެއަވަށް އޮންނަ ފަރުބަދައިގެ ކޮޅަށް އެކަލޭގެފާނު ގެންދިޔައެވެ. ނަމަވެސް އީސާގެފާނު އެހުރިހާ އެންމެންގެ ކުރިމަތިން ލާފައި ކުރިޔަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ވަޑައިގެންނެވީ ގަލީލީގެ އެހެން އަވަށެއް ކަމަށް ވާ ކަޕަރުނައުމް އަށެވެ. އަދި ސަބަތުގެ ދުވަހުގައި އެތަނުގައި މީސްތަކުންނަށް އުގަންނަވާ ދެއްވުމަށް ފެއްޓެވިއެވެ. މީސްތަކުން އެކަލޭގެފާނު އުގަންނާ ދެއްވެވި ގޮތާއި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވި ހައިރާންވިއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުގައި ވާ މަތިވެރި ކަމާއި އާރާއިބާރުގެ ސަބަބުންނެވެ. އެމަރުކަޒުގައި ވީ މީހުންގެ ތެރޭގައި ޖިންނި މޮޔަވެފައި ވީ ފިރިހެނަކު ވިއެވެ. އޭނާގެ ގައިގައި އަވަލާފައި ވީ ޖިންނި މިފަދައިން ކިޔާ ހަޅޭއްލަވާ ގޮވަންފެށިއެވެ. ”އޭ ނާޒަރަތުގެ އަހުލުވެރި އީސާ. ކަލޭގެފާނު ތިޔައުޅެނީ އަހަރެމެންނަށް ކީއްކުރަން؟ ކަލޭގެފާނު މިތަނަށް ތިޔައައީ އަހަރެމެން ނައްތާލުމަށް ތަ؟ ކަލޭގެފާނު ތިޔައީ ކާކުކަން އަހަންނަށް އެނގޭ. ކަލޭގެފާނަކީ މާތްރަސްކަލާނގެ މަތިވެރި ކުރެއްވި މީހާ.“ އީސާގެފާނު އަމުރުވެރިކަމާއި އެކު ވިދާޅުވިއެވެ. ”އަނގަމަޑުކުރޭ! އޭނާގެ ހަށިގަނޑުގެ ތެރެއިން ނުކުމޭ.“ ދެން މި ޖިންނި އެމީހާ ބިންމައްޗަށް ވައްޓާލިއެވެ. އަދި އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުދީ އޭނާ ދޫކޮށް ހިނގައްޖެއެވެ. މިތާ ތިބި އެންމެން މި މަންޒަރު ދެކި އަޖައިބުވެ ހައިރާންވިއެވެ. މިބައިމީހުން އެކަކު އަނެކަކަށް ބުނަން ފެށިއެވެ. ”މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ބަސްތަކެއްހޭ؟ މި ކަލޭގެފާނުގެ ބަސްފުޅުތަކުގައި މަތިވެރިކަމާއި އާރާއިބާރު ވާކަން ކަށަވަރު. މީހުންނާއި އަވަލާފައިވާ ނުބައި ޖިންނިތައްވެސް އެކަލޭގެފާނުގެ ބަސްފުޅަށް ކިޔަމަންވެ އެމީހުންދޫކޮށް އެދަނީ އޭ.“ މިހުރިހާ ކަމެއްގެ ސަބަބުން އެ އަވަށުގެ ވަށައިގެންވާ ހިސާބުތަކުގެ ހުރިހާ ރަށަކަށް އެކަލޭގެފާނާއި ބެހޭ ޚަބަރު ފެތުރުނެވެ. އީސާގެފާނު މި ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ވަޑައިގެންނެވީ ޝަމްއޫނުގެ ގެއަށެވެ. ޝަމްއޫނަކީ އީސާގެފާނު ދަންނަ ރައްޓެއްސެކެވެ. އޭރު ޝަމްއޫނުގެ މައިދައިތައަށް ވަރަށް ގަދަ ހުމެއް ޖެހިފައި ވިއެވެ. އެގޭގެ މީހުން އީސާގެފާނުގެ ކިބަފުޅުން އޭނާގެ ހުން ރަނގަޅު ކޮށްދެއްވުމަށް އެދުނެވެ. ދެން އެކަލޭގެފާނު ޝަމްއޫނުގެ މައިދައިތަގެ ކައިރިއަށް ވަޑައިގެން އެ ހުން ފިލައިދިއުމަށް އަމުރުފުޅު ކުރެއްވުމާއިއެކު އޭނާގެ ގައިން ހުން ފިލާ ރަނގަޅުވިއެވެ. ހަމަ ވަގުތުން އޭނާ ތެދުވެ އެމީހުންނަށް ކެއުން ތައްޔާރު ކުރުމުގެ ކަންތައްތަކުގައި އުޅެން ފެށިއެވެ. އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް މީސްތަކުން އީސާގެފާނުގެ އަރިހަށް އެކި ފާޑުފާޑުގެ ބަލިތައް ޖެހިފައިވާ މީހުން ގެނައެވެ. މި އެންމެންގެ ގައިގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކަލޭގެފާނު އެއެންމެންގެ ބަލި ހެޔޮކުރެއްވިއެވެ. އަދި މީގެ އިތުރުން، އެމީހުންގެ ތެރޭގައި ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ. މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ. އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ. ”ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙު.“ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ. އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ. ހެނދުނު އިރުއެރުމާއިއެކު އީސާގެފާނު މީސްތަކުންނާއި ދުރަށް އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. މީސްތަކުން އެކަލޭގެފާނު ވީތަނެއް ނޭނގިގެން ހޯދިއެވެ. އެކަލޭގެފާނު ފެނުމުން އެމީހުން އެކަލޭގެފާނަށް އެދުނީ އެމީހުން ދޫކޮށް ވަޑައިނުގަތުމަށެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެހެނިހެން އަވަށްތަކަށް ވެސް އަންގައިދޭން ޖެހޭ. އަހަރެން މި ދުނިޔެއަށް ފޮނުވުނީ އެސަބަބަށްޓަކައި.“ އެއަށް ފަހު ޖުދެއާ ކަރައިގެ އެކިއެކި ދީނީ މަރުކަޒުތަކުގައި އީސާގެފާނު މާތްރަސްކަލާނގެ އާއި ބެހޭގޮތުން މީސްތަކުންނަށް އުގަންނާ ދެއްވަމުން ގެންދެވިއެވެ.