ލޫކާސް. 2. ޔަޙުޔާގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ. އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބައިތުލަޙަމަށް ދިޔައެވެ. ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކަށް ވާތީއެވެ. މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ. އޭނާ އެރަށަށް ދިޔައީ އޭނާއާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މަރިޔަމްގެފާނާއި އެކުގައެވެ. މަރިޔަމްގެފާނު އޭރު އިންނެވީ އާލާސްވެއެވެ. އެކަނބުލޭގެފާނާއި ޔޫސުފު ބައިތުލަޙަމުގައި ވަނިކޮށް ރައްކާވުމުގެ ވޭންފުޅުތައް އެކަމަނާއަށް އިހުސާސް ކުރެއްވެން ފެއްޓެވިއެވެ. އެމީހުންނަށް އެރަށުގެ މެހްމާނު ގެއިން ޖާގައެއް ނުލިބުމުން ޔޫސުފު މަރިޔަމްގެފާނު ގޮވައިގެން ދިޔައީ ގެރިބަކަރިތަކަށްޓަކައި ހަދާފައިވާ ހަރުގެއަކަށެވެ. އެތާނގައި މަރިޔަމްގެފާނު އެކަމަނާގެ އަލަތު ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެކަމަނާ އެތުއްޕުޅު ކަލޭގެފާނުގެ ގައިކޮޅު ފޮތިކޮޅަކުން ނިވާކޮށްލައްވާ ގެރިބަކަރިއަށް ކާންދޭ ހުއި އަޅާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭއްވެވިއެވެ. ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ. އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ. އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ. މި މަލާއިކަތާ ވިދާޅުވިއެވެ. ”ބިރުނުގަނޭ. އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން. އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން. ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ. ގެރިބަކަރި އެއްޗިއްސަށް ކާންދޭ ހުއި އަޅާ ފޮއްޓެއްގެ ތެރޭ ފޮތިކޮޅަކުން ނިވާ ކުރެވިފައިވާ ކުޑަފިރިހެން ކުއްޖަކު ތިޔަބައިމީހުންނަށް ފެންނާނެ. އެކަލޭގެފާނު ތިޔަބައިމީހުންނަށް ފާހަގަވާނެ ހެއްކަކީ އެއީ.“ އެހިނދު އިތުރު އެތައް ބައިވަރު މަލާއިކަތުންނެއް އެބައިމީހުންގެ ކުރިމައްޗަށް ފާޅުވިއެވެ. ދެން އެމަލާއިކަތުން މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދު ކޮށް ސަނާ ކިޔެވެ. ”މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!“ މި މަލާއިކަތުން އުޑަށް އެނބުރި ވަޑައިގެން ހިނދު މިހުއިހައްޕާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”ބައިތުލަޙަމުގައި ހިނގައިދިޔަ ކަންތައްތައް މަތިވެރި މާތްރަސްކަލާނގެ އަހަރެމެންނަށް ފާޅު ކުރައްވައިފި. ވީމާ މިކަންތައްތައް ހޯދާ ބެލުމަށް އެރަށަށް ދަމާ ހިނގާ.“ މިބައިމީހުން އަވަސް އަވަހަށް އެރަށަށް ގޮސް މަރިޔަމްގެފާނާއި ޔޫސުފު ހޯދިއެވެ. އަދި އެ ތުއްޕުޅު ކަލޭގެފާނު ގެރި ބަކަރިއަށް ކާންދޭ ހުއިއަޅާފައިވާ ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނެވެ. އެބައިމީހުންނަށް އީސާގެފާނު ފެނުމުން މަލާއިކަތުން މިތުއްޕުޅު ކަލޭގެފާނާއި މެދު ދެއްވި ޚަބަރުތަކުގެ ވާހަކަ މީސްތަކުންނަށް ކިޔާދިނެވެ. މި ވާހަކައިގެ އަޑުއެހި ކޮންމެމީހަކު މިކަމާމެދު ވަރަށް ބޮޑަށް ހައިރާންވެ އަޖައިބު ވިއެވެ. ނަމަވެސް މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ. މި ހުއިހައްޕާ މީހުން އެމީހުންނަށް މިފެނުނު ކަންތަކާއި އަދި މަލާއިކަތުން ވިދާޅުވިގޮތުގެ މަތިން ހުރިހާ ކަމެއް ވީތަން ދެކެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން އެބައިމީހުންގެ މަސައްކަތަށް އެނބުރި ހިނގައްޖެއެވެ. މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައި ވަނީ ކޮންމެ ފިރިހެން ކުއްޖަކުވެސް ދުނިޔެއަށް އަންނަތާ އަށްވަނައަށް ވާދުވަހު ޚިތާނު ކުރުމަށެވެ. އެގޮތުން އީސާގެފާނު ދުނިޔެއަށް ވަޑައިގަތްތާ އަށްވަނަ ދުވަހު އެކަލޭގެފާނު ވެސް ޚިތާނު ކުރެއްވުނެވެ. އެދުވަހު އެކަލޭގެފާނަށް ނަންވެސް ދެއްވުނެވެ. އެކަލޭގެފާނަށް ދެއްވުނު ނަންފުޅަކީ އެކަލޭގެފާނު އުފަންވުމުގެ ކުރިން ޖިބުރީލުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދެއްވާފައިވާ ނަންފުޅު ކަމުގައި ވީ އީސާ މިނަންފުޅެވެ. މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ތައުރާތުގައި އަންގަވާފައި ވަނީ ވިހެއުމުގެ ކަންތަކުން ނިމިގެން ކޮންމެ އަންހެނަކުވެސް ހިނާ ތާހިރުވުމުގެ ގޮތުން ހުދު ކޮތަރުގެ ޅަ ދެ ކޮތަރު އެކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާން ކުރުމަށެވެ. ޔޫސުފު އާއި މަރިޔަމްގެފާނު ވެސް މިކަންތައްތައް ކުރުމަށް ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވިއެވެ. މިދަތުރުގައި އެމީހުންނާއި އެކު އީސާގެފާނު ވެސް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އަންގަވާފައި ވަނީ ކޮންމެ މީހެއްގެ ވެސް ފުރަތަމަ ފިރިހެން ދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ރައްދުކުރުމަށްޓަކައި ބައިތުލް މަޤްދިސްއަށް ގެންދިޔުމަށެވެ. އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ. މާތްރޫޙުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީޙު ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ. މާތްރޫޙުފުޅު އޭނާއަށް އެންގެވުމުން އޭނާ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރެއަށް ދިޔައެވެ. އެވަގުތަކީ އީސާގެފާނުގެ މައިންބަފައިން މާތްރަސްކަލާނގެ ކުރައްވާފައިވާ އަމުރުފުޅުތަކާއި އެއްގޮތަށް ކަންތައްތައް ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވި ވަގުތެވެ. ސިމިޔާނު ގޮސް މަރިޔަމްގެފާނުގެ އަތްޕުޅުގައި ވީ އީސާގެފާނު އުރާލެއްވިއެވެ. އަދި މިފަދައިން ކިޔާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ. ”މާތްރަސްކަލާކޯ! އިނބަރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން މިއަޅާއަށް މިހާރު ސަލާމަތްކަމާއި ހިތްހަމަޖެހުމާއި އެކު މި ދުނިޔެ ދޫކޮށް ދެވިދާނެ. މިއަދު މިއަޅާގެ ލޮލަށް އިނބަރަސްކަލާނގެ ދެއްވާ ދިންނެވުމުގެ މަގު ދައްކަވައިފި. އެމަގަކީ އިނބަރަސްކަލާނގެ އެންމެހައި ޤައުމުތަކުގެ މީސްތަކުންނަށް ހާމަކުރައްވާ ދެއްވާނެ ދިންނެވުމުގެ މަގު. އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީޙު މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން ހާމަ ކުރައްވާނެ. އަލްމަސީޙުގެ ސަބަބުން ބަނީއިސްރާއީލު މީހުންނަށް އިނބަރަސްކަލާނގެ މަތިވެރިކަން ފެންނާނެ.“ މަރިޔަމްގެފާނާއި ޔޫސުފު އީސާގެފާނާއި މެދު ބުނެވިމިދިޔަ ބަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ހައިރާންވިއެވެ. ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ. އަދި އެގޮތުން އެމީހުންގެ ހިތުގެ އަޑީގެ ސިއްރުތައް ފާޅުވާނެ. އަދި މިދަރިފުޅާއި މެދު ކަންތައްތައް ވާ ގޮތުގެ ސަބަބުން ކަމަނާގެ އަމިއްލަ ހިތަށް ވެސް ތޫނު ކަނޑިއެއް ހެރިގެން ދާނެ ފަދަ ހިތާމައެއް ލިބޭނެ.“ މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ވަޙީބަސްފުޅަކައިގެން ވީ ބޭކަނބަލަކު އެތާނގައި ވިއެވެ. އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ. މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް އޭނާގެ ފިރިމީހާ މަރުވިއެވެ. މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ. އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ. އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ. އެވަގުތު މީނާ ވެސް އެމީހުންގެ ކައިރިއަށް އައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ. އަދި ބަނީއިސްރާއީލު މިނިވަންވާނެ ދުވަހަކަށް އޭނާއާއި އެއްފަދައިން އިންތިޒާރުކޮށްގެން ތިބި އެހެން އެންމެންގެ ކައިރީ މިދަރިފުޅަކީ އެމީހުން ދިންނަވާ ސަލާމަތްކުރައްވާނެ ފަރާތްކަމަށް ބުންޏެވެ. މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައިވާ ފަދައިން މަރިޔަމްގެފާނާއި ޔޫސުފު ބައިތުލް މަޤްދިސްގައި ކުރަންޖެހޭ ހުރިހާ ކަމަކުން ނިމިގެން އެމީހުންގެ އަމިއްލަ ރަށް ކަމުގައިވާ ގަލީލީ ގެ ނާޒަރަތަށް އެނބުރި ދިޔައެވެ. އެރަށުގައި އީސާގެފާނު ފުރިހަމަ ސިއްޙަތާއި އެކު ބޮޑުފުޅުވަމުން ދިޔައެވެ. އެކަލޭގެފާނީ ބުއްދިވެރި ޙިކުމަތްތެރި ހިތްހެޔޮ ކުއްޖަކު ކަމުގައި ވިއެވެ. އަދި މާތްރަސްކަލާނގެ ރުހުންފުޅާއި ރަޙުމަތް އެކަލޭގެފާނަށް ލިބިވޮޑިގެން ވިއެވެ. ކޮންމެ އަހަރަކު އީސާގެފާނުގެ މައިބަފައިކަލުން ފަހަނަޅައި ދިއުމުގެ ޢީދުގައި ބައިވެރި ވުމަށްޓަކައި ޖެރޫސަލަމަށް ވަޑައިގެން އުޅުނެވެ. އީސާގެފާނުގެ އުމުރުފުޅުން ބާރަ އަހަރުފުޅު ފުރިހަމަ ވުމުން ޖެހިގެން އައި އަހަރު އެދެކަނބަލުންނާއިއެކު އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގަތެވެ. ޢީދުގެ ކަންތައްތަކުން ނިމިގެން އެދެކަނބަލުން އެނބުރި ރަށަށް ވަޑައިގަތުމަށްޓަކާ ދަތުރުފެއްޓެވިއެވެ. ނަމަވެސް އީސާގެފާނު އެނބުރި ނައިސް ޖެރޫސަލަމުގައި ހުންނެވި ކަމެއް އެދެކަނބަލުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ވަނީ ދަތުރުކުރާ މީހުންގެ ތެރެއިން ކޮންމެވެސް އެއްބައިގަނޑަކާއި އެކު ރަށަށް ދިއުމުގެ މަގުމަތީގައި ކަމުގައެވެ. ނަމަވެސް ދަތުރު ކުރާތާ އެއްދުވަސް ވީއިރު ވެސް އީސާގެފާނު ނުފެނުމާއި އެކު އެދަތުރު މަތީގައި ވާ އެބައިމީހުންގެ ތިމާގެ މީހުންނާއި ރައްޓެހިންގެ ތެރޭ އެކަލޭގެފާނު ވޭ ތޯ ހޯދުމުން ވެސް އެމީހުންގެ ތެރޭ އެކަލޭގެފާނު ނުވާ ކަން އެނގުނެވެ. ދެން އެކަލޭގެފާނު ހޯދުމަށް މަރިޔަމްގެފާނާއި ޔޫސުފު އެނބުރި ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. އެމީހުން އީސާގެފާނު ހޯއްދަވާތާ ތިންވަނައަށް ވީ ދުވަހު ބައިތުލް މަޤްދިސްގެ ވަށައިގެންވާ ގޯތި ތެރެއިން އެކަލޭގެފާނު ފެނިވަޑައިގަތެވެ. އެކަލޭގެފާނު އިންނެވީ އެތާނގައިވާ ދަންނަބޭކަލުންގެ ބައިގަނޑަކާއި އެކު އެބައިމީހުން ދައްކާ ވާހަކަތައް އަޑު އައްސަވާ އަދި އެބައިމީހުން ކުރެން ސުވާލުތައް ކުރެއްވުމަށެވެ. އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާނގައި ތިބި އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ. މަރިޔަމްގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާނގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ދަރިފުޅާ. މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި. މަންމަމެން ދަރިފުޅު ހޯދުމަށްޓަކައި ނުހޯދާ ތަނެއް ނެތް. ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ؟“ އީސާގެފާނު ޖަވާބުފުޅުގައި ދެންނެވިއެވެ. ”އަޅުގަނޑު ހޯދުމަށް ތިޔަހާ ބޮޑަށް މަސައްކަތް ތިޔަކުރެއްވީ ކީއްވެތޯ؟ އަޅުގަނޑު ވާނީ އަޅުގަނޑުގެ ބައްޕާފުޅުގެ ގެ ބައިތުލް މަޤްދިސްގައި ކަން މަންމަމެންނަކަށް ނޭނގޭތޯ؟“ ނަމަވެސް މިބަސްފުޅުން އީސާގެފާނު މާނަ ކުރެއްވި އެއްޗެއް އެދެކަނބަލުންނަކަށް ވިސްނި ވަޑައެއް ނުގެންނެވިއެވެ. ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ. އީސާގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިއެވެ. އަދި ވިސްނުންތެރިކަން ލިބިވަޑައިގެން އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގެންނެވިއެވެ.